ނައުޝާގެ ހެލްތު ކޮލަމް

ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންތަ؟

ސިގިރޭޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެއްކަން އެނގެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއިން ނުހަނު ގިނަގުނަ ގެއްލުންތަކެއް ވާކަމެއްކަންވެސް އެނގެ އެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ މާ ފަސޭހަ ކަމަކަށް ނުވެ އެވެ. ކޮންމެ ދުވަހަކު ހެދުނު ކޮފީ ތައްޓަކާއި ސިގިރޭޓެއް ބޯނުލަނިސް ދުވަސް ރަގަޅަށް ފެށޭ ކަމަކަށް ނުވެ އެވެ. މިއީ އާދައެއް ކަމުގައި ވަނީ ވެފަ އެވެ.

ސިގިރޭޓް ބުއިމަށް ދެވި ހިފަނީ ކީއްވެ؟

ސިގިރޭޓުގައި ހިމެނޭ ސިއްހަތަށް ނުރައްކާތެރި އެތަކެއް ކެމިކަލްތަކުގެ ތެރެއިން ނިކޮޓިންއަކީ ފަހާގަކޮށްލެވޭ ނުރައްކާތެރިކަން ބޮޑު ކެމިކަލްއެކެވެ. ނިކޮޓިންގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރި ކުރުމުގެ އިތުރުން މިއީ ސިގިރޭޓް ބުއިމަށް ދެވިހިފުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ކެމިކަލްވެސް މެއެވެ. ސިގިރޭޓުގައި ހިމެނޭ ނިކޮޓިން ސިިނކުޑިއަށް ވާސިލްވެ، ސިކުނޑީގައި ސިގްނަލްތައް ދައުރުކުރާ ކުރުމަށް ބަދަލުތަކެއް އައުމަށް މެދުވެރި ކުރުވަ އެވެ. އަދި ހަށިގަނޑުގައި ނިކޮޓިންގެ އަސަރު ހުރުމުގެ ނަތީޖާއެއްގެ ގޮތުން އިތުރައް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންވާކަމުގެ އިހްސާސް ކުރުވަ އެވެ. ނަމަވެސް ސިނގެރޭޓް ނުބޮޔެ ގިނަ ދުވަސްވާ ވަރަކަށް ހަށިގަނޑުގައިވާ ނިކޮޓިންގެ މިންވަރު މަދުވެ އޭގެ ސަބަބުން ދެވިހިފުމަށް މެދުވެރިކުރުވާ ކުރުވުންވެސް މަދުވެގެން ދެއެވެ.

ވީމާ ވަރުގަދަ އަޒުމަކާއެކު ސިގިރޭޓް ބުއިން ހުއްޓާލުމަށް މަސައްކަތް ކޮށްފިނަމަ، މިއީ ހާސިލް ކުރެވިދާނެ ލަނޑުދަނޑިއެކެވެ. އަދި ރޯދަ މަހަކީ މިކަން ކުރުމަށް އެންމެ ރަގަޅު ވަގުތެވެ.

ރޯދަމަސް: ސިގިރޭޓް ބުއިން ހުއްޓާލުމަށް އެންމެ ރަގަޅު ދުވަސްވަރު

ރޯދަމަހުގައި ދުވާލުގެ ގިނަ ވަގުތު ކެއުން ބުއިމާ ދުރުވެ ހުންނަ ހުރުމަކީ ދެންފަތާ ދުރުވެހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެނީ ރޯދަމަހު ގިނަ މުސްލިމުންނެއް ކާމިޔާބުކަމާއެކު ދުންފަތާ ދުރުވުމަށް މަސައްކަތްފަށާ އެގޮތުގައި ދެމިހުންނަ ކަމަކީ ގިނަ ދިރާސާތަކުންވެސް ހާމަކުރާ ހަގީގަތެކެވެ. މިއީ އަހަރުމެންގެ މުޖުތަމައުއަށް ބަލައިލައިފިނަމަވެސް ހާމަވެގެންދާ ހަގީގަތެކެވެ. އެހެނީ ސިގިރޭޓަކާ ނުލާ މެނުވީ ދުވަސް ނުފެށޭ ކަމަށް ބުނާ މީހުން ރޯދަމަހު މި އާދައާ ދުރަށްދާތަން ފެނެ އެވެ. މިއިންވެސް އެގެނީ ރޯދަމަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ މުޅިން ދުރުވުމަށް އެންމެ ރަގަޅު ދުވަސްވަރު ކެމެވެ.

ސިގިރޭޓަކާ ނުލާ މެނުވީ ދުވަސް ނުފެށޭ ކަމަށް ބުނާ މީހުން ރޯދަމަހު މި އާދައާ ދުރަށްދާތަން ފެނެ އެވެ. މިއިންވެސް އެގެނީ ރޯދަމަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ މުޅިން ދުރުވުމަށް އެންމެ ރަގަޅު ދުވަސްވަރު ކެމެވެ.

ސިގިރޭޓް ބުއިން ހުއްޓާލުމަށް އެޅޭ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާނީ މިއީ ކޮންމެހެންވެސް ހުއްޓާލަން ޖެހޭ ކަމެއްކަން އަމިއްލަޔަށް ގަބޫލްކޮށް އެކަމަށް ބޭނުންވުމެވެ. މިކަން ހާސިލް ކުރުމަށްޓަކައި ސިގެރޭޓް ބުއިން ހުއްޓާލަން ޖެހޭ ސަބަބުތައް ދެނެގަތުން ވަރަށްވެސް މުހިންމެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ޖެހޭ ސަބަބުތައް

ދުންފަތުގެ އިސްތިއުމާލު ކުރާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭގައި ހިމެނޭ ގިނަ ނުރައްކާތެރި ކެމިކަލްތައް ފުއްޕާމޭއަށް ފޯރައެވެ. އަދި ލޭގެ ޒަރިއްޔާއިން މި ނުރައްކާތެރި ކެމިކަލްތަކުގެ އަސަރު ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށްހެން ކޮށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ސިއްހީ މައްސަލަތަކެއް މެދުވެރި ކުރުވަ އެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްޓާލާތާ 20 މިނިޓް ތެރޭގައި ހަށިގަނޑުން މި ކެމިކަލްތަކުގެ އަސަރު ފިލުވާލުމަށް ހަށިގަނޑު މަސައްކަތް ކުރެއެވެ. އެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއެކު ސިއްހަތަށް ހައިރާން ކުރަނިވި ރަގަޅު ބަދަލު ތަކެއް އަންނަން ފަށަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ:

  • 20 މިނިޓް ތެރޭގައި ހިތުގެ ވިންދު އަދި ލޭގެ ޕްރެޝަރު ތިރިއަށް ދިއުން
  • 12 ގަޑިއިރު ތެރޭގައި ދުނަފަތުގެ ސަބަބުން ލޭގައި އިތުރުވާ ވިހަ ގޭހެއްކަމަށްވާ ކާބަންމޮނޮކްސައިޑްގެ މިންވަރު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެއްގެ ލޭގައި ހުންނަ މިންވަރަށް ދަށްވެގެން ދިއުން
  • 2 ހަފްތާއާއި ތިން މަސް ތެރޭގައި ލޭ ދައުރުވުމާއި ފުއްޕާމޭގެ މަސައްކަތްކުރުން ރަގަޅުވެ ސިގިރޭޓް ބުއިމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތުތައް ދަށަށްދާން ފެށުން
  • އެއްމަހާއި 9 މަސްތެރޭގައި ސިގިރޭޓު ބުއިމުގެ ސަބަބުން ކެއްސާ ކެއްސުން މަދުވެ ނޭވާލުން ފަސޭހަވުން
  • އެއް އަހަރު ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 50% އަށް ދަށްވުން
  • 10 އަހަރު ތެރޭގައި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް 50% އަށް ތިރިވެ ކިޑްނީ އަދި ޕެންކްރިއެޓިކް ކެންސަރު ޖެހުމުގެ ފުރުސަތުތައް ދަށްވުން
  • 15 އަހަރުގެ ތެރޭގައި ހިތުގެ ބަލިތައް ޖެހުުމުގެ ފުރުސަތުތައް ދުންފަތުގެ އިސްތިއުމާޅު ނުކުރާ މީހަކާ އެއްވަރަށް ދަށްވެގެން ދެއެވެ.

މިނޫންވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ލިބޭ މަންފާތައް ބައިވަރެވެ. އޭގެ ތެރޭގައި:

  • ދަތްތައް ހުދުވުން
  • ގައިން ނުބައިވަސް ނުދުވުން
  • ނިޔަފަތީގައި ހުންނަ ރީނދޫކުލަ ފިލައިދިއުން
  • ކާތަކެތީގެ ރަހަ ރަގަޅުވުން އަދި ވަސްދުވުން ރަގަޅުވުން
  • ފައިސާ ސަލާމަތްކުރެވުން

ސިގިރޭޓް ބުއިން ހުއްޓާލުން

  • ސިގިރޭޓް ބުއިން ހުއްޓާލާނެ ދުވަހެއް ކަނޑައެޅުން
  • އާއިލާ އަދި ރައްޓެހިން ކައިރީ ބުނެ އެމީހުންގެ އެއްބާރުލުން ހޯދުން
  • އާންމުކޮށް ސިނގެރޭޓް ބޯ ގަޑި ތަކުގައި އެހެން ކަމެއް ކުރުން (ރޯދަމަހު ރޯދަ ވިއްލައިގެން އާންމުކޮށް ސިގިރޭޓް ބޯނަމަ މިސްކިތުގައި ރޯދަ ވިއްލުން އާދަ ކުރެވިދާނެ، އެހެނީ މިސްކިތުގައި ސިގިރޭޓް ބުއިންފަދަ ނުރަގަޅު އާދަތަކުން ދުރުހެލިވުން މުހިންމެވެ)
  • އާންމުކޮށް އެކުގައި ސިގިރޭޓް ބޯ ރައްޓެހިންނާ ބައްދަލުކުރުން މަދުކުރުން
  • ސިގިރޭޓްގެ ބަދަލުގައި ޗުއިންގަމް ފަދަ އެހެން އެއްޗެއް ބޭނުންކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ ދެވިހިފާފައިވާ ކަންކަމަކީ ދޫކޮށްލުމަށް ފަސޭހަ ކަންކަމެއް ނޫނެވެ. އެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް މަސައްކަތްކުރާ ފުރަތަމަ ދުވަސްކޮޅުގައި ބޮލުގައި ރިހުން، މޭބޮޑުވެ ބަނޑުހަރުވުން ނުވަތ ބަނޑުދިޔާވުން ފަދަ ތަފާތު ސިއްހީ އުނދަގޫތަކާ ކުރިމަތިވުން ވެސް ގާތެވެ.

އަދި މީގެ އިތުރުން އާންމުކޮށް ކޮފީ ތަކަށް އަރާފައި އެކުގައި ސިގިރޭޓް ބޮއެ އުޅޭ ރަހްމަތްތެރިންގެ ސަބަބުންވެސް މިއީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.

ނަމަވެސް މިފަދަ ކޮންމެ ގޮންޖެހުމެއް ދިމާވާ ހިނދު، އަދި އަލުން ސިނގިރޭޓް ބޯ ހިތްވާ ކޮންމެ ފަހަރަކު ހުއްޓާލަން ނިންމި ސަބަބު ހަނދާންކުރުން މުހިންމެވެ. އަދި ސިނގިރޭޓް ބުއިން ހުއްޓާލިތާ ކިތައް ދުވަސް ވެއްޖެތޯ ބަލާ ނޯޓްކޮށް ގިނަ ދުވަސްވާވަރަކަށް އަމިއްލަ ނަފްސަށް ހިއްވަރުދީ އެގޮތުގައި ދެމިހުރުމަށް އިތުރަށް އަޒުމް ވަރުގަދަ ކުރުން މުހިންމެވެ.