ކަމެއް ހާސިލްކުރަން ބޭނުން ނަމަ ހުއްޓާ ނުލާށެވެ. ގަދައަޅާ މަސައްކަތް ކުރާށެވެ. އަދި ކާމިޔާބު ނުވަނީސް ދޫކޮށްލާފައި ނުދާށެވެ. މިއީ އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ؛ މި އަހަރުގެ "މިސްޓަ މޯލްޑިވްސް" ގެ ޓައިޓްލް ކާމިޔާބު ކުރި ގިޔާސް އިބްރާހިމްގެ ވާހަކައަކީ ވެސް އެއީ އެވެ. އޭނާގެ އަބަދުގެ ވެސް އަޒުމަކަށް ވެފައި އޮތީ "މިސްޓަ މޯލްޑިވްސް" އަށްވުމެވެ. އެކަން ކާމިޔާބުކޮށް މެޑެލް އަޅައިގެން ނޫނީ އިސްޓޭޖުން ފައިބައިގެން ނުދިއުމެވެ.
މިހާރު އުމުރުން 34 އަހަރުގެ ގިޔާސްގެ ބޮޑީބިލްޑިން ކެރިއަރު ފެށުނީ ވެސް މީގެ އަހަރުތަކެއް ކުރީން އޭނާގެ އުމުރުން ބާވީހަކަށް އަރުގަ އެވެ.
"ބޮޑީ ބިލްޑިންއަށް ޝައުގުވެރިވީ އުމުރުން 22 އަހަރުގައި، އެކަަމަކު އަބަދުވެސް ޖިމަށް ގޮސް ވޯކްއައުޓް ކުރަން. އެހެން އުޅެމުން މާލެ ފިޓްނަސް ކްލަބްގެ އިންސްޓްރަކްޓަރެއްގެ ވަޒީފާ ހޯދީ... އަހަރެން އެންމެ ފުރަތަމަ އުޅުނީ ޑައިވް ކުރަން،"
އެހިސާބުން އެ އޮތީ ގިޔާސްގެ ބޮޑީ ބިލްޑް ކުރުމުގެ ޕާޓް ފެށިފަ އެވެ. މުބާރާތެއްގައި ބައިވެރިވުމަށް ގިޔާސް ފުރަތަމަ ޓްރެއިނިން ހަދައި ތައްޔާރުވި ފަހަރު، ތައްޔާރުވި 11 މީހުންގެ ތެރެއިން 10 މީހުން ނެގިއިރު ބާކީވީ ގިޔާސެވެ.
"އެފަހަރު ވަރަށް ގިނަ މީހުންގެ މަލާމަތްވެސް ލިބުނު... އެހެންނަމަވެސް އަޅުގަނޑު އެ އަޒުމް ދޫކޮށެއް ނުލަން. މރ. މޯލްޑިވްސްގައި ވެސް ބައިވެރިވަން. ދެވަނަ ވެސް ލިބޭ! މރ. މޯލްޑިވްސްއަކަށް ވުމަށް ކުރި ދަތުރުގައި އެންމެ މރ. މޯލްޑިވްސްއެއް ފިޔަވާ ހުރިހާ މުބާރާތެއްގައި ވެސް ބައިވެރިވިން،" އޭނާ ބުންޏެވެ.
އެގޮތަށް ގިޔާސް އަމަލު ކުރީ ބޮޑީ ބިލްޑިންގައި އެކްސްޕޯޝާ އާއި އެކްސްޕީރިއަންސް އަކީވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމުން އިތުރުވެގެންދާނެ ކަމަކަށްވާތީ އާއި ފަހުން އޭގެ ނަތީޖާ ފޮނިވާނެތީ އެވެ.
"އަބަދުވެސް ބަލަން މުބާރާތްތަކުން ފުރުސަތު ހޯދަން. ސެލެކްޝަންގައި ކަޓައިފިއްޔާ އަމިއްލައަށް ޓިކެޓް ނަގައިގެން ނަމަވެސް ބައިވެރިވަން. މިގޮތަށް ދެ ތިން ފަހަރު ގޮސްފައިވެސް ހުންނާނެ،" އޭނާ ކިޔައިދިނެވެ.
ބޮޑީބިލްޑިން ކެރިއަރުގައި ދިވެއްސަކަށް ރާއްޖެއިން ލިބޭނެ އެންމެ ބޮޑު ޝަރަފަކީ މރ. މޯލްޑިވްސްއަކަށް ވެވުމެވެ. ގިޔާސަށް މިހާރު ވަނީ އެ ފަހަރުވެރި ވަނައިގެ މެޑަލް ލިބިފަ އެވެ. އޭނާއަށް ކާމިޔާބުވި މުބާރާތުގައި ޓައިޓްލް ވިނާ އަށް ވާން އެންމެ ފަހު މިނެޓާއި ހަމައަށް ދެވުނު އިރުވެސް އޮތީ ވަރަށް ވާދަވެރިކަން ބޮޑުކޮށެވެ.
"ވަރަށް އުފާވި ވަނަ ލިބުނީމަ. ވަރަށް ގިނަ ދުވަހުގެ މަސައްކަތް އެއީ. އެހެންނަމަވެސް އަދިވެސް ބޭނުން ވަނީ މި ދާއިރާއިން ކުރިއަށް ދާން. ރާއްޖެއިން ބޭރު އިންޓަނޭޝަނަލް އެއްޗެއްގައި ވާދަކޮށް ވަނައެއް ހޯދަން އެންމެ ބޭނުންވަނީ".
މރ. މޯލްޑިވްސްގެ އިތުރުން މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް ކަމުގައި ގިޔާސް ވަނީ ފަސް ވަނަ ހޯދާފަ އެވެ. އޭނާގެ އެތްލެޓީކް ފިޒީކް އަކީ 175 ސެންޓިމީޓަރެވެ.
ގިޔާސް ބުނި ގޮތުގައި ކޮންމެ ކަމެއްގައި ވެސް އެމީހެއްގެ ގޯލް އެމީހަކަށް އެނގޭނަމަ އެއީ ކާމިޔާބަށް މަސައްކަތްކުރުމަށް ފަށައިގަތުމުގެ ހިއްވަރަކަށް ވާނެ އެވެ. އެ ގޯލަކަށް ވާންވާނީ އެ މީހެއްގެ ވިސްނުމެވެ. މރ. މޯލްޑިވްސްއަކަށް ވުމަށް މަސައްކަތް ކުރަން ގިޔާސް ބޭނުން ކުރީ ވެސް އެ އުކުޅެވެ.
"އަހަންނަކީ މޯނިން ޕާސަންއެއް. ފަތިހު 4:30 ގައި ހޭލަން. ހޭލައިގެން އަމިއްލައަށް ސުމޫތީއެއް ކަހަލަ އެއްޗެއް ހަދާލަނީ. ހެނދުނު ދޮޅުގަޑި އިރުގެ ވޯކްއައުޓް ކުރަން. ދެން ހަވީރު އޮވޭ ދެ ގަޑިއެއްހާއިރު. ބޮޑީ ބިލްޑަރެއްގެ ޑައެޓަކީ ވަކި ހިކެން ނުވަތަ ވެއިޓް ގެއިން ކުރަން ބޭނުންކުރާ ޑައެޓެއްވެސް ނޫން. ނޯމަލް ޑައެޓަކާ ވަރަށް ތަފާތުވާނެ."
ގިޔާސް ބުނި ގޮތުގައި ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ބޮޑީބިލްޑަރުން އަބަދުވެސް ކާނީ ބިހުގެ ހުދުބަ އެވެ. އަދި އެއީ އެ ބައި އެކަނި ކައިގެން އުޅޭބަޔެކެވެ.
"ވަކި ހާއްސަ އެއްޗެއް ހޯދައިގެން ކެއުމުގެ ބަދަލުގައި ހުދުބަތާއި، ޕީނަޓް ބަޓަރާއި ކުކުޅާއި، ފަރުމަސް އަދި ބާޒަރުގައި ހުންނަ ހުރިހާ ތަރުކާރީގެ އުފެއްދުމެއް ބޭނުން ކުރަން. ހަމައެކަނި ބިހާއި ކުކުޅެއް ނޫން ބޮޑީ ބިލްޑަރެއްގެ ޑައެޓަކީ،" އޭނާ ބުންޏެވެ. "ބަލަނީ ޖަންކް ފުޑް ނުކައިވޭތޯ. ޖަންކު ފުޑާއި އެކަމު 100 ޕަސެންޓް ދުރަކީ ވެސް ނޫން. ކާކަށްތޯ ޖަންކް ފުޑް ނުކައި ހުރެވޭނީ؟ ނުހުރެވޭނެ! އެއްކަލަ ސަޔާއެއްކޮށް ކާލާ ކްރީމްކޭކަރު ކާ ނުލެއް ހިތްހަމައެއް ނުޖެހޭ!"
ގިޔާސް ކާމިޔާބުގެ ވާހަކައިން ތަންތަންކޮޅު ހިއްސާކުރި އިރު އޭނާގެ ޒާތީ ދިރިއުޅުމުގެ ދެތިން ތަންތަންކޮޅެއް ވެސް ކިޔައިދިނެވެ. ގިޔާސް ސިފަ ކުރާ ގޮތުން އޭނާއަކީ ވަރަށް "ފެމިލީ މީހެ" ކެވެ.
"ގޭގައި ވެސް ހުރިހާކަމެއް ވެސް އަހަރެން ކުރަން. އަހަރެންގެ 15 އަހަރުގެ ފިރިހެން ކުއްޖަކު ހުރޭ. ދަރިފުޅާއެކު އޮންނަ ގުޅުން ވަރަށް ވަރުގަދަވާނެ އަހަރެމެން ދެބަފައިގެން ވަރަށް ކްލޯޒް ރިލޭޝަންޝިޕެއް އޮވޭ."
ގިޔާސް އޭނާގެ އަންހެނުން ސިފަ ކުރީ ގޮތަކީ "ދަ ލަވް އޮފް މައި ލައިފް." އެވެ. އަދި ބުންޏެވެ: "އަހަރެންގެ އެންމެ ބޮޑު ސަޕޯޓް އަދި މި މަސައްކަތް ކުރުމަށް އެންމެ ބޮޑު ހިއްވަރެއް ލިބެނީ އަންހެނުންގެ ފަރާތުން."
ޕެޓްސް ގެންގުޅުމަކީ ގިޔާސްގެ ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮންނަ ކަމެކެވެ. މިހާރުވެސް ދެ އެފްރިކަން ގްރޭ އާއި ތިން ބުޅާ ގިޔާސް ގެންގުޅެ އެވެ.
ބޮޑީބިލްޑިންގައި ގިޔާސް ސެޓްކުރި ގޯލް މިހާރު އޭނާއަށް ކާމިޔާބުވެއްޖެ އެވެ. އެހެން ނަމަވެސް ބޮޑީބިލްޑިން ފެޑެރޭޝަންގެ މެނޭޖްމަންޓް ސައިޑްގައި މަސައްކަތް ކުރުމުން އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ގިޔާސް ބުނާ ގޮތުގައި އޭނާއަކީ ކޮމްޕްލީޓް އެތުލީޓެކެވެ.
"އަހަރެންނަކީ އެތްލީޓެއް އަހަރެން މަސައްކަތަކީ އެއީ،"
ބޮޑީބިލްޑަރެއް ވެއްޖެއްޔާ އަބަދުވެސް ހުންނަނީ އަބަދުވެސް ލޯގަނޑުން އަމިއްލައަށް އެމީހާގެ ފަރިބެލުމޭ، މިއީވެސް އަހާލެވުނު ސުވާލެކެވެ: "އެކަން މިހާރު ގޮއްސި... ބުނަން އޮތީ ކޮންމެ މީހަކުވެސް އެޗީވް ކުރަން ބޭނުން ގޯލްއެއް އޮތްނަމަ އެކަން ކުރާށޭ. މީހަކު ކިޔާ އެއްޗައްކަށް ބަލާނެ ކަމެއް ނެތޭ. މިފަހަރު މރ. މޯލްޑިވްސް އިން ލޫސްވި ނަމަވެސް އެކަން ވާނެ ލައިފްގެ ލެސަން އަކަށް އަނެއްކާވެސް އާ ހިއްވަރެއް ލައިގެން މަސައްކަތް ކުރާނީ!"