ކަމެއް ފަށައިފިއްޔާ ދިވެހިންނަކީ ފޯރިއެއް ނަގާ ބައެކެވެ. ހާއްސަކޮށް މުނިފޫހިފިލުވުމުގެ ކަމެއްގައި ވިއްޔާ އެކަން މާ ބޮޑުކޮށްލަނީ އެވެ. އެންމެ އެކްސްޓްރީމް ލެވެލަށް ދާންވެސް ފަހަކަށް ނުޖެހެ އެވެ. ތަފާތު ގޮތްތަކަށް ނޫނީ، އެކަކުވެސް ނުކުރާ އާ ގޮތަކަށް އެކަމެއް ކޮށްލުމުން މާފުރިހަމަ ކަމަށް ވެސް ދެކެ އެވެ. ރާއްޖޭގައި ޓިކްޓޮކްވެފައި ވަނީ އެ ފާޑުގެ ކަމަކަށެވެ. ޓިކްޓޮކްގެ ކަނޑަށް ޣަަރަގު ވެފައި ވަނިކޮށް މިފަހަރު "އަތުލައިގެންފައި" މިއޮތީ އެކަހަލަ އެކްސްޓްރީމް ވާހަކަ އެކެވެ.
ޓިކްޓޮކާއެކު ކެމެރާ ކުރިމަތީ ފަރިއަށް ނަށާލައި ސޯޝަލް މީޑިއާއަށް ކޮންމެ ދުވަހަކު އެތައް ވީޑިއޯ އެއް އުކާ މީހުން ރާއްޖޭގައި މިހާރު ގިނަ އެވެ. ޒުވާން ކުދިންނާ ހަމައިން ފަށައިގެން އުމުރުން ދުވަސްވީ މީހުން ވެސް މި ޖަމާއަތަށް ވަދެއްޖެ އެވެ. އަދި އޭގެ ބައެއް މީހުން ތަރިންނަށްވެސް ވެއްޖެ އެވެ. އެއިން މީހަކު މަގުމަތިން ފެނުމުން ފިލްމީ ތަރިއަކަށް ބަލާ ވަރަށް މީހުން ބަލަ އެވެ.
ޓިކްޓޮކް ކަނޑުގެ އޮއިގަނޑުގައި ބެހި އެކްސްޓްރީމް ލެވެލަށް ދިޔަ އެކަކީ، އައިމަން އަބްދުލްކަރީމެވެ. އެހެން މީހުން ޓިކްޓޮކް ނަގަން ލޯގަނޑު ކުރިމަތީ ހުއްޓެނީ އެވެ. ނޫނީ ރީތި ތަނެއްގައި ހިންދީ ފިލްމެއްގެ މަންޒަރެއް ކުޅެލަނީ އެވެ. އައިމަން ޓިކްޓޮކް ނަގަން ހަދާ ގޮތަކީ އެދާ ގޮތަށް ގޮސް އޭނާގެ ފޯނު ވައްޓާލީ ސީދާ ކަނޑުގެ އަޑި އަށެވެ.
ކަނޑުގެ އަޑިއޭ ބުންޏަސް ފެނުން ކިރިޔާ ބޯ އަޑިއަށް ލެވޭ ހިސާބެއް ނޫނެވެ. ޑީޕް ޑައިވިނަށް ދާ މީހަކު އަޑިއަށް ދާހާ ފުނަށެވެ. އައިމަނަކީ ވެސް ރިސޯޓެއްގެ ޕްރޮފެޝަނަލް ޑައިވަރެކެވެ. އެހެންވެ އެއީ އޭނާއަށް މާ ބޮޑު ކަމެއް ވެސް ނޫނެވެ.
އައިމަން އޭނާގެ ޓިކްޓޮކްތައް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިންނާއެކު ޑައިވިނަށް ކުރާ ދަތުރު ތަކުގައި އުޅެމުން ލިބޭ ހުސްވަގުތުތަކުގަ އެވެ. ދެ ދަތުރު ދެމެދުގައި ލިބޭ ކުޑަ ބްރޭކްގައި ޑައިވިންގް ސޫޓާއެކު ފުޅިވެއް ހެޔޮވަރު ކޮށްލައިގެން ކަނޑަށް ފުއްމާލަނީ އެވެ. އެއްފަހަރު އެކްޓް ކުރަނީ ޝާހުރުކްހާންގެ ލަވަ އަކަށެވެ. ނޫނީ ޓައިޓޭނިކްގެ "މައި ހާޓް ވިލް ގޯ އޮން" ފޯނުން ޖަހާލާ އައިމަންވެސް ލިއެނާޑޯ ޑިކެޕްރިއޯއަކަށް ބަދަލު ވަނީ އެވެ. އެހެން ފުއްމާލާ ގޮތަށް އަޑީގައި އެތައް އިރެއް ވަންދެން އޭނާ މަސްތަކާއި ކޯމަސްތަކާއި މުރަކަތަކުގެ ތެރޭގައި ނަށަން އުޅެ އެވެ. ކަނޑުގެ އަޑީގައި ޑާންސް ސްޓެޕްތައް ވަރަށް ފަަސޭހައިން އޭނާއަށް ހެދެ އެވެ.
"އަސްލު އައިމަންއަށް އެޑްވާންޓޭޖެއް އޮވޭ، އެހެން ވަރަށް ރީތިކޮށް އަޑީގައި ކޮޅަށް ހުރެވޭ... ޑޮކްޓަރުން ބުނަނީ ކެލްސިއަމް ތަންކޮޅެއް ގިނައިއްޔޭ އައިމަންގެ ހަށިގަނޑުގައި. އަދި ކިރު ބުއި ދަތެއްވެސް އެބައިނދޭ... އަދި ނުވެއްޓޭ ދަތެއް އެއީ. އެހެންވެ ކަމަށް އަނެއްހެން މި ބަލަނީ އަޑީގަ ފަސޭހައިން ކޮޅަށް ހުރެވެނީ!" އޭނާ ބުންޏެވެ.
އައިމަންގެ ޓިކްޓޮކްތައް ނަގަން ކަނޑުއަޑީގައި ހޭދަ ކުރު ވަގުތު އޭނާ އެދޭ ގޮތަށް ފޯނުން ވީޑިއޯ ކުރާ ބަޔަކުވެސް މާކަނޑުގެ އަަޑީގައި އުޅެ އެވެ. ކަނޑު އަޑީ ކޮޅަށް ހުރެ "ލިޕް ސިންކް" ނުކުރެވުނަސް އޭނާގެ ފައްކާ ސްޓެޕްްތަކުގެ ޓިކްޓޮކްްތައް ވައިރަލްވެ އެވެ. ހާއްސަކޮށް ލޮކޭޝަަން ތަފާތު ވީމަ އެވެ.
އެކަމަކު ކަނޑުގެ އަޑީގަައި އޭނާ ހޭދަ ކުރާ ވަގުތާ ބަލާފަައި އައިމަން އަށް ފަސޭހައިން ފްލޯޓް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއްގޮތަކަށް ވެސް ފްލޯޓް ނުކުރެވެނީ އެވެ. ހަމަ އަޑިއަށް ދަނީ އެވެ. އެކަމަކު އަޑިއަށް ގޮސްފިއްޔާ ރީއްޗަށް ކޮޅަށް ހުރެވެ އެވެ. އެހެން މީހުންނާ ކުޑަކޮށް ތަފާތެވެ. އައިމަންގެ ޓިކްޓޮކްތައް ވެސް ތަފާތުވާ ގޮތަށެވެ.
"އެއްގޮތަކަށްވެސް ފްލޯޓެއް ނުކުރެވޭ. އެ ވީޑިއޯގަ [ޓައިޓޭނިކް ވީޑިއޯ] ގަވެސް މިހިސާބުން ތިރި އިންނާނީ އަޑީގަ އަބަދުވެސް. ޓައިޓޭނިކް ވީޑިއޯގަ އެހެން އޮތަކަސް [ފްލޯޓް ކުރާ ގޮތަށް] އެވެސް، އިންހޭލް ކޮށްގެން ލަންގް އެއްކޮށް އިންފްލޭޓް ކޮށްލައިގެން ހިފަހައްޓާލައިގެން އެވަރަށް ވެސް އެ އޮވެވެނީ. ހަމަ އެކްސްހޭލް ކޮށްލާއިރަށް ދާނެ އަޑިއަށް" އައިމަން ބުންޏެވެ.
ޕްރޮފެޝަނަލް ޑައިވަރަކަށްވެ ހުރެ، މަޝްހޫރު ލަވަތަކަށް ކަނޑު އަޑީގެ މަންޒަރުތައްލައި ދިނުމަކީ އައިމަނަށް މާ އުނދަގޫ ކަމެއް ނޫނެވެ. އަޑިއަށްގޮސް ޑައިވިންގް ސޫޓުގައި ކޮޅަށް ހުރެ ނަށާލާ ވައްތަރުތައް ޖައްސާލާއިރު މި ވީޑިއޯތައް އެންމެންނަށް ފެންނަ ގޮތަށް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ރާއްޖޭގެ ފުރިހަމަކަން ވެސް ފެނެ އެވެ. ކުލަކުލައިގެ މުރަކަތައް ބެކް ސީން އަކަށް ހަދާ ބައެއް ފަހަރު އައިމަން އާއެކު އެ ޓިކްޓޮކްތަކުގައި ބައިވެރިވަނީ ކަނޑުގެ ދިރުންތަކެވެ. ފެން މައްޗަށް އަރާ ފުމެ އުޅޭ ކޯމަސްތަކާއެކު ވެސް އޭނާ ލަވަ ކުޅެފި އެވެ.
"ސީރިއަސް ވީޑިއޯއެއްގައި ވެއްޖިއްޔާ ތަންކޮޅެއް ގިނަ ޝޮޓުތަކެއް ގޮސްދާނެ. އެއީ އަމިއްލަ ނަފްސެއް ނޫން ކެމެރާ ކުރާނީ. އެކަމަކު ޑައިރެކްޓުކޮށް ނަގާނެ އެންގަލް ވެސް މި ބުނެދެނީ އަޅުގަނޑު. ދެން ކެމެރާކޮށް ދޭން ޖެހޭ މީހާއަށް ކިޔައިދޭން ޖެހޭ އުނދަގޫތައް އަންނާނީ،"
މިއީ އާއްމު މީހަކު ކުރާނަމަ ކުޑަކޮށް ޖެހިލުންވެދާނެ ކަމެކެވެ. އައިމަން ބުނި ގޮތުގައި ބައެއް އެއްޗެހި ނަގަން ފަހަތަށް ޖެހި އަމިއްލަ އަށް ވެސް އެ ވީޑީއޯތައް ނަގަން ނުކެރޭ ފަހަރު ދިމާވެ އެވެ. ނަމަވެސް، އެކުގައި ތިބޭ ފަޅުވެރިންނާއި ލޯންޗު ކައްޕިގެ ހިތްވަރާއެކު ނަގަނީ އެވެ.
އައިމަންގެ ގިނަ ޓިކްޓޮކްތައް ކަނޑުއަޑީގައި އުޅޭ އިރު ދެން ޓީވީން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުނެ އެވެ. ޓިކްޓޮކްއިން އެތައް ތަރިންނެއް ރާއްޖޭގެ ފިލްމީ ދާއިރާއަށް މިހާރު ވަނީ ގިނަވެފަ އެވެ. ފިލްމަކުން ފުރުސަތު ލިބިއްޖިއްޔާ ހަމަ ޔަގީނުންވެސް ކަނޑުއަޑީގެ މޮޅު މަންޒަރެއް ނަގާކަށް އައިމަން ފަހެއް ނުޖެހޭނެ އެވެ.