ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަނެއް ހަދައިފާނެކަމުގެ ބިރު ހީވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން މަރީޔާ ވިދާޅުވީ މިހާރު އިވެމުންދާ އަޑަކީ ރައީސް ނަޝީދަށް އިދިކޮޅުގެ ސިޔާސަތުތައް ކަމުދާ ވާހަކަ ކަމަށެވެ. މިގޮތުން "އިންޑިއާ އައުޓް" ފިޔަވައި އެހެން ހުރިހައި ކަމެއްގައި ރައީސް ޔާމީނުގެ ސިޔާސަތުތަކާއި ވިސްނުންފުޅު ކަމުދާ ކަމަށާއި އެމަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމުގައި ނަޝީދު ވިދާޅުވެފައިވާ ކަން މާރިޔާ ފާހަގަކުރެއްވި އެވެ. އަދި ނަޝީދު ކެމްޕޭނަށް ރަށްތަކަށް ވަޑައިގަންނަވާއިރު ޕީޕީއެމްގެ އެކްޓިވިސްޓުން އެމަނިކުފާނަށް ތާއީދުކުރައްވާ އިސްތިގުބާލުގައި ތިބޭ ކަމުގައި ވިދާޅުވި އެވެ.
"ރައީސް ނަޝީދު ރަށްރަށަށް އަރާ ވަޑައިގަންނަވާއިރު ޕީޕީއެމްގެ ހަރަކާތްތެރިން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބޭ ވާހަކަ ދައްކަވާ. އެމަނިކުފާނު އެބަދައްކަވާ ކޯލިޝަނެއްގެ ވާހަކަވެސް. އެހެންކަމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމުވެސް އެންމެ ބިރު ހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ އެކީގައި [ކޯލިޝަން] ހައްދަވާފާނެތީ،" ރައީސްގެ ކެމްޕޭންގައި ތަރުޖަމާން ކަންވެސް ކުރައްވަމުން ގެންދަވާ މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމިނުގެ ވެރިކަމުގައި ރައީސް ނަޝީދުގެ ބަސްފުޅުންނަމަ "ހަވާ ޕަޓާސް ބަރިއެއް ހެން" ޝަރީއަތް ހިންގަވައި ރައީސް ނަޝީދަށް ހުކުމް ކުރެއްވި ކަމަށާއި ޔާމީނުގެ ހުރިހާ ވާދަވެރިންވެސް ހައްޔަރުކުރެއްވިކަން މާރިޔާ ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ އަނިޔާވެރިކަން ސިފަކޮށްދެއްވަމުން މާރިޔާ ވިދާޅުވީ ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްޕުޅު ކޮށްދެއްވި ރައީސް މައުމޫން، އުމުރުފުޅުން 80 އަހަރުގައި ޖަލަށްލެއްވި ކަމަށާއި މީޑިއާތައް ޖޫރިމަނާކޮށް، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަޑުވެސް ކަނޑާލި ކަމަށެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރި އެތައް އަމަލެއް ހިންގަވާފައިވާއިރު ރައީސް ނަޝީދު މިއަދު ނިކުމެވަޑައިގެން ޔާމީނަކީ ވިޝަނަރީ ބޭފުޅެކޭ ވިދާޅުވީމަ އެކަން ގަބޫލުނުކުރެއްވޭނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ތިބެ އަޅުގަނޑުމެންގެ ޕާޓީ، އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނިކުމެވަޑައިގައިން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެންގެ ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒުބާތުގައި ޖެހިގެންވެސް އެމަނިކުފާނު އެފަދަ ކަމެއް ކުރެއްވިޔަދީގެން ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުފުޅުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވަނީ އިންޑިއާ އާއި މެދު އިދިކޮޅު ޕީޕީއެމް އިން ދެކޭ ގޮތާއި އަމަލުތައް ބަހައްޓާ ގޮތަކީ އެމަނިކުފާނާއި އެ ޕާޓީއާއި ދެމެދު އޮތް ހަމައެކަނި ހިޔާލުތަފާތުވުން ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ އާއި ގުޅޭގޮތުން ޕީޕީއެމް އިން ގުޅޭ ވިސްނުން ބަދަލުކުރެއްވުމަށް ނަޝީދު ވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުން އެދުވަހުން އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.