ބާއްޖަވެެރި ރެއަކަށް އެދޭތާ 20 އަހަރު!

"އަޅުގަނޑާ އެކީގައި ހަބަރު ބެއްލެވުމުގައި ތިޔަހޭދަ ކުރެއްވި ވަގުތުކޮޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބާއްޖަވެރި، އުފާވެރި ރޭގަނޑަކަށް އެދެން!" ގަވައިދުން ޓީވީ ހަބަރު ނުބެލި ކަމުގައިވީ ނަމަވެސް ދިވެހި ކޮންމެ ރައްޔިތަކަށްހެން މި އިބާރާތްކޮޅު އަޑު އިވިފައިވާނެ އެވެ. މިއީ މުޅި ރާއްޖެއަށް މަޝްހޫރު މިއުޒިކީ އާއިލާއެއް ކަމަށްވާ "މަސްއޮޑި އާއިލާ" އަށް ނިސްބަތްވާ ޝިފްލާ އިބްރާހިމް ޓީވީ ހަބަރު ނިންމަމުން ވިދާޅުވާނެ ޖުމްލަ އެވެ. އެއް އިބާާރާތެއް ކޮންމެ ރެއަކު ބޭނުން ކުރަން ވެއްޖެ ނަމަ ފޫއްސެއް ނުވާނެ ހެއްޔެވެ؟

ޝިފްލާގެ ބައްޕަ މަސްއޮޑި އިބްރާހިމް ޝަކީބު މަޝްހޫރުވެ އެންމެ ދަންނަ ސެލެބްރެޓީއަކަށްވީ ފަދައިން ޝިފްލާ ނުދަންނަ މީހަކުވެސް ރާއްޖޭގައި މަދުވާނެ އެވެ. އޭނާއަކީ މުޅި ރާއްޖެއަށް މަޝްހޫރު ނިއުސް ޕާސަނަލްޓީއެކެވެ. ކޮންމެ ރެއެއްގެ އަށެއްގެ ހަބަރު ނިންމާލަމުން ޝިފްލާ މި އިބްރާކޮޅު ވިދާޅުވާނެ އެވެ.

ޝިފްލާ ޓީވީ ހަބަރު ވިދާޅުވާން ފެއްޓެވީ 1998 ވަނަ އަހަރު އެވެ. އޭރުން ފެށިގެން ހަމަ ކޮންމެ ރެއަކު ހަބަރު ޓީވީ ހަބަރު ވިދާޅުވާތާ ގާތްގަނޑަކަށް 20 އަހަރު ވާން ދަނީ އެވެ. މިހާރު ހަބަރާއި މައުލޫމާތު، އިނގިލީގެ ކުރީގައި އޮތް ނަމަވެސް ޝިފްލާގެ ހިދުމަތް ފެށި އިރު ހަބަރާއި މައުލޫމާތު ލިބޭނެ ފުރިހަމަ ގޮތަކަށް ވެފައި އޮތީ ޓީވީ އެވެ.

އޭރު އުމުރުން 19 އަހަރުގައި ޝިފްލާ، ޓީވީއެމާ ގުޅުނީ އެއްވެސް ވަރަކަށް ހަބަރު ކިޔުމުގެ ޝައުގުވެރިކަން ހުރެގެނެއް ވެސް ނޫނެވެ. ޝިފްލާ ޓީވީއެމާ ގުޅުނީ އޭރު ދިރިއުޅުމުގެ ހާލަތު އޮތް ގޮތުން ކޮންމެހެން ވެސް ވަޒީފާއެއް ބޭނުންވެގެނެވެ.

ޓީވީއެމުން އޭރު "އެނައުންސާ ޓްރެއިނީ" އެއްގެ ވަޒީފާއަށް އިއުލާން ކުރުމުން އެއްވެސް ފިކުރަކާއި ނުލައި ޝިފުލާ އެކަމަށް ކުރިމަތިލީ އެވެ. އޭނާއަކީ ދޫ ފަސޭހަ، ދިވެހި ބަހަށް ފަރިތަ ކުއްޖަކަށްވެސް އޭރު ވާތީ އެވެ.

ޝިފްލާ ވިދާޅުވާ ގޮތުގައި ވަޒީފާއަށް ވަޑައިގެންނެވި އިރު އޭނާއަށް ވަދެވަޑައިގެންނެވެނީ ކޮން ކަމެއްގެ ތެރެއަށް ކަމެއް އަދި ނިއުސް ޕާސަނަލްޓީއެއްގެ ގޮތުގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ހިނގައިދާނެ ކަން ހިޔާލަކަށް ނާދެ އެވެ.

"އެ އިންޓަވިއުއަށް ދިއުމުގެ ކުރިން ނޫސްތައް ބަލައިގެން އިއުލާން ކިޔައި އިތުރަށް ފަރިތަވެސް ކޮށްލިން،" ޝިފްލާ ވިދާޅުވި އެވެ.

ޓީވީ ހަބަރު ވިދާޅުވުމުގައި ޝިފްލާގެ 20 އަހަރުވީ ހަޔާތުގައި އެންމެ ފުރަތަމަ ކެމެރާގެ ކުރިމައްޗަށް އަރަ ޖެހި ވަޑައިގަތީ މަރު ފޯމެއް ވިދާޅުވުމަށެވެ. އެ ދުވަސްވަރު ޓީވީއެމްގައި އިންހައުސް ޓެރެއިނިންތައް ނޯންނާތީ ޝިފްލާ ހަބަރު ވިދާޅުވާން ދަސް ކުރަން ޖެހި ވަޑައިގަތީ ކޮންޓްރޯލް ރޫމަށް ވަދެ އެހެން މީހުން ހަބަރު ކިޔާތަން ބަލަން އިންނަވައިގެނެވެ.

ހަބަރު ވިދާޅުވުމުގެ ފުރުސަތު ޝިފްލާއަށް ލިބި ވަޑައިގެންނެވީ އިއުލާންތައް ވިދާޅުވާން ޓީވީއަށް އަރަން ފެށުމުން ދޫ ފަސޭހެ ކަމާއި ކިޔުން ފަރިތަކަން އޭރު ޓީވީއެމްގެ ވެރިންނަށް ފާހަގަ ކުރެއްވިގެނެވެ.

"އެންމެ ފުރަތަމަ ވެސް އެރީ އޭރު އޮންނަ ޓީވީއެމް ޕްލަސްއަށް އާންމުކޮށް އަސްލު ދޭއްގެ ހަބަރަކަށް ނާރުވާނެ އާ ކުދިންނެއް. އެންމެ ފުރަތަމަ ޓްރެއިނިންކޮށް ވެސް އަރުވާނީ، އަތޮޅު ހަބަރަށް. 10 އެއްގެ ހަބަރަށް. ޝިފުލާ އެކަމު ފުރަތަމަ ވެސް އެރީ ޓީވީއެމް ޕްލަސްގެ ދޭއްގެ ހަބަރަށް. އޯޑިއަންސް ވަރަށް ބޮޑު ވާނެ އެ ހަބަރުގައި. ދެން ހަބަރު ވަަރަށް އަަވަހަށް ކިއުނީ ވެސް، ވަރަށް ގިނަ މީހުންގެ ކޮމެންޓް ވެސް ލިބުން އާ ކުއްޖަކާ ބަލާފައި ވަރަށް ފަރިތަ ކަމަށް" ހަޔާތުގެ އެންމެ ފުރަތަމަ ޓީވީ ހަބަރުގެ ތަޖުރިބާތައް ޝިފްލާ ހިއްސާ ކުރެއްވި އެވެ.

އެހެން ދާއިރާތަކުގެ މީހުނާއި، ހަބަރު ކިޔާ މީހުންގެ އެންމެ ބޮޑު ތަފާތަކީ ހަބަރު ކިޔަން އިންނަ މީހަކީ އެމީހާގެ އާއިލީ މީހަކު މަރުވެގެން ނުވަތަ ހުކުމެއް ކޮށްގެން ނުވަތަ ހައްޔަރަށް ގެންގޮސްގެން އެ ހަބަރެއް ކިޔަން ޖެހުނަސް ކިޔަން ޖެހޭނެ މީހެކެވެ. އެއިން ކަމަކު އެމީހަކަށް ކުރާނެ އަސަރަކަށްބަލާފައި އެ ހަބަރެއް ނުކިޔާ ދޫކޮށްލުމުގެ އެއްވެސް އިހުތިޔާރެއް ހަބަރުކިޔާ މީހަކަށް ނޯވެ އެވެ.

ޝިފްލާއަށް ވެސް ވިދާޅުވާން ބޭނުން ނޫން އެކަހަލަ ކިތަންމެ ހަބަރަކާ ދިމާވެ ވިދާޅުވެވިފައި އެބަހުއްޓެވެ. ޓީވީއެމްގައި ޝިފްލާ މަސައްކަތް ކުރެއްވި 14 އަހަރުގެ ތެރޭ ޝިފްލާ ވިދާޅުވި ހަބަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ހަބަރެއްގެ ގޮތު ޝިފްލާގެ ހިތުގައި ބިންވަޅު ނެގިފައި އޮތީ އީވާން ނަސީމުގެ މަރާއި ގުޅިގެން ވިދާޅުވި ހަބަރެކެވެ.

"އީވާން ނަސީމު މަރާލައިގެން އޭރުގަ ހަބަރު ގެންނަން ޖެހުނު އިރު ޝިފްލާ އެރީ. ދުވަހަކު ވެސް އެއްގަޑި އިރަށްވުރެ ގިނަ އިރު ވަންދެން ބުލެޓިންއެއް ކުރިޔަކަށް ނުގެންދޭ އެކަމަކު އެ ހަބަރު ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ. ރިސްކަށް ބަލާއިރު، އޭރުދެން ރިސްކް އެލަވަންސް ވެސް އޭގެ ފަހުން ތާރަފް ކުރެވުނީ. ޝިފްލާ ހަދާން ހުރޭ ޝިފްލާ އެ ހަބަރު ކިޔާފަ ނިކުމެގެން ޓީވީއެމް ވޭނުގައި ގޮސް ލާސާނީ މަގުން ދިޔައިރު ހަމަ ވޭންވެސް ހަމަ ތަޅާލަން ހިފާފައި މީހުން ތިބީ. ބުނީ މިއޮތް ދަނީއޭ އެ ހަބަރު ކިޔާފަ ދިޔަ ކުއްޖާ!" އެ ދުވަހުގެ ބިރުވެރި ތަޖުރިބާ ޝިފްލާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

ޝިފްލާއަކީ ލަވަޔާއި މިއުޒިކުގެ ދުނިޔޭގައި ރާއްޖޭގައި ރަސްކަން ކުރި މަސްއޮޑިއާއިލާގެ ހާއްސަ ނަމެކެވެ. ޝިފްލާގެ ބައްޕަ އާއި އާއިލާގެ އެހެން މީހުންނެކޭ އެެއްގޮތަށް ޝިފްލާއަށް ވެސް ރީތި އަޑެއް ލިބި، ލަވަ ކިއުމުގެ ޝައުގުވެރިކަން ވެސް އޮވެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވާ ގޮތުގައި އޭނާ އެކަން ކުރައްވަނީ "ކޮމްފޯޓް ޒޯނުން" ބޭރުގަ އެވެ.

ޝިފްލާ ވިދާޅުވާ ގޮތުގައި އޭނާގެ ބޮޑު ދައިތަ މަހުމޫދާ، އަދި ޝިފްލާގެ ބަހުންނަމަ ނޮންނަގެ "ވައްޓަފާޅިގަނޑު" އޭނާއަށް ވެސް ލިބި ވަޑައިގެންފައިވާތީ ބައެއް ފަހަރު އެ އިރެއްގައި އުޅޭ އޮފީހެއްގެ ފަރާތުން ބާއްވާ ހަފްލާތަކާއި ރައްޓެހިންނާއެކު މަޖާކޮށްލަން ލަވަ ވެސް ވިދާޅުވެ އެވެ.

"ހާޓީ އެންޑް ޔަމީ" ހެލްތީ ފުޑްސް

ޝިފްލާ ކުޅަދާނައީ ހަމަ އެކަނި ހަބަރު ވިދާޅުވާކަށް ނޫނެވެ. ޝިފްލާއަކީ ގަދަ ކައްކާއެއް ވެސް މެއެވެ. ދެހާސް ސާދަ ވަނަ އަހަރު ޝިފްލާގެ ހަޔާތުގައި ދިމާވި މާޔޫސްކަމެއްގެ ތެރެއިން ސިއްހީ މައްސަލައެއް ދިމާވެ، ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލު އައިސް ވަރަށް ފަލަވި އެވެ. އޭގެ ފަހުން ބޫޓްކޭމްޕަކަށް ދާން ފެށުމުގެ ނަތީޖާއަކަށްވީ ސިއްހީ، ރަނގަޅު ކެއުންތައް ތައްޔާރުކުރުމުގެ ތެރެއަށް ޝިފްލާއަށް ވަދެވުމެވެ. އޭގެ ފަހުން "ހާޓީ އެންޑް ޔަމީ" ގެ ނަމުގައި ފޭސްބުކު ޕޭޖެއް ހަދައި، ލޯޔަލް ކަސްޓަމަރުންތަކެއްވެސް ޝިފްލާ ހޯދި އެވެ. ހާއްސަކޮށް، ޝިފްލާގެ "އޯޓްސް ބޯކިބާ" ވެގެން ދިޔައީ ވަރަށް މަގުބޫލު އެއްޗަކަށެވެ. ޝިފުލާގެ ފޭސްބުކު ޕޭޖްގެ ރިވިއުތަކުގައި އޭނާގެ އޯޓްސް ބޯކިބަލުގެ މީރުކަމުގެ ވާހަކަ ވަރަށް ގިނަ ބަޔަކު ދައްކާފައިހުރެ އެވެ.

އޯޓްސް ބޯކިބަލުގެ އިތުރުން ހެލްތީ މެނޫތައް ތައްޔާރު ކުރައްވާ ކްލައިންޓުންނަށް ޝިފްލާ ފޯރުކޮށް ދެއްވަ އެވެ. އެކަމަކު ޝިފުލާގެ ހެލްތީ ފުޑްސްއަށް މިހާރު އޮތީ ބްރޭކެއް އައިސްފައެވެ. ހެލްތީ ފުޑްސް ތައްޔާރުކޮށް ދެއްވުމުގައި ޝިފްލާ ބްރޭކެއް ނެންގެވީ ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް އިން މާސްޓާސް ހައްދަވާތީ އެއެކަމަށް ވަގުތު ދެއްވަންވެގެނެވެ.

އެންމެ ގިނައިން އަމާޒުވާ ސުވާލު

ޝިފްލާ ވިދާޅުވާ ގޮތުންނަމަ އޭނާއާ އެންމެ ގިނައިން މީހުން އަމާޒު ކުރާ ސުވާލަކީ އަދިވެސް އުޅެނީ ހަބަރު ކިޔަންތޯ އަހާ ސުވާލެވެ. އެ ސުވާލަށް ޝިފްލާ ދެނީ ވަރަށް ފުރިހަމަ ޖަވާބެކެވެ.

"އަޅުގަނޑަކަށް ނުފެނޭ ހަބަރު ކިއުމަކީ ދެރަ ކަމެއްގެ ގޮތުގައެއް. މީހުންނަށް އަސްލު ހީވެދާނެ ހަބަރަކީ ގޮސް ބަލާފައި އޮންނަ އެއްޗެއް ކިޔާލަނީއޭ. އެކަމަކު އެ ކިޔާލެވެނީ އެއީ ވަރަށް ގިނަ މަސައްކަތުން... މިސާލަކަށް އެއްގަޑި އިރުވަންދެެން މިހެން އިނދެލައިގެން އަސްލު ހަބަރު ކިޔާ މީހަކީ ވަރަށް ސްޕޮންޓޭނިއަސް މީހަކަށް ވާންޖެހޭނެ. ހަބަރު ކިޔާ މީހަކީ ވަރަށް ގިނަ މަސައްކަތްތައް އެއްފަހަރާ ކުރެވޭ މީހަކަށް ވާންޖެހޭނެ. އެެހެންވީމަ ޝިފްލާ ހިތަކަށް ނާރާ ވަކި މޭޒެއްގެ ދޮށުގައި ގޮސްސަ އިންނާކަށް" އޭނާ ވިދާޅުވި އެވެ.

ޝިފްލާގެ އުންމީދަކީ ޝިފްލާއަށް އެ ދާއިރާގައި ކުރެއްވިފައިވާ ތަޖުރިބާތައް ފޮތެއްގެ ސިފައިގައި ލިޔުއްވުމަށެވެ.

އޭރާއި މިހާރުގެ ހަބަރު ކިއުމުގެ ތަފާތު

ޝިފްލާ ވިދާޅުވާ ގޮތުގައި އޭނާ ފަށައިގަތް އިރު ހަބަރު ކިޔަމުން އައީ އަތުލިޔުން ރީތި ސެކެޓްރީން ލައްވާ ގަނޑުގައި ލިޔުއްވައިގެން އެ ގަނޑުތައް ތަތްކޮށް، އޮޓޯކިއުއަށްލާ ރޯލް ކޮށްގެންނެވެ.

"ނިއުސްރޫމްގައި އޭރު ޓޭޕް ޔޫސް ކުރާނީ. އެމީހުން ގަޑި ޖެހެންވާއިރަށް ގެންދާނެ. ނިއުސް ޕްރޮޑިއުސަރެއް ހުންނާނެ، ދެން ވަރަށް ބައިވަރު ޓޭޕްތައް ފުނިޖަހާލާފައި ހުންނާނީ. ކޮންމެ ވޭރިއަސްއަކަށް ޓޭޕެއް ގެންދާނީ. އެހެންވީމަ އެ ލައްވާފަ ނަގާފައި، އެލައްވާފައި ނަގާފައި، ސެޓްކޮށްފައި އެމީހުން ތިބޭނީ. ކިޔާ ކޮންމެ ހަބަރަކަށް އެމީހުން ޓޭޕް ލައްވައިގެން ވޭރިއަސް ޕްލޭ ކުރާނީ. އެޑިޓް ކުރާތަން ފެނުނަސް ހޮޑު ލަވާފައި ހުންނާނީ އޭރު،"

ޝިފްލާގެ ނަސޭހަތް

"އަސްލުގައި ހަބަރު ކިޔާ މީހަކު ވާންޖެހޭނެ ވަރަށް ގަޑިއަށް ފަރުވާތެރި މީހަކަށް، ހަބަރު ކިޔަން އެރޭނީ ހަމަ ހުންނަ ޝައުގުވެރިކަމެއްގެ ގޮތުން. އެކުއްޖެއްގެ ޝައުގުވެރިކަން ހުރިއްޔާ ނޫނީ ހަބަރެއް ނުކިޔޭނެ. މިސާލަކަށް ވަޒީފާއެއްގެ ގޮތަށް ބަލަންޏާ އެކަންތައް ޝިފްލާއަށް ފާހަގަވެފައި މިއޮތީ މި ވީހާދުވަހު، ޝިފްލާގެ ތަޖުރިބާގެ އަލީގައި. މުޅި ސްޓޭޝަން އަސްލު އެމީހާއަށް ބަރޯސާވާ ކަމެއް ހަބަރަކީ، ހަބަރަކީ އާދައިގެ އެއްޗެއްގެ ގޮތުގައި ވިސްނައިގެން އެކަން ކުރާކަށް ނުވާނެ. އެއީ މިސާލަކަށް 10 އެއްގެ ހަބަރު އޮތިއްޔާ އެ ގަޑިއަށް ނަގަން ޖެހޭނެ. އޮންއެއާ ޓައިމް އަކީވެސް ވަަރަށް މުހިންމު ވަގުތެއް ކަމަށް ބަލައިގެން. މީގެ އިތުރުން ޓީވީއަށް އަރާ މީހުންނަކީ ވަރަށް ޑިސިޕްލިން ވާންޖެހޭ ބައެއް. އެހެން މީހުންގެ ލޯތައް އަމާޒުވާނެ ކަން ދެނަގަނެގެން، ސޯޝަލް މީޑިއާގައި އުޅޭ އިރުވެސް އެ ޑިސިޕްލިން ހިފަހައްޓަން ޖެހޭނެ"