ތުޅާދޫ ކުޑާއްތައަށް 107 އަހަރު!

ތުޅާދޫން: އަލީ އަފާފް

މިދެން އަޖައިބެއް ކަހަލަ ކަމެކެވެ. އަހަރެން ތުޅާދޫއަށް ފޭބުމާއެކު އެކަކު އައިސް މި ރަށުގެ އެންމެ ދުވަސްވީ އަންހެން މީހާގެ ވާހަކަ މިއޮއް ކިޔައިދެނީ އެވެ. އަނެކަކުވެސް ދެއްކީ ހަމަ އެ ވާހަކަ އެވެ. ތިންވަނަ މީހަކު އެ ވާހަކަ ކިޔައިދިނުމުން އެ ދައްތައާ ބައްދަލުކޮށްލަން ފާޑަކަށް މަޖުބޫރެއްވީ އެވެ. ދައްތައާ ވާހަކަ ދައްކާލައި އޭނާގެ އަޑުއަހާލާ ހިތްވެއްޖެ އެވެ. އެގޭގެ ދޮރުމައްޗަށް އަރައި ސަލާމް ގޮވާލައިފީމެވެ. ދެން ހަމަ ވަގުތު ނަގައި ނުލާ އެހީ އެވެ. "މިގޭގައި 107 އަހަރުގެ އަންހެނަކު އުޅޭތަ؟"

ގޭތެރެއިން ބައްދަލުވި މީހާ ގޭގެ ސިޓިން ރޫމްގެ ކަނާތްފަރާތުގައި ހުރި ކޮޓަރިއަކާ ދިމާއަށް އަތް ދިއްކޮށްލި އެވެ. ހަމަ އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އަންހެނަކު ނުކުމެގެން އަންނަނީ އެވެ. އުމުރުން 107 އަހަރުވެފައިވާ މަރިޔަމް އަލީ (ކުޑާއްތަ) އަކީ މއީ އެވެ. ކުޑާއްތައަށް ބަލާލާއިރު މިއީ ވަރަށް މުސްކުޅި އަންހެނެކެވެ. ނަމަވެސް މި ދައްތައަށް 107 އަހަރު ވެދާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ.

އެއްވެސް މީހެއްގެ އެހީތެރިކަމެއްނެތި މަޑުމަޑުން ހިނގާލާފައި އައިސް ސަލާމް ވެސް ކޮށްލައިފި އެވެ. އަދި ހިނިތުން ވެލާފައި ގޮނޑި ސެޓްގައި އިށީނަންން ދައުވަތުވެސް ދީފި އެވެ. އަދި "ތިއީ ކޮން ކުދިންނެއްހޭ؟" ބުނެ ތައާރަފަކަށް ވެސް އެދިއްޖެ އެވެ.

ކުޑާއްތަ ފެންނަނީ ވަރުގަދަ ކޮށެވެ. އެކަމަކު އުމުރުން އެހާ ގިނަ ދުވަސްވެފައިވާތީ ކުޑާއްތަގެ ހަނދާންތައް މިހާރު ބައްޔެވެ. އެންމެ އިހުގެ ގިނަ ވާހަކަތަކެއް ހަނދާނަކު ނެެތެވެ. ކުޑާއްތަގެ ވާހަކަތައް ހިއްސާ ކޮށް ދިނީ އޭނާގެ ފިރިހެން ދަރފުޅު ހުސައިން މެދުވެރިކޮށެވެ.

އައިޑީކާޑުގައިވާ ގޮތުން ކުޑާއްތަގެ އުމުރަކީ 97 އަހަރެވެ. ނަމަވެސް ހުސެއިން ބުނާ ގޮތުން އޭނާގެ މަންމަގެ އުމުރު 107 އަހަރަށްވުރެވެސް ގިނަ ދުވަސް ވެއްޖެ އެވެ. މިރަށުގެ އެންމެން ވެސް ކުޑާއްތަގެ އުމުރު ކަމަށް އިއްތިފާގުވާ އުމުރަކީ 107 އަހަރެވެ. އަދި ބައެއް މީހުން އެއަށްވުރެ ވެސް ގިނަ ދުވަސްވާނެ ކަމަށް ކުޑާއްތަގެ ވާހަކަތަކާ ހަވާލާދީ ބުނެ އެވެ.

ކުޑާއްތައަށް ހަތް ކުދިން ލިބުނެވެ. އޭގެ ތެރެއިން ތިން ކުދިން ވަނީ މަރުވެފަ އެވެ. ދުނިޔޭގައި ތިބީ ހުސެއިންގެ އިތުރަށް ފާތުމަތާއި މޫސަ އަދި އިސްމާއީލެވެ. ކުޑާއްތައަށް މާމަ ކިޔާ ކިތައް ކުދިން ތިބޭ ކަމެއް މާރަނގަޅަކަށް ބުނެދޭން ނޭންގުނެވެ. ނަމަވެސް މުނިމާމަ އާއި ހޫރު މާމަ ކިޔާ ކުދިންވެސް މިހާރު ތިބެ އެވެ.

"މާމަ ދަރިންނާއި މުނިމާމަ ދަރިންގެ އަދަދެއް ނޭންގޭ، ހިސާބެއް ހަދަންޖެހޭނީ، މާމަ ކިޔާ ކުދިންނަށް ވެސް ކުދިން ލިބިގެން ގޮސްފި، މާމަ ކިޔާ ކުދިންނަށް ކާފަ ކިޔާ ކުދިން ވެސް މިހާރު ލިބިފަ އެބަހުރި،" ހުސެއިން ބުންޏެވެ.

ކުޑާއްތަގެ ވާހަކަތައް އޭނާއަށް ކިޔައި ދެވެނީ މިހާރު ހާނދާން ހުރި ހިސާބުންނެވެ. އެންމެ ދުރު ހަނދާނަކަށް ހުންނަނީ އޭނާގެ ކާފަ ހަސަން ކަލޭފާނުގެ ހަނދާނެވެ. ކާފަ ހަނދާންތައް އަދިވެސް ތާޒާ އެވެ. ކާފަގެ ހިތްހެޔޮ ކަމުގެ ވާހަކަ ކުޑާއްތަ ކިޔައިދެމުން ގެންދިޔައިރު މޫނުމަތިން ހިނިތުންވުމުގެ އަސަރު ހުއްޓެވެ.

"އެންމެ ދުރު ހަދާނަކަށް ވަނީ ކާފަ ހަސަން ކަލޭގެ ދުނިޔޭގައި އުޅުއްވި ދުވަސްތައް އަހަރެން ގޭގައި އަހަރެންގެ ކާފަ ހުރިހާ ވެސް މަސައްކަތެއް ކުރާނީ، ކާފަ އެއީ ވަރަށް ރަނގަޅު މީހެއް،" ކުޑާއްތަ ބުންޏެވެ.

ސުލްތޯން މުހައްމަދު ޝަމްސުއްދީން ރަސްކަން ވެސް ކުޑާއްތަގެ ހަނދާނުގައި ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. އޭގެބައެއް ވާހަކައިގެ ތެރެއަށް ވެސް ދިޔަ އެވެ.

ޝަމްސުއްދީން ރަސްކަމުގެ އިތުރަށް ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްކަން ކުރެއްވި މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަމުގެ އެމަނިކުފާނު ތުޅާދޫއަށް ވަޑައިގެންނެވި ހަނދާ ވެސް ކުޑާއްތަ އަދިވެސް އެބަހުއްޓެވެ. ކުޑާއްތައާ އަމީން ބައްދަލުވި އެވެ. ރައީސް އަމީން ވަޑައިގެންނެވިއިރު ކުޑާއްތަ ހުރީ އެރަށު ރައްޔިތުން ބަދިގޭގައި ކައްކާށެވެ. އަމީން ވަޑައިގެން ހުރީ ކީއްކުރަންތޯ ސުވާލު ކުރުމުން ކުޑާއްތަ ކުރުކުރުކޮށް ބުނީ ހުރީ ކައްކާށޭ އެވެ.

"އަމީން ތުޅާދޫއަށް ވަޑައިގެންނެވި ދުވަހު އަޅުގަނޑު ހުރީ ރަށު ރައްޔިތުން ބަދިގޭގައި ކަންކަން، އެހެން ހުއްޓައި އަމީން އައިސް ސުވާލު ކުރެއްވީ ކީއްކުރަނީތޯ؟ އަޅުގަނޑު ދެންނެވިން ކަމެއް ނުކުރަމޭ! ދެން އަމީން ވަޑައިގެންފި،" މުހައްމަދު އަމީންގެ ހަނދާންތައް ކުޑާއްތަގެ އާ ކުރި އެވެ.

ބައެއް ވާހަކަތަކުގެ ހަނދާން އާ ކުރަމުން ހިތާމަވެރި ދުވަހެއްގެ ވާހަކަތައް ވެސް އޭނާ ހިއްސާ ކުރެއްވި އެވެ. އެއީ ބޮޑުތަދު ދުވަސްވަރު ކުޑާއްތަގެ ފިރިހެން ދަރިފުޅު އަބޫބަކުރު މަރުވި ހަނދާނެވެ. ބޮޑުތަދު ދުވަސްވަރު ކާން ނުލިބި ވަރަށް ދުވަހު އުޅެން ޖެހުމުން އަބޫބަކުރަށް ކާން ނުލިބި ބަނޑަށްޖެހި މަރުވެގެންދިޔަ ހަނދާން ކިޔައިދިނީ އަސަރާއެކު އެވެ.

"ބޮޑުތަދު ދުވަސްވަރު ކާން ނުލިބޭތީ ކާއެއްޗެހި ގެންނަނީ އެކި ރަށްރަށުން، ކެންދޫން އުނޑޫދޫއިން ކަމަދޫ އިން، އޭރު ކާކަށް ނުލިބޭ، އެގޮތަށް އެހެން ކާން ނުލިބި ގިނަ ދުވަސް ވެގެން މަގޭ އަބޫބަކުރު މަރުވީ، ވަރަށް ދެރަވި ދުވަހެއް އެއީ!" އަސަރާއެކު ކުޑާއްތަ ބުންޏެވެ.

ހުސެއިން ބުނި ގޮތުގައި، އޭނާގެ މަންމަ ކުޑާއްތަ ބަލި އެނދުގައި އޮއްވާ ދުވަހަކުވެސް އަދި ނުފެނެ އެވެ. އަދި އަސާގަނޑާއެކު ވެސް މަންމަ އުޅެފައެއް ނުވެއެވެ.

"އަޅުގަނޑުމެންގެ ހަޔާތުގައި ވެސް ނުދެކެން ބަލި އެނދުގައި މަންމަ އޮއްވައެއް. އަދި އަސާގަނޑެއް ހިފައިގެން މަންމަ އުޅުނު ތަނެއް ދުވަހަކު ވެސް ނުދެކެން، އަޅުގަނޑުމެން އެކަމަކު ބަލިކޮށް މި އުޅެނީ... މިދިޔަ ސާޅީހަަކަށް އަހަރު ތެރޭގައި، މަންމައަށް ކޮންމެ އެއްޗެއް ވެސް ކެވޭ. އަދިވެސް އެ ގޮތަށް އެދަނީ،" ހުސެއިން ބުންޏެވެ.

ކުޑާއްތަގެ އިންޓަވިއުއަށް ފަހު މިގެއިން ނުކުންނަށް ހިނގައި ގަންނަމުން ސަލާމަށް އަތް ދިއްކޮށްލުމާއެކު ކުޑާއްތަގެ ރައިވަރެއް ކިޔައި ދިނެވެ. އަދިވެސް ޅައި އިރުގެ ރައިވަރުތަކަށް ފަރިތަ އެވެ. ކުޑާއްތަގެ ރައިވަރުތައް އަޑު އަހާލަން އިރުކޮޅަކު މަޑުކޮށްލައިގެން އިރުކޮޅަކު ހުރެވުނެވެ. ދުވަސްވެފައި ވިޔަސް މިދެން އަޖައިބެއް ކަހަލަ އަޑެކެވެ.