ކޮންމެ ދުވަހެއްގެ ކެއުމުގައި ކަދުރު ހިމަނަމާ!

ގިނަ ވަގުތު ނުކައި ހުރުމަށްފަހު ރޯދަ ވީއްލާއިރު ކާ ކެއުމަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ކެއުމަކަށް ވުން ވަރަށް މުހިންމެވެ. އެގޮތުން އެ ބޭނުންކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަކަތަ ލިއްބައިދޭ ކަދުރަކީ ރޯދަވިއްލަން އެންމެ ރަގަޅު މޭވާ އެވެ. ލޮބުވެތި ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ މުސްލިމުންނަށް ކަދުރުން ރޯދަ ވިއްލަން ހަދީސް ކުރައްވާފަ އެވެ. ކަދުރުން ރޯދަވިއްލުމުގެ ފަހަތުގައި އެތަކެއް ސިއްހީ މަންފާތައް ވެއެވެ. ހަށިގަނޑަށް ގިނަ އަދަދަކަށް ހަކަތަ ފޯރުކޮށްދިނުމުގެ އިތުރުން މި ފޮނި ކުޑަ ކުޑަ މޭވާއަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަ އެހެނިހެން މަންފާތަކަކެއް ވެސް އެކުލެވިގެންވާ މޭވާއެކެވެ.

ރޯދަ ވިއްލަން އެންމެ ރަނގަޅީ ކަދުރު

ގިނަ ވަގުތު ނުކައި ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގައިވާ ގްލޫކޯސްގެ މިންވަރު ދަށަށް ދާން މަގުފަހިކުރުވަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރޯދަ މަހު ދިމާވާ އާންމު ސިއްހީ މައްސަލަތައް ކަމަށްވާ ބޮލުގައި ރިއްސުމާއި ބޯ އެނބުރުން އަދި ވަރުބަލިވުން މެދުވެރި ވާނެ އެވެ. ކަދުރުން ރޯދަވިއްލުމަކީ ހަށިގަނޑުގައިވާ ގްލޫކޯސްގެ މިންވަރު އެދެވޭ މިންވަރެއްގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ކަދުރުގައި އެކުލެވޭ ކާބޯހައިޑްރޭޓްސްގެ ސަބަބުން ކަދުރުން ރޯދަ ވިއްލުމަށްފަހު ދެން މާ ގިނައިން ކެއުމުން ރައްކާތެރި ކޮށްދެ އެވެ. ހަމަ އެއާއެކު ކާތަކެތި ހަޖަމްކުރުމަށް އެހީތެރިވެދޭނެ އެވެ. ވީމާ ލޮބުވެތި ރަސޫލާގެ ސުންނަތުގައި ވެސް ބަޔާންވެފައިވާ ގޮތަށް ކަދުރުން ރޯދަ ވިއްލުމަކީ ކޮންމެހެންވެސް އަށަގަންނުވަންޖެހޭ އާދައެކެވެ.

ކަދުރުން ލިއްބައިދޭ އެހެނިހެން މަންފާތައް

ބަނޑުހިކުމުން ރައްކާތެރިކޮށްދިނުން

ކަނދުރަކީ ފައިބަރުން މުއްސަނދިވެފައިވާ މޭވާއެއް ކަމުން ކަދުރު ބޭނުން ކުރުމުން ބަނޑު ހިކުމުން ރައްކާތެރިކޮށްދެ އެވެ. އެގޮތުން އެއްރޭ ވަންދެން ފެންތައްޓެއްގައި ކަދުރު ފޯކުރުމަށްފަހު އެ ބޭނުން ކުރުމުން ބަނޑުހިކުން މެދުވެރިވެފައިވާ ފަރާތަކަށް ލުއިއެއް ލިބުމަށް އެހީތެރިވެދޭނެ އެވެ. މީގެ އިތުރުން ކަދުރުގައި އެކުލެވިފައިވާ ފައިބަރުގެ ސަބަބުން ހަށިގަނޑުގައިވާ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމުގައި ވެސް ދައުރެއް އަދާކުރެ އެވެ.

ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލްކުރުމަށް އެހީވުން

ކަދުރަކީ ހަށިގަނޑަށް ނުރައްކާތެރި ކޮލެސްޓްރޯލްގެ ބަވަތެއްކަމަށްވާ އެލްޑީއެއްލްގެ މިންވަރު ދަށްކޮށްދީ ހަށިގަނޑަށް ފައިދާހުރި ކޮލެސްޓްރޯލްގެ ބާވަތް ކަމަށްވާ އެޗްޑީއެލްގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. މީގެ އިތުރުން ކޮލެސްޓްރޯލް އޮކްސިޑައިސްވުމުން ރައްކާތެރި ކޮށްދިނުމުގެ ސަބަބުން ކޮލެސްޓްރޯލް ލޭ ހޮޅިތަކުގައި ހަރުލައި ލޭ ހޮޅިތައް ބެދުމުން ރައްކާތެރިކޮށް ދިނުމަށް ވެސް ކަދުރު ބޭނުން ކުރުމުން އެހީތެރިވެދެ އެވެ.

ލޭމަދުވުމުން ރައްކާތެރި ކޮށް ދިނުން

ކަދުރަކީ ދަގަނޑު އޭގައި ގިނަ އަދަދަކަށް އެކުލެވިފައިވާ މޭވާއެކެވެ. މީގެ ސަބަބުން ލޭ މަދުވެފައިވާ ފަރާތްތައް ކަދުރު ބޭނުން ކުރުމުން އެ ފަރާތްތަކުގެ ލޭގައި ހިމެނެ ދަގަނޑުގެ ބައި އިތުރުކޮށްދީ ރަނގަޅުވުމަށް މަގުފަހިކުރުވަ އެވެ.

ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން އެހީވުން

ކަދުރަކީ ފާހަގަ ކުރެވޭ މިންވަރަށް ސޯޑިއަމް މަދުވެފައި ޕޮޓޭސިއަމް ގިނައިން އެކުލެވޭ މާވާއެކެވެ. އެގޮތުން ހަށިގަނޑުގައި ސޯޑިއަމް މާ ގިނަވުމަކީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރިކުރުވާ ކަމެކެވެ. ވީމަ ކަދުރު ބޭނުން ކުރުމުގެ ސަބަބަބުން، ކަދުރުގައި ހިމެނޭ ޕޮޓޭސިއަމް ލޭގެ ޕްރެޝަރު އަދި ވޮލިއުމް ކޮންޓްރޯލުކޮށް އެދެވޭ މިނެއްގައި ދެމެހެއްޓުމަށް އެހީތެރިވެ ދެއެވެ.

ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީތެރިވުން

ކަދުރުގައި ހިމެނޭ ގިނަ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވިޓަމިން އޭ އަކީ އެންޓިއޮކްސިޑަންޓެކެވެ. މީގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީތެރިވެދީ ހާއްސަކޮށް އުމުރުން ދުވަސްވުމާ ގުޅިގެން ލޮލުގެ ފެނުމަށް މެދުވެރިވާ ތަފާތު ސިއްހީ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.

ސިކުނޑިއަށް އަންނަ ބަދަލުތަކުން ރައްކާތެރިކޮށްދޭ

އުމުރުން ދުވަސްވުމާ ގުޅިގެން ސިކުނޑީގެ ސެލްތަކަށް އެތަކެއް ބަދަލުތަކެއް އާދެ އެވެ. އޭގެތެރޭގައި ބައެ ބަދަލުތަކަކީ އަލުން އިއާދަ ނުކުރެވެނިވި ގެއްލުންތަކެވެ. ކަދުރު ބޭނުން ކުރުމުގެ ސަބަބުން މިފަދަ ގެއްލުންތައް ދިމާވުމުން ރައްކާތެރިކޮށްދެ އެވެ. ވީމާ ގަވައިދުން ކަދުރު ބޭނުން ކުރާނަމަ އުމުރުން ދުވަސްވުމާ ގުޅިފައިވާ ސިކުނޑީގެ ބަލިތައް ކަމަށްވާ އަލްޒައިމާޒް އަދި ޕާކިންސަންސް ފަދަ ބަލިތަކުން ރައްކާތެރި ކޮށްދިނުމުގެ ފުރުސަތު ބޮޑެވެ.

ގޮހޮރު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވޭ

ގޮހޮރުގައި ހަށިގަނޑަށް މަންފާކުރަނިވި ގިނަ ބެކްޓީރިއާ ދިރިއުޅެ އެވެ. މި ބެކްޓީރިއާތަކަށް ބޭނުންވާ ފައިބަރު ކަދުރުން ފޯރުކޮށްދެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކާތަކެތި ހަޖަމް ކުރަން ފަސޭހަވެ، ކާތަކެތިން ލިއްބައިދޭ މަންފާކުރަނިވި އެކި މާއްދާތައް ހަށިގަނޑުގެ އެކި މަސައްކަތްތަކަށް ބޭނުންކުރުމަށް ވެސް ފަސޭހަވެގެން ދެއެވެ.

ބައެއް ބާވަތްތަކުގެ ކެންސަރުން ސަލާމަތްކޮށްދޭ

ކަދުރުގައި ހިމެނޭ ތަފާތު ގިނަ ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްސް ފަދަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ގިނަ ސެލްތަކަކަށް ރައްކާތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ބައެއް ބާވަތްތަކުގެ ކެންސަރުތަކުން ވެސް ރައްކާތެރިކަން ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި ގޮހޮރުގެ ކެންސަރާއި މައިދާގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފާހަގަ ކޮށްލެވެ އެވެ. އަދި ޕްރޮސްޓޭޓް، އުރަމައްޗާއި އެހެނިހެން ގިނަ ގުނަވަންތަކުގެ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ގިނަ މާއްދާތަކެއް ކަދުރުފައި އެކުލެވިފައިވެ އެވެ.

މާބަނޑުދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވޭ

މާބަނޑު ދުވަސްވަރަކީ އިތުރަށް ހަކަތަ ބޭނުންވާ ދުވަސްވަރެކެވެ. އެގޮތުން ކަދުރަކީ މިކަން ހާސިލް ކުރުމަށް ކެއުމުގައި ހިމަނަން އެންމެ ރަނގަޅު އެއް މޭވާ އެވެ. ކަދުރުން ގިނަ ހަކަތަ ލިއްބައިދިނުމުގެ އިތުރުން މާބަނޑު ދުވަސްވަރު ދަރިފުޅުގެ ގިނަ ގުނަވަންތަކެއް، ހާއްސަކޮށް ސިކުނޑި ރަނގަޅަށް ހެދިބޮޑުވުމަށް ބޭނުންވާ ފޮލިކް އެސިޑް ވެސް ކަދުރުން ލިބެ އެވެ. އަދި މީގެ އިތުރުން ކަދުރުގެ ސަބަބުން ވިހެއުމަށް ފަހުގައި އަދި ކުރީގައި ވެސް ލޭ ބަރު ކުރުމަށް އެހީތެރިވެދޭ ކަމަށް ހޯދުންތަކުން ދަށްކަ އެވެ.

ކަދުރު ބޭނުން ކުރެވިދާނެ އެކި ގޮތްތައް

  • ކަދުރުގެ އޮށުގެ ބަދަލުދައި އާމަންޑްފަދަ ބަދަނުގެ ބާވަތެއް ލުން
  • ފެނުގައި އެއްރޭވަންދެން ފޯކުރުމަށްފަހު ބޭނުންކުރުން
  • ސެލެޑް ފަދަ ކެއުންތަކަށް ކުދި ކޮށް ކޮށާފައި އެޅުން
  • ހަކުރުގެ ނުވަތަ މާމުއިގެ ބަދަލުގައި ސްމޫތީ ފަދަ ތަކެތި ތައްޔާރު ކުރާއިރު ކަދުރު ބޭނުން ކުރެވިދާނެ
  • އޯޓްސް އަދި ސީރިއަލް އަށް ކަދުރު ކުދިކޮށް ކޮށާފައި އުޅުން

ދެބަސް ވެވެން ނެތް ގޮތުގައި ކަދުރަކީ އެއިން ލިބޭ ސިއްހީ މަންފާތައް ގިނަ މޭވާއެކެވެ. ބަޔާން ކުރެވިފައި އޭގެ ބައެއް މަންފާތަކެވެ. މި ނޫނަސް ދަތްފަނި ކެއުމާއި ކަށިފީވުމުން ރައްކާތެރިކޮށްދިނުން އަދި ބަރުދަން އިތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބަރުދަން އިތުރު ކުރުމަށް އެހީތެރިވުން ފަދަ ކަދުރުން ފޯރުކޮށްދޭ އެތަކެއް އެހެނިހެން ފައިދާކަތެއް ވާކަން ހޯދުންތަކުން ދައްކަ އެވެ. ވީމާ ކަދުރަކީ ރޯދަމަހުގެ އިތުރުން، ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ބޭނުން ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެން ފައިދާއިން ފުރިފައިވާ މޭވާއެކެވެ.