ރިޕޯޓް

މޫނު ބުރުގާ މަނާކުރަން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަ!

ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ހަރު އަޑަކަށްވީ ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަ އެވެ. ދިވެހީންގެ ކިބައިން އެތައް ހައްގެއް ގެއްލިފައިވާތީ އެ ހައްގުތައް ލިބުމުގެ މުހިންމު ކަމެވެ. ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމާއި ގާނޫނު އަސާސީން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގެވެ. ނަމަވެސް އެ ހައްގުތަކުގެ ތެރެއިންވެސް ހައްގުތައް ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ކަމަށް ބުނާ ބޭފުޅުން ދޫކޮށްލައްވާ ބައެއް ކަންކަން ވެއެވެ. ހާއްސަކޮށް އިސްލާމްދީނާއި ގުޅުންހުރި ކަންކަމުގައެވެ. ދީނުގައި އިންސާނާއަށް ލިބިފައިވާ ހައްގުތައް ހޯދުމަށް ކުރެވޭ މަސައްކަތް ފިނިވެފައި ކުޑަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ނިމުމާ ހަމައަށް ޓީޗަރުންނަށް މޫނު ބުރުގާ އެޅުން މަނަލެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު މޫނު ބުރުގާ އަޅާތީ ވަޒީފާ ގެއްލުނު ޓީޗަރުންވެސް އެބަތިއްބެވެ. މޫނު ބުރުގާ އަޅައިގެން އުޅޭތީ އިންޒާރުދީ ވަކިކުރީ އެވެ. އެ ސަރުކާރުން އެކަން ކުރުމުން ދިވެހީންގެ އެތައް ބަޔަކު އެކަމާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. އެއީ ބައެއްގެ ހައްގަކަށް އަރައިގަތުމުގެ އިތުރުން ދީނީ ޝިއާރަކަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ދެކުނު ރައްޔިތުން މަދެއް ނޫނެވެ. ނަމަވެސް އެ ސަރުކާރު ނިމުމާ ހަމައަށް އެ އުސޫލު ބަދަލުނުކޮށް ހިފެހެއްޓިއެވެ.

ވެރިކަން ހޯދަން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރި ކެންޕެެއިންގައި ކުރީ ސަރުކާރުގެ އެ ސިޔާސަތުވީ ވަރަށް މުހިންމު ކަމަކަށެވެ. ސަރުކާރާ ދެކޮޅަށް ބޭނުން ކުރަން ވަރުގަދަ ހަތިޔާރަކަށެވެ. އެހެން ކަމުން ތުބުޅި ބަހައްޓައިގެން އަދި މޫނު ބުރުގާ އަޅައިގެން ކުރަމުން އައި ތަފާތު ނައްތާލާނެ ކަމަށް ވިދާޅުވެ އެކަމުގެ ވައުދުވިއެވެ. އެ ވައުދާ އެއްގޮތަށް 2019 ވަނަ އަހަރުގެ ޖަނަވަރީގައި ސުކޫލްތަކަށް އެޑިއުކޭޝަނުން ސާކިއުލާއެއް ފޮނުވިއެވެ. އެ ސާކިއުލާގައި މޫނުބުރުގާ އެޅި މުވައްޒިފުންނަށްވެސް އެއްވެސް ތަފާތު ކުރުމެއްނެތި ވަޒީފާ އަދާ ކުރެވޭނެ ކަމަށް ބުނެފައި އޮތެވެ. ނަމަވެސް ދަރިވަރުންނަށް ކިޔަވައިދޭ ވަގުތުތަކުގައި ހުންނަން ޖެހޭނީ ކާކުކަން އެނގޭ ގޮތަށް މޫނު ފޮތިކޮޅު ނަގައިގެން ކަމަށް ބުނެފައި އޮވެއެވެ.

ސާކިއުލާގައި އެހެން އޮތް ނަމަވެސް އެކަން ތަންފީޒު ކުރުމަށް މާ ބޮޑު މަސައްކަތެއް ނުކުރެއެވެ. އަދި ސަރުކާރުން ދިން ފުުރުސަތާއެކު މޫނު ބުރުގާ އަޅަން ބޭނުންވެފައި ތިބި އެތައް ޓީޗަރުންނެއް މޫނު ބުރުގާ އެޅިއެވެ. އެކަން އޮތް ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ދިޔައީ ކިޔަވައިދޭ ވަގުތުތަކުގައި މޫނު ފޮތިގަނޑު ނަގައިގެން ކިޔަވައިދޭން ޓީޗަރުންނަށް ހަނދާން ކޮށްދެމުންނެވެ. އެކަމަށް އެދެވޭ ސިފައެއް ނައުމުން ދާދި ފަހުން ސާކިއުލާއެއް މެދުވެރިކޮށް ހުރިހާ ސުކޫލުތަކުގެ ވެރިންނަށް ވަނީ އެ އުސޫލު ހަރުދަނާކޮށް ތަންފީޒު ކުރުމަށް އަންގާފައެވެ.

މޫނުބުރުގާގެ މައްސަލަ އަލުން ހޫނުވީ މި ސާކިއުލާގެ ސަބަބުންނެވެ. އެޑިއުކޭޝަންގެ އެ އެންގުމާއި ގުޅިގެން މޫނުބުރުގާ އަޅައިގެން އުޅޭ ޓީޗަރުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. އަދި އެ ނިންމުން ބަދަލުކުރުމަށް ދީނީ އިލްމުވެރިންނާއި އާންމުންވެސް ގެންދަނީ ގޮވާލަމުންނެވެ.

އެޑިއުކޭޝަންގެ އެ ނިންމުން ދިފާއުކޮށް އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ފަށާފައިވަނީވެސް މޫނުބުރުގާ އަޅައިގެން ޓީޗަރެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނީ މި ސަރުކާރުންކަން ހަނދާންކޮށް ދެމުންނެވެ. ނަމަވެސް އޭގެ ފަހަށް ދެން ބުނެދޭން މަސައްކަތް ކޮށްފައިވަނީ މޫނު ފެންނަ ގޮތަށް ޓީޗަރުން ތިބުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އެކަމުން ދަރިވަރުންނަށް ކުރާ ބޮޑު ފައިދާގެ ވާހަކަ އެވެ. ދީނުގައި ކަން އޮތީ ކޮންމެ ގޮތަކަށް ނަމަވެސް ދުނިޔެވީ ވިސްނުމުން އެކަމަށް ފައިދާތަކެއް އޮތް ކަމަށް ދެއްކުމަށެވެ.

ލޮލާއި އަނގަޔާއި މޫނު މަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމްވުމުގައި އެކަންކަން މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް ބުންޏެވެ.

"އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުންގެ ނޮންވާބަލް ބިހޭވިއާ މުހިންމު ދައުރެއް އަދާކުރާތީ އެވެ. އަދި މި ގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވުމާއި ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކައެވެ،" އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

ދެން ޖަވާބުދެވޭތޯ ބަލާފައި އޮތީ މި ދުވަސްވަރު ޓީޗަރުންނަށް މާސްކު އަޅަން މަޖުބޫރުކޮށްފައި އޮތް އޮތުމާއި ގުޅޭގޮތުންނެވެ. މާސްކު މަޖުބޫރުއިރު މޫނުބުރުގާ މަނާ ކުރަނީ ކޮން ހަމަޔަކުންތޯ ކުރެވޭ ސުވާލާއި ގުޅޭގޮތުންނެވެ. މިނިސްޓްރީން ބުނީ މި ދުވަސްވަރު ޓީޗަރުން މާސްކު އަޅަން އަންގާފައިވަނީ ސިއްހީ ގޮތުން ދިމާވެފައިވާ ހާއްސަ ހާލަތްތަކާ ގުޅިގެން މަޖުބޫރީ ހާލަތު މެދުވެރިވުމުން ކަމަށެވެ.

ނަމަވެސް މި ހުރިހާ ވާހަކަތަކަކުން ސާފުވާ އެއް ކަމެއް އެބައޮތެވެ. އެއީ މޫނުބުރުގާ އަޅައިގެން ޓީޗަރުކަން ކުރުމާއި ކުރީ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުވެސް ދެކޮޅު ކަމެވެ. ކުރީން އެ ފުރުސަތު ދީފައި އޮތީ އެކަމަށް ވައުދުވެވިފައި އޮތީތީ އެވެ. އޭރު އެކަމަށް ވައުދުވެވުނީ އެއީ ރައްޔިތުންނަށް ވިއްކަން ރަނގަޅު ސިޔާސަތަކަށްވާތީ އެވެ.

މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާކުރިއިރު އެކަމުގެ ކަންބޮޑުވުމެއް ދަރިވަރެއްގެ ފަރާތަކުން އައިސްފައެއް ނުވެއެވެ. ބެލެނިވެރިންގެ ކަންބޮޑުވުމެއް ނެތެވެ. ކިޔަވައިދެނީ ކާކުކަން އޮޅިގެން ދަރިވަރުން ނޫޅެއެވެ. މިއަދު ބައެއް ސުކޫލުތައް ހިންގުމުގައިވެސް މޫނުބުރުގާ އަޅާ އަންހެނުން އެބަތިއްބެވެ. އެފަދަ ސުކޫލުތަކާމެދު ބެލެނިވެރިން ބޮޑު އިތުބާރެއްވެސް އެބަ އޮތެވެ. މޫނު ބުރުގާ އަޅާ އެތައް ސަތޭކަ ޓީޗަރުންނެއް އެބަ ތިއްބެވެ. އެ ޓީޗަރުން ވަކި ނުވެގެން ކިޔަވައިދިނުން ގޯސްވެެގެން ލިބިފައިވާ ޝަކުވާއެއް ނެތެވެ.

އެހެން ކަމުން ކޮންމެ ޓާމަކު ސާކިއުލާއަކުން މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމަކީ މަނާ ކަމެއްކަން ޓީޗަރުންނަށް ހަނދާންކޮށްދޭންވީ ސަބަބެއް ނެތެވެ.

އުތުރުގެ ފާހަގަކޮށްލެވޭ ސުކޫލެއް ހިންގެވުމުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މޫނުބުރުގާ އަޅާ ޓީޗަރުންނަށް އެޑިއުކޭޝަނުން ޖެއްސުން ކުރެއެވެ. ދާދި ފަހުން އެ ސުކޫލަށް އެޑިއުކޭޝަންގެ ޓީމެއް ކުރި ދަތުރުގައި މޫނުބުރުގާ އަޅައިގެން އުޅޭ ޓީޗަރުންނާއި ވަކިން ބައްދަލުުކޮށް ފުރައްސާރަ ކުރާ އުސޫލުން އެ ޓީޗަރުންނާއި ވާހަކަ ދެއްކި އެވެ.

"މި ސުކޫލުގައިވެސް ބުރުގާ ނާޅާ އަދި އިސްލާމީ މިންގަނޑަށް ނުފެތޭ ގޮތަށް ހެދުން އަޅާ ބައެއް ޓީޗަރުން އުޅޭ. އަމުދުން ބިދޭސީ ޓީޗަރުން ހެދުން އަޅަނީ އެ ގައުމުތަކުގެ ސަގާފަތާއި އެއްގޮތަށް. އެހެން ކަމަށްވީއިރު މޫނުބުރުގާ މަނާކުރުން އެއީ ހަމަ ޖެހޭ ކަމެއް ނޫން. އެކަން މަނާކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،"

އެހެން ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި މޫނުބުރުގާއާ ދެކޮޅަށް ބައެއް ސުކޫލުތަކުގެ ޕްރިންސިޕަލުންވެސް މަސައްކަތް ކުރެއެވެ. އެޑިއުކޭޝަންގެ ސިޔާސަތުތައް ދަމަހައްޓަން ބާރު ލިބޭ އެއް ސަބަބަކީ އެއީ އެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތަކީ އުވާލާފައިވާ ހަރުކަށި ލާދީނީ ޖަމާއަތެއް ކަމަށްވާ އެމްޑީއެންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ތަންފީޒު ކުރުމުގެ މަސައްކަތްތަކެކެވެ.

އެމްޑީއެންގެ ރިޕޯޓްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ. އެއީ ހަރުކަށި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކޮށްފައިވެއެވެ. އަދި ދަރިވަރުންނަށް ޓީޗަރުގެ މޫނުގެ ހަރަކާތްތައް ސާފުކޮށް ފެންނަން ޖެހޭ ކަމަށް ބުނެފައިވެއެވެ. ރާއްޖޭގައި އެކަން ނެތެމުންދާ ކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައި އޮތެވެ.

ކިޔަވައިދޭ ވަގުތު މޫނުބުރުގާ މަނާކުރި ސަބަބު ބުނެދީ އެޑިއުކޭޝަނުން ބަޔާނެއް ނެރުމުގެ ކުރީން ސަރުކާރު ހިންގާ މައި ޕާޓީންވެސް ވަނީ ބަޔާނެއް ނެރެ ކިޔަވައިދޭ ވަގުތު މޫނުބުރުގާ އެޅުމާ ދެކޮޅުކަން ހާމަކޮށްފައެވެ. އެމްޑީޕީން ބުނީ ދިވެހި މުޖުތަމައުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮން ބައެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާ ގޮތަށް ތިބުމަށް ބޭނުންވާ ބައެއް ކަމަށެވެ.

އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަމުން ގެންގޮސްފައިވާ ކަމެއް ކަމަށެވެ. ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށް ވާއިރު ކިޔަވާ ދިނުމުގައި ދަރިވަރުންނާ ބައްދަލުވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަގީންވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ މި ވިސްނުން މިހާ ސާފުކޮށް ހާމަކުރާކަށް ނުކުރެނެވެ. އޭގެ ބަދަލުގައި ރިޔާސީ ވައުދަކަށް ހެއްދެވީ މޫނުބުރުގާ އަޅައިގެން ގެއްލުނު ހައްގުތައް އިއާދަ ކޮށްދިނުމަށެވެ.

ކިޔަވައިދޭ ވަގުތުތަކުގައި ދަރިވަރުންނަށް ޓީޗަރުންގެ މޫނު ފެންނަން ލާޒިމުކުރާއިރު މަތީ ގުރޭޑްތަކަށް ކިޔަވައިދޭ ބައެއް ޓީޗަރުންނަކީވެސް މޫނުބުރުގާ އަޅައިގެން ތިބި ޓީޗަރުންނެވެ. ކުޑަކުދީންނަށް ކިޔަވައިދޭ ބައެއް ޓީޗަރުންނަށް ކިޔަވައިދޭ ވަގުތު މޫނުބުރުގާ ނެގުމަކީ މާބޮޑު މައްސަލައަކަށް ނުވިނަމަވެސް މަތީ ގުރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުންނަށް އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

"އަޅުގަނޑުގެ ސުވާލަކީ މޫނުބުރުގާ އަޅައިގެން އަޅުގަނޑުމެން ކިޔަވައިދޭތީ ދަރިވަރުންނަށް ލިބުނު ގެއްލުމެއް ބުނެދޭށޭ. އަޅުގަނޑުމެންގެ މޫނުގެ ހަރަކާތް ނުފެނިގެން އުނިވި ކަމެއް ބުނެދޭށޭ. މިދިޔަ އަހަރުގައިވެސް މި ސުކޫލުގެ އެންމެ ރަނގަޅު ޓީޗަރުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން އުޅޭ ޓީޗަރުން ހިމެނުނު. އެއީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓޮޕް މެނޭޖްމަންޓުންވެސް އެންމެ ރަނގަޅު ކަމަށް ފާހަގަކުރާ ޓީޗަރުން. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރެދޭ ޓީޗަރުން. އެހެންވީމަ އެ ދައްކާ ވާހަކަތަކެއް ދެކޮޅެއް ނުޖެހޭ،" ދެކުނުގެ ރަށެއްގެ ސުކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކު ބުންޏެވެ.

އަސްލު މަގުސަދު ފޮރުވަން އެހެން ވާހަކައެއް

މޫނުބުރުގާއާ ފާޅުގައި ދެކޮޅު ހަދަން ބޭނުން ބަޔަކު ދިވެހި މުޖްތަމައުގެ ތެރޭގައި އެބަ ތިއްބެވެ. ދައުލަތުގެ އިސް މަގާމުތަކާއި ސިޔާސީ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައިވެސް އެ ވިސްނުމުގެ ބޭފުޅުން އެބަތިއްބެވެ.

ނަމަވެސް ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ވާހަކަތަކެއް އެހާ ފާޅުކަން ބޮޑުކޮށް ދެއްކުން އެއީ އެފަދަ ބޭފުޅުންގެ ސިޔާސީ ކުރިމަަގަށް އޮތް ގޮންޖެހުމެއް ކަމުން ހިސާބަކަށް ފަސްޖެހެނެވީއެވެ. އެހެންވީމަ އަސްލު މަގުސަދު ފޮރުވަން އެހެން ވާހަކަތަކެއް ބޭރަށް ނެރެވީއެވެ.

ރާއްޖޭގައި ހިނގާ ހައްދު ފަހަނައެޅުމުގެ ހަރަކާތްތައް މިފަދަ ކަންކަމާއި ގުޅުވާލަނީ އެވެ. މޫނުއަޅައިގެން ކިޔަވައިދޭން ނުފެންނަ ކަމަށް ބުނާ ކޮންމެ މީހަކީ ކާފަރެއް ކަމަށް ހަދާ އެމީހެއްގެ ލޭ ހުއްދަ ކުރަން ގޮވާލާ ކަމަށް ބުނެ ވާހަކަ ދައްކަނީ އަސްލު މަގުސަދު އޮޅުވާލަންށެވެ. މޫނުބުރުގާ އަކީ އަންހެނާ އޮތް އިހްތިޔާރެކެވެ. ބޮޑު ރައްކާތެރިކަމެވެ. ހިފަން ބޭނުން މީހަކު އެ ރައްކާތެރިކަމުގައި ހިފަންވީ އެވެ. ނުހިފި މީހަކަށްވެސް މި މުޖްތަމައުގައި ހަމަހަމަ ފުރުސަތު އެބައޮތެވެ. ނަމަވެސް ފުރުސަތު ނެތީ އެ ރައްކާތެރިކަމުގައި ހިފި މީހުންނަށެވެ.

އެކަން މުޅީން އަނެއް ކޮޅަށް ބަދަލުކޮށް މޫނުބުރުގާއާ ދެކޮޅުވާ މީހުންނަކީ ލާދީނީ ބައެއް ކަމަށް ލޭބަލް ކޮށް އެ މީހުން މަރަން ބަޔަކު މީހުން ގޮވާ ކަމަށް ބުނުމަކީ ކަނޑައެޅިގެން އޮޅުވާލުމެކެވެ. އެފަދަ ގޮވާލުމެއް މި މުޖްތަމައުގައި ނެތެވެ.

އެމްޑީޕީން އިއްޔެ ނެރުނު ބަޔާނުގައިވެސް އެކަން ދައްކަން މަސައްކަތް ކޮށްފައި އޮތެވެ. އެ ބަޔާނުގައި ބުނީ މޫނު އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހުން ކަމަށް ސިފަކުރާ ކަމަށެވެ.

ކޮންމެ އަކަށް ސިޔާސީ މަގުސަދެއް ހާސިލުކުރަން ވެވުނު މޫނުބުރުގާގެ ވައުދު މި ފަހަރު މި އޮތީ "އަތަށް ގޮވާފަ" އެވެ. މޫނުބުރުގާ އަޅައިގެން ޓީޗަރުކަން ކުރުމުގެ ހުއްދަ ދިނީ ތިމަންނާމެން ކަމަށް ބުނެ އެކަމުގެ ކްރެޑިޓް ނެގިޔަސް އެއީ ހެޔޮ ނިޔަތުގައި ކުރި ކަމެއް ނޫންކަން މިއަދު މިވަނީ ހާމަވެފައެވެ. މޫނުބުރުގާގެ ސިޔާސަތުގައި ރައީސް ޔާމީންގެ ސަރުކާރެކޭ މި ސަރުކާރެކޭ ތަފާތެއް ނެތެވެ. ދެ ސަރުކާރުންވެސް އެކަމާ ދެކޮޅެވެ. ތަފާތަކީ ސިޔާސީ މަގުސަދަށް އެކި ފަހަރު ދައްކާ އެކި ވާހަކަތަކެވެ. ހާސިލުކުރަން ބޭނުން އަމާޒަކީ އިސްލާމްދީނުގެ އެ މަތިވެރި ޝިއާރު ދެރަކޮށް ބަލިކަށި ކޮށްލުމެވެ.