ރޯދަ މަހާ ރޯއްޖާ

އެހަނދާނުގައި: ކަނދޮޅުދޫ އަހުމަދު ވަހީދު

May 29, 2017
11

ހަވީރު ނޫހުގެ ސްޓާފު ރައިޓަރެއްގެ މަގާމު އަޅުގަނޑަށް ލިބިއްޖެ އެވެ. އެއީ އަޅުގަނޑުގެ ހަޔާތަށް އައި ވަރަށް ރީތި ދުވަހެކެވެ. ނަވަރާސަތޭކަ ނުވަދިހަ ހަވަނަ އަހަރުގެ މެދުތެރެއިން ނެއްޓި ފަހު ބަޔަށް އަޅައިގަންނަނީ އެވެ. އެއީ އަޅުގަނޑު ޑައިރީއަށް އެރި ހާދިސާތައް އެންމެ މަދު އެއް އަހަރެވެ.

އަޅުގަނޑު ހަވީރާ ގުޅުނު އިރު، މީހުން ފުރި މުޑިކާއްޓާކަށް ބަދަލުވެފައިވާ އަދި ތިމާވެށީ ނާޒުކު އެތައް މައްސަލަތަކެއް ފުނިޖެހިފައިވާ ރ. ކަނދޮޅުދޫއަށް ހަވީރުގެ ހާއްސަ ޓީމެއް ދަތުރު ކުރަން އޮތީ ތައްޔާރުވެފަ އެވެ. ހަވީރުގެ އިސްކޫލްގައި ތިބި ތަޖުރިކާރު ނޫސްވެރިންގެ ތެރެއިން އެ ދަތުރުގެ ބައިވެރިޔަކަށް އަޅުގަނޑުވީ ކިޔެއްވެގެން އެކަމާ ގުޅިގެން އެތެރޭގެ ހެލުމެއް އުފެދުނީ ކިޔެއްވެގެން ކަމެއް ނޭނގެ އެވެ. ހޯދާކަށް ނުވެސް އުޅެމެވެ.

ދަތުރުގައި އިސްކޮށް ހަވީރުން ވަޑައިގެންނެވީ އަހުމަދު ޒާހިރު (ހިރިގާ) އާއި މުހައްމަދު ޝަހީބެވެ. އެ ދަތުރުގައި ކަނދޮޅުދޫގެ ވިޔަފާރިވެރި، އިތްޒަތްތެރިޔެއް ކަމަށްވާ ކަނދޮޅުދޫ އަހުމަދު ވަހީދާއި މިހާރު އެފްޑީއައިގެ މެނޭޖަރަކަށް އުޅުއްވާ އަންވަރާއި މަޝްހޫރު ކޮޕީ މުހައްމަދު ރަޝީދާއި އޭރު ބ. އަތޮޅުގެ އަތޮޅުވެރިޔާ ގާސިމް ކާލޭފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރެއިން އަޅުގަނޑު ދަންނަ ބޭފުޅަކީ ކޮޕީ މުހައްމަދު ރަޝީދެވެ. ތަމްސީލްތައް ކުޅުއްވާ ބޭފުޅަކަށްވީމާ އެނގޭ އެނގުމެކެވެ.

ލާންޗުގައި ހިރިގާ އާއި ޝަހީބު، ކަނދޮޅުދޫ ވަހީދަށް އަޅުގަނޑު ތައާރަފުކޮށްދިނެވެ. ވަހީދު ހުންނެވީ އަޅުގަނޑުގެ މޫނަށް ބަލަހައްޓައިގެންނެވެ. އަދި ވިދާޅުވި އެވެ. "މުންޑަކީ ތިޔައީ ހެއްޔެވެ؟ އިހަށް ވިއްޔާ ހީވެފައި އޮތީ ކޮންމެވެސް ރަށަކުން ޒާހިރު ހުސައިން ރައްޓެހި ކަތީބަކު ހަވީރަށް ލިޔުއްވަނީ ކަމަށެވެ. ބޮޑަށް އެހެންހީވެފައި އޮތީ ލިޔާ އެއްޗެހީގެ ހަރު ކަމުންނެވެ!"

"މުންޑޫ" ގެ ބަދަލުގައި "މުންޑަކީ" އޭ ވިދާޅުވެފައި ކާފުގެ އީބީފިއްޔަށް ދަމާލި ގޮތާއި އަރިހުގެ ތިއްބެވި ބޭފުޅުން ހިނިފުުޅުވެޑުވި ގޮތުން ވަހީދާއި އެކުގައި ދެން ތިއްބެވި ބޭފުޅުންނަކީ ވެސް ވަރަށް ސަމާސާ ބޮޑު، އެކުވެރި ބޭފުޅުން ކޮޅެއްކަން މުޅީން ޔަގީންވި އެވެ. އެކަމަކު ވަހީދު އަޅުގަނޑުގެ ނަން ބޭނުން ކުރެއްވި ގޮތުން ފުރަތަމައިނުން ހުރެވުނީ ފޫއްސެއްވެފަ އެވެ.

އޭރު އަޅުގަނޑަށް ވިސްނިފައި އޮންނަ ވަރަކީ ވިހަ ވިޔަސް އަޅުގަނޑު ބޭނުން ސަމާސާއެއް ވިއްޔާ ކުރާންވީ އެވެ. އެހެން މީހަކު ސަމާސާއެއް ކޮށްގެން ނުވާނެ އެވެ. އެވެސް ދެން ފާޑެއްގެ ވައްތަރެކެވެ.

ލާންޗު ކަނޑިންމައިން ނުކުންނަން ދެން ހިނގި ކަމަކީ ކޮޕީއާ ދިމާ ކުރެއްވުމާއި ހަޖޫ ކިޔުމެވެ. އެކަމުގައި އިސްވެ ހުންނަވަނީ ގާސިމް ކަލޭފާނެވެ.

"މާލެއިން އުތުރަށް ކަނދުފައްޗެއް ބޭރުވިޔަސް އޭގައި ކޮޕީ ހުންނަވާނެ އެވެ. މިވަނީ ކިއެއް ހެއްޔެވެ؟" ކަލޭފާނު އެއްސެވި އެވެ. ކަންދިމާކުރި ގޮތުން އޭގެ މާފަހުން އަޅުގަނޑު ދެތިން ފަހަރެއްގެ މަތިން ބ. އަތޮޅަށް ދަތުރެއް ކުރި އިރު ވެސް އެއް ލާންޗު މަތިން ކޮޕީއާ ބައްދަލުވި އެވެ. ފިސާރި ތެދެއް ދަންނަވާފާނަމަވެެ. ގާސިމް ކަލޭފާނާ ކޮޕީއާ ދެބޭފުޅުންހާ ސަމާސާ ބޮޑު ދެބޭފުޅަކާ އަޅުގަނޑު ހަޔާތުގައި އަދިއަކު ބައްދަލެއް ނުވެއެވެ.

ކަނދޮޅުދޫ ދަތުރުގެ ކަނޑުމަތިން އަސުރުން ލަނބާފައި ހުއްޓާ އޭދަފުއްޓަށް ދެވިއްޖެ އެވެ. ދެން ލެފީ ކަމަދޫއަށެވެ. އޭރު އިރު ފޮހި ކަޅުވަނީ އެވެ. އެކަމަކު ހައެއް ޖަހައި ބައިގަޑި އިރެއް ނުވާނެ އެވެ. ރަށަށް ފައިބަމުން ވަހީދު ގާސިމް ކަލޭފާނާ ގާތަށް އަޅުގަނޑު ކޮއްޕަވައިލެއްވި އެވެ. ވިދާޅުވީ "މުންޑުބޭ ހުންނަންވާނީ ކަލޭފާނު އަރިހުގައި ނޫންހެއްޔޭ؟"

ވަރަށް ހަނދާން އެބަހުއްޓެވެ. ގާތް ރަހުމަތްތެރިން އަޅުގަނޑަށް ނިސްބަތްކޮށް މިހާރު ވެސް ކިޔައި އުޅޭ "މުންޑުބޭ" އަކީ ވަހީދުގެ ދުލުން ފުރަތަމަ ބޭރުވި ނަމަކެވެ. އެހެން ކިޔައިގެން އޭރު ކަޑަ ވިޔަސް މިހާރު ކުރެވެނީ އުފާވެރި އިހުސާސެކެވެ.

އެއީވާ ރަށެކެވެ. ކަމަދޫ އަންހެންކުދިންގެ ފަތިގަނޑު ޖެހުމެވެ. ސާދަ ފަނަރައިގެ އެކުދިން ކުރު މެކްސީގައި ފަތިގަނޑުގެ "ޓަކްޓަކާ" އެކު ނަށަމުން އައިސް މާފާތިތައް އަޅުވައިލި އަޅުވައިލީނުން ކުޑަކުޑަ އަޅުގަނޑުވެސް ހުރީ މަތި އޮބައިގެންފަ އެވެ. ބަލި ކަރެއް ނަމަ ބިންދައިގެން ދާވަރަށް އެކުދިން އެރޭ މާފަތި އަޅުވާލި އެވެ. އެރޭ ވަހީދު ވަރަށް ގިނައިން އަޅުގަނޑުގައި ކޮއްޓާލާފައި އެތިބަހާ ރީތި ކުދީންނާއެކު ކޮރެއްޖަހައި ނުލާނުހެއްޔޭ އެއްސެވި އެވެ. އެއީވާ ރެއެކެވެ. އެކަމަކު އެކަހަލަ ރޭރޭ އަޅުގަނޑުގެ ހަޔާތުގައި ވަރަށް ގިނައިން އައެވެ.

ފަތިގަނޑުގެ އެކުވުމަކާއި އޭގެ ފަހަށް ކަމަދޫ އަތިރިމަތީގައި ރިޔާ ފަތުރައިގެން ރިޔާ މަތީގައި ނިދާން އުުޅުނު ގޮތާއި އެ އަތިރި މަތީގައި ހިނގި މަޖާ ކަންކަމާއި ވަހީދާއި ކަލޭފާނުގެ ހުސް ނުވާ ވާހަކަތަކާއި އެކަން ކަމަށް ކޮޕީ އެކްޓް ކޮށްލި ގޮތް ލިޔާން ވެއްޖެއްޔާ އެއީ ހައެއްކަ މޭލެވެ. އެޒާތުން ހިނގާފައިހުރި ކަންކަން މިހާރު ލިޔެވޭކަށް ވެސް ނޯވެއެވެ. އަޅުގަނޑުގެ ތިން ގޮލައިންމެ ކޮޅުނބުގައި ތިބެ ތާނަ ދަސްކޮށްގެން މިހާރު ނޫސް ކިޔައެވެ.

ކަމަދޫގައި ހޭދަ ކުރެވުނު ރިހި ރެއަށް ފަހު އަޅުގަނޑަށް އެނގުނީ ވަހީދަކީ އެކުވެރި ކަމާއި ރަހުމަތްތެރި ކަމުގެ މިސާލެއް ކަމެވެ. އޭނާގެ ސާދާ މިޒާޖާއި ސަމާސާއަށް އެއްލާ ބަސްތަކަކީ ރަހުމަތްތެރި ކަމެއްގައި މިހާރު ނުފެންނާނެ ފަދަ މިސާލުތަކެވެ.

މި ދުއްވުމުގައި އުނގޫފާރާއި މާކުރަތާއި މިހާރު އެއާޕޯޓް ހަދާފައިވާ އިފްރާއި ރިސޯޓް ހަދާފައިވާ މާމިގިއްޔާ ކަނދޮޅުދޫ އާއި ބަނޑަވެރީގައި ވެސް ގައި އަޅުގަނޑުމެން ވަރަށް ސަކާރާތް ގަތީމެވެ. ހީނ ސަމާސާކޮށް ހެދީމު އެވެ.

އޭރުވެސް ރާއްޖޭގައި އަޅުގަނޑު ދަތުރު ނުކުރާ ރަށެއް ހަމަ ނޯންނާނެ އެވެ. އެކަމަކު ކަނދޮޅުދޫން އަޅުގަނޑު ވަރަށް ހައިރާންވި ކަމެއް ދުށީމެވެ. ކަނދޮޅުދޫ ފިނިފެންމާގެއިން ނޫނީ އަމިއްލަ މީހެއްގެ ގެއަށް ފޯނެއްލާފައި ހުއްޓައެއް އޭރު އަޅުގަނޑު ރަށަކުން ނުދެކެމެވެ. އެއީ ވަހީދުގެ ހާއްސަ ފޯނެވެ. އެ ފޯނު އަޅުގަނޑަށް ކަނދޮޅުދޫގައި ހިތަކަށް ލިބުނެވެ. ކުޅި ކުޅިވަރަށް ގުޅާލައި ދައްކާލީމެވެ.

އަދި އެހެން ކަމަކާ ދިމާވި އެވެ. އެ ދަތުރުގައި ގެއެއްގެ އޮޅި މަތީގައި ކުޑަ ކުއްޖެއްގެ ގައިގައި ބޯކޮށް މެހި ޖައްސާ ކުއްޖާގެ ކަޅުވެފައި އިންދަ އެވެ. އެ ކުއްޖާގެ ފޮޓޯ ހިރިގާ ނެގި އެވެ. އަޖައިބު ކުރުވި ކަމަކީ އޭގެ ހައެއްކަ އަހަރު ފަހުން އަޅުގަނޑުމެންގެ ހަމަ އެ ޖަމާއަތް ކަނދޮޅުދޫއަށް ދިޔައިރު ވެސް ހަމަ އެކުއްޖާ އެ ހާލުގައި އެގޮތަށް އޮލަ މެހިގަނޑުގެ ތެރޭ އެ އޮޅި މަތީގައި އިނެވެ. މިފަހަރު ވެސް ހިރިގާ ފޮޓޯ ނަގައިގެން ގެނެސް ކުރީ ފޮޓޯއާއި ދެ ފޮޓޯ ޖައްސާއި ކުޑަކުޑަ އިސްޓޯރީއަކާއެކު ހަވީރުގައި ޗާޕް ޖަހާފައި ވާނެ އެވެ.

ކޮންމެއަކަސް ހަނދާނުން ފޮހެ ނުލެވޭނެ އެ ދަތުރުވެގެން ދިޔައީ ކަނދޮޅުދޫ ވަހީދާ އަޅުގަނޑާ ދެމެދު އުފެދުނު ވަރަށް ގާތް ގުޅުމަކަށެވެ. ނޫސްވެރިންގެ ތެރެއިން އޭނާގެ ހާއްސަ ހޮވުމަކަށް އަޅުގަނޑު ވެގެން ދިޔަ ދަތުރަކަށެވެ.

ދަތުރަށް ފަހު ވަހީދު އަޅުގަނޑުގެ ހާލު ބައްލަވަ އެވެ. ފޯނު ކުރައްވާނެ އެވެ. ސުވާލު ކުރައްވާނެ އެވެ. އެކަމަކު މާ ދިގެއްކޮށް ވާހަކަ އެއް ނުދައްކަވާނެ އެވެ. މާ ހާއްސަ ވާހަކައެއްވެސް ނޯންނާނެ އެވެ.

މާލޭގެ މަޝްރަހާ ބެހޭ ގޮތުން، އެހެންނާ ބޭފުޅަކު އަަވަހާރަވެއްޖެނަމަ އެ ބޭފުޅަކާ ބެހޭ ގޮތުން ދެ ސުވާލެއް އައްސަވާލައްވާފާނެ އެވެ. ދުވަހަކު ވެސް ސިޔާސީ ވާހަކައެއް ނުދައްކަވަ އެވެ.

ވަރަށް ގިނަ ފަހަރަށް އަޅުގަނޑުގެ ޗުއްޓީއާ ދިމާވާ ގޮތަށް އަޅުގަނޑު ގޮވައިގެން ރާއްޖޭގެ ވަރަށް ގިނަ ފަޅު ރަށަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ވަޑައިގެންނެވި އެވެ. އެއިން ކޮންމެ ދަތުރެއްގައި ވެސް އެފަދަ ރަށްރަށުގައި ހުރި ވަހީދުގެ ބިންތައް އަޅުގަނޑަށް ދައްކަވާ އެތަންތަން މުސްތަގުބަލުގައި ތަރައްގީ ކުރައްވާން ގަސްދު ކުރައްވާ ގޮތް ހިއްސާ ކުރައްވަ އެވެ. ބައެއް ގޯތި ކަނޑައި އިންޖެހީ އަޅުގަނޑު ވެސް ހުރެގެނެވެ.

ވަރަށް ގިނަ ދަތުރުތަކުގައި ރަށްރަށުގެ ވަރަށް ގިނަ އިތްޒަތްތެރިންނާ ބައްދަލުވު ރަހުމަތްވުމުގެ ފުރުސަތު ވެސް ވަހީދު ފަހިކޮށްދެއްވި އެވެ. އެއް ފަހަރަކު ލާމަށް ދެވުނެވެ. ރޭވިފައި އޮތް ގޮތުން އަޅުގަނޑުމެން ތިބީ ކައްދޫގެ ގެސްޓް ހައުސްގަ އެވެ. ކައްދޫއާ ހަވާލުވެ ހުންނެވީ އަހުމަދު ނާސިރެވެ. އެއީ ވަހީދުގެ ވަރަށް ގާތް ބޭފުޅެކެވެ. އެ ދަތުރަކީ އަޅުގަނޑު ފުރަތަމަ ފަހަރަށް އަހުމަދު ނާސިރާ ބައްދަލުވި ފަހަރެވެ. އަހުމަދު ނާސިރަކީ އެފަހުން އަޅުގަނޑުގެ ރަހުމަތްތެރިއެކެވެ.

ވަހީދަކީ ވަރަށް ނަލަ ބޭފުޅެކެވެ. އަބަދުވެސް ހުންނަވާނީ ވަރަށް ނަލަ ހެދިވަޑައިގެން ދަށަށް ޖައްސަވައިގެނެވެ. އެ ނޫން ގޮތަކަށް ހުންނަވަނިކޮށް އަޅުގަނޑެއް ނުދެކެމެވެ. ކިތަންމެ އާދައިގެ މީހެއް، އަދި ކިތަންމެ އިތްޒަތްތެތެރި ބޭފުޅަކަށް ވިޔަސް ވަހީދު މުހާތަބު ކުރައްވާނީ މާތް ބަހުން ވަރަށް ރީތި ކޮށެވެ.

ކޮންމެ ރޯދަ މަހަކުވެސް ފުރަތަމަ ހަފުތާގައި ގުޅުއްވާނެ އެވެ. އަދި ފެށޭ ހަފުތާގެ ހޯމައިގައި ނޫނީ އަންގާރާގައި ރޯދަވީއްލުމަކަށް ދެވޭނެތޯ އައްސަވާނެ އެވެ. އަޅުގަނޑު އާނއެކޭ ދަންނަވައިފީވިއްޔާ ވިދާޅުވާނީ ޝަހީބަށާއި ހިރިގާއަށް ވެސް އެ ދުވަހަށް ދަންނަވާނަމޭ އެވެ. ގެންދަވާނީ ކިތައް ބޭފުޅުންތޯ ވެސް އައްސަވާނެ އެވެ. ދެއަކުރުގެ އަދަދެއް ވިދާޅުވިޔަސް ނޫނެކޭއެއް ވިދާޅެއް ނުވެއެވެ.

އެއީ ވަހީދުގެ ފަރާތްޕުޅުން އައި ވަރަށް ތަފާތު އެހެން ކަމެކެވެ. އެކަން 1996 ގައި އަޅުގަނޑާ ބައްދަލުވީއްސުރެ ދިއުޅި ނުހުއްޓި ކުރިޔަށް ދިޔަ އެވެ. ދުނިޔޭގައި ހުންނެވި އިރު ރޯދަ މަހެއްގައި މިދެންނެވި ހަފުތާގެ އެ ދެ ދުވަހުން ކުރެ ދުވަހެއްގައި އަޅުގަނޑުމެން ތިން މީހުންނާއެކު ރޯދަވީއްލުމެއް ނުބާއްވާ އެއްވެސް ރޯދައެއް ކަލަންޑަރަކު ނޯންނާނެ އެވެ.

އަޅުގަނޑުގެ ފަރާތުންދާ ހައެއްކަ މީހުންނާއި ޝަހީބުގެ ފަރާތްޕުޅުން ވަޑައިގަންނަވާ ބޭފުޅުން ކޮޅަކާއި ހިރިގާ ގެންދަވާ ބޭފުޅުން ކޮޅަކާއި ވަހީދުގެ އެންމެ އަރިސް ބޭފުުޅުންނާއެކު ގާތްގަނޑަކަށް ވިއްސަކަށް ބޭފުޅުން އެ ރޯދަވީއްލުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މުޅީން ވެސް އޮންނާނީ އެކި ބޭފުޅުންގެ ހާލު ބެއްލެވުމާއި ބައެއް ކަންކަމާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރުމާއި ސަމާސާ ކުރެއްވުމެވެ.

ކުރިންސުރެ އަޅުގަނޑަށް ފާހަގަ ކުރެވިފައި އޮންނަ ކަމެއް ދަންނަވަންތޯ އެވެ؟ ވަހީދަކީ ވަރަށް ބޮޑު ވިޒަނަރީ އެކެވެ. އަބަދުވެސް ދައްކަވާނީ އެވެނި ކަމެއް މުސްތަގުބަލުގައި އޮންނާނެ ގޮތުގެ ތަސައްވުރެއްގެ ވާހަކައެވެ. އޭނާގެ ވިޒަނަރީގެ މަންޒަރުތައް ކުރަހައިދޭ ގޮތް ފަހަގަކޮށް އަޅުގަނޑު ވަރަށް ގިނައިން އެވާހަކަ ދައްކައި ވެސް އުޅެމެވެ. އަޅުގަނޑަށް ހީވެފައި އޮންނަ ގޮތް ޔަގީނަށްވި ވަރަށް ބޮޑު އިއްތިފާގަކާވެސް ދިމާވި އެވެ.

އެއް ދުވަަހަކު ފޯނު ކުރައްވައިފި އެވެ. އަދި ވިދާޅުވި އެވެ. އެންމެ ފަހު ފަހަރަށް ރައިވެރިޔާގައި ބައްދަލުވެލާން އައިސްބަލާށެވެ! ވަރަށް އާދަޔާހިލާފު ލިޔުމެއް ދައްކާލާށާ އެކުއެވެ. މިއަދު ރައިވެރިޔާގެ އިމާރާތް އައިލެންޑް އޭވިއޭޝަނަށް ނަަގަނީ އެވެ. ލަސް ނުވެ އަންނައްޗެވެ.

އަޅުގަނޑަށް ދެވުނީ އަވަސް ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފު ވެސް ގޮވައިގެނެވެ. އެ ދުވަހަކު ދެއްކެވީ ވަރަށް ދިގު ސިޓީއެކެވެ. އެ ސިޓީ ލިޔުއްވާފައި ވަނީ 1980 ވަނަ އަހަރުގެ ތާރީހު ޖަހައިގެނެވެ.

ރައީސް މައުމޫނަށް ލިޔުއްވާފައިވާ އެ ސިޓީގައި މައިގަނޑު ގޮތެއް ވިދާޅުވެފައިވަނީ މިހެނެވެ. "ޓޫރިޒަމްގެ ވިޔަފާރިއާއެކު ދިވެހިރާއްޖެ މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށެވެ. ޖުގުރާފީ ގޮތުން ރާއްޖެ އޮތް ގޮތާއި ދަތުރުފަތުރު ހިނގާ ގޮތާއި މިހާރު ރާއްޖޭގައި ކަންކަން ހުރިގޮތާއި މިފަދަ ކަންކަން ދުނިޔޭގެ ގައުމުތަކުގައި ހިނގައިދާ ގޮތަށް ބަލާއިރު މި ދަންނަވާ ގޮތުގެ މަތީން ޑޮމެސްޓިކް އެއާޕޯޓްތައް ރާއްޖޭގައި ތަރައްގީ ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. އަދި އެކަން ކުރުމަށް އަޅުގަނޑު ހަދާފައިވާ ސާވޭއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓް އަަޅަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަ 17 ރަށެއްގެ ނަން ލިސްޓާއި މިކަމާ ގުޅޭ ސާވޭގެ ލިޔުންތައް މަނިކުފާނަށް ފޮނުވީމެވެ."

ވަހީދުގެ އަތްޕުޅުން ލިޔުއްވާފައިވާ އެ ސިޓީ އަޅުގަޑު އަޑުވީއްލައި ކިޔައި ނިންމާލުމުން ވަހީދު ވިދާޅުވީ "މި ސިޓީ ނޫހުގައި ޖަހައިދީފާނު ހެއްޔެ؟ އެކަމަކު ރަނގަޅު ވަގުތެއް ދަންނަވާނަމަވެެ!"

އަޅުގަނޑާއި ނާއިފު އެ ސިޓީ ބެލި އިރު އޭގައިވާ ލިސްޓްގައި ރަށްތައް ތަރުތީބުކޮށްފައި ހުރި ގޮތާ ހިލާފަށް މިހާތަނަށް ރާއްޖޭގައި އެއާޕޯޓެއް އަޅާފައި ވަނީ އެންމެ ރަށެއްގަ އެވެ. އެއީ ތ. އަތޮޅު ތިމަރަފުއްޓެވެ. އެ ލިސްޓުގައި ތިމަރަފުއްޓެއް ނެތެވެ. މިހާރު އަޅަން މަސައްކަތް ކުރާ އެއާޕޯޓް ތަކުގެ ތެރެއިން ދެން އެ ލިސްޓްގައި ނެތީ ކުޅުދުއްފުއްޓެވެ. އެހެން ހުރިހާ ނަމެއް އޮތެވެ. އަޅެފަހެ ހައިރާނެއް ނުވާނެ ހެއްޔެވެ؟

އަޅުގަނޑަށް ވެސް ދެންނެވުނީ ތިޔައީ ބޮޑު ހަޒާނާއެކޭ އަވަހާ ދެއްވާށޭ އެވެ. އެހެން ނަމަވެސް ވިދާޅުވީ "ވަގުތު ޖެހުމުން ދެއްވާނެ" ކަމަށެވެ.

ވަހީދު އަވަހާރަވީ އަވަސް އަށް އެ ސިޓީ ދެއްވާށާއި އެ ސާވޭއާ ގުޅޭ ގޮތުން އިންޓަވިއުއެއް ދެއްވުމަށް ހަމަޖެއްސެވުމަށްފަހު ކުއްލިއަކަށް އެހެން ކަމަށް ވަގުތު ހުސް ކުރައްވަން ޖެހިވަޑައިގެން ޖެހިގެން އޮތް ހަފުތާގެ ދުވަހަކަށް ލަސްކޮށްފައި އޮއްވާ ކުއްލިއަކަށެވެ.

މާރިޗް 8، 2017 ވަނަ ދުވަހު ހެނދުނު ވަހީދު އަވަހާރަވި ހަބަރު އަޅުގަނޑަށް ދެއްވީ ފަރެސް މުހައްމަދު އާމިރެވެ. ފަހުން ބަަލައިލި އިރު އާމިރަށްވުރެ ކުރީން ޝަހީބު އަޅުގަނޑަށް ވައިބަރު ކޮށްފައި އޮތެވެ. ހިރިގާވެސް ގުޅުއްވާފައި އޮތެވެ. އެއީ ވަރަށް ހިތްދަތި އިހުސާތަކެއް ކުރެވުނު ވަގުތުކޮޅެކެވެ. އަދި އެދުވަސްވީ ވަރަށް ފާޑެއްގެ ދުވަހަކަށެވެ. އިހުސާސްވީ ގައިން ބައެއް ވަކިވެއްޖެ ހެނެވެ. ވަކިވުމަކީ ބޮޑު ކަމެކެވެ. ދެރައެކެވެ. ހިތާމާއެކެވެ. -- ވަކިވުމެއްގައި އުހަލެއް އޮތް ނަަމަ އަޅުގަނޑަށް އޮތީ އެ އުފާ ނުލިބި އެވެ.