ރިޕޯޓް

އެހަނދާނުގައި: އެޑިޓަރު، މަނަދޫ އަބްދުއް ސައްތާރު

Jun 12, 2017
17

ވަޒީފާ އަދާކުރި ގޮތުގެ ލިޔުން: "އާދަމް ހަލީމަކީ މަސައްކަތަށް މަރެކެވެ! ފަތިހާ ތެދުވާނެ އެވެ. އިހުލާސްތެރިވާނެ އެވެ! ހީވާގި ކަމަށް އެއްވަނަ އެވެ! އެކަމަކު މީހުނާ ވާހަކަ ދެއްކުމުގައި ޒަވިގޮތެއް ހުންނަ ހަލަނި ކުއްޖެކެވެ!"

މަތީގައި އެވަނީ ފެބުރުއަރީ 12، 1997 ގައި އާފަތިހުގެ ރިޕޯޓަރު ކަމުގެ މަގާމުން ވަކިކޮށް ދިނުމަށް އަޅުގަނޑު އެދުމުން އެ މަގާމުން ވަކި ކުރުމަށްފަހު އަޅުގަނޑާބެހޭ ގޮތުން ނޫހުގެ އެޑިޓަރު މަނަދޫ އަބްދުއް ސައްތާރު ސޮއި ކުރައްވާ ދެއްވި ލިޔުމުގައިވާ އިބާރާތެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއް ވަންދެން، އަގު ނުކުރެވޭނެ ހިދުމަތްތަކެއް ކޮށްދެއްވި ސައްތާރު އަވަހާރަވީ މާޗް 19. 2006 ގައެވެ. އެއީ އަޅުގަނޑުގެ ހިތަށް ފުން އަސަރުތަކެއް ކުރުވި ދުވަހެކެވެ.

އެ ހަބަރު ލިބުނު އިރު އަޅުގަނޑަށް ހުރެވުނީ އަޅުގަނޑަށް ބޮޑު ބޭބެ ކިޔާ އަންހެން ކުއްޖެއްގެ ކައިވެނި މަޖިލީހެއް އިންތިޒާމު ކުރުމުގެ ތެރޭ އެވެ. ހަބަރު ލިބުމާއެކު އެކަން އެ ދުވަހަށް ކެންސަލް ކުރީ އެވެ.

ސައްތާރުގެ ހަނދާންތައް އާ ކުރާއިރު މަތީގައިވާ ލިޔުންކޮޅު އަޅުގަނޑުގެ ފޮތް އަލަމާރިތައް ހާވައިގެން ހޯދައި ވައިބަރުން އަޅުގަނޑަށް ފޮނުވާލައި ދިނީ ސްރީލަންކާގައި މިވަގުތު ދިރިއުޅެމުން އަންނަ އަޅުގަނޑުގެ އަންހެނުންނެވެ. ހަގީގަތުގައި އެ ލިޔުންކޮޅުގެ މަތީން އަޅުގަނޑު ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. މި ލިޔުންކޮޅު ފެނުމާއެކު އަޅުގަނޑަށް ކުރި އަސަރު ބަޔާން ކުރަން ދައްޗެވެ. އަޅުގަނޑުގެ ހިތަށް އަރަނީ އަޅުގަނޑު ކިބައިގައި ރަނގަޅު އެއްވެސް ސިފައެއް ހުރިނަމަ އެ ސިފައެއްގެ ބިންގައި އަޅުއްވައި ދެއްވީ ހުރިހާ އުމުރަކަށް ފިޓް ހިތްޕުޅު ހެޔޮ ސާދާ މިޒާޖުގެ ސައްތާރު ނޫން ދެން ކާކު ހެއްޔެވެ؟

ސައްތާރުގެ ބޮޑުވާ ބިއްލޫރިކޮޅުގައި އަޅުގަނޑު އަޅައިގަތީ ބަނޑޮހުގެ ވަޒީފާއެއްގައި ހުރެގެން އާފަތިސް ނޫހަށް ތަރުޖަމާ ލިޔުންތަކެއް ފޮނުވާން ފެށުމާއެކު އެވެ. ފުރަތަމަ ލިޔުން، ނޫހުގައި "ބަނޑޮހުން މުންޑޫ އާދަމް ހަލީމް" އެގޮތަށް ރިޕޯޓް ކުރެވުމާއެކު އާފަތިހުގެ ފުލްޓައިމް ވަޒީފާއަށް އަޅުގަނޑު ގެންދަން ސައްތާރު މަސައްކަތް ފެއްޓެވި އެވެ. އަޅުގަނޑު ވީއްލައިދޭތޯ ބަނޑޮހުގެ ވެރިޔާގެ މުހައްމަދު ވަހީދުއްދީނުގެ އަރިހަށް ސިޓީއެއް ވެސް ލިޔުއްވި އެވެ. ބަނޑޮހަށް ވަޑައިގެންނެވި އެވެ.

އަޅުގަނޑު މާލެ ބަދަލުވެ 1996 ވަނަ އަހަރުގެ މެދުތެރޭގައި އާފަތިހަށް ނުކުންނަން ފެށި އިރު އެ އޮފީސް ހިނގަނީ ހ. ބަނާނާވިލާގަ އެވެ. އެންމެ ތިރީގައި ޗާޕްހާނާ އެވެ. ދެވަނަ ބުރީގައި ނޫސް ކޮލޭޓް ކުރުމުގެ މަސައްކަތެވެ. އެ ބުރީގައި ނޫހުގެ މަސްއޫލުވެރިޔާ އަދި ޗެއާމަން އައްބާސް އިބްރާހީމްގެ އޮފީސް ކޮޅުވެސް ހިނގަ އެވެ. އޭގެ މައްޗަށް ހުންނަ ބުރީގައި ނޫހުގެ އިދާރީ މަސައްކަތްތަކާއި ލޭައައުޓް ހެދުމާއި ޓައިޕިސްޓުން ތިބޭބަ އެވެ.

ދެން ހުންނަ ބައި ހުންނަނީ ހުހަށެވެ. އެތާނގައި ހުންނަ ދިގު މޭޒެއްގެ މަތީގައި ބޮޑު ސިންގާހާ މީހަކު ދުވާލު އަބަދުހެން ގުގުރީގައި ނިދާ ހަރުދަނޑިވެފައި އޮވެއެވެ. ވަށައިގެން ހުންނަނީ ފިލްމް އިސްޓާރުންނާއި ބޯޅަ ޖަހާ މީހުނާއި ކިރިކެޓް ކުޅޭ މީހުންގެ ފޮޓޯ ތިއްބާފަ އެވެ. ނިއުސް ރޫމެއް ނުހުރެ އެވެ. އެއީ ނޫހެއްގައި ހުންނަ ތަނެއް ކަމެއް އަޅުގަނޑަކު ވެސް އޭރު ނުދަންނަމެވެ. މިދެންވި މީހާ ވީ ކުރިންސުރި ކާކުތޯ ބަލައިލަން އަޅުގަނޑު ބޭނުންވެފައި ހުންނަ މީހަކަށެވެ. އެއީ އާފަތިހުގެ ސުރުހީތައް ލިޔުއްވާ މަޝްހޫރު ބޮޑު އަކުރު ދޮންބެ އެވެ. މިހާރު އަވަހާރަވެއްޖެ އެވެ. އޭރު ހަވީރުގެ ސުރުހީތައް ލިޔުއްވަނީ މަސްއޮޑި ހަމްދީ އެވެ. އާފަތިހުގެ ސުރުހީތައް ދޮންބެ އެވެ. ދެބޭފުޅުންނަކީ "ވާދަވެރި" ދެ ނޫހަށް މަސައްކަތް ކޮށް ދެއްވާ ގާތްގަނޑަކަށް ދެ ބެސްޓް ފްރެންޑުންނެވެ.

އާފަތިހުގެ އާ ދުވަހު ބަނާނާވިލާގެ ތިރިން އަޅުގަނޑަށް މަރުހަބާ ކީ ސީދާ ސައްތާރެވެ. އޭގެ ކުރިން ވެސް ސައްތާރާ ބައްދަލުވެފައިވާތީ އަޅުގަނޑަކަށް ސައްތާރު ފޮޓޯ އަލެއް ނޫނެވެ. ހުންނެވީ ގަމީހާ މުންޑުގަ އެވެ. އަތްޕުޅުގައި އޮތީ އޭނާގެ ކަޅު ކުލައިގެ ރަސްމީ ބްރީފްކޭހެވެ.

އެ ބްރީފް ކޭހަކީ ހަމަ "ދެތަނުން ކެކޭ އުނދުނެކެ" ވެ. ދޮވެ އިސްތިރި ކުރުން ނޫނީ އެއިން ނުފުދޭ އެއްވެސް ކަމަކާ ދިމައެއް ނުވެއެވެ. މުޅި އާފަތިސް ހިންގަވަނީ އެ ބްރީފް ކޭހުންނެވެ. މެނޭޖްމަންޓާއި އިދާރީ ހުރިހާ ކަމަކާއި ނޫހުގެ ކޮންޓެންޓާއި ފައިސާއާބެހޭ ހުރިހާ ކަމެއް ވެސް އޮންނާނީ އެ ބްރީފްކޭހުގެ ތެރޭގަ އެވެ. ބޭސް ފަރުވާގެ ޕެނެޑޯލް ފޮއްޓާއި ބެންޑޭޖާއި ހައި ވެއްޖެއްޔާ ކާނެ ކުޅި ގުޅަ ކޮތަޅުވެސް އެއިން ލިބެއެވެ. ފޮތް ފަންސޫރާއި ބެޓެރިވެސް އޭގައި ހުންނާނެ އެވެ.

ގާތްގަނަޑަކަށް އެކުއެކީގައި ނޫސްވެރިންގެ ގޮތު އަލަށް އާފަތިހަށް ވެއްދި "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއީލް ނަސީރަކީ އެ ބްރީފްކޭހަށް އެކި ދުވަހު އެކި ނަން ދެއްވާ އޭރު ދެން އަޅުގަނޑުމެންގެ "ކިންގެ" ވެ. އެކަމަކު އިސްމާ އަޅުގަނޑަށްވުރެ އަހަރެއްހާތަން ހަގުވާނެ އެވެ. އެހެންނަމަވެސް ސްކޫލްގައި ނޫހެއް ނެރެގެން އޭނާ އޮބި އަޅައިގެން އުޅުނު ހަނދާނާއި އޭގެ ފަހުން "ގުރަހެލި" ނަމުގައި މަޖައްލާއެއްގެ މަސައްކަތް ކުރި ހަނދާން އަޅުގަނޑުގެ އެބަހުއްޓެވެ. އާފަތިހަށް ވެންނެވި އިރުވެސް އިސްމާ ހުންނެވީ ދާއިރާއަށް ގަހުން ކަނޑާލި ގޮތަކަށް ނޫނެވެ. އެ ހާލުގައި ހުރީ އަޅުގަނޑު ފަކީރެވެ.

ކުރީގެ ނޫސްވެރިން ކަމަށްވާ މަރިޔަމް ސައީދު އާއި މޫނިސާ އީސާ އާއި ކުރީގެ ލަވަކިޔުންތެރިޔާ އާމިނަތު ސާނީ ވެސް ނޫހުގެ ތެރެއަށްވަނީ ހަމަ އެކުއެކީ އެވެ. މިއީ މީހުން ހަނދާން ނެތް ވާހަކަ އަކަށް ވެސް ވެދާނެ އެވެ. އެންމެން ބައްދާލާ ހިތްވި މޮޅު ލަވަކިޔުންތެރިއަކަށްވުމުގެ ކުރިން ސާނީވީ ނޫސްވެރިއެކެވެ. އޭނާ އޭރުގެ ވަޒީރުންނަށް އަމާޒު ކުރުވި ސުވާލުތަކަކީ އެ ދުވަސްރު މީހުން ހައިރާން ކުރުވައި ހާދަހާ ޖެހިލުން ކުޑަ ކުއްޖެކޭ ބުނާން ޖެހުނު ސުވާލުތަކެވެ. ފަހުން ލަވަކިޔުން ހުއްޓާލުމާ ހަމައަށް ވެސް ފްރީލާންސްކޮށް ނަމަކާއި ނުލައި އެކި ނޫސްތަކަށް ސާނީ ލިޔުނެވެ. އެ ޓީމަށް ދެން އިތުރުވީ ހިރިލަންދޫ އަހުމަދު ޝަރީފެވެ.

އާފަތިހުގައި އޭރު ވެސް އޮތް ޖަމާތުގެ ތެރެއިން އަޅުގަނޑުމެންގެ ޓީމްގެ ތެރަށް ވަނީ މިހާރު މީރާގައި އުޅުއްވާ ކުރީގެ ނޫސްވެރިޔާ މުހައްމަދު ޝާހިދެވެ. އަޅުގަނޑުމެން އެންމެން އެކުވީމާ މުޅީން ވެސް އޮންނާނީ ސައްތާރުގެ ބްރިފެކޭހުގެ މޮޅު ވާހަކަ އެވެ. އޭނާ ނެތް ދުނިޔެއެއްގެއި ނޫހަށް ވެދާނެ ގޮތަކާ ބެހޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާ ހަދާފައިވާނެ އެވެ.

ބައެއް ދުވަސް ދުވަހު ސީދާ ސައްތާރު އަޅުގަނޑުމެނާއެކު ސަމާސާ ކުރައްވަން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އާދައިގެ މަތިން "ސަރިޔަންކަޓޭ ގުޅިޔާ!" އޭ ވިދާޅަމުން ދައްކަވާ ވާހަކުފުޅުގެ ތެރޭގައި މި ޓީމަކީ އޭނާގެ "ޑްރީމް ޓީމޭ" ތަކުރާރުކޮށް ވިދާޅުވި އެވެ. ކަންވީ އެހެނޭ ވެސް ބުނެވިދާނެ އެވެ. އިސްޕޯޓްސް ލިޔަން ޝާހިދު ވަރެއް ހުންނާނެ ހެއްޔެވެ؟ ސާނީ އެހެން ދިމާއަކަށް ކަނޑައިލިޔަސް އޭނާ ނައްޓައިލީ ނޫސްވެރި ކަމުގައި ނަން ދަމަހައްޓާފަ އެވެ. ހިރިލަންދޫ ޝަރީފު ވަރުގެ ހީވާގި ނޫސްވެރިއެއް އަދިވެސް އުފެދިފައި ވެއެކޭ ހީއެއް ނުއެވެ. ނިކަން އިސްމާ ބަލައިބަލާށެވެ. އެހެރީ ހާދަހާ ކުރިއަށް ޖެހިލާފަ އެވެ.

މޫނިސާ އާފަތިސް މަރުވުމާ ޖެހެން ދެންވެސް ހިތް ވަރުކޮށް ނޫސްވެރިކަމުގެ މަތީ އިނާމް ހޯއްދެވި އެވެ. މަރިޔަމް ސައީދު މޮޅު ނޫސްވެރިއަކަށްވި އެވެ. ހުސައިން ފިޔާޒް މޫސާއާ ބެހޭ ގޮތުން ބުނާނީ ކީކޭ ހެއްޔެވެ؟ ދެން ހުރީ ޅޮހަކަށް ވެސް ނުވާ އަޅުގަނޑެވެ. ހުއްޓާ ނުލައި މިކަމުގެ ތެރޭގައި އެބަ ހޭކެމެއް ނޫން ހެއްޔެވެ؟ މިއިން ކޮންމެ މީހަކަށް ފެށުމެއް ހޯދައިދީ ތަރުބިއްޔަތާއި ތަމްރީނުތަކެއް ދެއްވީ ސައްތާރެވެ.

އަޅުގަނޑުމެން ދެކެ އޭނާ ލޯބިވާ ވަރަކީ އަޅުގަނޑުމެނަށް ނިސްބާތް ކުރާނީ "ބޭފުޅާ" ކުރިޔަށް ލައްވާފައި ބުރަކަށީގައި ފިރުމާލައްވާފަ އެވެ. އިސްމާއަކީ "އިއްސޭ ބޭފުޅާ" އެވެ. އަޅުގަނޑަކީ "އާދަން ބޭފުޅާ" އެވެ. ސާނީ އާއި މަރިޔަން އާއި މޫނިސާ އާއި ޝަރީފު އެއީ ސައްތާރު "ލޮލޭ" އަޅުގަނޑު ނުބުނެފީވިއްޔާ އަޅުގަނޑުވާނީ ދޮގު ހަދާ ބައިގަ އެވެ.

އާފަތިހުގެ މަސައްކަތުގެ ހުރިހާ ފުރޮޅުތަކެއް ހެނދުނު ހެނދުނާ އެބުރެން ފަށާނެ އެވެ. އެ ދިއުޅި ހުއްޓޭނީ އަނެއް ދުވަހު 10:00 ޖަހާއިރު ހުރިހާ ނޫހެއް ބޭރުވެ "އާޖުކާ ތާޖާ ހަބަރަށް" ވީމަ އެވެ. އޭރު އޮންނާނީ، އެ ދުވަހުގެ އިންޖީނަށް ހެންޑެލިޖަހައި އަނބުރާލާފަ އެވެ.

ސައްތާރު ގެއަށް ވަޑައިގަންނަވާނީ ފަތިހު ނޫސް ޗާޕަށް ގޮސް ފުރަތަމަ ކޮޕީ ޗާޕުވުމުން އެ ކޮޕީއާއެކު އޭނާގެ މޭޒު މަތީގައި ދެފައި ވަށްކޮށް އިށީނދެވަޑައިގެން އެވަގުތަކު ތިބޭ އެންމެނާއެކު ހީނ ސަމާސާ ކުރައްވާ އެހުރިހާ އެންމެނާއެކު ހޮޓަލަށް ވަޑައިގެން ސައި ބެއްލެވުމަށްފަހު އެވެ. އޭނާ ވިދާޅުވާ ގޮތުން އާފަތިސް ޗާޕްވެގެން ނުކުންނަ ވަގުތު ކޮޅަކީ އެންމެ އުފާވެރި އެންމެ ހާއްސަ ވަގުތުކޮޅެވެ. އެއީ އޭނާ "އުފުލައިލެވިގެން" މޭޒުމައްޗަށް އަރާ ވަޑައިގަންނަވާ ވަގުތުކޮޅަށް ހައްދަވަނީ އެހެންވެގެނެވެ. ކަރު ތެންމާލުމަށް ބްރީފް ކޭސް ހުޅުވައިލައްވަނީ އެހެން ވެގެނެވެ.

ސައްތާރު އޮފީހަށް ވަޑައިގަންނަވާނީ 10:00 ޖަހާއިރު އެވެ. އާފަތިހުގައި ދުވެލީގެ ހިދުމަތް ފެށުމާ ހަމައަށް ވަޑައިގަންނަވަނީ ކުލީ ކާރެއްގަ އެވެ. މުހިންމު ބައްދަލުވުމަކަށް އެހެންނާ ވަރަށް މުހިންމު ބޭފުޅަކާ ބައްދަލު ކުރައްވަން ނެތީވިއްޔާ ވަަޑައިގަންނަވަނީ އޭނާގެ މަޑު ނޫކުލައިގެ ގަމީހާއި ކަށިމައްޗާ ހަމައަށް ކޮށި ކޮށްލާފައިވާ މުންޑުގަ އެވެ. އަތްޕުޅުގައި އެއްކަލަ މޮޅު ބްރީފްކޭހެވެ. އެހިސާބުން ދުވަސް ފެށުނީ އެވެ. ޖީބުގައި ބޮޅު އަޅާ ރަތް ގަލަމައި އެޑިޓްކުރައްވާ ކަޅު ގަލެމެވެ.

އެޑިޓަރު އެއީ ވަކި ކަމަކަށް ހާއްސަވެވަޑައިގެފައިވާ ބޭފުޅެއް ނަމަވެސް މުޅި ނޫހުގެ ހުރިހާ ކަމެއް ސީދާ ސައްތާރު ބައްލަވާނެ އެވެ. އެއީ ކަފާލައި ކަރުދާހުގެ ކުނިކޮޅު އުކާލުން ކަމަށްވިޔަސް ގޯނީގައި ހިއްޕަވައިގެން އިސްވެ ސައްތާރު ހުންނަވާނެ އެވެ. އެ ބޮޑު އޮޕަރޭޝަން އޭނާ ކުރިޔަށް ގެންދަވަނީ އެއްވެސް މީހަކު ރުޅި ނާންނާނެ ގޮތަށް އެންމެން ރުއްސާ ހެއްވައި ހައިވެސް ފިލުވައި ދީގެނެވެ.

ދުވާލުގެ 10:30 އިން 11:30 އަށް އަމިއްލަފުޅު އޮފީސްކޮޅުގައި ކުޑަކުޑަ ވަގުތުކޮޅެއް ހޭދަ ކުރައްވާނެ އެވެ. އެ ވަގުތުކޮޅަކީ އަޅުގަނޑުމެން ގެންގޮސްގެން އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވާ ސީރިއަސް ވަގުތުކޮޅެކެވެ. ބައެއް ފަހަރު ވަންޓްވަން އެވެ. އަނެއް ބައި ފަހަރާ ބޮޑު ޖަމާއަތެވެ.

ވަރަށް މަޖާ ކަމެއް ވެސް ދިމާވެއެވެ. ސައްތާރު ކޮންމެ ދުވަހަކު އެ އޮފީހަށް ވަދެ ވަޑައިގަންނަވާއިރު އެ އޮފީސް ހުންނަނީ ފަޅާލާފަ އެވެ. އެއްޗެއް މަދެއް ނުވެއެވެ. ފެލާލާފައި ހުންނަނީ ދޮރެވެ. އެ މައްސަލަ ބަލަން ހަވާލުވަނީ އަޅުގަނޑެވެ. އެ ތަހުގީގެއް ކުރިޔަކަށް ނުދެއެވެ. އަނެއް ދުވަހުވެސް އޮފީހަށް ވަދެ ވަޑައިގެންފައި ވިދާޅުވާނީ "އާދަން ބޭފުޅާ މިއަދުވެސް އޮފީސް ފަޅާލައިފިއޭ" އެވެ.

ހަގީގަތުގައި ސައްތާރުގެ އޮފީސް ލޫޓުވަނީ އަޅުގަނޑެވެ. ވާގޮތަކީ އާފަތިހުގައި ކުރީންސުރެ މެދު ކަނޑާ ނުލައި ޖަހާ ވާހަކައެއް އޮވެއެވެ. އެއަށް ކިޔަނީ "ޕެއެރިނީޒްގެ ހަނދެ" ވެ. އެއެއް ނުނިމިގެން މީހުން އަބަދު ޝަކުވާ ކުރެ އެވެ. އަނެއްކޮޅުން ހަބަރު ފިޔަވައި އަޅުގަޑުމެން އެއްޗެއް ލިޔުނަސް އެއަކާހުރެ ޖާގައެއް ލިބޭ ވަރެއް ނުވެއެވެ. ދުވަހަކު އެވާހަ ނުއެއް ނިމެއެވެ. އެވާހަކަ ލިޔެފައި އޮންނަ ފޮތް އޮންނަނީ ސައްތާރުގެ މޭޒުކޮޅުގަ އެވެ. ނޫހުގައި އެވާހަކަ ޖެހުން ހުއްޓު ވަން އަޅުގަނޑުމެން އެންމެން ސައްލާކޮށް ރެއެއްގެ ހަތަރު ދަމުން ނިންމީ ގުޅޭ ބައި އޮޅުވާލާ ކިޔުންތެރިން ރުޅި އަރުވާލާށެވެ. އެންމެން ރާވައި އަޅުގަނޑު އިސްވެ ހަދާ ގޮތަކީ ކޮންމެ ރެއަކު އޮފީސް ފަޅައިލައިގެން ވަދެ އޮރިޖިނަލް ފޮތުން ގަނޑު ކަނޑައި އެ ގަނޑުތައް ބޮނޑިކޮށްފައި ޖެހިގެން ހުންނަގޭގެ ފުރާޅުމައްޗަށް އަޅައިލަނީ އެވެ. އެ ވާހަކަ ހުއްޓުނީ ކުރިން ޖެހިތަނެއް ފަހުން ޖާހާންވީ ތަނެއް ނޭނގި ހާލިބާލިވެގެނެވެ. -- މިއީ ސިއްރެކެވެ ލޮލް --

ރޭގަނޑު ނޫހުގެ ހުރިހާ ހަބަރުތަކެއް ނިމުމުން ހަބަރުތައް އަޅާ ކިޔުމުގެ މަސައްކަތް ސައްތާރު ވަރަށް ގަޔާވެގެން ކުރައްވާނެ އެވެ. އައިނު އަޅުއްވައިގެން ބޮޑުވާ ބިއްލޫރިކޮޅެއް ހިއްޕަވައިގެން ބައްލަވައި ނުބައި ގައި ޓިޕްކެސް ޖައްސަވަމުން އޭނާގެ ކަޅު ގަލަމުން އެޑިޓް ކުރައްވަމުން ގެންދަވާނެ އެވެ. މެންދަމުން އަލިވެ ދޭއް ތިނެއް ޖަހާއިރު ސައްތާރު އިންނަވަނީ އަވަހާރަފުޅު ލެއްޕިފަ އެވެ. ދެން ޓިޕްކްސް ޖައްސަވާނީ ބިއްލޫރިކޮޅުގަ އެވެ. އަޅުގަޑުމެން ކަރުހެކެހިލީމާ "ދެން އާދަން ބޭފުޅާ މިއޮއްވީ ގޮތެކޭ" ވިދާޅުވެފައި އުޅުއްވާނީ އެ ބިއްލޫރި ކޮޅު ސާފު ކުރައްވާށެވެ. އަޅުގަނޑު ވަރަށް ހަނދާން ވެއެވެ. އެ ގަޑީގައި އިސްމާ ގާތަށް އެއޮއް އަންނަ ހިންޏަކާއި އެހަރަ ތޮޅި މީހާ ބިނދި ބިނދިފައި ވެއްޓޭ ގޮތެވެ.

ޓިޕެކްހަށް ސައްތާރު ވިދާޅުވާނީ ހުދުފުޅި އެވެ. އެއް ރެއަކު ހުދު ފުޅިން ބިއްލޫރި ގަނޑުގައި ޓިޕެކްސް ޖައްސަވައިފި އެވެ. އެއާއެކު ކުއްލިއަކަށް ތެދުވެ ވަޑައިގެން އަމިއްލަފުޅަށް ހަޖުލެއް ޖައްސަވަމުން ވަައިޑަގަންނަވަން އުޅުއްވަނިކޮށް މޭޒުގެ ކަނުގައި މުންޑު އަޅައިގެން ބޮޑު ސިންގާކޮށް އިރައިގެން ހިނގައްޖެ އެވެ. އެރޭ އެ ބާގަނޑު ބައްދަލަވަން ހެއްދެވި ގޮތެއް އެނގިވަޑައިގަންނަވާތޯ އެވެ؟ އެ ބޮޑު ބާގަނޑު މަތީގައި އަދައިގެ ދެރަވަރުގެ ސެލޯ ޓޭޕް އެޅުއްވީ އެވެ. އަނެއް ދުވަހު އޮފީހަށް ވަޑައިގެންނެވީ ވެސް ހަމަ އެ މުންޑުގައި ސެލޯޓޭޕް އަޅުއްވައިގެނެވެ. ހެދުން ކޮޅު ވަރަށް އާދައިގެ ވަރަށް ހިތްތިރި ބޭފުޅެކެވެ.

ސައްތާރަކީ އޭނާގެ ބަސް މޮށުންތެރި ކަމުގައި މީހަކު ތަޅައި ދުންކާލި އަރުވާލައިފާނެ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އެކަމަކު ފިސާރި ތެދެއް ދަންނަވަފާނަމެވެ. ދުވަހަކު ވެސް މީހަކު ދެރަވާނެ ބަސްފުޅެއް ވިދާޅެއް ނުވެ އެވެ. އަބަދުވެސް ވިދާޅުވާނީ ކޮންމެވެސް ސަމާސާ ވާހަކައެކެވެ.
އަދި ވަރަށް މަޖާ ކަމެއްވެސް ކުރައްވަ އެވެ. ދޭތެރެއަކުން ކޮންމެވެސް ކޮމްޕިއުޓަރެއް ނިވިދާނެ އެވެ. މައްސަލައެއް ވެސް ދިމާވެދާނެ އެވެ. ސައްތާރު ވިދާޅުވާނީ އެހެން ބުރި ބުރީގައި ހުންނަ ކޮމްޕިޓަރުތައް ވެސް އަވަހާ ނިއްވާލެއްވުމަށެވެ. އެއަކީ އެނގިވަޑައި ނުގެން ކުރައްވާ ކަމެއް ނޫނެވެ. އެއީ ގަސްދުގައި މުޅިތަނަށް ކުއްލި ސަމާސާގެ ފޯރިއެއް ގެނައުމަށް ކުރައްވާ ކަމެކެވެ. މޯޓިވޭޝަންގައި އޭނާގެ ގެންގުޅުއްވި އުކުޅުތަކީ އަޖައިބެއް ކަހަލަ ކަންކަމެވެ.

ރޭގަނޑު ކާން ދެއްވާނެ އެވެ. ފަތިހު ސައި ދެއްވާނެ އެވެ. އެންމެން ގޮވައިގެނެވެ. އެހެން އުޅުމުގައި ސައްތާރު އަޅުގަނޑުމެންގެ ކެއުން ކޮންމެވެސް ތާކުން ވަކި މުއްދަތަކަށް ހަމަޖައްސައި ދެއްވި އެވެ. އެކަމުގައި ވަރަށް ބޮޑު ލަނޑެއް އަޅުގަނޑަށް ލިބުނެވެ. ސައްތާރާ ނުލައިވެސް އަޅުގަނޑުމެން ގޮސް ކަނީ އެވެ. ފަހުން ފަހުން އެ ކޯޓާ ހަމަވި ފަހުން އަޅުގަނޑު ނުލައި ގޮސް ވެސް މިވެރިން ކަނީ އެވެ. އެންމެ ފަހުން ކައިފާ އަޅުގަނޑުގެ ނަން ޖަހަލާފައި ރައްކާވަނީ އެވެ. މިކަމުގައި ބޮޑު މީހަކީ އިސްމާ އެވެ. އަޅެ އަޅުގަނޑު ހަވީރަށް ވެސް ބަދަލުވިތާ މާފަހަކުން އަޅުގަނޑުގެ ދައްތައަކު އެއް ދުވަހު ފޯނު ކޮށްފައިވާ ޖަހާ ވަރު އަރުވާލައިފި އެވެ. އެބަ ބުނެ އެވެ: "ގޮތް ސުމާރު ކުޑަކޮށްލައި ތަންތަނުން ލޭންދޭނަށް ކާން ފެށީ ކޮން އިރަކު ހެއްޔެވެ؟"

އަޅުގަނޑު ގަންނާ ކުރެއްވި ލަދުން ހަރުކޮށް އެތަނަށް ދިޔައިރު ހަތަރު ހާސް ރުފިޔާ އަރުވަލާފައި އޮތެވެ. އެހެންމަވެސް ދައްތަ އޮތީ ދަރަނި އަދާކޮށްފަ އެވެ. ލޭންދޭނަށް ކައިފައިވާ މީހުންގެ ލިސްޓެއް އަލުން ނެރެފައި އޮތީ އަޅުގަނޑުގެ ނަން އުނިކޮށްފަ އެވެ.

ސައްތާރަކީ ވަރަށް މޮޅު ލިޔުންތެރިއެއް ކަމަށް އަޅުގަނޑު އެއްބަސް ވާނަމެވެ. އަދި ނޫސްވެރި ކަމުގެ ވަރަށް މޮޅު ކޯޗެއް ކަމަށް ވެސް ގަބޫލު ކުރާނަމެވެ. އެއީ ހަބަރުގެ އާ ކުރި ހޯއްދަވައި ދެއްވާ ވަރަށް މޮޅު ކޯޗެކެވެ. އާފަތިހުގައި ސައްތާރު ކޮންމެ ދުވަހަކު ލިޔުއްވި އެޑިޓިއޯރިއަލް ކޮލަމަކީ އެދުވަހުން އެދުވަހަށް ލިޔުއްވާފައި ހުރި ލިޔުމެއް ނޫނެވެ. އެ އަހަރެއްގެ ކަލަންޑަރު ލިބި ވަޑައިގަތުމާއެކު ދުވަހާ ގުޅުވައި އޮންނަނީ މާކުރިން ލިޔުއްވައި ބޮޑު ފޮތަކަށް ނަކަލު ކުރައްވައި އޭގެ ތަރުތީބުގެ ދަފުތަރެއް ހައްދަވާފަ އެވެ.

މޭޒުކޮޅު މަތީގައި އެ ފޮތް އޮންނާނެ އެވެ. އެއާ ގުޅޭ ޓޭބަލެއް ބިއްލޫރިގަނޑުގެ ދަށުގައި އޮންނާނެ އެވެ. ތާރީހު ބައްލާލަވާފައި މި ސޮފުހާގެ މިވެނި ފޮޅުވަތަކުން ފަށައި މިތެއް ވަނަ ފޮޅުވާތާ ހަމައަށް ޓައިޕްކޮށްގެން ގެންނަހަރޭ ވިދާޅުވެފައި ދެން ނިތް އެއްލަވާނީ އަޅުގަނޑުމެނަށެވެ. އަޅުގަނޑުމެނަށް އެ ދައްކަވަފައި ހިނިފުޅުވަޑުވާން އިންނަވައިފާނެ އެވެ. ހުރިހާ އެޑިޓޯރިއަލެއްގައިހެން ހުންނަނީ އޭނާގެ ފައިމައްޗަށް ނޭރޭނެ ގޮތަށް ފާޑު ކިޔައި ސަރުކާރުގެ ފައިމައްޗަށް އަރާފަ އެވެ.

ލޭއައުޓް ވެސް ހައްދަވާނެ އެވެ. އާ ހިޔާލުވެސް ދެއްވާނެ އެވެ. ފޮޓޯވެސް ރައްކާ ކުރައްވާނެ އެެވެ. ދަތުރުވެސް ވަޑައިގަންނަވާނެ އެވެ. ވަރަށް ޝައުގުވެރި ކަމާއެކު ފޮޓޯ ކެޕްޝަން ލިޔުއްވާނެ އެވެ. އާފަތިސް މިހާރު ބަލައިލީމާ ވެސް ވަރަށް އާދަޔާހިލަފު ފޮޓޯ ކެޕްޝަން ހުންނާނެ އެވެ. ކޮންމެވެސް އަކުރަކުން އެހެންނާ ފިއްޔަކުން އެކަމަކާ ގުޅުންހުރި ފަރާތަށް ކޮންމެވެސް ހަމަލާއެއް ދެއްވާފައި އޮންނާނެ އެވެ. އާފަތިހުގައި ގާތްގަޑަކަށް ހުރިހާ ކެޕްޝަނެއް ލިޔުއްވަނީ ވެސް އޭނާ އެވެ.

ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ލިބިވަޑައިގެންފައިވާ ސައްތާރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގަ އެވެ. ސައްތާރު އަވަހާރަވި އިރު އަށް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރެއިން މޫސާ ސަރުޖީލާއި ރުކުޝާނާއަކީ އަޅުގަނޑުމެނާއެކު ނޫހުގެ ތެރޭގައި އުޅުއްވި ކުދިންނެވެ. އަދި ސައްތާރުގެ އަނބިކަނބަލުން ވަހީދާއަކީ ވެސް ހަނދާނު ފިލައި ނުދާނެ "މަންމަ" އެކެވެ.

އާފަތިހުގެ އެޑިޓަރުކަން 19 އަހަރުވަންދެން ކުރައްވުމަށްފަހު ސައްތާރު ވަކިވެވަޑައިގެންނެވުމުން މާގިނަ ދުވަހަކު އާފަތިސް ދެމިއެއް ނޯތެވެ.
އަޅުގަނޑު އާފަތިހުން ވަކިވި ދުވަހު ސައްތާރު ވަކީން އަޅުގަނޑާ ބައްދަލު ކުރެއްވި އެވެ. ވަކިވެގެން އަޅުގަނޑު ދާތީ އޭނާގެ ލޮލުން އެދުވަހު ކަރުނަހިލުނު މަންޒަރު އަޅުގަނޑު ދުށީމެވެ. އެންމެ ފަހުން ބައްދަލުވީ ނޫސްވެރިކަމުގެ ގާނޫނުތަކަށް ނޫސްވެރިންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ދޭތެރެއަކުން "އާދަމް ބޭފުޅާ ވަޑައިގެން ބަލައްވާށޭ" ވިދާޅުވެ ގޮއްވާލައްވަ އެވެ. ބުރަކަށީގައި ފިރުމާ ލައްވައެވެ.

މިއަދުކު ސައްތާރެއް ނެތެވެ. މިއަދަކު އާފަތިހެއް ވެސް އެގޮތުގައެއް ނެތެވެ. އެހެން ނަމަވެސް އޭނާ ވަނީ ނޫސްވެރިކަމަށް ޑްރީމް ޓީމެއް ނެރެފަ އެވެ. ނޫސްވެރި ކަމުގެ ޖީލެއް އުފައްދައިދީފަ އެވެ. މޮޅު ލިޔުންތެރިން އޭނާ ބޮޑުކޮށް ދެއްވި އެވެ. އޭނާގެ ވަކިވުމަކީ ނޫސްވެރި ކަމުގައި އެއްވެސް ބަޔަކަށް ފޫބައްދައި ނުދެވުނު ބޮޑުވެގެންވާ ގެއްލުމެއްކަން އާފާތިސް ނެތުމުން އެބަ އެނގެ އެވެ.

ހިތްހެޔޮ، ހެޔޮލަފާ އަބުރުވެރި، ސާދާ ދިިރުއުުޅުމެއް އުޅުއްވެވި ސައްތާރަށް އާހިރަތުގެ ފުއްސެވުމާއި ސުވަރުގޭ ފުރިހަމަ ނިއުމަތާއި އުފާ މިންވަރު ކުރައްވާށި އެވެ. އެ ހަނދާންތައް އަޅުގަނޑާއެކު އެބަ ދިރިއުޅެެވެ. އެ ބްރިފްކޭހުގެ ޕޮލިސީއަކީ އަޅުގަނޑުގެ ކުޑަކުޑަ އާއިލާގެ މައްޗަށް އަޅުގަނޑުވެސް ފަތުރާލާފައި އޮންނަ ޕޮލިސީ އެވެ. އަދި އެއްވާހަކަ އެވެ. ވަޒީފާއިން ވަކިވުމުން އަޅުގަނޑަށް ދެއްވި ލިޔުމުގައިވާ ގޮތަށް ފަތިހާ ތެދުވާނަމެވެ. ވެރިންނަށް އިހުލާސްތެރިވާނަމެވެ. ހީވާގި ވާނަމެވެ. އެކަމަކު މީހުނާ ވާހަކަ ދެއްކުމުގައި އަދިވެސް އެ ޒަވިގޮތެއް ނުކެނޑެ އެވެ. އެހެން ވެދާނެ ދޯއެވެ!