"ފްރީޒް" ބޭންޑްގެ ޝޯ ނިންމާލުން!

އެއް އިރެއްގައި މުޅި ރާއްޖެ އެއް އަޑަކަށް ގުގުމަމުން ދިޔައީ މަޝްހޫރު "ފްރީޒް" ބޭންޑުގެ އަޑެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް އެ ބޭންޑް ދިޔައަސް މުޅި ރަށް އެކަށް ކެކި، އުތުރި އަރައިގަނެ އެވެ. ފުރީޒް ބޭންޑްގެ ކޮންމެ ޝޯއަކަށް އެތައް ހާސް ބަޔަކު ޖަމާވެ ފޯރީގައި ބައިވެރިވި އެވެ. ފްރީޒް ބޭންޑުގެ ކޮންމެ ހަރަކާތަކަށް އެތައް ހާސް ބަޔަކު އިންތިޒާރު ކުރި އެވެ. ރާއްޖޭގެ މިޔުޒިކް ބޭންޑަކަށް މުޅި ރާއްޖޭގެ ހިތް ފަތަހަކޮށް "ގަނޑުކޮށް" ލެވުނު ހަމައެކަނި މިއުޒިކް ބޭންޑަކީ، ފުރީޒް ބޭންޑެވެ. އެކަމަކު އެއީ މާޒީ އެވެ.

އެންމެ މަޝްހޫރު ކަމާއި، އާންމު އެންމެންގެ އެންމެ ލޯބި ލިބުނު އެ ބޭންޑް ވުޖޫދުން ގެއްލިގެން ދިޔައިރު އެހެން ވެދާނެ ކަމަށް ހީކުރި އެއްވެސް މީހަކު ވެސް ނެތެވެ. ފްރީޒް ބޭންޑުގެ އެކި ދުވަސްވަރު އެކި ލީޑަރުން ތިބި ނަމަވެސް އަބަދުވެސް އެންމެ އިސް އާޓިސްޓަކީ ކުރީގެ އެންމެ މަޝހޫރު، އަދި ދިވެހިން ދުވަހަކު ވެސް ދުށް އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ އަލީ ރަމީޒް (އައްޔަ) އެވެ.

ހަމަ ކުއްލިއަކަށް މިއުޒިކާއި ލަވައިގެ ދުނިޔެއިން އައްޔަ ވަކިވެގެން ދިޔައީ "ބްރޭކެއް ނަގަނީ" ކަމަށް ބުނެ އޭނާއަށް ލޯބިކޮށް ސަޕޯޓް ދިން އެންމެން ރޮއްވާލާފަ އެވެ. އައްޔަ އަކީ އޭރު ގާތްގަނޑަކަށް ހުރިހާ ދިވެހިންގެ ހިތްތަކުގެ ސެލެބްރިޓީ އެވެ.

މިއުޒިކާއި ލަވައިގެ ދުނިޔެއިން ނުކުމެ އައްޔަ ފްރީޒް ބޭންޑާ ވަކިވެގެން ދިޔައަސް ފްރީޒް ބޭންޑު އޭގެ އެގޮތުގައި ދެމެހެއްޓުމަށް އެ ބޭންޑުން މަސައްކަތް ކުރި އެވެ.

އައްޔަ ލަވަ ކިޔުން ހުއްޓާލުމުން ބޭންޑް ލީޑް ކުރަން ޖެހުނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަމީޒް (އިބޭ) އަށެވެ. އައްޔަ ލަވަ ކިޔުން ހުއްޓާލި ފަހުން ވެސް ގާތްގަނޑަކަށް އަހަރެއްވާން ދަންދެން އެ ބޭންޑުގެ ޝޯތައް ދިނުމުގައި އިބޭ އިސްވެ ނުކުމެ ނަގައިކިޔައި އުޅުނެވެ.

"އައްޔަ ލަވަކިޔުން ހުއްޓާލި ފަހުންވެސް އަށް މަސް ދުވަސް ވަންދެން އަހަރެމެން ބޭންޑު ކުރިއަށް ގެންދިޔައިން، ރިސޯޓްތަކަށް ގޮސް ޝޯ ހުށަހަޅައިދީ މިޔުޒިކް ހަރަކާތްތައް ކުރިއަށް ގެންދިޔައިން،" ފްރީޒް ބޭންޑް ނިމެން ދިޔަ ގޮތާބެހޭ ގޮތުން އިބޭ ކިޔައި ދިނެވެ. "އަހަންނަކީ މިހަކު ބުނާ އެއްޗެއް ގަބޫލު ކުރާ މީހެއް ނޫން، އަހަރެންނަށް ވިސްނޭ ވަރަށް އެކަށީގެންވާ ދަލީލާއި ހެކި ލިބުނީމާ ނޫނީ އަހަރެން ގަބޫލެއް ނުކުރާނަން، އެހެންވެ އެކަމުގައި އުޅުނީ،"

އިބްރާހިމް ރަމީޒް (އިބޭ): ބޭންޑް ނިންމާލި އިރު އިސްކޮށް ހުރި

އިބޭގެ ބޭބެ، އައްޔަ، ލަވަ ކިޔުން ހުއްޓާލައި ލަވައިގެ ދުނިޔެއިން ނުކުމެގެން ދިޔަ ދިއުން އެއީ ހަމަ ދިއުމަކަށް ނުވި އެވެ. ފަހުން އައްޔަގެ އެ ނިންމުން ބަދަލުވެގެން އައީ މިޔުޒިކާމެދު ދިނީ ގޮތުން އޮތް ގޮތް ސާފު ކުރަން އެތައް ބަޔަކު ބޭނުންވި ކަމަކަށެވެ.

އެ ބަދަލުގެ ތެރޭގައި އިބޭ ވެސް މިޔުޒިކާ ބެހޭގޮތުން އަލުން ހޯދައި ދިރާސާ ކުރަން ފެށި އެވެ. އެ މަސައްކަތުގައި މިޔުޒިކާއި ލަވަޔަކީ އިސްލާމް ދީން ތަރުހީބު ދޭ ކަމެއް ނޫންކަން އޭނާއަށް ޝައްކެއް ނެތް މިންވަރަށް ސާފުވުމުން ބޭބެ ފަހަތުން މިޔުޒިކާ ދުރަށްދާން ނިންމީ އެވެ.

"އެހިސާބުން އަހަރެން ހުއްޓާލީ! އަހަރެން ހުއްޓާލި ފަހުން ފްރީޒް ބޭންޑުގެ އެހެން ކުދިން ވެސް ނިންމީ ދެން ބޭންޑް އިތުރަށް ކުރިއަށް ނުގެންދަން، އަދި އެކި ސަބަބުތަކާ ހެދި އެގޭތެރެއިން ބައެއް ކުދިން ވެސް އެހިސާބުން މިޔުޒިކު ކުޅުން ހުއްޓާލީ!" މިހާރު ރޭޑީއޯ އެޓޯލްގައި މަސައްކަތް ކުރާ އިބޭ ކިޔައި ދިނެވެ.

އިބޭ، މިޔުޒިކާ ދުރަށް ދިއުމާއެކު ދެން ފްރީޒް ބޭންޑު އިތުރަށް ކޮޅަށް ނަގާނެ މީހަކު ނުވި އެވެ. އަދި ތަފާތު ސަބަބުތަކާހެދި ބޭންޑުގެ އެހެން މެންބަރުން ވެސް މިޔުޒިކްގެ ކެރިއާ އާ ދުރަށް ދިޔައީ އެވެ. ހަމަ އެ ހިސާބުން ފްރީޒްގައި މިޔުޒިކް ކުޅެން ބޭނުން ކުރި ހުރިހާ ސާމާނެއް ގެންގޮސް އޭގެ ވެރިޔާ، ބެންހާ ހަބީބުއާ ހަވާލުކޮށް ފްރީޒް ބޭންޑްގެ ޝޯތަކުގެ ސިލްސިލާއަށް ފަސް އަޅައި ނިންމާލީ އެވެ. އެ އަޑު އަހަމުން އައި އެތައް ހާސް ބަޔަކު ގަނޑުވެފައި ބަލަން ތިބެވުނީ އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާސްޓަރ

މޮޅުކަމެއް މަގުބޫލުކަމެއްނޭގުނު. އެދުވަސްވަރު މިޔުޒިކާއި އެދާއިރާގެ އެއްވެސް އެވޯޑެއް އަދި ވަނައެއްވެސް އައްޔައަށް ލިބިފައި ނެތުމަކީ ހައިރާންވާވަރުކަމެއް.

ލަތީފާ

މިޔުޒިކު ކުޅުން ހުއްޓާލާފައި ހަގުރާމައަށް މީހުން ފޮނުވަން އުޅުން އެއީކީ އަދި މާ މޮޅު ކަމެއް ނޫން.

ލަތީފް

ދޮގު ހެދުމަކީ ނުބައި ކަމެއް.

އަލީރާޖާ

ކޮންމެ ކަމެއް ނަމަވެސް ދީނުގައި ހުއްދަ ނުވާ ކަންކަން އޭގެ ތެރެއަށް ވެއްދީމާ އެކަންކަމެއް ހުއްދައެއް ނުވާނެ. ހޮޓަލެއްގައިވެސް އޫރުމަހާ ރަލާ ވިއްކީމާ ވާނީ މަނާ ކަމަކަށް. އޭގެ މާނައަކީ ހޮޓާހިންގުން މަނާވީކީ ނޫން. ނަމަވެސް ރަލާ އޫރުމަސް މަނަލީ. ގެއެއްގެ ތެރޭ ހަށިވިއްކާ ޒިނޭ ކުރީމާ ގޯތި ގެދޮރުގައި އުޅުން މަނާވީ ކަމަކަށް ނުވާނެ. މިޔުޒިކުގެ ތެރޭގައިވެސް ހުއްދަ ނޫން ކަމެއް ކުރަންޏާ އެކަމެއް ވާނީ ހުއްދަ ނޫން ކަމަކަށް.

ކެޓްސުޓީވަން

އަލީ ރަމީޒު މެންވެސް އިސްލާހުވެ ހަރުކަށިކަންދޫކޮށް ޔޫސުފުލް އިސްލާމު މެންގޮތަށް އަލުން ލަވަކިޔާނެދުވަހަކަށް އުއްމީދު ކުރަން

އަލީރަމީޒް

ލަވަކިޔުން ލަވައަޑުއެހުން ހަރާމް ވެގެންވެއެވެ

މަރިޔަމް ޝިބާނާ

ޢަލީރަމީޒު ވަރުގެ ލަވަކިޔުންތެރިއެއް، އެވަރަށް ސްޓޭޖް ގައި މީހުން ކައްކުވާލި ދެވަނަ މީހަކު އަދި ރާއްޖެއަކަށް ނާދޭ ބޭރުންވެސް. ދެން އެކަމު ވަރަށްދެރަ އޭނަ ހުޓާލީމަ. އަދިވެސް ހަމަ އިންތިޒާރު ކުރެވޭ އަލީރަމީޒަށް. ޢަޅެ ޕްލީޒް އަލީރަމީޒޫ

ހުސެއިން ރަޝީދު

އަޅުގަނޑު މީ ޢަލީރަމީޒުގެ ޝޯއެއް ބަލަން އައްޑޫއިން ހއ. ދިއްދޫއަށް ދިޔަ މީހެއް. އެއީ ކޮންމެ އީދެއް. އެއީ ހަނދާނުން ފޮހެލަން ދަތި ޝޯއެއް. ފޯރިއޭ ބުންޔަސް ފޯރިގަދަ. އަންހެން ކުދިންތައްވެސް ހަމަ މޮޔަ ވެފަ އޭނައާ ހެދީ. އަލީރަމީޒާއެކީ ފޮޓޯއެއް ނަގަން އަންހެންކުދިން އުލުނު މަންޒަރު ސީދާ އަޅުގަނޑުގެ ލޮލުން ދުށިން. އެވަރުގެ ކަމެއް ރާއްޖެއަކަށް އަދި ލައްވައެއް ނުލާ.

ނަބީލާ

އައްޔައަށާއި އޭނާގެ ކޮއްކޮއަށް ސާބިތުކަން ދެއްވާށި. ހަގީގަތުގައިވެސް އަލީރަމީޒަކީ ހުރިހާ ދިވެހިންގެ ހިތްތަކުގެ ރަސްގެފާނޭ ބުންޔަސް ދޮގަކަށްނުވާނެ. އަދި މިހާރުވެސް އޭނާ ދައްކައިދެމުން އެގެންދަނީ ހަމަ ނަމޫނާ މީހެއްގެ ޝަހުސިއްޔަތު. ސާބަސް އަލީ މެންނަށް.

ޞުރި

މިއަށް ވުރެ ދިގު ކޮށްލިނަމަ. މިއީ ލިޔެލެވޭނެ ކަަހަަލަ .މައުލޫއެއް.

ސޮއްފާން

ވަރުގަދަ މީހުންނަކީ ދުނިޔޭގެ އެދުމުގެ ކުރިމަތީގައި، ކުޑަކަކޫ ނުޖަހައި އެކަމަށް ގޮންޖަހައި ރަނގަޅު ގޮތް އިޙްތިޔަރު ކުރި މީހުން