ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަން ހޯދުމުގެ ޗަރުކޭހުގައި ބޮޑު ގެއްލުމެއް ދޭނެ

Jan 1, 2023
2

އާ އަހަރު މިފެށީވެސް ކަންބޮޑުވުމާއި ހާއްސަކަމާއި އުދާސްތަކެއްގެ ތެރެއިންނެވެ. ޖީއެސްޓީއާއި ޓީޖީއެސްޓީ މިއަދުން ފެށިގެން ބޮޑުވީ އެވެ. މިބަދަލާ އެކު ބާޒާރުގައި ތަކެތި ގަންނަން ލިބޭ އަގު ބޮޑުވާނެ އެވެ. މިހާރުވެސް ބައެއް ތަކެތީގެ އަގު ހުރީ އާދަޔާ ޚިލާފަށް އުފުލިފަ އެވެ. ތަކެތީގެ އަގަށް އަންނަ ކޮންމެ ބަދަލަކީ އިންފްލޭޝަނަށް އަސަރު ކުރާނެ ކަމެކެވެ. އެކަމަކު ސަރުކާރުން ބުނާ ގޮތުގައި ދައުލަތުގެ ދަރަނި ހަމައަކަށް އެޅުވުމަށާއި ބަޖެޓް މެނޭޖުކުރުމަށް ޓެކްސް ބޮޑުކުރުން ނޫން ގޮތެއް މިވަގުތަކަށް ނެތެވެ. ކޮވިޑް 19ގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާތީއާއި ރަޝިއާ / ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދާތީ ގައުމުތަކުގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން ސަރުކާރަށް އެހެން ގައުމުތަކުން މާލީ އެހީއާއި ލޯން ހޯދުން ވަނީ ދަތިވެފަ އެވެ. މިދަތިކަމާ ގުޅިގެން ދައުލަތަށް ފައިސާ ހޯދުމަށް ގައުމުގެ އެތެރެއިން ޓެކްސް ނަގަން މަޖުބޫރު ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ގެންދަވަނީ ވިދާޅުވަމުންނެވެ. ޓެކްސް ބޮޑުކުރަން ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ފެހި ސިގްނަލް ދީފައި އޮތް އޮތުމަކީ ސަރުކާރަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު ދިވެހި ރައްޔިތުންނަށް މިކަމުގެ ސަބަބުން އުފުލަންޖެހޭ މާލީ ބުރަ މިއަހަރުގެ ތެރޭގައި ވަރަށް ބޮޑުވެގެންދާނެ އެވެ. ނިކަމެތިން އިތުރަށް ނިކަމެތިވެ މުއްސަނދިން އިތުރަށް މުއްސަނދިވެ މާލީ ހަމަޖެހުން މިއަހަރުގެ ތެރޭގައި ގެއްލިގެންދާނެ އެވެ.

މިއަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވެފައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށްޓަކައި ފުރަތަމަ މަރުހަލާ މިވަނީ ފައްޓަވާފަ އެވެ. ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމަނިކުފާނު އެ ގެންދަވަނީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވަމުންނެވެ. ޕްރައިމަރީގެ ކެމްޕޭން ކުރިއަށްދާ ގޮތަށް ބަލާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ސަރުކާރުގެ ތެރެއިން "އާންމު މީހާގެ ލޮލަށް ސާފު ނުވާ ވަރަށް ބަލައިގެން" ކުރާ ހަރަދުތަކެއް ކުރައްވައިގެންނެވެ. އަދި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުނު ގޮތަކަށް ހޯއްދެވުމަށްޓަކައި ސަރުކާރުގެ ތެރެއިން އެތައް ގުނަ ހަރަދެއް ކުރާނެ އެވެ. އެގޮތަށް ކުރާ ހަރަދަކީ ވައުދުތައް ފުއްދުމަށް ކުރާ ހަރަދު ކަމަށް ސަރުކާރުން ބުނާނެ އެވެ. ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރާ ހަރަދު ތަކަކަށް ވެސް އެ ހަރަދުތައް ހަދާނެ އެވެ. ރިޔާސީ ދައުރެއް ކާމިޔާބު ކުރުމުގެ އެދުންވެރިކަމެއްގައި ކުރާ ސިޔާސީ ހަރަދުތަކެއް ކަމަކަށް އެއްބަސްވާނެ ވެރިޔަކު ސަރުކާރުގައި ނުހުންނާނެ އެވެ. ބޮޑެތި މުސާރަ ލިބޭ ގޮތަށް އަލަށް އުފައްދާ ސިޔާސީ މަގާމުތައް ވެސް އުފައްދާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގަ އެވެ. އެހެންވެ މިއަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވާނެ ކަމަށް ބެލެވުނަސް ރިޔާސީ އިންތިހާބަށް ކުރާނެ ކަމަށް ޔަގީންކުރެވޭ ބޮޑެތި ހަރަދުތަކާ އެކު އާމްދަނީގެ ހަގީގީ ފައިދާއެއް މިއަހަރަކު ނުފެންނާނެ އެވެ.

ރައީސް އިބްރާހީމް މުހައްދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ނުކުރާނެ ކަމެއް، ނުފޮރޮޅާނެ ގަލެއް، ނުހަދާނެ "ޑީލެއް" ނޯންނާނެ އެވެ. ރިޔާސީ ކެންޑިޑޭޓް ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާނާތާއި ފަސާދައިގެ އަމަލުތަކެއްގައި 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރުމާ ގުޅިގެން ކޯޓުގެ ހުކުމް ވެސްވީ "ހަރާމު ހުކުމް" އަކަށެވެ. އެހެންވެ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން މިހާރު މިވަނީ ނިޒާމުގެ ތެރެއިންނާއި ނިޒާމުގެ ބޭރުން ވެސް ފަށާފަ އެވެ. ރައީސް ޔާމީންގެ ގާނޫނީ ޓީމުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ މަރުހަލާ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދާއިރު އިދިކޮޅު ލީޑަޝިޕާއި ގްރާސްރޫޓުން ގެންދަނީ މަގުމަތި ހަލަބޮލިކޮށް، އާންމު ދަތުރުފަތުރަށް ބުރޫއަރުވައި، އާންމު ހަމަޖެހުން ނަގާލަމުންނެވެ. އިދިކޮޅު ކޯލިޝަނާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ގެންދަވަނީ އިންޒާރަކަށް ފަހު އިންޒާރެއް ދެއްވަމުންނެވެ. އިދިކޮޅު ސަޕޯޓަރުން ޖަޒުބާތުގައި ޖައްސައިގެން ލޭ ކައްކުވައިގެން ވެސް ރައީސް ޔާމީން މިނިވަން ކުރެވޭނެ ގޮތެއް އޮތްތޯ އަބްދުއްރަހީމު ގެންދަވަނީ ބައްލަވަމުންނެވެ. ރައީސް ޔާމީންގެ ނަން ނެތް ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ދައުލަތަށް ވެސް އިންޒާރު ދެއްވާފަ އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާއި އަދި މިހާރުވެސް ތަހުގީގީ އިދާރާތަކާއި ކޯޓުތަކުގައި ހުރި މައްސަލަތަކަށް ބަލާއިރު އިދިކޮޅު ކޯލިޝަނުން ކިތަންމެ ބޭނުންވި ނަމަވެސް ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ލިބުމަކީ ނާދިރު ކަމެކެވެ. ޔާމީން ނެތް ހާލަތެއްގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ރިޔާސީ ޓިކެޓަށް ކޯޅުމާ އެކު އިދިކޮޅު ރެނދުލުމަކީ މިއަހަރުގެ ތެރޭގައި ފެންނާނެ އިތުރު ބޮޑު ގެއްލުމެކެވެ. އިދިކޮޅުގައި ރެނދުލުމަކީ ސަރުކާރުން ކުރާ ނޭދެވޭ އަމަލުތައް ކުރިއަށް ގެންދިއުމަށް ހުޅުވައިދޭ ދޮރެކެވެ.

ސިޔާސީ މަސްރަހު އޮތް ގޮތުން ވެރިކަން ކުރާ ކޯލިޝަންގެ ހުރިހާ ޕާޓީތައް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް ކޮޅަށް އަރާނެ ކަމަށް ބެލެވެ އެވެ. އިދިކޮޅު ކޯލިޝަނާ އިތުރަށް ގުޅޭ ޕާޓީއެއް އޮތް ކަމަކަށް ނުފެނެ އެވެ. ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ފަހު ރައީސް ނަޝީދު އަމަލުކުރައްވާނެ ގޮތެއް އަދި ނޭނގެ އެވެ. ނަޝީދު އަމަލުކުރައްވާ ގޮތުން ސިޔާސީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރައި މިއަަހަރުގެ ތެރޭގައި ސިޔާސީ މަސްރަހު މުޅިން ބަދަލުވެގެންވެސް ހިނގައިދާނެ އެވެ. މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް މިއަހަރު ނިމިގެންދާނީ ދަރަނި ބޮޑު، ސިޔާސީ ހަމަނުޖެހުން ބޮޑު، ހާއްސަކަމާއި ކަންބޮޑުވުމުގެ އަހަރެއްގެ ގޮތުގަ އެވެ.