ކުރީގެ ނޫސްތަކުން: ދިވެހި ހިތްތަކުގައި "ޖީތޭ"ގެ ރަސްކަން

އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އެންމެ ސާފުކޮށް ރަމްޒު ކޮށްދެނީ ދިވެހިންގެ ހިތްތަކުގައި ބޮލީވުޑަށް އޮންނަ ދުވަހަކުވެސް ނުގުޑާނެ ފަދަ ލޯތްބޭ ބުނުން ދޮގަކަށް ނުވާނެ އެވެ.

މި ޒަމާނުގެ ދިވެހި އަންހެން ކުދީންނަށް ރަންވީރު ސިންގް ފެނުމުން އެހެރަވާ ގޮތެކެވެ. ރިތިކް ރޯޝަންގެ ނެށުމުގައި ގެންނަ ބަނޑިތަކުގެ ޖާދޫ ބަލާ ފޫހިނުވެ އެވެ. ރަންބީރު ކަޕޫރު "އަޅެ ހާދަހާ އޭ ލޯބީ!" ބޭއިހުތިޔާރުގަ އާއި އިހުތިޔާރުގައި ބުނާ އަޑުތައް އިވެ އެވެ. ޖޯން އަބްރަހަމްގެ ބަނޑުގައި ހުންނަ ގޮޅިތަކުން އާޝޯހުކޮށްލި ހިތްތައްވެސް މަދެއް ނުވާނެ އެވެ. އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، "ޚާނުންގެ" ފިލްމުތަކުގެ އިންތިޒާރުގައި އަދިވެސް ތިބިވެ އެވެ.

މިކަމުގައި ދިވެހި ފިރިހެންވެރިންވެސް ވަކި ދުލެއް ނުކުރެ އެވެ. ކޮފީ މޭޒުތަކުގައި ވެސް ދީޕިކާ ޕަދުކޯން އިން ފެށިގެން، ސޮނާކްޝީ ސިންހާ އާ އާލިއާ ބަޓްގެ ރީތި ވާހަކަ އެވެ. "އެންމެ ހޮޓް" ތަރިންގެ ބަހުސްތައް ހަމަ ވަރަށް ހޫނުކޮށް ކުރެ އެވެ.

މިއީ ހަމަ މިޖީލުގެ މަންމަމެން ބައްޕަމެން އަދި ކާފައާ މާމަގެ ވެސް ހާލެވެ. އެމީހުންގެ ރަންޒަމާނުގައި ސްކްރީންތަކުން ފެނުނު ތަރީންނަށް ހަމަ އެ ގޮތަށް މަރުދަންޖެހުނެވެ. ހޮލީވުޑް ފިލްމުތަކަށް އެ ޒަމާނުގައި މާބޮޑު ޝައުގުވެރިކަމެއް ނޯވެ އެވެ. އޭރުގެ ދިވެހި ހިތްތައް ފަތަހަކުރީ އަމީތާބު ބަޗަންގެ ފިރިހެންވަންތަ އަޑާ، ރާޖޭޝް ކަންނާ އަދި ދަރުމަންދުރަ އޭރު ދައްކައިދިން މޮޅު ހުނަރުންނެވެ. ޒީނަތު އަމަން، ރޭކާ އަދި ހެމާ ފަދަ ތަރީންގެ ފުރިހަމަކަން އެނގޭނީ ބައްޕަމެން ގާތު އަހާލީމަ އެވެ.

މިހާރާ އަޅާބަލާއިރު ދިވެހިންގެ މެދުގައި ބޮލީވުޑް ތަރީންނާ އޭރު އޮތީ މާ ގާތް ގުޅުމެކޭ ބުނުމުގެ ފުރުސަތު ބޮޑުވަނީ، އެމީހުންނަށް ދީފައިވާ ގާތް "ގޭދޮށު" ވަނަންތަކުންނެވެ. ދަރުމަންދުރާ އަކީ ދިވެހިންގެ ދަރޭ އެވެ. ކާދަރު ހާން އެއީ ލޯބިން ކާދަރޭ އެވެ. ކޯރާޑި ކަންހުޅިއާ ފައިކުރި ފުޅާ ފަޓުލޫނު ކަމުދިޔަ ޒަމާނުގައި، ޖީތެންދުރަ އަކީ މަންމަމެން، މާމަމެން ލޯބިން ދީފައިވާ ނަމުން ނަމަ "ޖީތޭ" އެވެ.

މީގެ ގާތްގަނޑަކަށް ފަންސާސް އަހަރު ކުރިން "ޖީތޭ" ކުޅުނު ފިލްމެއް އެ ޒަމާނުގައި އެންމެ މަގުބޫލު ފިލްމުތަކުގެ ތެރެއިން ޖާގައެއް ވަނީ ހޯދައިފަ އެވެ. "ޖީތެންދުރާގެ ފިލްމް ފަރްޒު އެއީ މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ބެލި އެއް ފިލްމް" އަތުން ކުރަހާފައިވާ "ޖީތޭ"ގެ ފޮޓޯއަކާއެކު 1971 ވަނަ އަހަރު "މޫންލައިޓް" ނޫހުގައި ޝާއިއުކޮށްފައިވެ އެވެ. އަންހެން ލީޑު ރޯލުން ބަބީތާ ފެނިގެންދިއަ ފަރްޒް އަކީ ޖޭމްސް ބޮންޑް ފިލްތަކާއި ވައްތަރުކޮށް ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގެ މަގުބޫލުކަމުން އޭގެ ދެ ސީކުއެލް އެއް ވެސް ވަނީ ފަހުން ހަދައިފަ އެވެ.

އެ ފިލްމު ދިވެހިންގެ މެދުގައި އެހާ މަގުބޫލުކަން ހޯދިއިރު، އޭގެ ސީކުއެލްތައް ބަލަން ކެތްމަދުވެފައިވާ އޭރު ތިބޭނެކަން ޔަގީނެވެ. "ޖީތޭ" ގެ ފަރްޒު ރާއްޖޭގައި އެޅުވިފަހުން ގާތްގަނޑަކަށް ބައިގަރުނު ވެފައިވާއިރު، ބޮލީވުޑަށާއި އެ އިންޑަސްޓްރީގެ ތަރީންނަށް ދިވެހިންގެ މެދުގައި އޮންނަ ލޯބި ފަނޑުވުމެއްނެތެވެ.