ރާއްޖޭގެ ސިޔާސީ ހަޔާތުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ޕާޓީއެކެވެ. އެ ޕާޓީގައި މިދިޔަ 16 އަހަރުވެސް ދެގޮތެއް ނުވެ އޮތް ބަދަހި ކަމަކީ އެ ޕާޓީއަށް ލިބޭ ކޮންމެ ކާމިޔާބެއްގެ އެންމެ ބޮޑު ސިއްރެވެ. ކޮންމެ ނާކާމިޔާބީއެއްގައި ހިތްވަރު ހޯދަނީވެސް ޕާޓީގައި އޮންނަ ބަދަހި ގުޅުމުންނެވެ. އައު ހިތްވަރަކާއެކު ހުރިހާ މެންބަރުން އެކުގައި ތެދުވެ އަލުން ކާމިޔާބު ހޯދައެވެ. ނަމަވެސް މިވަގުތު އެ ޕާޓީ ތަޖުރިބާ ކުރަމުން ދަނީ މިދިޔަ 16 އަހަރު ދުވަހު ކޮށްފައިވާ ތަޖުރިބާއެއް ނޫނެވެ. ޕާޓީގެ އެންމެ އިސް ލީޑަރާއި ޕާޓީގެ ރައީސްގެ ގުޅުމެއް ނެތެވެ. ޕީޖީ ގުރޫޕާއި ގައުމީ މަޖިލީހުގައި ފެކްޝަން އެބައޮތެވެ. ފާޅުގައި ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވެމުންދެއެވެ.
އެމްޑީޕީގެ ތެރެއިން ދުވަހަކުވެސް ފެނިގެން ހިނގައިދާނެ ކަމަށް ތަސައްވުރު ކުރެވިފައިނުވާ ކިތަންމެ ކަމެއް ފެނިގެން ގޮސްފިއެވެ. ހާއްސަކޮށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެފަދަ ކިތަަންމެ ކަމެއް، ކިތަންމެ ވާހަކައެއް އާންމުވެއްޖެ އެވެ. ސިޔާސީ ގޮތުން އެކުގައި ހުންނެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ކޯލިޝަނާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެއްޖެ އެވެ. އަދި ރާއްޖޭގައި ހަރުކަށި ފިކުރު ބޮޑުވެ އެ ފިކުރުގެ ތެރޭގައި "ރައީސް ސޯލިހް ހުންނެވީ ތާށިވެފައި" ކަމަށްވެސް ވިދާޅުވެއްޖެ އެވެ.
ކޯލިޝަން ރޫޅާލާ އެމްޑީޕީން އެކަނި ވެރިކަން ކުރަން ޖެހޭ އޭ ވިދާޅުވިއެވެ. ރައީސް ހުންނެވީ "އަދާލަތުގެ ހިސޯރެއް" ގައި ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. މިހެން ގޮސް ކިތަންމެ ވާހަކައެއް އެމަނިކުފާނުގެ ފަރާތްޕުޅުން ޕާޓީގެ ގައުމީ މަޖިލީހާއި މީޑިއާތަކާއި ހަމައަށްވެސް އައިސްްފައިވެއެވެ. އަދި ރައީސް ނަޝީދުގެ އެފަދަ ކޮންމެ ވާހަކަފުޅެއް ދިފާއު ކުރައްވާ އެމަނިކުފާނުގެ ވަފާތެރި މެންބަރުން އެތައް ވާހަކައެއް އެބަ ދައްކަވައެވެ. އެ ހޫނުގައި ރައީސް ސޯލިހުގެ އިސްތިއުފާއަށްވެސް ގޮވާލައްވައެވެ. ޕާޓީ ބައިބައިކުރައްވާ ކަމުގެ ތުހުމަތު ރައީސްގެ އިސްތަށިފުޅުގައި އަޅުވައެވެ.
އިދިކޮޅު ކޯލިޝަނާއެކު ކުރިއަށްދާން ނަޝީދު ވިސްނެވި ވިސްނެވުމަށް ޕާޓީގެ ޗެއާޕާސަންގެ ތާއީދު އޮތްކަން ހާމަކުރެއްވިއެވެ. އަދާލަތާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެއްބަސްވެވަޑައިގެންނެވިއެވެ. އަފީފް ވިދާޅުވި ގޮތުގައި ރަައީސް ސޯލިހްވެސް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް އެނގިވަޑައިނުގަންނަވައެވެ. އެހާވެސް ބޮޑަށް ރައީސް ހުންނެވީ އަދާލަތުގެ މެންބަރުންނާއެކުގައެވެ. ޗީފް އޮފް ސްޓާފަކަށް އައްޔަންކުރަންވެސް އަދާލަތު ބޭފުޅެއް ނޫނީ ހިތްޕުޅުހަމަޖެހިވަޑައެެއް ނުގެންނެވިއެވެ.
މި ހުރިހާ ވާހަކަތަކަށް ރައީސް ސޯލިހްގެ ވަފާތެރި މެންބަރުން އަދި ސިޔާސީ ގޮތުން އެމަނިކުފާނު ދިފާއުކުރައްވާ ބައެއް ބޭފުޅުން ރައްދު ދެއްވާ ފާޑުވިދާޅުވި ނަމަވެސް ރައީސް ސޯލިހްގެ ފަރާތްޕުޅުން މާބޮޑު ސަމާލުކަމެއް، ޝައުގުވެރިކަމެއް ފެނިވަޑައިނުގެންނަވައެވެ. ނަމަވެސް ނޫސްވެރިންނާއެކު އިއްޔެ ރައީސް ސޯލިހް ބޭއްވެވި ބައްދަލުވުމުގައި އެފަދަ ބައެއް ކަންކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައެވެ. އަދި ބައެއް ކަންކަން ހަނދާންކޮށްދެއްވެވިއެވެ. އެމަނިކުފާނުގެ ހައިސިއްޔަތާއި ޒިންމާ އަދި މަސްއޫލިއްޔަތުތައް ފުރަތަމަ ފަހަރަށް ޕަބްލިކްގައި ހާމަކޮށްދެއްވިއެވެ.
ޕާޓީގެ އިސް ލީޑަރުކަން ހަނދާންކޮށްދެއްވި
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކަތަކާއި ގުޅޭ މައްސަލަ ބައްލަވައިދެއްވުމަށް ރައީސް ސޯލިހް އެމްޑީޕީގައި އެދިވަޑައިގެންނެވި ކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ. އަފީފުގެ އެ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ އަވަސް އިން ސުވާލު ކުރުމުން ރައީސް ސޯލިހް ފުރަތަމަވެސް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރަކަށް މިވަގުތު ހުންނެވީ އެމަނިކުފާނު ކަމަށެވެ.
އަދި ވިދާޅުވީ އަފީފުގެ ވާހަކަތަކަކީ އެމްޑީޕީ ބައިބައިވެދާނެ ފަދަ ވާހަކަތަކެއް ކަމަށެވެ. އަފީފު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ސާފުކުރެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެންގެވީ އެހެން ވެގެން ކަމަށެވެ. އަދި އެފަދަ ވާހަކަތައް ހުއްޓުވަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު އެންގެވިއެވެ.
"އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުރި މީހާ. ޕާޓީތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ކަމެއް އައީމަ އަޅުގަނޑު ޖެހޭނެ އެ ކަމެއް ހައްލު ކުރެވޭތޯ ބަލަން. އަދި ހާއްސަކޮށް ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ފަދަ ބޭފުޅަކު އެކަލަ ވާހަކައެއް ދެއްކެވީމަ އަޅުގަނޑު ޖެހޭނެ އެކަމުގެ ހަގީގަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ބެހޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި ލިޔެފައި. މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މިވާހަކަ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ވިދާޅުވިތޯ ބައްލަވައިދެއްވާށޭ. މިފަދަ ކަންކަން ވިޔަ ދެއްވައިގެން ނުވާނޭ،"
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި މައްސަލަތައް އުފައްދަން ޕާޓީގެ ސީނިއާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެެހެން ކަމުން އެެފަދަ ކަމެއް ހިނގާނަމަ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ޒިންމާއެކެވެ.
އަފީފުގެ ވާހަކަތަކާއި ގުޅިގެން ހަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށްވެސް ރައީސް ގުޅުއްވިއެވެ. އަދި އެކަން ސާފުކޮށް ދެއްވާ ކަންކަން ހަމަމަގަށް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތެވެ. މިއީ މީގެ ކުރީން ރައީސް މިފަދަ މައްސަލައެއްގައި ބަސް މަގު ގެންގުޅުއްވި ގޮތެއް ނޫނެވެ.
އެމްޑީޕީގެ ޝަރަފުވެރި މެންބަރެއް
ރައީސް ސޯލިހް ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ މެންބަރެއްތޯ ސުވާލު އުފައްދާ ކުރަމުން ގެންދާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ. އެފަދަ ސުވާލުތައް ކުރައްވާ ބޭފުޅުންނަށް އެމްޑީޕީއާ އެމަނިކުފާނާ އޮތް ގުޅުންވެސް ސާފުކޮށްދެއްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުުގެ ސިޔާސީ ހަޔާތުގެ ފެށުމަކީ އެމްޑީޕީ އެވެ. މިހާތަނަށް ދެމި ހުންނެވީ އެގޮތުގައެވެ. އަދި ކުރިއަށްވެސް ދެމި ހުންނަވާނީ އެގޮތުގައެވެ. ދެން ރައީސް ވިދާޅުވެ ދެއްވީ އެމްޑީޕީގެ ޝަރަފްވެރި މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ވެވަޑައިގަންނަވާ ސަބަބުތަކެވެ.
އެމްޑީޕީ އުފެއްދުމުގެ ކުރީންވެސް އިތުރު ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރެވުނެވެ. އެކަމަށް އެދި ހުށައެޅި ލިސްޓްގައި ސޮއިކުރެއްވި 42 މެންބަރުންގެ ތެރޭގައި ރައީސް ސޯލިހް ހިމެނިވަޑައިގަންނަވައެވެ. ސިޔާސީ ޕާޓީތައް އުފައްދަން ފުރުސަތު ދޭން މަޖިލީހުގައި ނެގުނު ވޯޓްގައި އެކަމާއި އެއްކޮޅަށް ވޯޓް ދެއްވި ތިން މެންބަރުންގެ ތެރޭގައި އެމަނިކުފާނުގެ ހިމެނިވަޑައިގަންނަވައެވެ. އަދި އެމްޑީޕީ އުފައްދަން ފުރަތަމަ ސޮއިކުރެއްވި ދެ މެންބަރުންްގެ ތެެރޭގައިވެސް ރައީސް ހިމެނިވަޑައިގަންނަވައެވެ.
"އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެންބަރެއް. މިއަދުވެސް މި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި. އެމްޑީޕީ އުފެއްދުމަށް ސޮއިކުރި 40 މީހުންގެ ތެރޭގައި ދެވަނަ ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެ ކުރީން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓްގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ހުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، މެންބަރެއްގެ ގޮތުގައި ހުރެ އަޅުގަނޑު ސޮއިކުރީވެސް. އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ނެގި ވޯޓްގައި ވޯޓްދިން ތިން މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭ. އެހެންވީމަ ސިޔާސީ މަސައްކަތް ފެށިގެން މި އައީ އެމްޑީޕީގައި. އަޅުގަނޑު ދެމި ހުންނާނީވެސް އެމްޑީޕީގައި،"
އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެންބަރެއް. މިއަދުވެސް މި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި. އެމްޑީޕީ އުފެއްދުމަށް ސޮއިކުރި 40 މީހުންގެ ތެރޭގައި ދެވަނަ ސޮއިކުރީވެސް އަޅުގަނޑު. އަދި އޭގެ ކުރީން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓްގައިވެސް އަޅުގަނޑުގެ ނަން އޮންނާނެ. އޭރު އަޅުގަނޑު ހުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، މެންބަރެއްގެ ގޮތުގައި ހުރެ އަޅުގަނޑު ސޮއިކުރީވެސް. އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ނެގި ވޯޓްގައި ވޯޓްދިން ތިން މީހުންގެ ތެރޭގައިވެސް އަޅުގަނޑު ހިމެނޭ. އެހެންވީމަ ސިޔާސީ މަސައްކަތް ފެށިގެން މި އައީ އެމްޑީޕީގައި. އަޅުގަނޑު ދެމި ހުންނާނީވެސް އެމްޑީޕީގައިއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ހުންނެވީ މަޖިލީހުގެ މެޖޯރިޓީއާއެކު
އެމްޑީޕީގެ ތެރޭ އޮތް ބައިބައިވުމުގައި ދެ ރައީސުންނަށްވެސް އެންމެ މުހިންމީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެވެ. ހާއްސަކޮށް ސަރުކާރަށް އެކަން އިތުރަށް މުހިންމެވެ. ދެ ރައީސުންގެ ހިޔާލު ތަފާތުވުމުގައި ރައްޔިތުންގެ އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތީ މަޖިލީހުގެ ސުޕަ މެޖޯރިޓީން ދެ ރައީސުންނަށް ބައި އެޅޭ މިންވަރަށެވެ.
ރައީސް އިއްޔެ ވިދާޅުވި ގޮތުގައި މެޖޯރިޓީ ނެތި ވެރިކަން ކުރެއްވުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެހެންވީމަ އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ދުވަހަކު މެޖޯރިޓީ ހޯއްދަވަން މަސައްކަތް ކުރައްވާނެ އެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ މެޖޯރިޓީއާއެކުގައެވެ. އަދި އެކަން ދަމަހައްޓަވާނެ އެވެ.
"ވެރިކަމުގައި ހުންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް. މެޖޯރިޓީއާ ނުލައި ވެރިކަން ކުރެއްވުމަކީ ވަރަށް އުނދަގޫ ދަތިކަމެެއް. އެހެންވީމަ އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން. އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކު. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން،"
ރައީސް ވަނީ ފުރަތަމަ ފަހަރަށް ދެ ރައީސުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ރައީސް ފުރަތަމަ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅާއި ދެކޮޅަށްވެސް ކަންކަން ހިނގަމުން ދިޔަ ކަމަށެވެ. އެކަމާއި ގުޅިގެން އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ވިދާޅުވެ ދެއްވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަމަލު ކުރައްވާނީ ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަމަށް ބެއްލެވުމަށް ފަހު ކަމަށްވާތީ އެ ވިސްނުންފުޅުތަކާއި ހިލާފަށްވެސް ކަންކަން ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ނިންމާ ބައެއް ނިންމުންތައް ރައީސް ނަޝީދާއި ހިޔާލު ތަފާތުވޭ. އެހެން ނަމަވެސް ސަރުކާރު ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންތައްތައް ނިންމަން ޖެހޭނީ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލާ އަޅުގަނޑަށް ލިބިފައި ހުންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް. އެހެންވީމަ ބައެއް ފަހަރު އެ ހިޔާލުތަފާތުވުން އާދޭ،"
ކޯލިޝަން ދަމަހައްޓަވާނެ
މި ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސް ސޯލިހް ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން ގެންދަވަނީ ކޯލިޝަން ރޫޅާލާ ވެރިކަން އެމްޑީޕީން އެކަނި ހިންގަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ކޯލިޝަނާއެކު ކުރިއަށްދާން ހުރި ދަތިތައްވެސް އެ ބޭފުޅުން ވިދާޅުވެ ދެއްވައެވެ.
ރައީސްގެ އިއްޔެގެ ބައްދަލްވުމުގައި ކޯލިޝަން ދެމެހެއްޓުމާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވިއެެވެ. އަދި ކޯލިޝަން ދަމަހައްޓަންޖެހޭ ސަބަބުތައް އިތުރަށް ސާފުކޮށްދެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން އެއްވެސް ޕާޓީއަކަށް އެކަނި ވެރިކަމެއް ހަވާލެއް ނުކުރެއެެވެ. 2008 ގައި 2013 ގައި އަދި 2018 ގައިވެސް ރައްޔިތުންގެ ނިންމުމަކީ އެއީއެވެ.
އެހެންވީމަ އެމަނިކުފާނު އެކަން ހަނދާން ނައްތަލައިނުލައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވެރިކަން ކުރަމުން ގެންދަން ޖެހޭނީ މި ކޯލިޝަންގެ ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާ އެކީގައި. އެއީ އަޅުގަނޑުގެ މައްޗަކަށް ހިންގާ ނުފޫޒެއް ނޫން. އަޅުގަނޑު މަޝްވަރާ ކުރަންޖެހޭ ކަންތައްތަކުގައި އަދާލަތާއެކީވެސް މަޝްވަރާ ކުރަންޖެހޭނެ. ޖުމްހޫރީ ޕާޓީއާއެކީވެސް މަސައްކަތް ކުރަންޖެހޭނެ. ރައީސް މައުމޫން، މިހާރުވެއްޖިއްޔާ އެމްއާރްއެމްއާއެކުވެސް މަސައްކަތް ކުރަންޖެހޭނެ. އެމްޑީޕީއާއެކީވެސް މަސައްކަތް ކުރަން ޖެހޭނީ. އެއީ އަޅުގަނޑުގެ މައްޗަށް ނުފޫޒު ފޯރުވުމެއް ނޫން. އަޅުގަނޑުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރަމުން ގެންދާނީ އަޅުގަނޑަށް ވެރިކަމަށް މި އާދެވިފައި ހުރި ގޮތް ރައްޔިތުން އަޅުގަނޑަށް މި ފުރުސަތު ދިން ގޮތް ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރެގެން މި ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާއެކީގައި،"
ޕީޕީއެމްއާ ގުޅެން ދެކޮޅު ހެއްދެވި
ރައީސް ނަޝީދު ވަނީ ގައުމު ސަލާމަތް ކުރެވެން އޮތީ ޕީޕީއެމާއި ގުޅިގެން ކަމަށް ވިދާޅުވެ ޕީޕީއެމްއާ ގުޅިގެން ސަރުކާރު ހިންގަން ހުށައަޅުއްވާފައެވެ. ނަމަވެސް ރައީސް ސޯލިހް އިއްޔެ ވަނީ އެކަމާއި ގުޅޭގޮތުންވެސް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ގިނަ ޕާޓީތައް އޮތުމަށް ތާއީދު ކުރާ ބޭފުޅެކެވެ. ރާއްޖޭގައި ބޮޑުކޮށް އޮތީ ދެ ފިކުރެއެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމެވެ. އެހެންވީމަ އެ ދެ ފިކުރު އެކުގައި ގުޅިގެން މަސައްކަތް ކުރުން އެއީ ރަނގަޅު ގޮތެއް ނޫނެވެ.
ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެގޮތަށް ވިދާޅުވި ނަމަވެސް އެއީ އެމްޑީޕީގެ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފަދަ ހުށައެޅުމެެއް އަޔަސް އެމްޑީޕީގެ ތާއީދު ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ ޕީޕީއެމާއި ގުޅުން ގޯސްވެެގެން ވިދާޅުވާ އެއްޗެއް ނޫނެވެ. އެެހެން ވިދާޅުވަނީ މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރު އޮތުމުންނެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ހެދުމަކީ މަލްޓިޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް. މި ދެ ޕާޓީ މަސައްކަތް ކުރަން ވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ފަރާތުގައި ތިބެގެން. އެއީ ސިޔާސީ ނިޒާމަށްވެސް ރާއްޖޭގެ ކުރިއެރުމަށްވެސް ރާއްޖޭގެ މަސްލަހަތަށްވެސް އޮތް އެންމެ ރަނގަޅު ގޮތް. އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކަށް ސުވާލު ކުރެވި ފާޑުކިޔެން ޖެހޭނެ. އެއާ ހިލާފަށް މި ދެ ޕާޓީ އެކުވެއްޖިއްޔާ ރާއްޖޭގައި އޮތް މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރު އެބައޮތް،"
މީގެ އިތުރުން "ހިސާން ބިލް" ފުރަތަމަ އޮތް ގޮތަށް ފާސްނުކުރާނަމަ ތާއީދު ނެތް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ބިލް ފުރަތަމަ އޮތް ގޮތަށް ފާސްކުރައްވަން ބޭނުންފުޅުނުވާ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. އަދި ނަޝީދުގެ ވަފާތެރިންނާއެކު ފާސްކުރި ކުއްލި ނުރައްކާ އިއުލާނު ކުރުމުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ކުއްލި ނުރައްކާ އިއުލާނު ކުރަން ޖެހޭ ހާލަތެއް ނޫނެވެ.
މިފަދަ އެތައް ވާހަކަފުޅަކާއެކު އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުން ވެގެންދިޔައީ ރައީސް ސޯލިހްގެ ފަރާތްޕުޅުން ތަފާތު އަދި ސާފު ޖަވާބުތަކެއް ލިބިވަޑައިގެންދިޔަ ބައްދަލުވުމަކަށެވެ. ހާއްސަކޮށް އެމްޑީޕީގައި ރައީސް ސޯލިހުގެ ހައިސިއްޔަތާއި ޒިންމާތަކާއި ސަރުކާރު ހިންގެވުމުގައި ގެންގުޅުއްވާ ސިޔާސަތުތައް ވަރަށް ބޮޑަށް ސާފުކޮށް ދެއްވިއެވެ. އަދި ޕާޓީތެރޭ ތިއްބެވި ވާދަވެރިންނަށް ރައްދު ދެއްވިއެވެ.