މިހާރު ހިނގާ ރަހައަކީ ޕެވްލޮވާ!

ރޯދަ ވީއްލާ ގަޑިއަށް ފޮނި އެއްޗެއް ތައްޔާރުކޮށްލުން ވަރަށް މުހިންމެވެ. އެހެންނަމަވެސް އަބަދު ވެސް މި ހެދެނީ އެކައްޗެވެ. އެބައިގައި ހިމެނޭނީ ރޯސްޕާނާއި ކިރުބޯކިބަ އާއި ފެހިބޯކިބަ އެވެ. ދެން ދަނޑިއަލުވި ބޯކިބާ އާއި އާއްމުކޮށް މި ހަދާ ޕުޑިންއާއި ޗޮކުލެޓުކޭކެވެ. މިނޫނަސް ފޮނި ބާވަތްތައް ހިމެނެ އެވެ.

ރޯދަ މަހު އާ ރެސިޕީތަކުގެ އަޖުމަ ބަލައިލަން ފަސްޖެހެވެނީ ރޯދައަށް ހުރެ ރަހަ ޓެސްޓް ނުކުރެވި އަގު ބޮޑުކޮށް ގަންނަ ތަކެތިން ބޮޑު ގަޑުބަޑެއް ހެދި އެ ނުހިނގައި އިސްރާފުވެދާނެތީ އެވެ. އެކަމަކުވެސް އާ ރަހައެއް އާ ރެސިޕީއެއް މި ރޯދަމަހު ޓެސްޓްކޮށްލަން ހިނގާބަލާށެވެ.

އަލަށް ފޮނި އެއްޗެއް ހަދަން ބަލާނަމަ "ޕެވްލޮވާ" މީ އެއްވަނަ އެވެ. ޕެވްލޮވާ ހާއްސަވަނީ އަނގަޔަށް ވިރޭ، ފޮނިރަހަ މާ ގަދަ ނޫން، ބޭނުން މޭވާ އެއް އަޅާލައިގެން ތައްޔާރުކޮށްލެވޭ، ރޯދަވީއްލަން ފައްކާ އެއްޗަކަށްވާތީ އެވެ.

ޕެވެލޮވާގެ އަސްލަކީ އޮސްޓްރޭލިއާގެ ޑިޝްއެއް ތޯ ނޫނީ ނިއުޒިލޭންޑްގެ ޑިޝްއެއްތޯ ބަހުސެއް ކުރާއިރު ޕެވްލޮވާ މިހާރު އަންނަނީ ދިވެހި ސުފުރާތަކުން ވެސް ޖާގަ ހޯދަމުނެންވެ.

މި ޕެވްލޮވާއަކީ މާ ގިނަ އިންގްރީޑިއެންޓެއް ބޭނުންވާ ރެސިޕީއެއް ނޫނެވެ. ތައްޔާރުކޮށްލަން ވެސް އެހާ ފަސޭހައެވެ. ޕެވްލޮވާ ހެދުމުގައި ސަޅިކޮށް ޕިންޓްރެސްޓް ފޮޓޯތަކުން ފެންނަގޮތަށް ފުރިހަމަކޮށް ހަދާލުމަށް ހާއްސަ އުކުޅުތަކެއް ގެންގުޅެންޖެހެއެވެ. އަބަދު އެކައްޗެއް ހެދުމުގެ ބަދަލުގައި ޓޭސްޓް.އޭޔޫ ގެ ޕެވްލޮވާ މި ރެސިޕީ މި ރޯދަމަހު އަޖުމަބަލައިލަން ރަނގަޅުވާނެ އެވެ.

އައިޝާ ލަތީފަކީ ތަފާތު އެކި ރެސިޕީތަކަށް ކައްކާ އަދި ބޭކް ކުރާ މަންމައެކެވެ. މެރަކީގެ ކިޗަން އަދި ފުޑް ބެލެހެއްޓުމުގެ މަސައްކަތް ކުރާ އައިޝާވަނީ ޕެވްލޮވާ ހެދުމުގައި ގެންގުޅެންވީ ހާއްސަ އުކުޅުތަކެއް އަވަސްއާ ހިއްސާކޮށްފަ އެވެ.

ޕެވްލޮވާ ހަދަން ބޭނުންކުރާނެ އުކުޅުތައް

އަބަދުވެސް ޕެވްލޮވާ ހަދަން ބޭނުން ކުރާ ބޯތައްޓާއި ވިސްކްގައި އެއްވެސް ތެޔޮކަމެއް ހުރެގެން ނުވާނެ އެވެ.

ޕެވްލޮވާގެ މެރިން ބޭސްއަކީ ހަމައެކަނި ބިހުގެ ލޮނދިން ހަދާ އެއްޗައްކަށް ވުމުން މި ރެސިޕީގައި ބޭނުން ކުރާ ބިހަކީ ރޫޕް ޓެމްޕެރޭޗަރުގައި ހުންނަ ތާޒާ ބިސް ކަމުގައި ވާންވާނެ އެވެ. އަދި އެއްވެސް ވަރަކަށް ބިހުގެ ގޮބޮޅީގެ އަސަރެއް ހުރެގެން ނުވާނެ އެވެ.

ރެސިޕީގައި ބުނާ ހަކުރު އެޅުމުގައި ފަހަރަކު ސަމްސަލަކަށް ފަހު ސަމްސަލެއް މަޑުމަޑުން އެޅުމަށް ހަނދާން ކުރަންވާނެ އެވެ. އޭގެ ފަހުން ސްޕީޑް ފުލްކޮށް "ސްޓިފް ޕީކްސް" އަންނަންދެން ވިސްކު ކުރުން މުހިއްމެވެ.

ހުރިހާ ހަކުރެއް އެޅުމަށްފަހު އެއްކޮށް ގިރަން ފެށުމުގައި ސަމާލުވާންވާނެ އެވެ. އޭރުން ބޭނުންވާ ކޮންސިސްޓަންސީ އާއި ޓެކްސްޗާ އަންނާނެއެވެ.

ވިނިގާ އާއި ކޯންފްލާ މަޑުމަޑުން އެއްކުރުމުގައި ވަރަށް ބަލައިގެން މަޑުމަޑުން ފޮލްޑް ކުރާށެވެ.

އަވަނުގެ ޓެމްޕަރޭޗަރަށް ސަމާލުވެ، ފިހެވޭ ވަގުތު އަވަން އެއްވެސް ގޮތަކަށް ހުޅުވުމުން ދުރުވާންޖެހެ އެވެ.

މެރިންގް ބޭސް އެއްކޮށް ހިހޫވުމުން ނޫނީ އަވަނުން ނުނެގުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. މެރިންގް ބޭސް ހަދަމް އެންމެ ރަނގަޅީ އެއް ދުވަސް ކުރިންނެވެ.

މިނީ ޕެވްލޮވާ ހަދާނަމަ ރައްކާ ކުރަންވާނީ އެއާ ޓައިޓް ކޮންޓެއިނަރެއްގަ އެވެ.