މިއޮތީ ރޯދަ މަހު ރުޅި މަޑު ކުރާނެ ގޮތް!

ސްކޫލު އުމުރުގެ ދެ ކުދިންގެ މަންމައެއްގެ ހައިސިއްޔަތުން ކޮންމެ ރޯދަމަހަކާއިވެސް ކުރިމަރިލަނީ ރޯދަމަހުގައި ކުދިން ގައިގައި ރަނގަޅު ސިފަތައް އަށަގައްނުވާ، ދީނަށް އަޚުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެެއް ކުރުމުގެ އުއްމީދުގަ އެވެ. ނަމަވެސް މަސް ފެށުމާއެކު ކުރަން ހުންނަކަންކަން ގިނަވެ، އަޅުކަމަށް ވަގުތު ދިނުމަށްފަހު އެންމެ އެދެވޭ ގޮތަށް ކުދިންނަށް ރަނގަޅު ފިލާވަޅެއް ނަގައިދޭން އޮންނަނީ ވަގުތެއް ނުވެފައެވެ.

މިއީ ގިނަ މަންމައިންގެ ހާލަތު ކަމަށް ޤަބޫލުކުރެވެއެވެ. އެހެން ކަމުން ރޯދަމަހުގެ މެދު ދިހައެއްގައި، ކުދިން ތަރުބިއްޔަތުކުރުމަށް އެހީތެރިވެދޭނެ، މުހިއްމު މައުޟޫތަކުގެ މައްޗަށް ބިނާކޮށް، ކުދިންނާއިއެކު ގޭގައި ކުރިއަށް ގެންދެވިދާނެ ހަރަކާތް ތަކެއް ހުށަހަޅާދިނުމަށް އަތުކުރި އޮޅާލައިފީމެވެ.

މިއަދު މި ބަލާލަނީ ރުޅިއަންނަ ހާލަތްތަކުގައި ރުޅިމަޑުކުރުމާއި ގުޅޭ ގޮތުން ކުދިންނާއެކު ދެއްކިދާނެ ބައެއް ވާހަކަތަކާއި، ގޭގައި ކުރިއަށް ގެންދެވިދާނެ ބައެއް ހަރަކާތްތަކަށެވެ.

ފުރަތަމަ ކަމަކަށް ރުޅިއައުމަކީ ފިޠުރަތުގައި ލައްވާފައިވާ ކަމަކަށް ވިޔަސް ރުޅިއަކީ ކޮންޓްރޯލް ނުކުރެވިއްޖެނަމަ ދެރަވާންޖެހޭ ކަމަކާ ކުރިމަތިވެދާނެ ކަމެއްކަން ކުދިންނަށް ވިސްނައިދިނުން މުހިއްމެވެ. އެހެންކަމުން މި ނުކުތާތަކުގެ އަލީގައި ދަރިފުޅަށް ރުޅި އިސް ކުރުމާއި ބެހޭގޮތުން ފޫހިނުވާ ވަރަށް ކުރުކޮށް މައުލޫމާތު ދޭށެވެ. މައުލޫމާތު ދިނުމުގައި ސުވާލުކޮށް ޖަވާބު ހޯދައި ދަރިފުޅު ބައިވެރި ކުރާށެވެ.

މި ފިލާވަޅު ފެށުމުގެ ގޮތުން މަންމައަށް ކުދިން ރުޅިއަންނަން މެދުވެރިވެދާނެ ފަދަ ބައެއް ހާލަތްތައް ލިސްޓު ކޮށްލެވިދާނެ އެވެ. މި ލިސްޓް ތައްޔާރު ކުރުމުގައި ކުދިންގެ ޚިޔާލު ހޯދާލާށެވެ. އެގޮތުން މި ހާލަތްތައް ލިސްޓުގައި ހިމަނައި ލެވިދާނެ އެވެ. 

ހ. ކުޅިވަރަކުން ބަލިވުން
ށ. ކުއްޖަކު މަލާމަތްކުރުން
ނ. ރާވަން ބޭނުންވާ ކުޅޭ އެއްޗެއް ބޭނުންވާ ގޮތަށް ރާވަން ނޭނގުން
ރ. މާބޮޑަށް ވަރުބަލިވެ ބަނޑުހައިވުން
ބ. އަތުގައި އޮތް ކުޅޭ އެއްޗެއް އެހެން ކުއްޖަކު އަތުލުން
ޅ. އެންމެ އިންސާފުވެރިކޮށް ކަންކަން ނުވާ ވަގުތުތައް
ކ. ބޭނުންވާ އެއްޗެއް މައިންބަފައިން ނުގަނެދިނުން
އ. ހޯމްވޯކް ހަދަންޖެހުން

ލިސްޓުގައި ލިޔުނު ހާލަތްތަކާއި ގުޅޭ ގޮތުން ކުދިންނާއިއެކު ވާހަކަ ދައްކާލާށެވެ. މިގޮތުން މައުލޫއާ ގުޅޭގޮތުން ކުދިންނާއި މިފަދަ ބައެއް ސުވާލު ކޮށްލެވިދާނެ އެވެ. މިހާލަތުގައި ރުޅިއަންނަން ޖެހެނީ ކީއްވެ؟ މިފަދަ ހާލަތްތަކުގައި ރުޅި ކޮންޓްރޯލް ކުރާނީ ކިހިނެތް؟ އަދި ތަފާތު ހާލަތްތައް ކުދިންނަށް ހުށަހަޅައި، އެހާލަތުގައި ކަންތައްކުރާނެ ގޮތާއި ގުޅޭގޮތުން ސުވާލުކުރެވިދާނެ އެވެ.

މިސާލަކަށް ޔުއާންގެ ރަހުމަތްތެރި އިޒާން ޔުއާންގެ ގެއަށް ޒިޔާރަތްކުރިއެވެ. ޔުއާން ހުރީ އިޒާންއާއި އެކު ވަރަށް ބޮޑަށް ކުޅެލަން ބޭނުންވެފަ އެވެ. ނަމަވެސް އެ ގަޑީގައި އިޒާން ހުރީ ޔުއާންގެ ކޮއްކޮ ޒަައިކްއާއި އެކު ކުޅޭށެވެ. ޔުއާންއަށް ކޮންމެވެސް ވަރަކަށް ރުޅި އިހްސާސް ކުރެވެން ފަށައިފި އެެވެ. މިހާލަތުގައި ޔުއާން ކަންކުރާނީ ކިހިނެތް ހެއްޔެވެ؟ ދަރިފުޅަށް އިޚްތިޔާރީ ޖަވާބުތަކެއް ދޭށެވެ. ކޮއްކޮ އިޒާންއާއި ދުރުކުރާނީ ހެއްޔެވެ؟ އެކުދިންނާއިއެކު ކުޅެން ބައިވެރިވެވިދާނެތޯ ސުވާލު ކުރާނީ ހެއްޔެެވެ؟ ނުވަތަ އެކުދިން ކުޅެންތިބި ޔުއާންގެ ކުޅޭ ސާމާނު އަތުލާނީހެއްޔެވެ؟ މިތަނުން އެންމެ ރަނގަޅުވާނީ ކޮންގޮތަކަށް ކަންތައް ކުރިއްޔާހެއްޔެވެ؟

މިފަދަ ތަފާތު ހާލަތްތައް ހުށަހަޅައި އެއާއިމެދު ވާހަކަ ދައްކާލާށެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަށިގަނޑުގެ އެކި ގުނަވަންތައް ލޭބަލްކޮށް، ރުޅިއަންނަ ވަގުތު އެ ގުނަވަނަކަށް އަންނަ ބަދަލުތައް ލިޔެލުމަށް ވޯކްޝީޓެއް ތައްޔާރު ކޮށްލެވިދާނެ އެވެ.

މިހަރަކާތުގެ ބޭނުމަކީ ރުޅިއައުމުން ހަށިގަނޑަށް ކުރެވޭ އިހްސާސްތަކަކީ ނޭދެވޭ އިހްސާސްތަކެއްކަން ކުދިންނަށް ބުނެދިނުމެވެ. އަދި މިފަދަ އިހްސާސްތައް ރުޅިއަންނަ ވަގުތު އެކުރެވެނީ އެ ކުއްޖާގެ ގާތުގައި ޝައިތާނާ އެ ވަގުތުހުރެ ރުޅި އިސްކުރުމަށް ހިތްވަރުދޭތީ ކަމަށް ވިސްނައި ދެވިދާނެ އެވެ. މިސާލަކަށް ދަރިފުޅު ރުޅިއައިމަ ހިތް ވަރަށް ބާރަށް ތެޅޭ ހެެއްޔެވެ؟ ކަންފަތް ދޮށުގައި ރަނގަބީލެއް އަޅާހެން ހީވޭހެއްޔެވެ؟ ނިތްކުރީގައި ގޮށެއްޖެހޭކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ އަތްތިލް މުއްކަވާލެވޭ ހެއްޔެވެ؟ މިފަދަ ސުވާލުތައް ކޮށްލާ އެކި ގުނަވަންތަކަށްް އަންނަ ބަދަލުތަކާމެދު ވާހަކަ ދައްކާލާށެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކަށް މިބަދަލުތައް އަންނަކަން ފާހަގަކުރުމަށް ސަމާލުވާން ބުނެދީ، އެކަން ފާހަގަ ވުމުން އަވަހަށް "أَعُوْذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِِْ" ކިޔުމަށް ހަނދާން ކޮށްދޭށެވެ. އަދި މިއީ އަހަރެމެންގެ ލޮބުވެތި ރަސޫލާ (ސ.އ.ވ)ގެ އިރުޝާދުކަން ބުނެދޭށެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް އިންޓެންޓުން ނުވަތަ ފޮތްފޮތުން އެކި މީހުންގެ ފޮޓޯ ބަލާލާށެވެ. މުސްކުޅިން، ޒުވާނުން، އަދި ކުޑަކުދިންގެ ފޮޓޯވެސް ހިމެނޭ ގޮތަށެވެ. މިގޮތަށް ފޮޓޯ ހޯދާއިރު އެމީހުންގެ މޫނުމަތިން އެކި އެކްސްޕްރެޝަން ނުވަތަ ކުލަވަރުތައް ހުންނަ ފޮޓޯ ހޯދުމަށް ސަމާލުވާށެވެ. ބައެއް މީހުން ހެވިފައި، އަނެއް ބައި މީހުން ރޮވިފައި، ބިރުގެންފައި، ވަރުބަލިވެފައި، އަދި ރުޅިގަދަވެފައި ހުންނަކަން މޫނުމަތިން އެނގޭ ފަދަ ފޮޓޯތައް ދަރިފުޅާއިއެކު ބެލުމަށްފަހު، އެ މޫނުތަކުގެ ތެރެއިން ރުޅިއައިސްފައިތިބި މީހުުން ފާހަގަކުރުމަށް ކުދިންނާއި ހަވާލުކޮށްލާށެވެ. މި ހަރަކާތް ގޭމެއް ގޮތަށްވެސް ކުރިއަށް ގެންދެވިދާނެ އެވެ. 

ތަމޯމީޓަރަކީ ހަށިގަނޑުގެ ހޫނުމިން ދެނެގަތުމަށް ބޭނުން ކުރާ އާލާތެކެވެ. މި ފިލާވަޅާއި ގުޅޭ ކްރާފްޓް މަސައްކަތެއްގެ ގޮތުން ކަރުދާހުން "ރުޅި" ތަމޯމީޓަރެއް ތައްޔާރު ކޮށްލެވިދާނެ އެވެ. މި ތަމޯމީޓަރުން ރުޅި އިހްސާސް ކުރެވޭ އެކި ދަރަޖަތައް ދައްކުވައިދޭނެ އެވެ.

ފޮޓޯއިން ފެންނަނީ ތަމޯމީޓަރު ހަތަރު ކުލައެއްގެ ހަތަރު ޒޯނަކަށް ބަހާލެވިފައިވާ ތަނެވެ. މިގޮތަށް ކަރުދާހުގައި ތަމޯމީޓަރެއް ކުރަހާ، ހަތަރު ޒޯނަށް ބަހާލުމަށްފަހު ކުދިންނަށް ކުލަޖައްސަން ހަވާލު ކުރާށެވެ. އެންމެ ތިރީގައިވާ ފެހި ކުލަ ރަމްޒުކޮށްދެނީ "އަހަރެން މިހުރީ ހިތްހަމަޖެހިފަ" ކަމެވެ. އޭގެ މަތީގައި ޖައްސާލަންވީ ރީނދޫ ކުލައެވެ. މީގެން ރަމްޒުކޮށްދެނީ "ކުޑަކޮށް ރުޅި އިހްސާސްވާން ފަށައިފި" ކަމެވެ. ތިންވަނަ ޒޯނުގައި ޖައްސާލަންވީ އޮރެންޖު ކުލައެވެ. ރަމްޒުކޮށްދެނީ "މެދުމިނަކަށް ރުޅިއަތުވެއްޖެ" ކަމެވެ. އެންމެ ފަހު ޒޯނުގައި ރަތްކުލަ ޖައްސާލާށެވެ. މިޒޯނު ދައްކުވައިދެނީ "ވަރަށް ބޮޑަށް ރުޅިއަތުވެއްޖެ" ކަމެވެ. 

މިގޮތަށް ކުލަޖައްސާ ތަމޯމީޓަރު ލޭބަލް ކޮށްލުމަަށްފަހު، ތަމޯމީޓަރުގެ ދެކޮޅުގައި ދެލޯވަޅު އަޅާލައި، ޕައިޕްކްލީނަރެއްގެ ތެރެއަށް ބޮޑު މިނައެއް ވައްދާލާ، ތަމޯމީޓަރުގައި ހަރުކޮށްލާށެވެ. އެއަށްފަހު ކޮންމެވެސް ތަނެއްގައި ތައްޔާރުކޮށްލި ތަމޯމީޓަރު ހަރުކޮށްލާށެވެ. ރުޅިއަންނަ ހިނދު ދަރިފުޅު މިމީޓަރު ބޭނުންކޮށް، ރުޅި ހުރި ހިސާބު ދެނެގަންނަން ބޭނުން ކުރެވިދާނެ އެވެ. ކޮންމެ ޒޯނެއްގައި، އެ ޒޯންއަށް ދިޔުމުން ކަންކުރަންވީ ގޮތްވެސް ލިޔެލެވިދާނެއެެވެ.

ރުޅިއަންނަ ހިނދު އެންމެ ބުއްދިވެރިގޮތަކީ މާބޮޑަށް ރުޅިނާންނަނީސް ރުޅި ކޮންޓްރޯލްކޮށްލުމެވެ. މިގޮތުން ރުޅި އަންނަކަން އިހްސާސްކުރެވޭ ހިނދު ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލަމާ ހެއްޔެެވެ؟

ރުޅިއަންނަ ހިނދު ރުޅިމަޑުކުރުމަށް ނަބަވީ އިރުޝާދުތަކެއްވެއެވެ. މިގޮތުން ވުލޫކޮށްލުމަކީ ރުޅީގެ ހުޅުގަނޑު ނިއްވާލަން އެންމެ ފަސޭހަ ގޮތެވެ. ރުޅިއަންނަ ވަގުތު ކޮޅަށްހުރި މީހާ އިށީނުން، އިށީނދެގެން ހުރި މީހާ އޮށޯތުން މިއީވެސް ސުންނަތުން ވާރިދުވެފައިވާ އުކުޅެކެވެ. މީގެ އިތުރުން ރުޅިއައުމުން، އެވަގުތު ހުރި ކޮޓަރި ދޫކޮށް ރުޅި ހަމައަކަށް އެޅެންދެން އެހެން ކޮޓަރިއެއްގައި މަޑުކޮށްލެވިދާނެ އެވެ. އަދިވެސް ވާރިދުވެފައި ވެއެެވެ. ރުޅިއަންނަ ހިނދު ހަނު ހުންނާށެވެ.

ފޯކަސްއަކީ ކުޑަކުދިން ކަމުން، ދެން ކުރެވިދާނެ އެހެން ކަންކަމަށް ބަލައިލަމާހެއްޔެވެ.

މިފަދަ ވަގުތުތަކުގައި "ކާމް ޑައުން ބޮޓްލް" އެއްގެ ބޭނުން ހިފިދާނެ އެވެ. މި ފުޅީގައި ހުންނަނީ ފެނުގެ ތެރެއަށް ގްލިޓާ އަޅާފަ އެވެ. ފުޅި ތަޅުވާލުމާއިއެކު ގްލިޓަތތައް ފުޅިތެރޭގައި އެކި ޒާތްޒާތައް އެންބުރެމުން ސެންބުުރެމުންގޮސް ފުޅީގެ ތިރީގައި އެންމެފަހުން މަޑުޖެހިލައެވެ. ތެރަޕިސްޓުން ބުނާގޮތުން މިފަދަ މަންޒަރެއް ބަލަހައްޓައިގެން އިނުމަކީ ހިތަށް މަޑުމައިތިރިކަމާއި ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

މިފަދަ ފުޅިއެއް ތައްޔާރުކޮށްލުމަކީ ވަަރަށް ފަސޭހަ ކަމެކެވެ. ފެންފޮދެއް ކައްކާލުމަށްފަހު ހިހޫވުމުން ފުޅިއެއްގެ ތެރެއަށް އަޅާލާށެވެ. އަދި މި ފުޅިތެރެއަށް ގްލިޓާ ގްލޫ ފުޅިއެއް އަޅާލާށެވެ. ވަރަށް ކުޑަ ކާކުލަ ކޮޅެއްވެސް އަޅާލާށެވެ. މިއީ މިފުޅި ތައްޔާރު ކޮށްލެވިދާނެ އެންމެ ފަސޭހަ ގޮތެވެ. މިނޫންވެސް ގޮތްތައް އިންޓަނެޓުގައި ޝާއިރުކޮށްފައި އެބަހުއްޓެވެ.

ރުޅި އިހްސާސްކުރެވެން ފެށުމުން ފުންކޮށް ނޭވާލާން ފަރިތަކުރެވިދާނެއެވެ. އާދަޔާ ޚިލާފަށް ބާރަށް ހިތްތެޅޭވަގުތު، ފުންކޮށް ނޭވާލުމުން ހިތުގެ ތެޅުން މަޑުމަޑުން މައިތިރިކޮށްލަދެއެވެ. އެއާއި އެކު މީހާވެސް ހަމަޖެހި، ރުޅިމަޑުވެއެވެ.

މަތީގައި މިހުށަހަޅާލި ހަރަކާތްތަކުގެ އިތުރުންވެސް މި މައުޟޫއަށް ބިނާކޮށް ވަރަށް ގިނަ ހަރަކާތްތައް ކުރިއަށްގެންދެވިދާނެއެވެ. ދަރިފުޅުގެ އުމުރާއި އުނގެނުމުގެ ސްޓައިލްއަށް ފެތޭ ގޮތަށް މިހުށަހަޅާލި ހަރަކާތްތަކަށް ބަދަލުގެނައުން އެދެވިގެންވެއެވެ. އަޅުގަނޑުގެ އުއްމީދަކީ މި "ގައިޑް" އަކީ ތިޔަބޭފުޅުންނަށް ބޭނުންތެރި، ރިސޯސްއަކަށްވުމެވެ.