އަހަރުތަކެއް ކުރިޔަށް ޖެހިލާއިރު، ރޯދަމަހު ޓީވީއެމުން ގެނެސްދޭ ތަފާތު ޝޯތަކުގެ ތެރޭގައި ދިވެހިންގެ އެކި ހުނަރުތައް ދައްކާލައި، ރާއްޖޭގެ ރެކޯޑްތައް މުގުރުމުގެ ފުރުސަތު ލިބޭ ޝޯތަކެއް ވެސް ހިމެނުނެވެ. އެ ފޯރިއެއް މިހާރަކު ނެތެވެ. އެކަމަކު އޭރު ރެކޯޑްތައް ގާއިމް ކުރި ބައެއް މީހުންގެ އަޑެއް ނުކެނޑެ އެވެ. ރިކޯޑްތަކެއް މުގުރި ފޮހެވިގެނެއްވެސް ނުދެ އެވެ. އޭރު އެންމެ ގިނަ ތަންތަން ތޮރުފާފައި ހުރި މީހާގެ ރެކޯޑަކީ ވެސް އެކަހަލަ އެއް ރެކޯޑެވެ. އެ ރެކޯޑް އޮތީ އަލީ ނައްޝަތަށެވެ. މަޝްހޫރު ނަމުން ނަމަ އެއީ ތޮރުފި އެވެ.
ތޮފުރި އައްޔަ ނުވަތަ ސްޓަޑް އައްޔަ މީގެ ކުރިން ފާހަގަ ކުރެވިފައިވާނީ، އޭނާގެ ސްޓައިލް ގެންގުޅުނު ގޮތުންނެވެ. މާލޭގެ ކާނިވާ ފަދަ ތަންތަނުގައި ބާއްވާ ޝޯތައް ބަލަން ދާއިރު، އޭނާގެ މޫނުގެ އެކި ތަންތަނަށް ލައްވާފައި ހުންނަ ސްޓަޑްތައް ފެނުމުން ބައެއް މީހުން ތިބެނީ ހައިރާންވެފަ އެވެ. ބުމަ އާއި ދިމާ މެދުން ތޮރުފައި އެ ދިމައިން ވައްދާލާ ކުޑަ ކަނޑިއެއް ކޮލާ ހަމައިން ލައްވާފައި އިންނަ ބޮޅަކަށް ޖަހާފައި ހުންނަތަން ފެނުނީމާ ހައިރާން ނުވާނެ ސަބަބެއްވެސް ނެތެވެ.
އެއީ ކުރިން ތޮރުފި މަޝްހޫރުވެފައި އޮތް ގޮތެވެ. މިހާރުގެ ތޮރުފި މަގުބޫލީ އެހެން ދާއިރާއަކުންނެވެ. ތޮރުފި އައްޔަގެ "ތޮރުފި ހެއާ އާޓް އެންޑް ލޮކްސް" އަކީ ޑްރެޑް ޖައްސާފަރާތްތަކަށް އަލްޓިމޭޓް ސޮލިއުޝަނެކެވެ. ޔުނިސެކްސް އެ ސެލޫންގައި ހެއާ ސްޓައިލިން އިން ފަށައިގެންގޮސް، ޕިއާސިން އާއި، މޭކަޕް ކުރުމުގެ ހިދުމަތް ވެސް ދެއެވެ.
ތޮރުފި ސެލޫނަށް ވަންނަން ދާއިރު ފުރަތަމަ އަޅައިގަންނަނީ އެތާންގެ "ހުޅުވާލައްޕާ" ބޯޑެވެ. ތަން ހުޅުވާފައި ހުންނަ އިރު ބޯޑުން ފެންނަނީ ތިލަ ހުޅުވާފައިވާ ތުރެކެވެ. ބަންދު ގަޑީގައި ފެންނަނީ ތިލަ ބަންދު ކޮށްފައިވާ ކަތުރެކެވެ. ތަފާތެއް ނޫން ހެއްޔެވެ؟
ސެލޫނަށް ވަދެ ތޮރުފި ހޯދާލައި ވާހަަކަ ދައްކާލީމާ އެ ބޯޑުން ފަށައިގެން ގޮސް، ސެލޫން ތެރޭގައި ހުރި ކުރެހުންތަކާއި، މުޅި ތަނުގެ އިންޓީރިއާ އަކީ އައްޔަގެ ވިސްނުމާއި އެއްގޮތަށް އޭނާގެ ދެއަތުން ކޮށްފައިހުރި ތަފާތު ޝައުގުވެރި މަސައްކަތްތައްކަން އެނގުނެވެ. ބޯކޮށުމުގެ އިތުރަށް ވެސް އައްޔައަކީ ހުނަރުން ފުރިގެންވާ މީހެއްކަން ސެލޫންގެ އެތެރެ ބަލައިލުމުން އެނގެ އެވެ.
އައްޔަ ބުނި ގޮތުގައި ބޯކޮށުމުގެ ދާއިރާއަށް އޭނާ ޝައުގުވެރިވީ ސްކޫލް ދައުރުއްސުރެ އެކި ސްޓައިލްތަކަށް އޭނާގެ އައްޔަގެ އިސްތަށިގަނޑު ބަހައްޓާތީ ރައްޓެހިންގެ އެދުމުގެ މަތިންނެވެ. އަދި އޭރުވެސް ކޮންމެވެސް ވަރަކަށް ބޯކޮށުމުގެ ތެރޭގައި އުޅެވިފައި ހުރީމަ އެވެ. ނަމަވެސް ރަސްމީކޮށް އައްޔަ މި ދާއިރާއަށް ވަނީ ޒުވާނުންގެ ތެރޭ ވަރަށް މަގުބޫލުވެގެންދިޔަ "ޓުވީޓާ ސެލޫން" ހިންގި އިރު، އެތާނގެ ވެރިންދިން ފުރުސަތެއްގަ އެވެ. އެތާނގައި 2012 އިން ފެށިގެން ދެ އަހަރުވަންދެން އައްޔަ މަސައްކަތް ކުރި އެވެ. އޭގެ ފަހުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގެ ސެލޫން ހިންގަން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި، އެތާނގައި އައްޔަ މަސައްކަތް ކުރާތާ މިހާރު ވަނީ ހަތަރު އަހަރުވެފަ އެވެ.
މާލޭގައި އައްޔަގެ ތޮރުފި ސެލޫން ހުޅުވިތާ އަދި މިބީ ތިން މަހެވެ. ތޮރުފި ސެލޫން ހުޅުވި ނަމަވެސް ކޮންމެ ހޮނިހިރު ދުވަހެއްގައި އައްޔަ ދަނީ ރިސޯޓަށެވެ.
އައްޔަ ގަބޫލު ކުރާ ގޮތުގައި އަބަދުވެސް ކޮންމެ ތަނެއްގައިވެސް ކޮންމެ ކަމެއްގައި ވެސް "ރޫމް ފޯ އިމްޕްރޫވްމަންޓް" ނުވަތަ އެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ޖާގަ އޮންނާނެ އެވެ. އޭނާ ގެންދަނީ މިހާރުވެސް އެ ބަދަލްތައް ގެނައުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސެލޫން ހުޅުވިފަހުން މިއަދާ ހަމަޔަށް އެ ސެލޫނަށް ލިބެމުން އަންނަ ތަރުހީބަކީ އައްޔަ ގަބޫލު ކުރާ ގޮތުގައި އޭނާއަށް ދެވޭ ހިދުމަތުގެ ފެންވަރާއި މެދު ކަސްޓަމަރުންގެ އޮތް އިތުބާރެވެ.
"އަޅުގަނޑުމެން ފެށިތާ ކައިރީގައި ކުދިން މި އަންނަނީ ގޫގުލް ސާޗްކޮށްގެން ހެއާ ސްޓައިލްތަކާއި އެއްޗިސް ހޯދައިގެން، ދެން މިހާރު އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމަކީ އަޅުގަނޑުގެ ފޭސްބުކު ޕޭޖް ހާވައިގެން ފޮޓޯ ހޯދައިގެން އެބައާދޭ، ކުދިން މިހެން ހަދައިދީބަލާށޭ. އެއީ އަޅުގަނޑަށް ފީލް ކުރެވޭ ގޮތުގައި އަޅުގަނޑަށް ރަނގަޅަށް މަސައްކަތް ކުރެވިގެން، ރަނގަޅު މަސައްކަތެއް ކުރެވިފައި ހުރީމަ އެ ފޮޓޯތައް ހިފައިގެން އަންނަކަން. އެއީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް މި ބަލަނީ." އައްޔަ ވިދާޅުވި އެވެ.
ތޮރުފި ސެލޫނުން ދެ ޖިންސަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި، އެންމެ ފަހުގެ ހެއާ ކަޓްތަކާއި، ސްޓައިލިން އާއި، ހެއާ އާޓާއި، ޑްރެޑްލޮކާއި، ޕިއާސިންގެ އިތުރުން، ހެއާ ޓްރީޓްމަންޓާއި، ހެއާ އެކްސްޓެންޝަންގެ ހިދުމަތް ހިމެނެ އެވެ. އަންހެން ކުދިންނަށް ހާއްސަކޮށްގެން، ބުމަ ހެދުމާއި، މޭކަޕާއި، ފޭޝަލްގެ އިތުރުން ވެސް ގިނަ ހިދުމަތްތަކެއް ދެއެވެ.
ތިން ސްޓާފުންނާއެކު މިވަގުތު މަސައްކަތް ކުރަމުންދިޔަ ނަމަވެސް އައްޔަގެ އުންމީދަކީ ސެލޫންގެ ހިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ސްޓާފުންވެސް ގެނައުމެވެ.
ރާއްޖޭގެ ސެލޫންތަކުން އާންމުކޮށް ނުލިބޭ ބައެއްް ހިދުމަތްތަކަށްވެސް ތޮރުފިގެ ސެލޫން ހާއްސަ އެވެ. އެގޮތުން ހެއާ އެކްސްޓެންޝަނާއި، ޑްރެޑްލޮކްގެ ހިދުމަތް ފާހަގަ ކުރެވެއެވެ. އަދި ޑްރެޑް ލޮކްއަކީ އައްޔަ އެ ސެލޫން ހުޅުވި އެއް ސަބަބުވެސް މެއެވެ. އެ ސެލޫން އަކީ ޑްރެޑްލޮކަށް ހާއްސަ ސެލޫނެކޭ ވެސް ބުނެވިދާނެ އެވެ. އެގޮތުން ޑްރެޑްލޮކަށް ހާއްސަ، ޝޭމްޕޫ އާއި، ކަހާތީ ޖަހާ ސްޕްރޭގެ އިތުރުން ވެސް އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް އެ ސެލޫނުން ލިބެން ހުންނާނެ ކަމަށް އައްޔަ ބުންޏެވެ.
"އާންމުކޮށް ނުލިބޭނެ ދެއްތޯ ފީމޭލް ހެއާ އެކްސްޓެންޝަން ކަހަލަ ސާވިސްއެއް. އެއީ މިސާލަކަށް ތުނިކޮށް ހުންނަ އިސްތަށިގަނޑެއް ބޯ އިސްތަށިގަނޑަކަށް ހަދާލަންޏާ، ހަމަ ހެއާ އެކްޓެންޝަން ކޮށްލެވިދާނެ. އެމީހަކާއި ގުޅޭ ޓޯންއެއް ތަންކޮޅެއް ކުރިޔާލައި ގުޅާފައި އަޅުގަނޑަށް ބޭނުންވަނީ މިސާލަކަށް ބުޅި އިސްތަށިކޮޅެކޭ، މިވެނި ކުލައެކޭ އެގޮތަށް ބުނީމަ އެ އޯޑާކޮށްގެން ގެނެސް އެކްސްޓެންޝަން ކޮށްދޭނެ މިކޮޅުން" އައްޔަ ވިދާޅުވި އެވެ.
ހަތަރު އަހަރު މާލެއިން ބޭރުގައި ރިސޯޓްގައި މަސައްކަތް ކުރި އިރުވެސް، ޓުވީޓާ ސެލޫންގައި މަސައްކަތް ކުރި އިރު ގެންގުޅުން ކަސްޓަމަރުން އަދިވެސް ގެންދަނީ އައްޔަގެ ހިދުމަތް ހޯދަމުންނެވެ. ރިސޯޓްގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭވެސް އައްޔަ ވަނީ ވަގުތު ހޯދައިގެން އެ ކަސްޓަމަރުންގެ ގެއަށްގޮސް ހިދުމަތް ދީފަ އެވެ.