ގޮއްޔެ މި ބުނަނީ ދާލުން ދެއްޔޭ!

މިއީ މީހަކު ދެބަސް ވާނެ ކަމެއް ނޫނެވެެ؛ ދާލުން ދެލި ކިޔޭނެ އެވެ. އެކަމަކު މިއުޅެނީ އަކުރު، ދާލުގައި ފިލިޖަހައިގެން "ދެލި" ކިޔާކަށް އަދި ލިޔާކަށް ވެސް ނޫނެވެ. މިއީ އެހެން ފާޑެއްގެ ދެއްޔެކެވެ. މުޅީން އެހެން ވާހަކަ އެކެވެ. މި ދެލިން ކުރެހޭނީ އަންޒަމާނުއްސުރެ އަަހަރެމެން ކިޔައި އުޅޭ އަދި ކިޔައިދީ އުޅޭ ހިޔާލީ ދެވިތަކެވެ. ކައްޑެއްވާއި މޮޅަދެވި އަހަރެމެންގެ ލޮލަށް ފެންނަ ވަރަށް މި ދެލީން ކުރަހައިލެވެ އެވެ.

ދިވެހި ފޯކްލޯރްތަކުގެ އިސްޓާރުން ކަމަށްވާ ނަންމުރާއްސާއި އޮތިއްޔާ އޮތް ނުބައިހާ ދެއްވަކާއި ހަންޑި އިފްރީތާއި މާރިދުން މި ދެލީން ފޭދިގެން އާދެ އެވެ. ދެވި، ހަންޑިތަކުގެ މުލައްދަނޑީގައި ދިިވެހިން އަޅުވާދީފައިވާ އަކަ ފަންޑިތަ އައި ތަވީދުގެ ފެންވަރާއި ފަންވަރުގެ މި ދެލީން ފެވެ އެވެ. ހުރިހާ ކަމެއް ޖައްމުކޮށް ކުރެހުންތެރިންގެ ތެރޭގައި ގޮއްޔެގެ ނަމުން މަޝްހޫރުވެފައިވާ މަރިޔަމް ނަޒީހާ ބުނަނީ "ދާލުން ދެލި" ކިޔޭނެއޭ އެވެ. އެއޮތީ ކިޔާފަ އެވެ.

މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ އާއި ސެންޓު ފިހާރަ، ލެކިއުޓުން ބާއްވައިދޭ "ސޯލޯ އާޓް އެގްޒިބިޝަންގައި" މިފަހަރުގެ ދެއްޔަކަށްވީ ދިވެހިންގެ ގޮއްޔެ އެވެ. އެއޮށް ރީތި ލެކިއުޓްގެ ތަރީބުގެ ތެރެއަށް އަހަރެމެންގެ ގޮއްޔެގެ ދެލި އޮއްސައިލުމުން މުޅި ލެކިއުޓް ތެރެ ފުރައިލަނީ ދެވިތަކާއި ހަންޑިތަކާ ދިމާއަށް ފުމެލާ ފަންޑިތައިގެ ބޯ ދުންގަނޑެވެ. އެކަމަކު "ހުރިހާ މީރެއް އެއްކޮށްފައިވާ" ލެކިއުޓްގެ މީރު ވަހާއެކު އެވެ.

ގޮއްޔެގެ ފުރަތަމަ އަމިއްްލަ އެގްޒިބިޝަނުގައި އޭނާގެ ދެލީން ފަވާލި 13 ކުރެހުން އަރުވާފައި ވަނީ ލެކިއުޓްގެ މަތީ ތަޅުމަށެވެ.

ލޯ ފޮހެލައި ހަމަޖެހިލައިގެން ބަލައިބަލާށެވެ. އެތިބީ ރާއްޖޭގެ އިހު އެވޭލާ ވާހަކަތަކާއި ތާރީހަށް ގޮއްޔެގެ ހިތް ދެވުމުން އޭނާއަށް ފެނުނު ހިޔާލީ ދެވިތަކާއި ހަންޑިއް ފެންނަށް ފަށަށް އައިހެވެ.

ގޮއްޔެ އޮޅުކޮށްފައިވާ "އަވައްޓެހިކުއްޖާ" އާއި "ދެވިހަންޑި"ތައް އަހަރެމެނާ ހަމައަށް ގެނެސްދީފައި މިވަނީ ލައިން އާޓްގެ ޒަމާނީ ސިފަައެއް ޖައްސައިގެނެވެ. އެހެންވިޔަސް އަންޒަމާނުގެ ފްލޯކް ވާހަތަކުގައި އަހަރުމެން ސިއްސުވާ ބިރުގެއްނެވި ހަންޑިތަކުގެ ސިފަ އަހަރުމެނަށް އިވުނުހެން ސީދާ ދަތަކަށް ދަތެއް ރުލަކަށް ރުލެއް އަރުވައިގެނެވެ. ރާނީންނާއި ރަސްރަސްކަލުން ރަނީން ނާއި ރަހުންގެ ޝާހީ ކޮއިލުގެ ވާހައަކަށް ނުގޮސް ގޮއްޔެ ކަޅާއި ހުދު ދެލީން ވަނީ ހަންޑިވެލުގެ ތެރެއަށެވެ.

މަޝްހޫރު ތާރިހު އިލުމްވެރިޔާ އަދި ލިޔުންތެރިޔާ ކޮލި ހަސަން އަހުމަދު މަަނިކު ލިޔުއްވާފައިވާ "މޯލްޑިވިއަަން މިތްސް" ގައި އޭނާ ގެނެސްދީފައިވާ ދިވެހި ރޫހީ ދިރުންތަަކާއި ފުލޯކް ވާހަކަތައް އެއީ ގޮއްޔެ އަށް ފެނުނު އަސްލެވެ. އޭނާއަށް ހަންޑިތަކާ ރައްޓެހިވެވުނު ހިސާބެވެ.

ހުރިހާ ހަންޑިތަކާއި ދެވިތައް ފުރަތަމަ ނަގައި ލީ ގޮއްޔެގެ ސިކުނޑީގެ ތެރެއަށެވެ. އޭނަގެ ސިކުނޑީގައި ފޮޓޯ ނަގައި ސާފު ކުރުމަށްފަހު ކުރެހުމަށް ތިރީ ކުރީ ކަޅު ދެލީންނެވެ. ގޮއްޔެގެ ބޯލް ޕޮއިންޓް ގަލަން އަތަށް ހެޔޮވަރުކޮށް ފުރަތަމަ ހިފަހައްޓާލީ ފުރި ބަންޑުންވާން ކައިރިވެ އޮތް ސަންތި މަރިޔަނބު -- ސެއިންޓް މާރިއާ -- ގެ ދަތް ގޯނީގަ އެވެ.

ބަލަ، ސަންތި މަރިޔަނބާއެކު ސަަފަރު މަހުގެ ރީތިި ހަަނދުވަރު ތެރޭ ގިފިލި ވަޅު ދޮށަށް ފެންވަރާ ނަލަވާން އަންނަ ކަތްދަ އާއި އެ ކަތްދަަގެ ފެން ނުވަރާ ހަތް ދަރިންގެ އަަތުގައި ހިފާ ބާރަށް ކޮށްޕާލީ ވެސް ގޮއްޔެ އެވެ. ގޮއްޔެގެ ރީތި ކުރެހުމެކެވެ. އެ ހަތް ބެއިންނާ ދިމާއަށް ކަތްދަ، "ފެންނުވަރާ ކަރާނީ... ދެބުރި ދަނޑީން ތަޅާނީ" އޭ ބުހެން ހީވެ އެވެ.

ނިކަން ބަލައިބަލާށެވެ! ކޮންމެ ރެއަކު ކަނޑުން އަރައިގެން އަންނަ ކަށި ހަންޑީގެ ގައިގައި އެލުވިފައި ހުންނަ ކަށިތަކާއި ވަކިތަކުން ގޮވާ ބިރުވެރި ރަަނގަބީލަށް ހޭނި އެ އަޑުން މުޅި ލެކިއުޓްތެރެ ގުގުމާލާނެ ގޮތްވެސް ގޮއްޔެ މިއޮތީ ހަދާފަ އެވެ. އަޅެއް ވަރުގަދައެއް ނޫން ހެއްޔެވެ؟

"މި ކުރެހުންތައް ކުރަހަން ނިންމީ މިއީ ފޯކް ސްޓޯރީސްއަށް ވެފަައި، ނަޒީ އަކީ ދިވެހި ސަގާފަތާއި މި ކަންކަމަށް ލޯބި ކުރާ މީހަކަށް ވާތީ. ކުރަހަން ފެެށުމުގެ ކުރިން އެންމެ ފުރަތަމަ [ކޮލި] ހަސަން އަހުމަދު ލިޔުއްވާފައިވާ ފޮތް، 'މޯލްޑިވިއަން މިތްސް' ކިއީ. އެ ފޮތުގައި ވަރަަށް ޑީޓެއިލްޑް [ތަފްސީލް] ކޮށް ކިޔައިދީފައި ހުރޭ އެ އެއްޗެހީީގެ ވާހަކަ. އެ ފޮތުގައި ހުރިި އެކި އެކި ރޫހީ ދިރުންތަަކުގެ މައުލޫމާތު ނަގައިގެން ނަޒީއަށް އެ ދިރުންތައް ސިފަވި ގޮތުގެ 13 ކުރެހުމެއް ކުރަަހާ ދީފައި ވާނީ،" ގޮއްޔެ، އޭނާ ލެކިއުޓަށް ވެއްދި 13 ކުރެހުމަށް އިންސްޕަޔާވި ގޮތް ކިޔައިދިނެވެ.

ހިޔާލުތަކާ ދުރުވެލައި ގޮއްޔެގެ ލައިން އާޓްގެ މި ކުރެހުންތަކުގެ ފުނަށް ވަދެލީމާ ކުރެހުންތަކުގައި ގެންގުޅެފައި ހުރި ސްޓައިލްގެ ދެލިގަނޑު ވަރަށް ރަނގަޅަށް ބޭރަށް ނުކުމެގެން އާދެ އެވެ. ރޮނގުމަތީ ރޮނގެއް އަޅައިގެންް އެއްވަަރަށް ހުރިހާ ކުރެހުންތައް ނިންމާލައިފަައި ހުންނަ އިރު ފެންނަނީ ހުދަކާއި ކަޅެކެވެ. އެކަމަކު ހިޔާލުގައި އިހަށް ފެނުނު ލޮލަށް ފަސޭހަ ރޫހީ ސިފަ އެކެވެ. މިއެއް ކޮމްޕީޓަރަކުން ކުރަހާފައިވާ އިލަސްޓްރޭޝަނަކަށް ވަކީން ދުލެއް ނުކުރެ އެވ.

ގޮއްޔެގެ މި 13 ކުރެހުމުގެ ތެރޭގައި ތަފާތެއް ހުންނަ އެއް ކުރެހުމެއް އެބަ އިނދެ އެވެ. މި ކުރެހުން ވަނީ ފާޅުވާނެ ގޮތަށް ކުލަވެސް ކޮށްފަ އެވެ. މި ކުރެހުމުގައި އިސްތަށިގަނޑު ވަށް ބުރަކަށް ވިއްސައި ފަތުރާލައި ކަސަބު ލިބާސް ލައްވާފައިވާ އަންހެން ކުއްޖާއަށް ގޮއްޔެ ދީފައިވާ ނަމަކީ "ހަޑަގަތާނަ" އެވެ.

އޭނާ ބުނި ގޮތުގައި މިއީ ކަނޑުމަތި އެޅުމުން ފެންނަ ވިގަނި ހަންޑިއަށް ދީފައި އޮތް ނަމެކެވެ. މިއީ ކަނޑަށް މަރުވާ، އަދި ކަނޑުގައި އުޅޭ ހަންޑި އެކެވެ. ކަނޑުމައްޗަށް އަަރާ އެހެން މީހުން އޭނާގެ ޖާދުލުގައި ޖައްސާ ހިތްތައް ކަަތިލުމުގެ ބޭނުމުގައި ކޮންމެ ދިރުމެއްގެ ސިފައިގައިި ވެސް މި "ހަޑަގަތާނަ" ފެނިދާނެ އެވެ. މިވާހަކަށް ގޮއްޔެއަށް ކިޔައިދިނީ ކޮލި ހަސަން އަަހުމަދު މަނިކުގެ ފޮތެވެ.

ގޮއްޔެގެ މި ކުރެހުންތައް ވަރަށް ގިނަ ބަޔެއްގެ ލޮލުުގައި އަޅައިގަތެވެ. ދިވެހިންގެ ފުލޯކް ވާހަކަތަކާ ގުޅުވައިގެން މި ގޮތަށް ގޮތަކަށް ކުރެހުންތަކެއް ގެނެސްދީފައިވުމުން ގޮއްޔެއަށް ތައުރީފުކުރި މީހުންނަށް އިތުރު ހަދިިޔާއެއްގެ ގޮތުގައި މި ކުރެހުންތަކަށް ރަސްމީ ސިފަަ އެއް ގެންނަން ގޮއްޔެ ހުރީ ވިސްނައިގެނެވެ.

"މި އެގްޒިބިޝަނަށް ވަރަށް ގިނަ ބޭފުޅުންގެ ރަނގަޅު ކޮމެންޓްސް ލިބޭ، އަދި ވަރަށް ގިނަ ހިޔާލުތައް ވެސް ހިއްސާ ކުރި. ކުރިއަށް އޮތް ތަނުގައި ފޮތެއްގެ ސިފައިގައި މި ކުރެހުންތައް ފެނުން ވެސް އެކަށީގެންވޭ،" އޭނާ ބުންޏެވެ.