އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެމަނިކުފާނު ރަށްރަށް ވަޑައިގަންނަވާއިރު އިދިކޮޅުން މުޒާހަރާ ކުރާތީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކަމަށް "ރިއެކްޓް" ކުރައްވައިފި އެވެ.
ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ. މާޅޮހަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޝުއޫރުފާޅުކުރުމާއި އެއްވެ އުޅުމަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ.
ނަމަވެސް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއްވެސް ހުރަހެއް ނެތި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަން ވެސް ދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު މިނިވަންކަމުގެ ބޭނުންހިފާއިރު ހަމައާއި އުސޫލުން ކަންކަން ކުރުމަށް ރައީސް ހަނދާންކޮށްދެއްވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމީހަކު ފާޅުކުރާ ހިޔާލެއް ނުވަތަ އަޑެއްގެ ސަބަބުން އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ ކަމަށެވެ. އެއްވެސް ފަރާތަކަށް ދަތިވާ ގޮތަށް އަމަލުތަކެއް ހިންގާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތިމާ ފާޅުކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮއްސިއްޔާ ދެން ޖެހޭނީ އެއާ ދޭތެރޭގައި ވެރިކަމުގައި ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް ބައެއް ފަހަރު އެ މަންޒަރު އެބަ ފެނޭ،" ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާކޮށް ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް ފާޅުކުރާ ޝުއޫރަކީ ދެންތިބި މީހުންނަށް "ދުއްތުރާލަކަށް" ވެގެން ނުވާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
"ކުރިއަށް ގެންދަވަންވީ އެބޭފުޅުންވެސް [އިދިކޮޅު މުޒާހާރާތައް]. އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ. ހުއްޓުވާކަށްވެސް ނެތިން. އެކަމަކު އެހެން މީހުންވެސް ހަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނެ،" އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ އަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތައް ޖެހެމުންދާ ކަމުގައި ރައީސް ވިދާޅުވި އެވެ.
"ވިސްނަވަން ވާނެ އެކަމާ ދޭތެރޭގައި. ބޭނުމަކީ ކޮބައިކަން. ބައެއް ރަށްރަށުން އެ މަންޒަރު މިހާރު ފެންނަމުން އެބަދޭ،" އިދިިކޮޅު ޕީޕީއެމް ސަޕޯޓަރުންގެ މުޒާހަރާތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބޭފުޅުން ވެސް ބައިވެރިކުރަމުން ދާތީ އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިދިކޮޅުން އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް އަމަލުތަކެއް ހިންގުމުގެ މަގުސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެބޭފުޅުންނަށް ވާދަކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ޕަރައިމަރީގެ ތެރެއަށް ވަދެ ގަޑުބަޑުކޮށްގެން ކަމަށް ފެންނަ ފެނުން ކަމަށެވެ.
ޕްރައިމަރީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ފަހު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.