ރާއްޖޭގެ ފަހުގެ ތާރީހުގައި ބޭއިންސާފުން ބަޔަކު ގަސްދުގައި އެކަނބަލެއްގެ ޝަހުސިއްޔަތަށް އެންމެ ބޮޑު ގެއްލުމެއް ދީ އިހާނެތިކޮށް ހެދީ ޑރ. ފާތިން ހަމީދުގެ ޝަހުސިއްޔަތަށޭ ދަންނަވަން އަޅުގަނޑަށް ކެރިދާނެ އެވެ. މަޝްހޫރު އޯގަސްޓް ބާރަ ތޭރައިގެ ގުޖަޑު ގަނޑުގެ ފޯރި އަރާފައި އޮތް ވަގުތު ސިފައިންގެ ކުރިމަތީގައި ރަކަރަކަލާލައި އޮތް މީހުންގަނޑުގެ ތެރެއަށް އެކަމަނާ ދިވެހި ދިދައާއެކު ނުކުމެ ވަޑައިގެން ގައުމުގެ ދިފާއުގައި އަޑު އުފުއްލެވި ހިސާބުން ފެށިގެން ބަޔަކު މީހުން ގެންދިޔައީ ދިވެހި ރާއްޖެ ދުށް އާދަޔާހިލާފު އެ އިލްމުވެރި ހިދުމަތްތެރިޔާގެ ޝަހުސިއްޔަތަށް އަނިޔާކޮށް ގެއްލުންދީ ފުރައްސާރަ ކުރަމުންނެވެ. އެކަމަނާގެ ބައްޕާފުޅު އަބްދުﷲ ހަމީދާއި އެކަމަނާގެ ބޭބޭފުޅު މައުމޫނު އަބްދުލް ގައްޔޫމްގެ ޝަހުސިއްޔަތަށް އެބައި މީހުން ގެއްލުން ދިން މިންވަރާ ގާތަށް އެކަމަނާއަށް ވެސް ގެއްލުންތައް ދިނެވެ.
މަސްވެރި ކަމާބެހޭ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ފާތިން ހަމީދަކީ ދިވެހި ރާއްޖެ ދުށް ހިދުމަތްތެރި އެހާ ގާބިލް އެ ހުރިހާ ކަމަކަށް ބުރެ އާދަޔާ ހިލާފު ސާދާ ބޭފުޅެކެވެ. އެކަމަނާ ޕީއެޗްޑީ ހާސިލް ކުރައްވައިގެން ރާއްޖެ ވަޑައިގެންނެވުމުން "މަސްވެރި ކަމުގެ ޑޮކްޓަރު" މި ސުރުހީގައި އެކަމަނާއާ ބެހޭ އިންޓަވިއުއެއް "ހަވީރު" ނޫހުގައި އަޅުގަނޑު ލިޔުނީމެވެ. އެއީ އެކަމަނާގެ ޕީއެޗްޑީއާބެހޭ ގޮތުން ރާއްޖޭގެ ނޫހެއްގައި ޖެހި ފުރަތަމަ އިންޓަވިއު އެވެ. އެ އިންޓަވިއުގެ ސަބަބުން އެކަމަނާ އާ އަޅުގަނޑާ ދެމެދު ދެކެފަތި ކަމުގެ ގުޅުމެއް އުފެދުނެވެ. ނަތީޖާއަކަށްވީ ހަބަރު މަދުވާ ދުވަސް ދުވަހު ކޮންމެވެސް ގޮތެއް ހަދައިގެން މަސްވެރިކަމާއި އެންވެރިކަމާއި ގުޅޭ ގޮތުން ފާތިންގެ ބަހެއް ހޯދާލައިގެން ހަބަރެއް އުފައްދަނީ އެވެ. ހަމަ ވަރަށް ގިނަ ދުވަހު މި ގޮތްދިމާވެ އެވެ. ހަބަރެއް ނެތީވިއްޔާ "ކަނދުފައްޗަށް އަރައި ނުލަންހެއްޔޭ" ބުނެ އަޅުގަނޑުމެން އޭރު މިސާލު ބަހެއް ހެދީ ކޮންމެ ދުވަަކުހެން ސުރުހީތަކުން ފާތީން ޖާގަ ހޯއްދަވާތީ އެވެ.
ހަބަރު ހޯދަން އަޅުގަނޑުމެން އަރާ އެފަދަ ދެތިން "ކަނދުފައްޗެއް" އޭރު އުޅުއްވަ އެވެ. އެއީ މަރުހޫމް އަބްދުﷲ ޒަމީރާއި ތިލަފުށި ހިންގެވުމާ ހަވާލުވެ ހުންނެވި ލަތީފާއި ޓްރާންސްޕޯޓްގައި އުޅުއްވެވި އަލީ އަހުމަދެވެ. ހަބަރެއް ނެތީވިއްޔާ ހަވީރުގެ ނޫސްވެރިން ދުއްވައި ގަންނާނީ މިއިން އައިނަކަށް އަރާށެވެ. މަސްވެރިކަމާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ފާތިން ވިދާޅުވާނެ އެވެ. ތައުލީމާ ބެހޭ ގޮތުން ކޮންމެވެސް ވާހަކަފުޅެއް ޒަމީރު ދެއްވައިފާނެ އެވެ. ކުންޏާއި އެންދުމާއި ބިން ހިއްކުމާ ބެހޭ ގޮތުން ލަތީފު ވާހަކަފުޅު ދައްކަވާނެ އެވެ. ބޯޓް ދަތުރު ކުރާ މީހުންނާއި މެރިޓައިމާ ގުޅޭ ހަބަރެއް އަލީ އަހުމަދު ދެއްވާނެ އެވެ. އެއިން ބޭފުޅަކު ދައްކަވާ ވާހަކަފުޅެއް ހަފުތާކަށް ދައްމާލައިގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްޗެއް އަޅުގަނޑުމެން ލިޔަނީ އެވެ. މި އައިންތަކަށް އަރާ އޮޑި ފަހަރަކީ މިހާރު ވީއެފްޕީތޯ؟، އާދެ ވީއެފްޕީގައި އުޅުއްވާ އިސްމާއީލް ރަޝީދާއި "މިހާރު" ނޫހުގައި އުޅުއްވާ ހަސަން އާމިރާއި ނޫސްވެރިކަން ދޫކުރައްވައި އެހެން ދާއިރާއެއްގައި އުޅުއްވާ އަހުމަދު އަބްދުﷲ އާއި ގާނޫނީ ދާއިރާގައި މިހާރު އުޅުއްވާ އިބްރާހިމް ރިފްއަތާއި ކުރީގެ ނޫސްވެރިޔާ ހިލްއަތު ރަޝީދެވެ. އެއީ އޭރުގެ އޮޑި ފަހަރެވެ. އަޅުގަނޑަކަކީ ނޫހުގެ ކަނޑުގައި ވަދާ ދުއްވާ އަމުދުން އިންޖީނެއް ނެތް ކުޑަކުޑަ ދޯނިގަނޑެކެވެ.
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމާއި މިފްކޯ އާއި އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވެވި އަދި ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަމުގެ ދާއިރާއަށް އަގު ނުކުރެވޭނެ ހިދުމަތްތައް ކުރެއްވި ފާތިން އަކީ އަޅުގަނޑުގެ ރަހުމަތްތެރި ފާތިންނެވެ. އެކަމަނާއާއެކު އަޅުގަނޑަށް ބައެއް ކަހަލަ ތަޖުރިބާތައް ކުރެވިފައި ވެއެވެ. އަޅުގަނޑުގެ ހަނދާންތަކުގެ ފޮތް ފުރިހަމަ ވާނީ އެކަމަނާ ހިމަނައިގެންނެވެ.
ނޫސްވެރި ކަމުގެ ދާއިރާގައި އަޅުގަނޑާމެދު އިހަށް ވެސް ފަހަށް ވެސް ކުންޏެއް ޖެހުނު ބޭފުޅަކީ ފާތިންނެވެ. ފާތިން، އަޅުގަނޑަށް ދަތި ކުރުމުގެ ފިޔަވަޅެއް އެޅުއްވީ ރާއްޖޭގެ އެކްސްކުލޫސިވް އިކްނޮމިކް ޒޯންގައި ކުރާ މަސްވެރިކަމާބެހޭ ގޮތުން އަޅުގަނޑު ލިޔުނު ރިޕޯޓަކާ ގުޅިގެނެވެ. އެކަމަނާ ދެއްވި އިންޓަވިއުއިން ތައްޔާރު ކުރި ރިޕޯޓް، ކޮޕީ އެޑިޓް ކުރުމުގެ މަރުހަލާގައި އެކަމަނާ ވިދާޅުވި އެއްޗެއްގެ މާނަ ފުރޮޅިގެން ދިޔައީ އެވެ.
އެ މައްސަލައާ ގުޅިގެން ފޯނު ކުރައްވާ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ޝަކުވާ ކުރެއްވި އެވެ. އަދި އަޅުގަނޑަށް އިންޓަވިއު ދެއްވާނީ ލިޔުމުން ކަމަށް ނިންމަވައި ހަވީރުގެ އޭރުގެ އެޑިޓަރު ޑރ. އަލީ ރަފީގަށް ސިޓީއެއް ފޮނުއްވެވި އެވެ. އޭގެ ފަހަކުން ފާތިންގެ އިންޓަވިއުއެއް ހަދާކަށް އަޅުގަނޑެއް ވެސް ނޫޅެމެވެ. ގުޅުމެއް ވެސް ނޯވެ އެވެ. އެކަމަކު އެފަދަ ބޭފުޅަކާ ގުޅުން ކެނޑުމަކީ ނޫސްވެރިޔަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމެވެ. ނޫސްވެރިއަކު ހަދާނެ އެންމެ ބޮޑު ގޯހެެވެ. އަޅުގަނޑު މާފަށް ވެސް އެދުނީމެވެ. މާފު ވެސް ދެއްވި އެވެ. ނުދެއްވީ އިންޓަވިއު އެވެ.
ފާތިން އާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތި އަހަރުތަކެއް ދިޔަ އެވެ. އޭގެ މާ ފަހުން ފިޝަރީޒް މިނިސްޓްރު އަބްދުއް ރަޝީދު ހުސައިން އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ދާނެ ނޫސްވެރިޔަކު ނުވެގެން އޭގެ ތެރެއަށް އަޅުގަނޑު ކޮއްޕާލައިފި އެވެ. ވަރަށް ފޫހިވެފެފައި ހުރެގެން އެ ދަތުރަށް އަރާން ދިޔައިރު ފާލަން މަތީން ފުރަތަމަ ވެސް ބައްދަލުވީ ފާތިންއާ އެވެ. ސާލާމް ކޮށްލައްވާފައި ކިހިނެއް ހެއްޔޭ އެއްސެވި އެވެ. އެ ދުވަހު އަޅުގަނޑުމެން ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށް ފާލަން ކައިރިއަށް ވަޑައިގެން އުޅުއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިމެނި ވަޑައިގަންނަވަ އެވެ. އޭރު އަދި ޝައިނީ ޑޮކްޓަރަކަށްވެ ވިދައެއް ނުލަ އެވެ.
އެ ދަތުރުގައި ވަޒީރާއެކު ފާތިންގެ އިތުރުން ވަރަށް ގިނަ އެހެން އިތްޒަތްތެރި ބޭފުޅުން ވެސް ހިމެނި ވަޑައިގެންވި އެވެ. އަދި އެދަތުރުގައި އިހުއްސުރެ އަޅުގަނޑާ ވަރަށް ސަމާސާ ކުރައްވާ ބައެއް ފަހަރާ މައުލޫމާތު ހިއްސާ ކުރައްވާ ތ. ވިލުފުއްޓަށް ނިސްބަތްވެ ވަޑައިގަންނަވާ އަޒީ ކިޔާ ބޭފުޅަކު ވެސް ބައިވެރި ވަޑައިގެންނެވި އެވެ. އަޒީއަކީ ވެސް އެ މިނިސްޓްރީގެ އިސްވެރިއެކެވެ. އަޅުގަނޑު ހަދާންވަނީ އެއީ ޑިރެކްޓަ ޖެނެރަލް ކަމަށެވެ.
އަޅުގަނޑުމެން މާލެއިން ނައްޓާލި އިރު މިނިސްޓަރު އަބްދުއް ރަޝީދު އިންނެވީ ރާއްޖޭ ޗާޓް ފޮތެއް ހުޅުވައިގެން އެއަށް ބައްލަވާށެވެ. އެ ފޮތް ބައްލަވާ އިނދެފައި ފާތިން އަރިހު ދެންނެވި އެވެ. ހުވަހަންދޫއަށް އެންމެ ފަސޭހައިން ދެވޭ މަގަކީ ކޮބައިތޯ އެވެ؟ އެކި ބޭފުޅުން އެކި ކޯސްތައް ދެއްވަ އެވެ. އެކި ގޮތްގޮތަށް ވަޒީރަށް ހިސާބު ޖައްސަވައި ދެއްވަ އެވެ. އަޅުގަނޑުގެ އިނީ އަޅުގަނޑުގެ ނޯޓް ފޮތުގެ ހަވާސާގައި ބައެއް ކުދިކުދި ވާހަކަ ނޯޓް ކުރާށެވެ. އެއީ އަޅުގަނޑުގެ އާދަ އެވެ. އެހެން އިންދާ އަޒީ އެބަ ވިދާޅުވެ އެވެ. "ތިޔަ ބޭފުޅުން ތިޔަ ދައްކަވާ މަގަށް އަލި ކަމެއް ދެއްވައިފާނެ ބޭފުޅު މި ލާންޗުގައި އެނބަ އިން ނޫން ހެއްޔެވެ؟ މި އިންނެވީ މުންޑޫ މާލިމީގެ ބޭފުޅެއް ވިއްޔާ އެވެ. އަޅި ތިޔަ ޗާޓް އާދަމް ހަލީމަށް ދައްކަވަ ބައްލަވާށެެވެ! އޭރުން ކުރު މަގު ސާފު ވެދާނެ އެވެ،"
މިނިސްޓަރާއި ފާތިން އިންނެވީ އަޅުގަނޑާ ދިމާއަށް ބަލަހައްޓަވައިގެނެވެ. އަޒީ އެހެން ވިދާޅުވި ނަމަވެސް އަޅުގަނޑަކީ ނިޔަމިކަން ދަންނަ މީހެއްނޫނެވެ. އަޅުގަނޑުގެ ކާފަ މުންޑޫ މާލިމީއަކީ އެކްސްޕްލޯރާއެއް އަދި ނެވިގޭޓަރެއް ނަމަވެސް އަދި އޭނާގެ ފޮތްތައް އުކެމުން އުކެމުން އައިސް އަޅުގަނޑުގެ އަތުގައި ހުރި ނަމަވެސް އެފަދަ އެއްވެސް އިލްމެއް އަޅުގަނޑުގެ ކިބަޔަކު ނުވެއެވެ. އަޒީ އެހެން ވިދާޅުވީމާވެސް ފާޑެއްގެ ލަދެއް ގެންފައި އަޅުގަނޑަށް އިނދެވުނީ އެވެ. "އެއީ ތެދެއް ހެއްޔޭ؟" ވަޒީރު އެއްސެވީމާވެސް އަޅުގަނޑު ޖަވާބެއް ނުދީ ހިނިތުން ވެލީ އެވެ. އެކަމަކު އަޅުގަނޑު ހިތަށް އެރި އެއްޗެއް ދަންވާފާނާމެވެ. "ކަނޑުފަޅާއި މޫސުމާއި ގިރިގިރި އާއި ހާހަލާއި ވާވެލާވެލީގެ ވަނަވަރު ކޮންމެވެސް ވަރަކަށް އަޅުގަނޑަށް ވެސް އެނގޭވަރުވާނެ" އެވެ.
ހުވަހަންދޫއަށް ދެވިއްޖެ އެވެ. އެއީ މަސްވެރި ކަމަށް ދޫކޮށް ބޮޑު އިންވެސްޓްމަންޓެއް ފަށަން ތައްޔާރުވަމުން އަންނަ ރަށެކެވެ. ލަފާވާ ގޮތުން އެރަށް ދެވުނީ ޖައުޒާ އަށެވެ. ނޫނީ ވިލާއަށެވެ. އެ ރަށުގައި ވިލަށް ވާ ގޮތަށް ލަކުޑިން ފާޑެއްގެ ފާލަމެއް އަޅާފައި އޮތެވެ. ރާޅު ހުރި ގޮތުން ލޯންޗު އެފާލަމާ ކައިރި ކުރަން އުޅެ އުޅެ އެކަން ފަސޭހައެއް ނުވި އެވެ. ކުޑައިކޮށް ގާތްވެލާފައި އަޅުގަނޑު ފާތިން ގާތުގައި ދަންނަވައިފީމެވެ. މި ވަޔާއި ރާޅުގައި މި ފާލަމުގެ މަތި ފަރާތުން ލޯންޗް ކައިރިކޮށް އަޅައިފީވިއްޔާ ލޯންޗު ލައްވާނެ އެވެ. ދަށް ފަރާތަށް ގެންގޮސް އައްދަށު ވަލަކާ އެކު ދެވާ އަޅާށެވެ. މެންދުރު ކުރިއަކުން މި ވައި މަޑެއް ނުވާނެ އެވެ. އެއީއަކީ މޫސުމާބެހޭ ގޮތުން އެއްޗެހިތަކެއް އެނގިގެން ދެންނެވި ވާހަކައެއް ނޫނެވެ. ހަމަ ލަފަޔަކަށް ދެންނެވުނު އެއްޗެކެވެ. އެކަމަކު ކެނޑިފައި އޮތް ގުޅުމާއެކު އެކަމަނާ އަޅައެއް ނުލެއްވި އެވެ. ކަން ދިމާކުރި ގޮތުން އެ ރަށުގެ ތެރޭގައި އެނބުރި އެނބުރިފައި ފުރާން ނުކުތް އިރު ކަހަލާއިގެން ގެންގޮސް ލޯން އޮތީ ބިތަށް ލަށްވެފައެވެ. ފާތިން އަޅުގަނޑަށް ބައްލާލަވާފައިވާ ހިނިތުން ވެލެއްވި އެވެ.
މި ދަތުރުގައި އަޅުގަނޑުމެން ހއ. އިހަވަންދޫގައި ރޭ ކުރީމެވެ. އަޅުގަނޑު ހުރި ކޮޓަރިއާ ޖެހިގެން ހުރީ ފާތިން އުޅުއްވާ ކޮޓަރިކޮޅެވެ. އެތާނގެ ބޭރުގައި ބޮޑު ސިންގާހާ ޓީވީއެއް ހުންނަ ސިޓިން ރޫމެކެވެ. ދެން އެތާނގައި ހުރީ އިސްތިރިކުރާ މޭޒެކެވެ. ހުސްވަގުތެއް ވިއްޔާ ފާތިން އިންނަވަނީ އެބަދުހެން އެތާނގަ އެވެ. އެހެންވެ އެތާކަށް އަޅުގަނޑެއް ނުނުކުންނަމެވެ. އަޅުގަނޑުގެ އާދައިގެ މަތިން މެންދަމަށް ދުންޖަހާން އެރޭގެ ވަރަށް މެންދަމު ނުކުތް އިރު ވެސް ފާތިން ފޮތެއް ހިއްޕަވައިގެން އިންނެވި އެވެ. ކޮންމެވެސް ހާދިމަކު އެކަމަނާ އަރިހުގައި އުޅުއްވަ އެވެ. އަޅުގަނޑު ހަމަ ފެނުމާއެކު ގޮވާލައްވައި "ފާ ރޮއްޓާ ކަޅު ސަޔާ ނުބައްލަވަނަން" ހެއްޔޭ އެއްސެވި އެވެ. ފާތިން އަރިހުގައި އަޅުގަނޑު އެރޭ ސައި ބުއީމެވެ. އަޅުގަނޑާއެކު އޭރު އެ މިނިސްޓްރީ އުޅުއްވި އެހެން ދެބޭފުޅަކުވެސް ފަހު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖެހިގެން އައި ދުވަހު އަޅުގަނޑުމެން މެންދަރު ކާން ދިޔައިރު ވަރަށް ބޮޑު މޭޒެއްގައި ދިގު ސުފުރާއެއް އޮތެވެ. ކަންދިމާ ކުރި ގޮތުން ހުރިހާ ބޭފުޅުން އިށީންދެ ވަޑައިގަތީމާ އެ މޭޒުން ބާކީ ވަނީ އަޅުގަނޑެވެ. އެހެންވެ މިނިސްޓަރު ވިދާޅުވެގެން ދުރުގައި ވަކިން ކުޑަ މޭޒެއް އަޅުގަނޑަށް ބަހައްޓައި ދިނެވެ. އަޅުގަނޑަށް ޖެހެނީ އެ ބޮޑު ސުފުރާއިން ތައްޓަށް އަޅައިގެން ގޮސް އެއްކަލަ ކުޑަ މޭޒުގައި ކައިރީގައި އިށީނނާށެވެ. އަޅުގަނޑު ކާން ފެށިތަނާއި ފާތިން ތަށި ހިއްޕަވައިގެން "އަޅުގަނޑު އިންނާނީ އާދަމް ހަލީމް ގާތުގައޭ" ވިދާޅުވެ ވަޑައިގެންފިއެވެ.
އަޅުގަނޑަށް ވީ ގޮތަކަކީ ލަދުންގެންފައި އިންވަރުން އިސް ދަށަށް ޖަހާލައިގެން އިންދެ ކާންކަމަށް ހީކޮށް މޭޒުގައި ދެ އަތް އަޅުވާލެވުނީ އެވެ. އެހެން އަތް އަޅުވާލުމަކީ އަޅުގަނޑަށް ވަރަށް ކުރެވޭ ކަމެކެވެ. އެ ކުޑަ މޭޒުގެ ކަމީނާ ކަމާއެކު މޭޒު އަރި އަޅާލައި ގަރުދިޔަ އާއި ލޮނު މިރުހާއި ފިހުނަ މަހާއެކު މޮޑެފައި ހުރި ބަތްތަށި ބަންޑުންވީ އަޅުގަނޑުގެ އުނގަށެވެ. ފާތިން އަށް ވީ ގޮތަކީ ސިއްސައިގެން ގޮސްފައި އަތްޕުޅުގައި އޮތް ތަށި ދޫކޮށްލެއްވުނީ އެވެ. އެ ތަށީގައިހިރި ކާ އެއްޗެހިންވެސް ބުރައިގެން އައީ އަޅުގަނޑުގެ ގަޔަށެވެ.
އެންމެނަށް ވެސް އެއް ފަހަރާ ދެންނެވުނީ "ފާތިން ތިޔަ ހެއްދެވީ ކިހިނެއް ހެއްޔޭ" އެވެ؟ އޭރު މެރިން ރިސާޗް ސެންޓަރުގައި އުޅުއްވި ޝަކީލް ދުވެފައި ކަހަލަ ގޮތަކަށް އަޅުގަނޑުމެން ގާތަށް ވަޑައިގެންނަވަނީ އެވެ. އަޅުގަނޑު އިން ގޮތަށް އިނީ އެވެ. އަޅުގަނޑުގެ ފައިމަތީގައި އޮތް ތައްޓާއި އުނގުމަތީގައި ހުރި ކާތަކެތީ ގުޅަވަރު ނަގައި ފާތިން ސާފުކޮށް ދެއްވަނީއެވެ. ތަށި ބަންޑުން ވުމާއެކު މިއޮއް ހުރިހާ ދުވަހު އަޅުގަނޑާ ޖެހިފައި އޮތް ކުނި ފިލައި ދިޔައީ އެވެ. ތަޅުލެވިފައި އޮތް ދުލުން ތަޅު ނެއްޓުނީ އެވެ. ދެން އޮތީ ހިނިފުޅުވެޑުވުމާއި އަޅުގަނޑު އިން ހާލު ކިޔައި ދެއްވުމެވެ. އެކަމެއް މުޅި ދަތުރުގައިވެސް މަޖާ ވާހަކައެއްގެ ގޮތުގައި އޮތެވެ.
ކެލައަށް ދާން ނައްޓާލަން ތައްޔާރުވަނީ އެވެ. އަޅުގަނޑުގެ އަތުގައި އިތުރު ގަމީހެއް ނެތެވެ. އެއްކަލަ ގަމީސް ދޮވެލައިގެން އިސްތިރިން ހިއްކާލެވޭތޯ ސިޓިން ރޫމުގައި އުޅެނކޮށް ފާތިން ނުކުންނަވައިފި އެވެ. އަދި އަޅުގަނޑު އަތުން ގަމީސް އަތުލަވައި އިސްތިރިކޮށް ދެއްވައިފި އެވެ. އެ ދުވަހު ފޯވި އިސްޓާކީނު ވެސް ތެމިފައި އޮތުމުން އިސްތިރިން ހިއްކާލާން ކަމަށް ނެރެފައި އޮތުމުން އެ އަތުލައްވާފައި ހުދުކުލައިގެ އިސްޓާކީނު ޖޯޑެއް ފާތިން އަޅުގަނޑަށް ދެއްވި އެވެ. ކެލާގައި އަޅުގަނޑު ފަޔަށް މަހައިގެން އުޅުނީ ފާތިންގެ އިސްޓާކީނު ޖޯޑެކެވެ.
ކެލާގައި ވަގުތު ހޭދަ ކުރި އިރު އަޅުގަނޑުމެން އާއިލާ އާއި ފާތިންގެ ބައްޕާފުޅާ އޮތް ގާތްކަމުގެ ވާހަކަ ވަރަށް ގިނައިން ދެއްކެވި އެވެ. އަޅުގަނޑު ކުޑައިރު ހަމީދު، މުންޑޫއަށް ވަޑައިގެން އަޅުގަނޑަށް ފިލާވަޅު ދަސްކޮށްދެއްވާ މެޓާ ގަންދެއްވާ ވާހަކަ ދެކެވުނެވެ. އެ ވާހަކައާ މިިސްޓަރު އަބްދުއް ރަޝީދު ވެސް ވަރަށް ގަޔާވެގެން ސުވާލު ކުރައްވާ ހެއްދެވި އެވެ. އޭގެ ފަހުން ފާތިންއާ ވަރަށް ގާތެވެ. އެހެން ނަމަވެސް އެކަމަނާއަކީ ސިޔާސީ ބޭފުޅަކަށް ވެފައި އެކަމަނާ އެ މަސައްކަތުގައި އުޅުއްވާތީ އާއެކު މާ ގިނައިން ބައްދަލެއް ނުވެއެވެ. އެކަމަކު މަޖިލީހުގެ ތެރެއިން ފެނި ގޮވާލައްވަ އެވެ.
ފާތިންގެ ސިޔާސީ މަސައްކަތް އޮވެގެން ހިނގަ އެވެ. ހާއްސަކޮށް މަޖިލީހުގަ އެވެ. އެ ދުވަސްވަރަކީ އެކަމަނާގެ ޝަހުސިއްޔަތު ގަތުލު ކުރުމުގައި އުޅުނު ބަޔަކު އަންބާ ކިޔާފައި އެކަމަނާ "ރޮލާ ކައިލާން" އުޅުނު ދުވަސްވަރެކެވެ. މަޖިލީހުގެ ގޯޅިގަނޑުގެ ތެރޭގައި އޮތީ ވަރަށް ފޯރި ގަދަވެފައެވެ. ދުވާލުގެ ހޫނަށްވުރެ އަވަގުރާނަ އާއި ހުތުރު ބަސްތަކުގެ ހަޅޭކުގެ ގިނި ގަދަ އެވެ. ފާތިން އެ ގޯޅީގެ ތެރެއިން ވަޑައިގަންނަވަނީ އެވެ. އެއޮށްހާ މީހުންގެ ތެރެއިން އެކަނި މާއެކަނި އެވެ. އަޅުގަނޑު ފެނުމާއެކު މަޑު ކޮށްލެއްވި އެވެ. އެ ދުވަހު އަޅުގަނޑު އެކަމަނާ ސުވާލެއް ކުރީމާ ދެންނެވީ "އެއީ ދެން އެ މީހުންގެ އާދަ ނޫންތޯ" އޭ އެވެ. "ހުރިހާ އެއްޗެއް އޮތީ ގޮވާ ނިމިފައެވެ! އަލަކުން ގޮވާނެ އެއްޗެއް ވެސް ކިޔާނެ ނަމެއްވެސް ދެން ނޯންނެއޭ" އެވެ. ހިނިފުޅު ވަޑުވާލައްވަމުން ވަޑައިގެންނެވީ އެވެ.
އަޅުގަނޑު ދުށްގޮތުގައި ފާތިން އަކީ ރާއްޖެއަށް ގެއްލުނު ހިތްވަރުގަދަ އަދި އާދަޔާ ހިލާފު ޝަހުސިއްޔަތެވެ. ރާއްޖެއަށް ދެން "ރިޕްލޭސް" ނުކުރެވޭނެ އިލްމީ ވަރަށް ބޮޑު ކޯރެކެވެ. ހައްގު ބަސް ވިދާޅުވުމާއި ހިތްވަރު ކުރެއްވުމާއި ކެރިވަޑައިގަތުމުގައި އާދަޔާހިލާފު ބޭފުޅެކެވެ.
ސިޔާސީ ދާއިރާގައި އެކަމަނާއަށް ކުރިއަށް ވަޑައިގަތުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ވަޑައިގެންނެވި އެވެ. ސިޔާސީ ގޮތުން ގާތް، ބޭފުޅުންގެ ފަރާތުންނާއި ސިޔާސީ ވާދަވެރިންގެ ފަރާތުން އުނދަގޫތަކާއި ފުރައްސާރަ އެކަމަނާއަށް ކުރިމަތިވެ ވަޑައިގެންނެވީ އިންސާފަކާ ނުލައެވެ. އެކަމަކު އެކަމަނާ އަބަދުވެސް ވިދާޅުވި ވާހަކައަކީ އެކަމަނާ ސިޔާސީ މައިދާނުގައި އަޑު އުފުއްލެވީ "ވަކި ބަޔަކާ ދެކޮޅަކަށް ނޫން" ކަމަށާއި އެކަމަނާ އުޅުއްވީ "ގައުމާ އެއްކޮޅަށް" ކަމަށެވެ. މުޅީން ވެސް ހިޔާރު ކުރެއްވީ "ގައުމީ މަސްލަހަތު" ކަމަށެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފައްދަން ސަރުކާރަށް 2002 ވަނަ އަހަރު ހުށަހެޅި ޕެޓިޝަނުގައި ވެސް އެކަމަނާ ސޮއި ކުރެއްވި އެވެ. އަދި ސިޔާސީ ގޮތުން ފިސާރި އަންހެންކަށް ފުރަތަމަ ވެވަޑައިގެންނެވި އަންހެން ބޭފުޅަކީ އެއީ އެވެ. މީގެ ތިން އަހަރާ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރުގައި އެކަމަނާ އަވަހާރަވީ ކެންސަރުގެ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވައި ހާލުކޮޅު ރަނގަޅުވަމުން ދަނިކޮށެވެ. އަދ އެކަމަނާގެ ހިތްވަރުގަ ދަ ބަސްތަކުން ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރައްވާ އެވާހަތައް ލިޔުއްވަމުން ގެންދަވަނިކޮށެވެ.
އަޅުގަނޑާ އެންމެ ފަހުން ބައްދަލުވީ 2013 ވަނަ އަހަރު ފޯނުންނެވެ. އެކަމަނާ އަޅުގަނޑަށް ގުޅުއްވީ އަޅުގަނޑު ލިޔެފައިވާ އޮތް ލިޔުމެއްގައި މީނާޒު އާއިލާގެ ބޭފުޅުން ތަރުތީބު ކުރުމުގައި ކުޑަ އޮޅުމެއް އަރާފައި އޮވެގެން އެކަން ރަނގަޅު ކޮށްލާށެވެ. އޭގެ ފަހުން އެކަމަނާއާބެހޭ ގޮތުން އަޅުގަނޑަށް ވެސް ލިބުނީ އަވަހާރަވި ހަބަރެވެ. މާތް ﷲ އެކަމަނާގެ ފުރާނަ ފުޅަށް ރުއްސެވުމާއި ފުއްސެވުން ދެއްވައި ސުވަރުގޭގައި މިންވަރު ކުރައްވާށި އެވެ.