އެއްމާބަނޑު ހަމީދާއި މަޖީދުގެ މަޖާ ވާހަކަ!

މެއި 6، 1984 ގައި ފުވައްމުލަކުގައި މި ދެބެއިން އުފަންވެޖެ އެވެ؛ އެއްފަހަރާ ދެ މެހުމާނުން އައީ އެވެ. އެއް މާބަނޑު މި ދެ ބެއިންނެވެ. މިއީ މިހާރު އުމުރުން 34 ވެފައިވާ އަބްދުލް މަޖީދާއި އަބްދުލް ހަމީދެވެ. ސިފަ އެއްގޮތް ވުމުވެ އިތުރުން އެއްމާބަނޑު ދެބެންގެ ކިބައިގައި ހުންނަ ކަމަށް ކިޔައި އުޅޭ ހުރިހާ ކަމެއް މި ދެ ބެއިންގެ ކިބައިގައި ވެސް ހުރެއެވެ. މިފަދަ އެހެން މީހުން ފަދައިން ތަފާތު ތަޖުރިބާތައް މި ދެބެއިން ވެސް ކުރަން ޖެހެ އެވެ. ބައެއް ފަހަރު މަޖާ ކަންކަމާ ވެސް ދިމާވެ އެވެ. މި ދެ ބެއިން ގުޅިފައިވާ ދިރިއުޅުމުގެ ތަންތަންކޮޅުގެ ތަޖުރިބާ އަވަސް އާ ހިއްސާ ކުރި އެވެ.

"ދަންނަ ބައެއް މީހުން ފެނުނީމަ ބުނެފާނެ ތިއީ ހާދަ ފޮނި މީހެކޭ! މަގުމަތިން ފެނުނަސް އަޅައެއް ވެސް ނުލައޭ، ހީނއެއް ވެސް ނުލާނެ އޭ. ބަލައި ވެސް ނުލައި ހިނގައިދާނޭ! ހަގީގަތުގައި ވަނީ އެހެންނެއް ނޫން، އެ މީހުންނަށް މަގު މަތިން ފެންނަނީ އަޅުގަނޑެއް ނޫން އެއީ އަޅުގަނޑުގެ ބޭބެ ހަމީދު،" މަޖީދު ބުންޏެވެ.

މަޖީދާއި ހަމީދުގެ ދެބެން އަބަދު ވެސް އުޅެން ޖެހިފައި އޮންނަނީ އެކުއެކީގަ އެވެ. ދެބެއިން ސިފައިންގެ ވަޒީފާއަށް ދިއުމުގެ ކުރިން ވިޔަފާރިއެއް ފެށޭ ތޯ ބޭބެ ހަމީދު މަސައްކަތް ކުރި އެވެ. އަދި ސިފައިންގެ ވަޒީފާއަށް ފަހު ބޭރުން ފޯނު ގެނެސް ފޯނު ވިޔަފާރިއެއް މާލޭގައި ފެށި އެވެ. ހަމީދުގެ ވިޔަފާރީގެ ބައިވެރިއަކީ މަޖީދެވެ. އެ ހިސާބުން އިތުރު ބައިވެެރިޔަކާއެކު ދެބެއިންގެ ފޯނު ފިހާރައެއް ވެސް ހުޅުވި އެވެ. އެކަމަކު ފަހުން އެ ޕާޓްނަރު ވެގެންދިޔައީ އެވެ. ނަމަވެސް ދެބެއިންގެ ޕާޓްނާޝިޕް އެ ގޮތުގައި ކުރިޔަށް ދިޔަ އެވެ.

އޭގެ ފަހުން ދެބެން ނުކުމެ އެހެން ބައިވެރިޔަކާއެކު "ސެލްޒޯން" މޮބައިލް ފިހާރަ ހުޅުވައި ކޮޅަށް ޖެހި އެވެ.

މި ދެބެން ވިޔަފާރީގައި ކުރިޔަށްދާއިރު ސިފައިންގެ ތެރޭގައި އެކުގައި ދެބެން އުޅުނު ދުވަސްވަރަކީ ދެބެންގެ އެންމެ މަޖާ ދުވަސްތަކެވެ. ސިފައިންގެ ތަމްރީންތަކުގައި އުޅުނު ދުވަސްވަރު ވަރަށް ގިނަ ފަހަރަށް ހަމީދަށް ލިބެންޖެހޭ އަދަބު މަޖީދަށް ލިބެ އެވެ. މަޖީދަށް ލިބެންޖެހޭ އިނާމް ހަމީދަށް ލިބެ އެވެ. އެއީ ސިފައިންގެ އޮފިސަރުން ނަށް މި ދެެބެއިން އޮޅިގެނެވެ.

ދެ މީހުން ވައްތަރު ކަމުން ހަމައެކަނި އޮޅެނީ ވަޒީފާގައި އުޅުނު އިރަކު ވެސް ނޫނެވެ. ގޭތެރެއިން ވެސް އޮޅެނީ އެވެ. ބައެއް ފަހަރު ދެ މީހުންގެ ދަރީންނަށް ވެސް ހަމީދާއި މަޖީދު އޮޅެނީ އެވެ. ހަމީދުގެ ދެ ކުދިން ތިބޭއިރު މަޖީދުގެ އެއް ކުއްޖަކު ހުރެއެވެ. މި ކުދިންނަށް ވެސް ބައެއް ފަހަރު ބައްޕަ އޮޅޭ ގޮތް ވެއެވެ.

"މަޖީދު އެއް ފަހަރަކު ރަށަށް ގޮސް އުޅެނިކޮށް އަޅުގަނޑުގެ ދަރިފުޅަށް ފެނުނީ ފެނިގެން ވަރަށް މައްސަލަ ގޯސްވި. ބައްޕާއޭ ކިޔައިގެން ހަމަ ރޯން ފެށީ. އެ ދުވަހު އެންމެ ފަހުން ޖެހުނީ އަޅުގަނޑު އެހެން ރަށެއްގައި ހުރެފައި ރަށަށް [ފުވައްމުލަކަށް] ދާން،" މަޖީދު ބުންޏެވެ.

ވިޔަފާރީގެ ބައިވެރިންގެ އިތުރުން ހަމީދާއި މަޖީދަކީ ބެސްޓް ފްރެންޑުންނެވެ. ދެ މީހުން އެކުގައި މަސައްކަތް ކުރާއިރު ހަމީދު ކިޔައިދިން ގޮތުގައި ބޭބެއަކީ އޭނާގެ ބެސްޓް ފްރެންޑެވެ. އެހެންވުމުގެ ސަބަބުން މަޖާ ކަންކަން ހިނގުން އިތުރުވެ އެވެ.