ރިޕޯޓް

އިސްލާމް ފޮތުން ކަނޑަންވީ ކޮން ގަނޑެއް؟

ރާއްޖޭގެ ތައުލީމީ މުގައްރަރަށް ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރާ ކަމުގެ ތުހުމަތު އޮންނަތާ ދުވަސްތަކެއްވެއްޖެ އެވެ. ހާއްސަކޮށް އިސްލާމް އާއި ގުރުއާން އަދި ދިވެހި މާއްދާއަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ބޮޑެވެ. އެ މަސައްކަތް ޓްރާސްޕޭރަންސީ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބަޔަކު ބުނެއެވެ. މި މަސައްކަތް ކުރަނީ ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލާ ދަރިވަރުން އެ ފިކުރާ ދުރުކުރުމުގެ ގޮތުން ކަމަށް ބުނެވެއެވެ. ނަމަވެސް އެ ވާހަކަތައް މިހާތަނަށް އޮތީ ތުހުމަތެއްގެ ގޮތުގައެވެ. ބައެއް ފަހަރު އިލްމުވެރިން އެ ވާހަކަތައް ދައްކަވައެވެ. ހަގީގަތް ސާފުކޮށް ދިނުމަށް އެދި އިލްތިމާސް ކުރެއެވެ. ބައެއް ފަހަރަށް އިދިކޮޅު ސިޔާސީ ވެރިން ސިޔާސީ ޖޯޝުގައި އެ ވާހަކަތައް ދައްކަވައެވެ.

ހޮނިހިރު ދުވަހުގެ ރޭ އޮތް އެމްޑީޕީގެ 181 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއަކީ މިހާތަނަށް އޮތް ތުހުމަތުތައް އިތުރަށް ބޮޑުވެ ސުވާލުތައް ގިނަވާން މެދުވެރިވި އެތައް ވާހަކަތަކެއް އިވިގެންދިޔަ ޖަލްސާއަކަށް ވެގެންދިޔައެވެ. އެ ޖަލްސާގައި އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު ހަސަން އަފީފް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެ އެ ބައްދަލްވުމުގައި ދެކެވެނުނު ބައެއް ވާހަކަތަކުގެ ތަފްސީލު ދެއްވާފައެވެ.

އަފީފު ވިދާޅުވި ގޮތުގައި އެ ބައްދަލްވުމުގެ މައިގަނޑު މައުލޫއަކީ ސުކޫލު ދަރިވަރުން ހަރުކަށި ފިކުރުގެ ތެރެއަށް ދާތީ އެކަމުގެ ކަންބޮޑުވުމެވެ. އެ ކަންބޮޑުވުން މިނިސްޓަރުވެސް ފާޅުކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ހަރުކަށި ފިކުރުން ދަރިވަރުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލުވެސް ދެއްވިއެވެ. އެންމެ މުހިންމުކޮށް ކުރައްވާ ކަމަކީ ކަރިކިއުލަމަށް ބަދަލު ގެނައުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ދެން ވިދާޅުވީ މިހާރުވެސް މަަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން އިސްލާމް ފޮތްތަކުގައި ހުރި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް ހުރި ލިޔެކިޔުންތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.

"ސުކޫލު ކުދިންނަށް އަމާޒުކޮށް އެކިއެކި ހަރުކަށި ފިކުރުގެ އަދި އެހެންވެސް ފަރާތްތަކުން މި ދެންނެވީ 'ޔަންގް މައިންޑް' ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކި ފަރާތްތަކުން ފާހަގަކުރާ ކަަމަށް އަޅުގަނޑުމެން ފާހަގަކުރިން. އަދި މިކަންތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނަށް ވެސް ފާހަގަ ކުރެވިފައިވާ ކަންތައްތަކެއް ކަަމަށް އެ ބޭފުޅުން ވިދާޅުވަނީ. އާދެ، މިނިސްޓަރު ވިދާޅުވާ ގޮތުގައި އެ ބޭފުޅުން ކަރިކިއުލްވެސް ވަޑައިގަންނަވަނީ ރިވިއު ކުރައްވަމުން. އެގޮތުން އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް ހުރި ލިޔެކިޔުންތައް ދަނީ ބަދަލުކުރަމުން،" ހަސަން އަފީފް ވިދާޅުވިއެވެ.

އެހެން ވިދާޅުވި ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް އަފީފު އެ ވިދާޅުވީ ވަރަށް ބޮޑު ވާހަކައެކެވެ. އިސްލާމް ފޮތަކީ އިސްލާމް ދީނުގެ އެކި ހުކުމްތަކާއި ދީނުގެ ރިވެތި އަދަބުތަކާއި އިސްލާމީ ތާރީހާއި އިސްލާމީ ފަތަހައިގެ އެކި ވާހަކަތަކާއި ރަސޫލުންނާއި ނަބީޔުންގެ ވާހަކަތަަކާއި މި ނޫންވެސް ދީނީ އެކިއެކި މައުލޫމާތުތައް ހިމެނޭ ލިޔުންތަކާއެކު ތައްޔާރުކުރެވިފައިވާ ފޮތް ބައެކެވެ. ކޮންމެ ގުރޭޑަކަށްވެސް އެ ގުރޭޑަކަށް އެކަށީގެންވާ ގޮތަކަށް މި ދެންނެވި މައުލޫތަކަށް ލިޔުންތައް ހިމަނާފައިވެއެވެ.

މިއީ ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި ދަރިވަަރުންނަށް ކޮންމެހެން އެނގެން ޖެހޭ މައުލޫމާތުތަކެވެ. ނަމަވެސް ކުއްލިއަކަށް އިސްލާމް ފޮތްތަކަށް އިޝާރާތްކޮށް އެ ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ގޮތަށް ލިޔުންތަކެއް ލިޔެފައި ހުރި ކަމަށް ވިދާޅުވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެފަދަ ލިޔުންތައް މިހާރު ބަދަލުކުރަމުންދާ ކަމަށް ބުނުމަކީ އިތުރަށް މައްސަލަ ސިރީއަސް ކުރުވާ ކަމެކެވެ.

މިއީ މިކަމާމެދު ދިވެހި ރައްޔިތުން ދައުލަތުގެ ވެރިންނާއި ސުވާލު ކުރާނެ ކަންކަމެވެ. އަދި އެކަން ވަރަށް ރަނގަޅަށް ސާފުކޮށްދޭން ޖެހޭނެ ކަންކަމެވެ. އެހެނީ މިއަދު މި ފަސްގަނޑުގައިވެސް އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރުން ބަޔަކު މީހުން ވަނީ އާންމު ކަމަކަށް ހަދާފަައެވެ. ލަދެއް، ބިރެއްނެތި އެފަދަ ވާހަކަތައް ފާޅުގައި ދައްކާ ދިވެހިން މިއަދު އެބަ އުޅެއެވެ.

އެމްޑީއެންގެ ނަމުގައި އުފައްދައިގެން އުޅުނު މިހާރު އުވާލާފައިވާ ލާދީނީ އަދި ހަރުކަށި ޖަމާއަތަކީ އޭގެ މިސާލެކެވެ. އިސްލާމް ދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެ ޖަމިއްޔާއިން ވަނީ ރިޕޯޓެއް ނެރެ ޝާއިއުކޮށްފައެވެ. އެ ރިޕޯޓްގައި ދީނުގެ ޝިއާރުތަކަށް ފާޅުގައި ފުރައްސާރަކޮށްފައިވެއެވެ. ދީނުގެ ހުކުމްތަކާއި ދެކޮޅު ހަދާ މުރުތައްދު އެތައް ވާހަކަތަކެއް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ދެއްވި އިސްރާއާއި މިއުރާޖުގެ މަތިވެރި މުއުޖިޒާތް އެއީ ނުހިނގާ ކަމެއް ކަމަށް ދައްކަން މަސައްކަތް ކޮށްފައިވެއެވެ. އެފަދަ ވާހަަކަަތައް އިސްލާމް ފޮތްތަކުގައި ހުރުމުން ބަދަލު ކުރަން ޖެހޭ ކަމަށް ވަކާލާތު ކޮށްފައިވެއެވެ. މާތްﷲ އާއި އެކަލާންގެ ރަސޫލާދެކެ ދުނިޔެއާއި ދުނިޔޭގައިވާ ކޮންމެ އެއްޗަކަށްވުރެ މުސްލިމު އަޅާ ލޯބިވާން ޖެހޭތީ އެއީ އިންސާނީ ހައްގާއި ހިލާފު ކަމެއް ކަމަށް ބުނެ އަސާސެއް ނެތް މުރުތައްދު ވާހަކަތައް ލިޔެފައިވެއެވެ.

މިކަން މިހެން އޮއްވާ ކުއްލިއަކަށް އިސްލާމް ފޮތްތަކުގައި ހުރި ނަފްރަތު އުފެދޭ ވާހަކަތައް ބަދަލު ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރާއި ހަވާލާދީ ސަރުކާރު ހިންގާ މައި ޕާޓީން ބުނުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އެ ކޮމެޓީން ވަނީ މި ނޫންވެސް އިތުރު ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ވަކި އަދަދަކަށް ކަމަށް ވިދާޅުވިއެވެ.

"މިނިސްޓްރީން އެބަ ވިސްނާ ވަޑައިގަަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްދެން ކުދިންނަށް އުނގަންނައިދިނުމަށް،" ހަސަން އަފީފް ވިދާޅުވި އެވެ.

"މެއި ހައެއް ކޮމެޓީ" ގެ ވާހަކަތަކާއި ގުޅިގެން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ކޮމެޓީގެ ވާހަކަތައް ދޮގުކުރި އެވެ. އެ މިނިސްޓްރީން ބުނީ އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަށް ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި ވަނީ މިނިސްޓަރާއި އެމްޑީޕީގެ ކޮމެޓީއާ ދެމެދު ދެކެވުނު އެހެން ވާހަކައެއް ސާފުކޮށް ދީފައެވެ.

އެގޮތުން އެ ކޮމިޓީން މަޝްވަރާ ކުރީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން ކަމަށް ބުންޏެވެ. އަދި ބުނީ އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކޮށްފައި ވަނީ ދިވެހި ބަހުން ކަމަށްވެފައި، އެ މާއްދާ ކިޔަވައި ދޭނެ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންކަމުން އިސްލާމް މާއްދާ ކިޔަވައިދޭން ބޭރުން ޓީޗަރުން ނުގެންނާނެ ކަމަށާއި އަދި އިނގިރޭސި ބަހުން ވެސް އެ މާއްދާ ކިޔަވައި ނުދޭނެ ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަންގެ މި ބަޔާނާއެކު މައްސަލަ އިތުރަށް އޮޅުންބޮޅުންވީއެވެ. މެއި ހައެއް ކޮމެޓީން އެ ކޮމެޓީން ދައްކަން ބޭނުންވާ ވާހަކައެއް ދައްކާ ނިންމާލީއެވެ. އެޑިއުކޭޝަނުންވެސް ބަޔާނެއް ނެރެ އެ މިނިސްޓްރީން ދައްކަން ބޭނުން ވާހަކައެއް ދައްކާލީއެވެ.

އެ މިނިސްޓްރީގެ މައްޗަށް އޮތް އެންމެ ބޮޑު ތުހުމަތާމެދު އެއްޗެއް ނުބުނެއެވެ. ދިވެހިންްގެ އެންމެ ބޮޑު ސުވާލަކީ އިސްލާމް މާއްދާއަށް އެއްވެސް ބަދަލެއް ގެނައުމުގެ މަސައްކަތް ހިނގާތޯއެވެ. މިހާރު ކިޔަވައިދޭ އިސްލާމް ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ލިޔުންތަކެއް އެބަހުރި ހެއްޔެވެ. އެކަން ދެނެގަތީ ކިހިނަކުން ކޮން ގޮތަކަށް ހެއްޔެވެ. އެ ލިޔެކިޔުންތައް ބަދަލުކުރާނަމަ އެކަން ކުރަނީ ކޮން ބަޔަކު ލައްވާ ހެއްޔެވެ.

މިހާތަނަށްވެސް މިއިން ސުވާލަކަށް އެޑިއުކޭޝަނުން ޖަވާބެއް ނުދެއެވެ. އިސްލާމް މާއްދާ ކިޔަވައިދޭން ބިދޭސީ ޓީޗަރުން ނުގެެންނާނެ ކަމަށް ބުނުމަކުން ނުފުދެއެވެ. އަދި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިނުދޭނެ ކަމަށް ބުނުމަކުންވެސް ނުފުދެއެވެ. ދިވެހިންނަށް ސާފުކޮށްދޭން ޖެހެނީ ކަރިކިއުލަމް ބަދަލުކުރުމުގެ މަސައްކަތް ކުރާނަމަ އެކަމެވެ. އެކަން ކުރަނީ ކީއްވެގެން ކަމެވެ. ކަރިކިއުލަމްގައި ހުރި މައްސަލަތަކެވެ. އަދި އެކަން ކުރުވާ ބައެކެވެ.

މެއި ހައެއް ކޮމެޓީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ބުނި ގޮތުން ރާއްޖޭގައި އުފެދިފައި އޮތް ޓްރާސްޕޭރަންސީ މޯލްޑިވްސް ނަމަކަށް ކިޔާ ޖަމިއްޔާއަކާއެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއް ހަދާފައިވެއެވެ. ނަމަވެސް އެއީ ސޯޝަލް ސްޓަޑީސް މާއްދާގެ މުގައްރަރަށް ބަދަލު ގެނައުމުގެ މަސައްކަތެކެވެ. ނަމަވެސް އެކަން ސާފެއް ނޫނެވެ. އެ ކޮމެޓީން މައުލޫމާތު ހިއްސާކުރީ ސުވާލު އުފެދޭ މިންވަރަށެވެ. އިތުރަށް ސާފެއް ނުކޮށްދެއެވެ.

ކަރިކިއުލަމް ބަދަލުކުރުމަށް ޓްރާސްޕޭރަންސީއާއެކު އެއްވެސް އެއްބަސްވުމެއް ގާއިމުކޮށްފައިވާނަމަ އެ އެއްބަސްވުމެއް ހާމަކޮށްދޭން ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުން ވަނީ އެދިފައެވެ. ހުސްވި ހަފްތާގައި ފޮނުވި ސިޓީއަށް އަދިވެސް އެ މިނިސްޓްރީން ޖަވާބެއް ދީފައެއް ނުވެއެވެ.

އަނެއްކޮޅުން އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ"ން ކޮންމެ ހަފްތާއަކުހެން އެފަދަ ވާހަކައެއް ފަލަ ސުރުހީއަށް އެބަ ގެނެއެވެ. މީގެ ދެތިން ހަތަރު ހަފްތާކުރީން އެ ކޮމެޓީން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ހަރުކަށި ފިކުރު އޮތް ކަމަށް ބުނެފައެވެ. ޖެހިގެން އައި ހަފްތާގައި ބުނީ ސުކޫލުތަކުގައި އެ ފިކުރު އޮތް ކަމަށެވެ. އަދި އިސްލާމް ކިޔަވައިދޭ ޓީޗަރުން ދަރިވަރުން ހަރުކަށި ފިކުރައް ލަންބުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮންމެ ހަފްތާއަކު އެކި ވާހަކަތައް މީޑިއާތަކަށް ތިލަކޮށް ކުރަން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ. މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބާއްވަމުން ގެންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންމެ ބައްދަލްވުމެއްގައި އިސްލާމް މާއްދާ އާއި އެ މާއްދާ ކިޔަވައިދޭ ޓީޗަރުންގެ ވާހަކަ އެކި ގޮތްގޮތަށް ދައްކާ ސަބަބެއް އޮންނާނެ އެވެ. ޔަގީންވާ ކަމަކީ އެއީ އަދި އަޑިނޭންގޭ ކޮންމެވެސް އެޖެންޑާއެއް އޮވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. ފަހަރުގައި އެއީ ދިވެހިން އެކަންކަމަށް "ރިއެކްޓް" ކޮށްލާ ގޮތް ބަލަން ދެ ފަރާތުން ގުޅިގެން ކުރާ ޓެސްޓަކަށްވެސް ވެދާނެ އެވެ.

ނަމަވެސް ދިވެހި ސަރުކާރުން އެ ތުހުމަތު ދޮގުކުރެއެވެ. ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގައި މެއި ހައެއް ކޮމެޓީން މިހާތަނަށް ހިއްސާކުރި ގިނަ މައުލޫމާތުތަކަކީ ސަރުކާރުގެ މިނިސްޓްރީތަކުގެ ވެރިންނާއެކު ކުރިއަށް ގެންދިޔަ ބައްދަލްވުންތަކުގައި ދެކެވުނު ވާހަކަތަކެއް ނޫނެވެ.

"އަޅުގަނޑުމެންނަށް އެނގޭ ގޮތުން މި ކުރާ ކަމަކީ ސަރުކާރު ޕްރެޝަރަށް ވައްޓާލުމަށް ކުރާ ކަމެއް. ގައުމީ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި އެ ވިދާޅުވަނީ މިވެނި މިނިސްޓްރީއަކާއި ބައްދަލްކޮށް މިވެނި ވާހަކަތަކެއް ދެއްކީމޭ. ބައްލަވާ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައިވެސް ދެއްކެވި ވާހަކަތައް ނޫން އެހެން ވާހަކަތަކެއް އެ ބޭފުޅުން ޕަބްލިކަަށް ގެނައީ. މިފަހަރު އެޑިއުކޭޝަނާމެދުވެސް ކަންތައް އެކުރީ އެގޮތަށް،" ސަރުކާރުގެ އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް މިއީ މިހާ ހިސާބުން ނިންމާލެވެން އޮތް މައްސަލައެއް ނޫނެވެ. ކޮންމެވެސް ކަމެއް އެބަ ހިނގައެވެ. އެހެން ނޫންނަމަ ކޮންމެ ހަފްތާއަކު މިފަދަ ވާހަކަތައް އެ ބޭފުޅުން އިސްވެ ފަލަ ސުރުހީތަކަށް ނުގެންނާނެ އެވެ. ފަހަރުގައި އެއީ ސަރުކާރުގެ އެޖެންޑާއަކަށް ނުވެދާނެ އެވެ.

އެކަން އޮތީ އެހެން ނަމަ ސަރުކާރުގެ ދައުރާއި ޒިންމާ މިކަމުގައި ވަރަށް ބޮޑެވެ. ރައްޔިތުންނަށް ފުރިހަމަ ހަގީގަތް ސާފުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ބަޔާނަކުން ފުއްދާ ނުލާ ވެގެން އުޅޭ ގޮތް ސާފުކޮށްދޭން ޖެހެއެވެ. ކަރިކިއުލަމަށް ބަދަލެއް ގެންނަން މަސައްކަތް ނުކުރާކަން ޔަގީންކޮށްދޭން ޖެހެއެވެ. ބަދަލެއް ގެންނަ ނަމަ އެ ބަދަލެއް ގެންނަ ސަބަބު ވަރަށް ރަނގަޅަށް ސާފުކޮށްދޭން ޖެހެއެވެ. އަދި އެކަން ކުރުވާ ބަޔަކު ތިބި ނަމަ އެކަމެއްވެސް ބުނެދޭން ޖެހެއެވެ. އެެހެން ނޫންނަމަ ސުވާލުތައް ގިނަވެ ކުރެވޭ ތުހުމަތުތައް ވާނީ އިތުރެވެ. ބޮޑެވެ. އަދި މިހާރު ފެށިފައިވާ "އިސްލާމް ފޮތް ތަޣައްޔަރު ކުރާތަން ބަލަން ދިވެހިން ނުތިބޭނެ" ކެންޕެއިން އިތުރަށް ފުޅާވެ ވަރުގަދަ ވާނެ އެވެ.