އަޅުގަނޑުގެ އުފަން ރަށް މުންޑޫ ފިޔަވައި ސަބަބުތަކެއް އޮވެގެން ހިތާ އެންމެ ކައިރީ އަތޮޅުގެ ފޮނަދޫ އާއި މާބައިދޫ އެވެ. އަޅުގަނޑުގެ އެންމެ ކުޑައިރު ހަނދާންތައްވީ ފޮނަދޫގަ އެވެ. ދެން މާބައިދޫގަ އެވެ. މުންޑޫގައި އަޅުގަނޑަށް ހޭދަ ކުރެވުނީ ވަރަށް މަދު ދުވަސްތަކެވެ. އެކަމަކު މުންޑޫއަކީ އަޅުގަނޑުގެ ފިތާއި ހިތެވެ. ފޮނަދޫ އާއި މާބައިދޫގެ ވަރަށް ގިނަ މީހުނަކީ އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެކެވެ. އެ ދަރަށުގެ ހަނދާނތައް ވަރަށް ވެސް ފޮންޏެވެ. އަޅުގަނޑުގެ ޑައިރީތައް ހާވައިގަތުމުން އާދީއްތައަކުން އިރު ފަޅައިގެން އަންނަނީ ފޮނަދޫއަށެވެ. އަދި އަންގަރައަކުން އިރުއޮއްސެނީ މާބައިދޫއަށެވެ. އެ ދެ ރަށާއި ގުޅިފައިވާ ރީތި ވެލީގެ ތެރެއަށް ފަހުން އައިސް ހިމުންވާ ވަރަށް ހިތި ހަނދާނެއް ވެސް އޮވެއެވެ. އެއީ ފޮނަދޫއަށް އުފަން ލާންސް ކޯޕަރަޕް އަލީ ނާޒިމްގެ ހަނދާންތަކާއި އެހާ ހިތްދަތި އެހާ ހިތާމަވެރި ގޮތަކަށް އޭނާ ވަކިވެގެން ދިޔަ ދިއުމެވެ. ސެޕްޓެމްބަރު 21، 2006 ވަނަ ދުވަހުން ފެށިގެން އެހަނދާންތައް އައިސް އަޅުގަނޑު ވަށައި ނުލައި ދުވަހެއް ހަމަ ނާދެ އެވެ.
ދެހާސް ތިންވަނަ އަަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާއި ޖަލުގައި ހަވަޔާއި ފަޒާ އާއި ޖައްވުގެ އިތުރުން އެއެއް މިއެއް ނުބަލައި މެއަށް ބަޑިތަޅައި ގަތުމުން އުފެދުނު ސިޔާސީ ގުޖަޑުގަނޑު ކައްކަމުން ދެ ހާސް ހަތަރު ވަނަ އަހަރު ފަށައިފި އެވެ. މުޅި މާލެ ސިޔާސީ އޮއިގަނޑެއްގައި އޮވެ ބެހެއެވެެ. އެކަމަކު އަޅުގަނޑުގެ ހިތް ތެޅިފޮޅެމުން ދިޔައީ މީހަކާ އިންނަ ހިތުންނެވެ. އެ ހިޔާލު ހިތުތެރޭ އެހާ ބޮޑަށް އުހެދޭން ފެށީ ކީއްވެގެންކަން އަޅުގަނޑާއެކުގައި އޭރު މަސައްކަތް ކުރި ވަރަށް ގިނަ ނޫސްވެރިންނަށް ދަންނާނެތެެވެ. އެ މީހުން އެކަމާ މިހާރުވެސް ހީނ ހަދަތެވެ.
އަޅުގަނޑަށް ވިސްނުނީ ޅަފުރައިގެ ބޮޑު ބައެއް ހޭދަ ކޮށްފައިވާ މާބައިދޫ ނޫނީ ފޮނަދޫން މީހަކާ އިނުމަކީ އަޅުގަނޑަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެހެންވެ އެތަކެއް އަހަރު ފަހުން ނޮވެމްބަރު 2004 ގައި ޗުއްޓީ ނަގައިގެން މުންޑޫއަށް އަރައްޖައިމެވެ. ފޮނަދޫ އާއި މައިބަދުއަށް އަރާން ހިތުލައިގެނެވެ.
މުންޑޫއަށް ދެވުނު އިރު މީގެ ކުރިން އަޅުގަނޑު ނުދަންނަ ދެމަފިރިއަކު ރުއްކޮށީގޭގައި އުޅެ އެވެ. ފިރިހެން މީހާ، ނާޒިމަކީ ފުލުހެކެވެ. އަބަދު ހެވިފަ އެވެ. އެހާ ވާހަކަ އޮލައެވެ. ދިރިއުޅުމުގެ ގޮތް ފޮތާއި ފާޑުވެރިކަން ވަރަށް ހުރެ އެވެ.
އޭނާގެ އަންހެނުން ސަމްސިއްޔާއަކީ ގޮތް ހުރި ގެވެހި އެހާ މަޑުމައިތިރި އަންހެނެކެވެ. ފުރަތަމައިނުން އަޅުގަނޑަށް އުޅެވުނީ އެ ދެމަފިރިންނާ ވަރަށް ބީރައްޓެހިކޮށެވެ. މާފު! ފުރަތަމަ ދުވަހު އަޅުގަނޑަށްހީވީ އެ ދެމަފިރިން އަޅުގަނޑުމެންގެ ގެ "ހިފައިގެން" އުޅެނީހެނެވެ. ހީނލުން ފިޔަވައި އަޅައި ނުލެވުނީ އެހެންވެ ކަމަށް ވެދާނެ އެވެ.
އެކަމަކު ނާޒިމްގެ ކިބާގައި އެކަތި ފަހަރުން މީހުން ފަހަތަ ކުރާ ކަހަލަ ބާރެއް ހުންނާތީ ދަމާފައި ގެންގޮސް އޭނާގެ އުނގަށް އަޅުގަނޑު ވައްޓައިލީ ވިޔަފާރި އާއި ސިޔާސީ ވާހަކަ ވަރަށް އޮލަ، އަދި ކެއްކުމާއި ކެއުމުގެ ކަންކަން ވަރަށް ތިޔާގި އަޅުގަނޑުމެންގެ ގޭތެރޭގައި އެ ދެމަފިރިން ހިންގާލާފައި އޮތް ބާރަކުންނޭ ބުނެވިދާނެ އެވެ. ބޯކިބާގެ ރަހަ އާއި ފިހުނު މަހުގެ ކުޅުދިޔައި ކަމާއި ގުޅަ ރިހައިގެ ކުޅިކަން ނުދައްކާ އިރެއް ގައިމަށް ނާދެ އެވެ.
ނާޒިމް މުންޑޫގައި ހުރީ ފުލުހުންގެ ހިދުމަތުގަ އެވެ. ދެމަފިރިންގެ ނިދުމާއި ފެންވެރުން އޮންނަނީ ރަށްވެހިގޭގަ އެވެ. ކެއުން ރުއްކޮށީ ގޭގަ އެވެ. ސަމްސިއްޔާ މުޅީންހެން އުޅެނީ އަޅުގަނޑުމެންގެ ގޭގަ އެވެ. ރަސްމީކަން ކެނޑުމާއެކުހެން ނާޒިމްވެސް އެ ގޭތެރެއިން ނުފިލަ އެވެ. އެދުވަސްވަރު އަޅުގަނޑު ލިޔަމުން ދިޔަ، ވާހަަކަ "ބިއްލޫރި ދުނިޔޭ" ގެ ޓައިޕް ތަޅާއިރު އިރު ނާޒިމް ވަދެ އޮންނަނީ އަޅުގަނޑުގެ ތޮއްވަރިއަށޭ ވެސް ބުނެވިދާނެ އެވެ. އެ ދެެމަފިރިން އަޅުގަނޑާ ފަރިތަވެ ވާހަކަ އޮލަ ކުރާތީ ހަފުތާހާ ދުވަސްތެރޭ އަޅުގަނޑަށް ވެސް އެމީހުން ވަރަށް ކަމުހިނގާއްޖެ އެވެ. ޒާތް އޮންނަ ގޮތުން އަޅުގަނޑަށް މީހަކު ކަމުދާނީ ލައްކަ ވަރެއް ވެގެނެވެ.
ނާޒިމާއި އަޅުގަނޑާ ދެމީހުން ފަރިތަވެ، މަސްފިހެ ރީތިހާ އަންހެން ކުދިން ބަލައިލަން އިރާކޮޅު އޮޑިކަނޑައިގެން މާބައިދޫއަށް ހައެއްކަ ފަހަރު ދިޔައިމެވެ. ނާޒިމުގެ ރަށް ފޮނަދޫއަށް ވެސް އެރީމެވެ.
ކަމުދާ އަންހެނަކާ ދިމާ ނުވެ އުޅެނިކޮށް ކުއްލި ގޮތަކަށް ޗުއްޓީ ކުރުކޮށްލާފައި މާލެ ފުރަން އަޅުގަނޑު ނިންމައިފީމެވެ. ފިސާރި ތެދެކެވެ. އޭރަކު އަޅުގަނޑު އިނދެލަން ކަމުދާ ކަހަލަ އަންހެނަކާ ލައްވައެއް ނުލަ އެވެ. ދޭތެރެއަކުން ނާޒިމް އަހަ އެވެ:
"ކަމުދާ އަންހެނެއްގެ ސިފަ ކިޔާބަލާށެ! ވާންވީ ގޮތެއް ހަދަންވީ ފަންޑިތައެއް އެނގޭނީ އޭރުން ނޫން ހެއްޔެވެ؟ މާލެއިން މީހަކު ނުހޯދައި މިތަނަށް އައިސްގެން ތިޔައުޅެނީ ކޮންމެވެސް ބޮނޑިއެއް ބޯންވެގެނޭ ހާދަހާ ހީވެއެވެ!"
މާލެ ފުރަން ތައްޔާރު ވަނިކޮށް އެއްލިކަޅިއަކުން އަޅުގަނޑަށް ކަމުދާ މީހާ ފެނިއްޖެ އެވެ. ހިޔާލު ބަދަލުވީ ވައި ބަދަލުވާ ހެނެވެ. ފުރާ ހިތް ކެނޑި އިންނާން އަހާ ހިތް ވެއްޖެ އެވެ. އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ މަންމަ އެވެ. ކަން ދިމާކުރި ގޮތުން އެއީ މާބައިދޫވެސް ފޮނަދޫވެސް މީހެއް ނޫނެވެ. މުންޑޫ މީހެކެވެ. ނާޒިމް ގާތުގައި އެވާހަކަ ބުނެފީމެވެ.
އެރެއިން ފެށިގެން ނާޒިމު އުޅުނީ އެކަމާއެވެ. – އެހެން ބައެއް މީހުން ވެސް އުޅެދިނެވެ -- އަޅުގަނޑަށް އެންމެ ބޮޑުވި ކަމަކީ ކައިވެނި ކުރެވޭ ގޮތް ވެއްޖެނަމަ މަންމައާ ބައްޕަ ރުއްސާނެ ގޮތެކެވެ. ނާޒިމް ބުނީ "ތިޔަކަންތައް މަށަށް ކުރެވިދާނެ،" އޭ އެވެ. "ފުރަތަމަ ކުރަންވީ ކަންތައް އާދަން ނިންމާ، އަހަރެން މަންމަމެން އޯކޭ ކުރުވާނަން،"
އެއީ ނާޒިމާއި އަޅުގަނޑުގެ ރަހުމަތްތެރިކަން ހާއްސަ ގުޅުމަކަށް ބަދަލުވި ހިސާބެވެ. ނާޒިމަކީ ފުލުހަކަށްވެފައި އޭނާ އަޅުގަނޑާއެކު ހުންނާތީ ބައެއް މީހުން "ބޮޑީގާޑޭ" ވެސް ކިޔައި ހަދަ އެވެ. ކައިވެނިކޮށް އަންހެނުން ގޮވައިގެން ޑިސެމްބަރު 18، 2004 ގައި މާލެ އަންނަން ދެންވެސް އެކުގައި ނާޒިމު އުޅުނެވެ. ވަރަށް ބޮޑެތި ވާހަކަ އާއި ވަރަށް ގިނަ ނަސޭހަތް ދިނެވެ. އަދި ދެމީހުންގެ ރަހުމަތްތެރިކަން ދުވަހަކުވެސް ކަފުން ނުކުރަން އެދުނެވެ.
މާލެ އެރުނީ 18 ގައެވެ. ޑިސެމްބަރުން 26 މުޅި ރާއްޖެއަށް އުސް ރާޅު އަރައިފި އެވެ. އެ ރާޅުގައި އެންމެ ބޮޑަށް ރޫޅާލައި ދޮވެލި އެއް ރަށަކީ މުންޑޫ އެވެ. ރާޅާއެކު އަޅުގަނޑަށް އުޅެންޖެހުނީ އެ ކާރިސާގެ ކަވަރޭޖްގަ އެވެ. އަޅުގަނޑުގެ އާއިލާވީ ކޮންތާކުގައި ކަމެއް ނޭނގެ އެވެ. ދުނިޔޭގައި ތިބި ކަމެއް ވެސް ނެތް ކަމެއް ވެސް ނޭނގެ އެވެ. އަދި އަޅުގަނޑުގެ އަންހެނުންގެ އާއިލާއަށްވީ ގޮތެއްވެސް ނޭނގުނެވެ. އެހުރިކާ ކަމަކާ ވިސްނި އިރު ނާޒިމާއި ސަމްސިއްޔާގެ މަތިން ވެސް ވަރަށް ހަނދާނވި އެވެ.
އަޅުގަނޑަށް އެއްޗެއް ނޭނގުނަސް ރާޅުގެ ދުވަހު ނާޒިމް ހުރީ މުންޑޫގަ އެވެ. ހަސަތޭކައެއްހާ މީހުން އުޅުނު ރަށް ފުނޑަމުން ދިޔައިރު މުންޑޫގެ ރައްޔިތުންގެ ގިނަ ބައެއްގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގައި، ކެއުމެއް ބުއިމެއް އަދި ނިދުމެއް ވެސް ނެތި ގަދަ ހިތްވަރާއެކު އެންމެ ކުރީގައި ހުރީ ނާޒިމެވެ. އަޅުގަނޑަށް އެއްޗެއް އެނގޭވަރުވީ މަރުވެފައި އޮތް މުއާސަލާތީ ހިދުމަތުގައި ފުރާނަ އެޅުމުންނެވެ. ފޯނަށް ދެވަނަ އަށް އައީ ނާޒިމްގެ ކޯލެކެވެ. ރާޅުގެ ބިރުވެރިކަމާއި ނުރައްކާތެރި ކަމާއި އޭނާއަށް އުޅޭންޖެހުނު ގޮތް އޭނާ ސިފަކޮށް ދިނީ އެންމެ ޖުމްލައަކުން "އެއީވާ ދުވަހެއް އިނގޭ" އޭ ބުނެލުމުންނެވެ. ދެން ބުނީ "އާދަނުގެ މާމަ ސަމާލަތް ކުރަން ވަރަށް މަސައްކަތް ކުރިން" ކަމަށެވެ.
"އެވަރުގެ ބިރުވެރި ކަމެއް ވެސް ނުރައްކަލެއް ވެސް ނުދެކެން، އެކަމަކު އެވަރުގެ ހިތްވަރެއް ލިބުނު ދުވަހެއް ވެސް އެވަރުގެ ޖޯޝެއް އައި ދުވަހެއް ނާދޭ،" އޭނާ ބުނި ހަނދާން ވެއެވެ.
ސުނާމީގެ ރާޅު ފައިބައިގެނ ދިޔައެވެ. ނާޒިމްވީ ސުނާމީގައި މީހުނަށް އެހީވެ ސަލާމަތް ކުރުމުގައި ބަތޮލަކަށެވެ. އެ ފަހުން ކޮންމެ ދުވަހަކުހެން ނާޒިމް ގުޅަ އެވެ. ހާލަތު ބަދަލުވަންދެން ވެސް ކޮންމެ ދުވަހަކު ނާޒިމް ގުޅައި ހާލުބަލަ އެވެ. ބައެއް ދުވަސް ދުވަހު ލާމުގެ މަޝްހޫރު ގުޅަ ރިހަ ކައްކާފައި ފޮނުވައިދެންތޯ ވަރަށް ގިނައިން އަހަ އެވެ. އަޅުގަނޑުގެ ބަނޑުހައި ކަމުގެ ބަލީގެ "ބޭހަކަށް" ވާތީ ވަރަށް ގިނައިން އެ ރިހަ ކައްކައި ހޫނުކ ަންމަތީ ކޯސްޓް ދަޅުގައި ފޮނުވައި ދެއެވެ. ތިޔައީ ސަމްސިއްޔާ ކައްކާފައިހޭ އަހައިފިއްޔާ ހިނގެންފައި ބުނަނީ "އޭނައަކަށް ކަމެއް ވާވަރެއް އަދި ނުވެއޭ" އެވެ. ހަދާ ގޮތެއް ނޭނގެ އެވެ. ރިހަ ދަޅު އާދެ އެވެ.
އަޅުގަނޑާ ނާޒިމާ އެންމެ ފަހުން ފެނި ބައްދަލުވީ އަޅުގަނޑުގެ ދޮށީ ދަރިފުޅު މުންޑޫ މިންހާލު އާދަމް ހަލީމް ލިބެން ވަރަށް ކައިރިވެފައި ވަނިކޮށް މާލެއިންނެވެ. އޭރު އޭނަ މާލެ އައިތާ ދެ ދުވަހެއްވެއްޖެ އެވެ. ބައްދަލު ނުވެ އޮތީ އަޅުގަނޑުގެ "ވިޔާނުދާ" ކަމުންނެވެ. އިރުއިރަށް އަޅުގަނޑަށް ގުޅާފައި "ބަވައި" ވެސް ގަނެ އެވެ.
ފަހު، ބައްދަލުވުމުގައި ދިމާވީ އަންހެންނުންގެ ޑޮޓަރަށް ދައްކަން އައިޖީއެމްއެޗަށް ގޮސް އެކަން ނިންމާލާފައި ގެއަށްދާން ނުކުތް ވަގުތު ގުޅާފައި "ތިހުރި ތަނަކަށް އެބަދަމޭ" ބުނުމުން "ހާބަރު އެއް ނަމްބަރު ކަޑައަށް އަންނަށޭ" ބުނެގެނެވެ.
އެދުހު ނާޒިމު ހުރީ ވަރަށް ރީތިވެލައިގެން ވަރުގެ ކޮޅަށް ހެވިފައެވެ. އަޅުގަނޑުގެ ދޮށީ ދަރިފުޅުގެ މަންމައަކީ ވެސް އެހާ ވަރަށް ހުނުން އޮންނަ މީހެކެވެ. އެ ދެމީހުންގެ ހުނުމަކީ އަޅުގަނޑަށް އޭރު ވަރަށް ބޮޑު ފަރުވާއަކަށް ވިއެވެ.
އެ ދުވަހުވެސް ފުރަތަމަ މުޅީން ކިޔައި ދިނީ ވައްޓައިލި ފަރުބަދައެއް ކަހަލަ ރާޅުގެ ވާހަކަ އެވެ. ދެން އަހަރެމެން ދެމަފިރިން ގުޅުނު ގޮތުގެ ސަމާސާ އާއި ކައިވެނީގެ ކަންކަން ހިނގައިދިޔަ ގޮތުގެ ވާހަކަ އެވެ. ސުނާމީ އެރި އިރު ސަމްސިއްޔާ ހަނޑޫ ހޮވަން އިން ވާހަކަ އެވެ. މަންމަ އާއި ބައްޕަ އާއި ކުދިވެރިން ސަލާމާތް ކޮށްފައި އެހެން މީހުންގެ ސަލާމަތަށް ދުވި ވާހަކަ އެވެ. އެކި އެކި "ޕާޑުޕާޑު" ގެ ވާހަކައަށް ފަހު ހޮސްޕިޓަލަށް ދިޔަ ބޭނުމާ ބެހޭ ގޮތުން ނާޒިމް ސުވާލު ކުރި އެވެ. އަޅުގަނޑަށް ކުއްޖަކު ލިބޭނީ ކަމަށް ބުނުމުން ނާޒިމް އުފަލުން އަޅުގަނޑުގެ މުލައްދަނޑީގައި ބާރަށް އެ ހިފާލި ހިފާލުމުގެ އަސަރު އަދިވެސް އިހުސާސްވާ ކަހަލ އެވެ. އެކަހަލަ ހިފުމަށް އެ ނޫނިއްޔާ އަދި ތަޖުރިބާއެއް ނުކުރަމެވެ. އަދި ބުންޏެވެ:
"އިރާދަ ކުރެއްވިއްޔާ ނާޒިމަށް ވެސް ވަރަށް އަަހަށް ކުއްޖަކު ލިބޭނެ! އެކަމާ މިހާރު ވަރަށް ބޮޑަށް އެބަ އުޅެން، އެކަމާ ބޭރަށް ދާން ރާވައިގެން މިއުޅެނީ... ސަމްސިއްޔާ ވެސް އަހަރެން ވެސް ވަރަށް ކުއްޖަކު ބޭނުންވެފައި މިހާރު މިތިބީ އިރާދަ ކުރެއްވިއްޔާ ދެން ބައްދަލުވާނީ ދަރިފުޅާއެކު އޭރަށް ވަރަށް މަޖާ ކޮށްލެވޭނެ،"
އެ ދުވަހު ނާޒިމް ވަކިވެގެން ދިޔަފަހުން ބައްދަލު ނުވި ނަމަވެސް ފޯނަށް ގުޅައި ހަދަ އެވެ. އޭގެ ތެރެއިން އައި ހުކުރެއްގައި އަޅުގަނޑަށް އޮވެވުނީ މާކަންނެތާ މާފޮޑަރާ ހެދި ހުކުރަށް ނުގޮސް ނިދާފަ އެވެ. އެވާހަކާގައި "ހުކުރު އަޅާފައި ނުނިދާން" އަޅުގަނޑު ގާތު އެދުނެވެ. ވަރަށް ހަނދާން އެބަހުއްޓެވެ. "ތިން ހުކުރު އަޅައިފި މީހާގެ ގޭގައި ހުޅުޖެހިއަސް އެންމެ ރަނގަޅޭ" ވެސް ބުންޏެވެ.
ފަހުން ފަހުން ނާޒިމް އާ ކަމެއް ވެސް ކުރަން ފެށި އެވެ. ލާމުގައި ހިނގާ އެކި އެކި ހާދިސާތަކުގެ މައުލޫމާތު އަޅުގަނޑަށް ފޯރުކޮށް ދެނީ އެވެ. ނާޒިމް ބުނާ ގޮތުން ނޫސްވެރި ކަމަކީ ފާޑެއްގެ "އަނގަ ހޯދުމެ" ކެވެ. އޭނާ އަކީ ވެސް އެކަން ވަރަށް ކުރާ ހިތްވާ މީހެކެވެ. ބައެއް ފަހަރު ކަމެއް ހިނގުމުން އެކަމަކާ ގުޅުން ހުރި ފަރާތްތަކުގެ ފޯނު ނަމްބަރު ވެސް ފޮނުވައި ދެއެވެ. ދެ ފަހަރަކަށް ބައެއް ފޮޓޯތައް އީމެއިލް ވެސް ކޮށްދިނެވެ.
ކުއްލިގޮތަކަށް ނާޒިމް މަރުވި ހަބަރު ލިބުނު ދުވަހުގެ ކުރީ ދުވަހު ވެސް އޭނާ އަޅުގަނޑަށް ފޯނު ކުރި އެވެ. އެ ދުވަހު ބުނީ ބައްޕައަށް ގުޅަން އުޅެފައި ފުރަތަމަ ތިކޮޅަށް ގުޅައިލީ ކަމަށެވެ. ކަން ހިނގާ މަގު ދެކިބަލާށެވެ. އޭގެ އަނެއް ދުވަހު އަޅުގަނޑުގެ އަތުން ލިޔާން ޖެހެނީ ނާޒިމުގެ އެކްސިޑެންޓްވެ މަރުވި ހިތާމަވެރި ހަބަރެވެ.
ސެޕްޓެމްބަރު 21، 2006 ގައި ލާންސް ކޯޕްރަލް ނިޔާވީ އެ ދުވަހު ކަނޑުމަތީގައި ހާލު ޖެހިފައިވާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ސައިކަލްގައި ދިޔަ މަގުމަތީގައި ފޮނަދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެ ކައިރިން ކަރަންޓް ކޭބަލް ވަޅުލާން މަގުހުރަހަށް ކޮނެފައިއޮތް ކޯރު މަތީ އޮތް ފިލާގަނޑެއްގައި ސައިކަލްޖެހި، ވީ އެކްސިޑެންޓްގައި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ލޭ އެޅިގެނެވެެ.
ނާޒިމް އެ ދުވަހުވެސް މަސައަކަތް ކުރީ ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވެދޭށެެ. އެއީ އޭނާ އަބަދުވެސް ބޭނުންވި އެންމެ ބޮޑަށް އުފާ ކުރި ކަންކަމެކެވެ. އަޅުގަނޑު ދުށް އެންމެ ހާއްސަ އެކުވެރިންގެ ތެރެއިން ހާއްސަ މީހަކަށް ނާޒިމް ވީއެހެންގެން ކަމަށް ވަރަށް ހީވެ އެވެ.
އޭގެ ފަހުން އަޅުގަނޑަށް ލާމަށް ދެވުނެވެ؛ އޭރު ސަމްސިޔާ އެހެން ކައިވެންޏެއް ކޮށްފި އެވެ. އަޅުގަނޑު ފޮނަދޫގައި ހުރި ހަބަރު ވެގެން ސަމްސިޔާގެ ދެމަފިރިން ވަރަށް ގަދައަށް ކައްކައިގެން އަޅުގަނޑު ބަލައި އޭނާގެ ފިރިމީހާ ވަޖީހު ފޮނުވި އެވެ. އެކަމަކު އަވައްޖެއް ނުވެގެން އަޅުގަނޑަކަށް އެ ސުފުރާއަށް އެރޭވަރެއް ނުވި އެވެ. ވަރަށް ދެރަވި އެވެ. އެކަމަކު އެ ހަނދާންތަކާ އަޅުގަނޑަށް ހަމަ ވަތްކެއް ނުވެވުނެވެ. – ވަޖީހަކީ ވެސް އަޅުގަނޑުގެ ރައްޓެއްސެކެވެ. ރައްޓެހި ވަރަކީ އަޅުގަނޑު ސަމާސާއަށް ފާ ބަނބުކޭލެއް ދައްކާފައި ވަޖީހޭ އެއީ ފޮޅެކޭ ބުންޏަސް އެނާ ބުނާނީ، "އާނ ފަޅޮޅަކާ ވަރަށް ވައްތަރޭ" އެވެ. އެއީ އެކަހަލައަށް ރައްދު ސަމާސާ އޮންނަ ވަޖީހެކެވެ.