ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް، އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ބަޔަކު ހިންގާ ޖަރީމާތަކަކީ ރާއްޖޭގައި ނިންމުމެއްނެތި ކުރެވޭ ބަހުސަކަށް ލިބޭ އިތުރު ބަހަނާއެކެވެ. އެ އަރައިރުމުގެ އަލިފާން ނިވުނަ ނުދީ ދަރުއެޅުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދީނީ ހަރުކަށި ފިކުރުގެ ވާހަކައަކީ އެމަނިކުފާނުގެ އެންމެ ގަޔާވާ އެއް މައުލޫކަން ނަޝީދު ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކުންނާ ޓްވިޓާ ފީޑު ހާވާލި ނަމަވެސް ސާފުވާނެ އެވެ. އެކި ފަހަރު މަތިން ތަފާތު ތުހުމަތުތަކާއި އިލްޒާމުތަކެވެ.
އެއް ފަހަރު ދެއްކެވީ އަޑީ ދައުލަތެއްގެ ވާހަކަ އެވެ. ބޭރުގެ ހަނގުރާމާތަކަށް ދިވެހިން ފޮނުވަން އެހީތެރިވެދޭ ކަމަށް ވިދާޅުވެ، ދެން ތުހުމަތުގެ އިނގިލި ދިއްކުރެއްވީ ސަލާމަތީ ބާރުތަކަށެވެ. ދެން އަންނަ ރައްޔިތުންގެ މަޖިލީހުގައި އިންނަވާނެ މެންބަރު ނަޝީދަކަށް އަދި އަމުދުން ދީނީ އިލްމުވެރިން ކަމަކުނުދެ އެވެ.
ނަމަވެސް، ދީނީ ގޮތުން ހައްދުފަހަނައެޅުމާ ގުޅޭގޮތުން ނަޝީދު އާންމުކޮށް ފާޅުކުރައްވާ ކަންބޮޑުވުންތަކާއި އަމާޒުކުރައްވައި އިލްޒާމުތައް ދާދި ފަހުން ވަނީ މުޅީން އެހެން މިސްރާބަކަށް އަނބުރާލައްވައިފަ އެވެ.
"އިސްލާމް ދީނުގެ ނަމުގައި ހިންގަމުންދާ ކަންކަމަށް ބަލައި، ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހުކުރުން. މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާ ފަދަ ވާހަކަތައް މާގިނަ" ނަޝީދު ކުރެއްވި ޓްވީޓެއްގައި ތުހުމަތުކުރެއްވި އެވެ.
އާންމު އުސޫލުގެ ދަށުން ނަޝީދުގެ ތުހުމަތުތަކާއެކު، އެ ވަގުތު މަޑުގިނީގައި އޮތް "ދީނީ ބަހުސް" ވަނީ އުތުރި އަރައިފަ އެވެ. ނަޝީދުގެ ފަޅީގައި ތިބި ބަޔަކު އަވަސްވެގަތީ އެމަނިކުފާނުގެ ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް ދަރިވަރުންގެ ފޮތްތަކުގެ ސަފުހާތަކުގެ ބައިތައް ސޯޝަލް މީޑިއާގައި ދައުރު ކުރުމަށެވެ. "ދީނުގެ ދިފާއުގައި" އަނެއް ފަޅިން ގެންދަނީ ނަޝީދަށާއި ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. ދަރިވަރުންގެ މުގައްރަރު ބަދަލުކުރުމުގެ ވާހަކާގައި ހީލަތްތެރި ނުބައި މަގުސަދެއްވާ ކަމަށް ހަރު އަޑުން ބުނަމުންނެވެ.
އިސްލާމް މުގައްރަރުގައި މައްސަލަ؟
ނަޝީދުގެ ޓްވީޓުގައި ވަކި މާއްދާއެއްގެ ވާހަކަ ވިދާޅުނުވި ނަމަވެސް، އެމަނިކުފާނުގެ ތުހުމަތުތައް އަމާޒު ކުރެއްވީ އިސްލާމް މުގައްރަރަށްކަން ސާފެވެ. ރާއްޖޭގެ ގައުމީ މަންހަޖާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިއަ ނަމަވެސް، ރަސްމީ ސިފައެއްގައި އެޑިޔުކޭޝަން މިނިސްޓްރީއަކުން އިސްވެ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީވެސް އޮތީ ހިމޭނުންނެވެ.
ސަތޭކައިން ސަތޭކަ މުސްލިމު ގައުމެއްގެ މަސްލަހަތާއި، ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ގައުމީ މަންހަޖު ސަރުކާރުގެ އެއްވެސް ބޭފުޅަކު އަދި ދިފާއުކުރެއްވި މަންޒަރެއް ވެސް ނުފެނެ އެވެ.
މުގައްރަރުތައް އެކުލަވައިލުމުގެ މަސައްކަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ތައުލީމީ ދާއިރާގެ ބޭފުޅަކު ނަންނުޖަހަން އެދި "އަވަސް" އަށް ވިދާޅުވި ގޮތުގައި، އިސްލާމް މުގައްރަރުގައި ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އެހެން މާއްދާތަކުގެ މުގައްރަރުތަކާ ހިލާފަށް އިސްލާމީ މުގައްރަރު އެކުލަވާލާއިރު، ފަންނީ މާހިރުންގެ ލަފާގެ މަތިން، ފޮތްތަކުގައި ދީނާ ގުޅޭގޮތުން ހިމެނޭ މައުލޫމާތުތަކަކީ އެކި އުމުރުފުރާތަކާ ގުޅޭ އެންމެ އެކަށީގެންވާ މައުލޫމާތުކަމެއް ކަނޑައެޅިފައިނުވެ އެވެ.
"މިސާލަކަށް ދަންނަވަންޏާ ހިސާބު، އިނގިރޭސި އަދި ސޯޝަލް ސައިންސް ފަދަ މާއްދާތަކުގެ ކަރިކިއުލަމް އެކުލަވައިލެވެނީ ރާއްޖެއާ ބޭރުގެ ފަންނީ ބޭފުޅުންގެ އިރުޝާދާއި ދިރާސާތަކެއްގެ ތެރެއިން، އެ ގްރޭޑެއްގައި އުޅޭ ކުދިންގެ އުމުރާ ގުޅޭ ގޮތަށް. ނަމަވެސް، އިސްލާމީ މުގައްރަރިރު ކަނޑައެޅެނީ އެގޮތަކަށް ނޫން. އެހެންވީމަ، އުމުރާ ނުގުޅޭ ނޫނީ އެކަށީގެންނުވާ މައުލޫތަކާ މައުލޫމާލުތައް އެބަހުރޭ އިސްލާމް ފޮތްތަކުގައި،" ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އެ ބޭފުޅާ ތަފްސީލު ކޮށްދެއްވި އެވެ.
ޒިންމާ ނަގާނެ ފަރާތެއްވެސް ނުވި
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އިސްލާމީ މުގައްރަރިރު އެކުލަވައިލުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ މާބޮޑު ދައުރެއް ނޯވެ އެވެ. އެ މަސައްކަތް ކުރަނީ ސީދާ އިސްލާމިކް މިނިސްޓްރީންނެވެ. މިކަމާ ގުޅޭގޮތުން، އެޑިޔުކޭޝަން މިނިސްޓަރުގެ އިތުރުން އެކަމަނާގެ މިނިސްޓްރީން ވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ނަމަވެސް، އެ ވާހަކަ ދޮގު ކުރައްވަމުން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކިޔަވައިދޭ ހުރިހާ މާއްދާތަކެއްގެ މުގައްރަރު އެކުލަވައިލުމުގެ ޒިންމާ އެޑިޔުކޭޝަން މިނިސްޓްރީގެ މެންޑޭޓު ތެރޭގައި ހިމެނޭއިރު، އިސްލާމީ މުގައްރަރު ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީގެ ދައުރު ވަރަށް ކުޑަވާނެ އެވެ.
"ހަގީގަތުގައި އަޅުގަނޑުމެން [އިސްލާމިކް މިނިސްޓްރީ] ގެ އެއްވެސް ދައުރެއް ނޯންނާނެ، މުގައްރަރު އެކުލަވައިލުމުގައެއް. އެކަމަކު ގާނޫނުގައިވާ ގޮތުން ދީނާ ގުޅޭ އެއްވެސް ފޮތެއް ނެރެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ލިބިގެން. އެއީ އެ ފޮތެއްގައި ހުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރަން. އެއީ މި މިނިސްޓްރީގެ ދައުރަކީ. އެޑިޔުކޭޝަނުން އަޅުގަނޑުމެންނަށް ފޮނުވާ ފޮތްތަކުގައި ހިމަނާފައިވާ މައުލޫމާތު ސައްހަތޯ ބަލާފައި އަޅުގަނޑުމެން ތައްގަނޑެއް ޖަހަނީ،" އިސްލާމް ފޮތްތަކުގައި ހިމަނާ މައުލޫމާތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.
މުގައްރަރު އިސްލާހުކުރަން އިއްތިފާގު
އެކި ފަހަރުމަތިން ބަދަލު ކުރެވުނު ނަމަވެސް، ރާއްޖޭގައި 1984 އިން ފެށިގެން ކިޔަވައިދެމުން އަންނަ އިސްލާމީ މަންހަޖުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމާއި، މުގައްރަރު ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭކަމަށް މި ބަހުސްއާ ގުޅޭގޮތުން ހިޔާލުފާޅު ކުރެއްވި ގިނަ ބޭފުޅުން އިއްތިފާގުވެ އެވެ.
އިސްލާމީ މުޤައްރަރު މުރާޖިޢާކުރާ ނަމަ ދަރިވަރުން އުޅެމުންދާ ވެއްޓާމެދު ރިޢާޔަތް ކުރުމަކީ ލާޒިމު ކަމެކެވެ. މުޅި ދުނިޔޭގެ ޙާލަތަށް ވެސް ބަލަން ޖެހެ އެވެ. ރާއްޖޭގައި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި ހުރި ރިވެތި އާދަކާދަތަކާއި އަޚުލާޤަށް ރިޢާޔަތް ކުރެވެން ޖެހެއެވެ. އަދި ރާއްޖެއަކީ ޓުއަރިޒަމްގެ މައްޗަށް އިޤުތިޞޯދު ބިނާ ވެފައިވާ ޤައުމެއް ކަމުން ބޭރުން އަންނަ މެހުމާނުނަށް އެމީހުންގެ ދީނަށް ބެލުމެއްނެތި އިޙުތިރާމް ކުރުމާއި ކަމޭހިތުމުގެ ވާހަކަ މުޤައްރަރުތަކުގައި ހިމެނުމަކީ މުހިންމު ކަމެކެވެ."ޤައުމީ މަންހަޖު އިޞްލާޙު ކުރުން" އާޓިކަލް | ޑރ. ޝަހީމް ފާހަގަކުރައްވާފައިވާ ނުކުތާ
ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ދީނީ އިލްމުވެރިއަކު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރުއޮތް އިސްލާމީ މަންހަޖުގައި މާ ކުރީ ޒަމާނުގެ އަސާސްތައް ހިމެނިފައިވާ ކަމަށެވެ. އެހެން މާއްދާތަކުގައިވެސް އަމަލުކުރާ އުސޫލުން، އިސްލާމީ މުގައްރަރުގައިވެސް މިހާރުގެ ދުނިޔެއާ ގުޅޭ، ޒަމާނީ މައްސަލަތަކާއި ދަރިވަރުންގެ މިހާރުގެ މާހައުލުގައި ހުރި ކަންތައްތައް ހިމަނަންޖެހޭ ކަމުގައި ފާހަގަކުރެއްވި އެވެ.
"މާ ކުރީ ޒަމާނެއްގެ މާހައުލާ ގުޅޭ ގޮތަށް އޮތީމަ މިހާރުގެ ކުދިންނަކަށް ނުވިސްނޭނެ. ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއި މުޖުތަމައުއަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ރިއާއަތްކުރެވިގެން މަންހަޖު އެކުލަވާލަން ޖެހޭނީ. ހައްދުފަހަނަ އެޅުމާއި ހަރުކަށި ފިކުރަށް ޖާގަ ލިބެން މަގުފަހިވަނީ ވެސް އަސްލު އެހެންވެ،" އެ ބޭފުޅާ އިތުރަށް ވިދާޅުވި އެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި، މިހާރުގެ އިސްލާމް ފޮތްތަކުގައި އެންމެ ބޮޑަށް ފާހަގަވެފައިވާ މައްސަލައަކީ އުމުރާ ނުގުޅޭ މައުލޫމާތުތައް ހިމެނިފައި ވުމެވެ.
"މިސާލަކަށް ވަރަށް ދަށް ގްރޭޑެއްގެ އިސްލާމް ފޮތުގައި އެބަހުރި ހިނައިގަންނަންޖެހޭ ގޮތުގެ ވާހަކަ. އެހާ ޅަ އުމުރުގައި އެނގެންޖެހޭ ވާހަކައެއް ނޫން އެއީކީ. އެގޮތަށް އެބަހުރި އުމުރުފުރާތަކަށް އެކަށީގެން ނުވާ މައުލޫމާތުތައް ހިމެނިފައި،" އެކަން އިސްލާހުކުރަން އެޑިޔުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާތައް ވަރަށް އަވަހަށް ފަށަން ނިންމާފައިވާކަން ހާމަކުރައްވަމުން ޒާހިރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވިސްނުންފުޅާ އިއްތިފާގުވާ އެހެން ދީނީ އިލްމުވެރިއަކު ވިދާޅުވި ގޮތުގައި، ދީނީ ހަނގުރާމަތަކާއި ޖިހާދުތަކުގެ ސައްހަ މައުލޫމާތުތައް ދަރިވަރުންނަށް މިހާރު ވަނީ އޮޅުންފިލުވައިދޭންޖެހިފަ އެވެ.
"މިހާރުގެ ފޮތްތަކުގައި މިހުންނަނީ ހަނގުރާމަތަކުގެ ވާހަކަ ވަރަށް ތިލަކޮށް. އެއް ޒަމާނެއްގައި އެވަރުން ފުދުނު. އެކަމަކު މިހާރު އެ ހާލަތު ބަދަލުވެއްޖެ. ކުދިންނަށް އެބަ އަންގަދޭންޖެހޭ ކީރިތި ރަސޫލާ ހަނގުރާމަ ކުރެއްވި ސަބަބުތައް. މިހާރު ކަންހިނގާހެން ބަޔަކު އެކުދިން ނުބައި މަގަކުން ގެންދިއުމުގެ ދޮރު ބަންދެއް ނުކުރެވޭނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ދީނީ ހަރުކަށި ޖަމާއަތްތަކާ ގުޅިގެން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސްތިބި ގިނަ ދިވެހިންނަކީ ދީނީ އިލްމެއްނެތް ދީނުގައި އަސްލު ކަންކަން އޮންނަ ގޮތް އޮޅުންފިލާފައިނުވާ މީހުނެވެ.
"މިހާރު ސީރިއާ ފަދަ ގައުމުތަކަށް ގޮސްތިބި ދިވެހިންނަށް ބައްލަވާ. ވަރަށް މަދުވާނެ އަރަބިއްޔާ އަދި މައުހަދުން ދީނީ އިލްމު ހާސިލްކޮށްގެން ތިބި މީހުން. އެހެންވީމަ، ދީނީ އިލްމެއް ނޫން މައްސަލައަކީ. ދީނީ އިލްމު ރަނގަޅަށް ނޭނގުން މައްސަލައަކީ،" އެ ބޭފުޅާ ފާހަގަކުރެއްވި އެވެ.
މުގައްރަރު ބަދަލުކުރާ މަގުސަދާމެދު ކަންބޮޑުވުން
ގަބޫލުކުރަން ދަތި ނަމަވެސް، ކުރީގެ ރައީސް ނަޝީދު ފާޅު ކުރެއްވި ކަންބޮޑުވުން ގިނަ އިލްމުވެރިން ވެސް ހިއްސާކުރައްވަ އެވެ. ދީނީ ގޮތުން ހައްދުފަހަނަ އެޅުމާއި، ހަރުކަށި ފިކުރުގެ މޫތައް ރާއްޖޭގައި ފެތުރިގެން ދިއުން ހުއްޓުވުމުގެ މަސައްކަތަށް، އިސްލާމީ މުގައްރަރަށް ގެނެވޭ އިސްލާހުތަކެއްގެ ތެރެއިން ވަރަށް ބޮޑު ދައުރެއް އަދާ ކުރެވިދާނެ ކަމަށް "އަވަސް" އާ ވާހަކަ ދެއްކެވި ދީނީ އިލްމުވެރިން ގަބޫލުފުޅު ކުރައްވަ އެވެ.
ނަމަވެސް، އެ ބޭފުޅުންގެ ކަންބޮޑުވުމަކީ މުގައްރަރު އިސްލާހު ކުރުމުގެ ނަމުގައި، ރާއްޖޭގައި އިސްލާމް ދީނަށް އޮތް ނުރައްކަލެވެ. "މެދުމިނުގެ" ފިކުރުގެ ނިވަލުގައި އިސްލާމީ އަގީދާއާ އިސްލާމް ދީނުގެ އަސާސްތައް މުގުރާލައި، ރާއްޖޭގެ މުސްތަގުބަލު އެހެން މިސްރާބަކަށް ގެންދިއުމުގެ މަގު ކޮށުމުގެ ހަތިޔަރާކަށް މުގައްރަރު ބޭނުން ކުރުމަކީ އެބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމެވެ.
ރާއްޖޭގައި ކެނޑެނޭޅި ދެ ފަރާތުގައި ތިބެގެން ބަޔަކު ކުރަމުންދާ ޒާތެއްގެ ހަނގުރާމަ އެންމެ ރަނގަޅަށް ސިފަ ކޮށްދެއްވާފައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ އަދި މިހާރު އޯއައިސީގެ ފިކުރީގެ ގޮފީގެ ވެރިޔާ ކަމާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
"ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ފިކުރީ ގޮންޖެހުމަކީ ހަމައެކަނި ދީނީ ހަރުކަށި ވިސްނުމެއް ނޫނެވެ. (އޭތިޒަމް) ދީން ގަބޫލު ނުކުރުމުގެ ވިސްނުމާއި ދީނީ ހަރުކަށި ފިކުރަކީ އެއް ފައިސާ ފޮއްޗެއްގެ ދެފަރާތެވެ،" ޖިއްދާއިން މާލެއަށް: ޤައުމީ މަންހަޖު އިޞްލާޙު ކުރުން ސުރުހީގެ ދަށުން ޑރ. ޝަހީމް ލިޔުއްވާފައިވާ އާޓިކަލްގައި ވިދާޅުވެފައިވެ އެވެ.