ހާރަށް އެންމެ ރަނގަޅީ ކޯއްޗެއް؟

ކިރާއި ދޮންކޭލާއި ބަތާއި ފިހުނު މަސްކޮޅެއް، ބަތްޕެން ފޮދެއް ނޫނީ ގަރުދިޔަ އާއި ބަތް މިއީ އިހުގައި އަހަރުމެން ހާރު ކައި އުޅުނު ގޮތެވެ. ހާރު ކާ ގަޑިއަށް، ގަޑި ސޯނާކޮށްގެނާއި އެހެނިގެން ގޮތްގޮތަށް މެންދަމުން އަލިވުމުން ހޭލަނީ އެވެ. ހާރު ކާލައިގެން ފަތިސްކޮށްގެން ނިދަނީ އެވެ. ނޫނީ ގުރުއާން ކިޔަވަން ތިބެނީ އެވެ.

މިހާރު މި އޮންނަނީ ރޯދަވިއްލަން ކޭ އެއްޗެއް ކައިގެން ރޭގަނޑު ދަންވަންދެން ހޭލާތިބުން އާދައަކަށް ހަދާފަ އެވެ. ވަކި އެއްޗެއް ހާރަށް ކެއުމަށްވުރެ ރޯދަވީއްލާގަޑީގައި ސުފުރާ މަތި އޮންނަނީ ފުރި ބަންޑުންވާން ކައިރިވެފަ އެވެ. އެ ގަޑީގައި ގިނައިން ކާލައިގެން ތިބެނީ އެވެ.

މިއީ ހަށިގަނޑަށް އެންމެ ރަނަގަޅު ގޮތް ކަމުގައި ނުވެދާނެ އެވެ. މީގެ ބަދަލުގައި މެދު މިނަކަށް ކައިގެން ހާރަށް ވަކިން ގައިގަ ވަރުޖެހޭކަހަލަ އެއްޗެއް ހޯދައިގެން ވީހާވެސް ލަސްވަގުތެއްގައި ހާރު ކެއުމުގެ ސުއްނަތުގައި އޮންނަ ގޮތަށް މިކަން ކުރުން ބުއްދިވެރިއެވެ.

ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ވަރުޖެއްސުމަށް ހާރު ކެއުމަށް އެންމެ ރަނގަޅު ފަސް ބާވަތަކަށް ބަލައިލާނަމެވެ.

އޯޓްސް

އޯޓްސް އަކީ އޭގައި ފައިބަރުގެ މާއްދާ ގިނައިން އެކުލެވޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ އެއިން ދެނީ މަޑުމަޑުންނެވެ. މީގެ ސަބަބުން މީހާ ގިނަ ވަގުތު ފުރިފައި ހުރެ އަވަހަށް ބަނޑުހައި ނުވެ އެވެ. ސްޓީލް ކަޓް އޯޓްސް ކައްކަން ކުޑަ ވަގުތުކޮޅެއް އިތުރުވީ ނަމަވެސް މި ފަދަ އޯޓްސްގައި ފައިބަރު ގެ މާއްދާ އެކުލެވޭ މިންވަރު އަދި މާ ގިނައެވެ. އޯޓްސް ކިރާއި އެއްކޮށްލައިގެން ކެއްކުމުން އަދި މާ ބޮޑަށް ބަނޑުފުރޭނެ އެވެ.

ޕީނަޓް ބަޓަރާއި ދޮންކެޔޮ

ޕީނަޓް ބަޓަރަކީ އޭގައި ވަރަށް ޕްރޮޓީންގެ މާއްދަ ހިމެނޭ އަދި މޮނޯސެޓުރޭޓެޑް ފެޓް ގިނަ އެއްޗެކެވެ. އާޓާ ޕާނާއި ދޮންކޭލާއެކު ޕީނަޓް ބަޓަރު ހާރަށް ރަނގަޅީ މިއީވެސް ދުވާލު ގަޑީގައި ބަނޑުހައިވުމުން ދުރުކޮށްދޭ އެއްޗަކަށްވާތީ އެވެ. މިއީ މާ ބޮޑު ތައްޔާރީތަކެއްކޮށްފައި ބަހައްޓަންވެސް ޖެހޭ އެއްޗެއް ނޫނެވެ. ހާރަށް މި ހިޔާރު ކުރާނަމަ އެ ފަސޭހަ ވެސް އެބައޮތެވެ.

ސްމޫތީ

ނިދި ގަދަވެފައި ހުންނަ ގަޑީގައި ގަދައަށް ކާލަން އުދަނގޫވީ ކަމުގައި ވިއަސް ހާރު ކެއުމަށް އާދަކުރަން އެބަޖެހެ އެވެ. އަދި ހާރުގޮތުގައި ސިއްހަތަށް ފައިދާ ހުރި ފަސޭހައިން ބޯލެވޭ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެއް ހެދުމުން ވަގުތު ސަލާމަތް ވެއެވެ. ސްމޫތީ ހެދުމުގައި ޗިއާ ސީޑް އާއި ޔޯގަޓް އަދި ފެހި މޭބިސްކަދުރު ބޭނުން ކުރެވިދާނއެވެ. މިއީ އޮމެގަ3 އާއި ފައިބަރ އަދި ޕްރޮޓީން އޭގައި ހިމެނޭނެ ކަން ޔަގީން ބާވަތްތަކެކެވެ.

ކީންވާ

ކީންވާ އަކީ ގުލޫޓަން ފްރީ އެއްޗަކަށްވެ ސުޕަރފުޑް ލިސްޓުގައި އެންމެ ކުރީގައި އުޅޭ އެކައްޗެވެ. އެކި ބާވަތުގެ ތަރުކާރި އަޅައިގެން ސްޓަރ ފްރައި އެއްގޮތަށް ތައްޔާރުކޮށްގެން ފްރައިޑްރައިސް ސްޓައިލް ގެ ޑިޝްއެއް ކީންވާ ބޭނުންކޮށްގެން ހާރަށް ރަނގަޅު އެއްޗެއް ހެދިދާނެއެވެ. ކީންވާގައި ފައިބަރ، މިނަރަލް އަދި އެންޓި އޮކްސިޑެންޓް މަތިވެ ހުރިހާ އެމައިނޯ އެސިޑެއް އެކުލެވިގެންވާތީ މިއީ އެންމެ ސިއްހަތަށް ފައިދާހުރި ކާނާ ކަމުގައިވެސް ބުނެވިދާނެ އެވެ.

5. ގްރެނޯލާ އާއި ޔޯގަޓް

ހާރަށް ކޮންމެހެންވެސް ފޮނި އެއްޗެއް ކާން ބޭނުންވާ ނަމަ މިއީ ތައްޔާރުކޮށްލެވިދާނެ ފަސޭހައެއްޗެއްކެވެ. ޔޯގަޓާއި ގްރެނޯލާ އަދި އެންމެ ކަމުދާ މޭވާ އަޅައިގެން ފަސޭހައިން ތައްޔާރުކޮށްލެވެއެވެ.

އެއްފަހަރާ ނޭވާނުލެވޭ ވަރަށް ކެއުމުގެ ބަދަލުގައި ރޯދަވީއްލުމަށްވެސް މެދުމިނަކަށް ކައިގެން ހާރުދަމު ނިދާ ތެދުވެ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކެއުމުން ރޯދަވަރުބަލިވުމާއި ދުރުވާނެއެވެ.