ލޯކަލް މާރުކޭޓް

މިފަހަރު ފޮނި ޕެޝަން ފުރުޓެއް!

ފެޝަން ފުރުޓް -- ޖުމްހޫރީ މޭވާ -- ގެ ފަންޏަކީ ދިވެހިންގެ ފޭވަރިޓެކެވެ. ގިނަ ބަޔަކު ގަޔާވާ ޝައުގުވެރިވާ ބުއިމެކެވެ. ރޯދަ މަހު ވަރަށް ގިނަ ގޭގޭގައި ކޮންމެ ދުވަހަކުހެން ހުންނަންޖެހޭ ވެސް ފަންޏަކަށް ވެއެވެ. އެކަމަކު ގިނަ ބަޔަކަށް މި މޭވާ މީރުވަނީ ހުތް ގަދަވި ވަރަކަށެވެ. ބޭރުން މޭވާ ރޫޖެހި އޭގެ ހުތް ރަހަ ރަނގަޅަށް ނުކުތުމުންނެވެ.

އެކަމަކު މި ފަހަރު މިއީ ހުތް ފެޝަން ފުރުޓެއް ނޫނެވެ. މާ ފޮނި ފެޝަން ފުރުޓެކެވެ. ބާޒާރުގައި މިހާރު ހުތް ފެޝަން ފުރުޓާ އެއް ވަރަށް ފޮނި ފެޝަން ފުރުޓުގެ މަގުބޫލުކަން ވެސް އެބައޮތެވެ.

މާރުކޭޓްގެ ގޮޅިއަކަށް މަޑުކޮށް ފެޝަން ފުރުޓުގެ އަގު އަހާލުމުން ބުނީ "މި ވެސް ވަރަށް ފޮނި ވެއްޖެ" އޭ އެވެ. ތިޔަ ބުނީ ކީހޭހޭ އެހުމުން ގޮޅީ ސޭޓް ބުނީ މިހާރު ހިނގަނީ ފޮނި ފެޝަން ފުރުޓޭ އެވެ. މި ފެޝަން ފުރުޓު ފޮނި އިރު، މިިއީ ހުތް ފެޝަން ފުރުޓާ ތަފާތު ގޮތަކަށް ހައްދާ އެއްޗެކެވެ. އެކަމަކު ރާއްޖޭގައި ފޮނި ފެޝަން ފުރުޓް އާންމުކޮށް ހައްދައެއް ނޫޅެ އެވެ.

"ރާއްޖެއަކު މި ހައްދައެއް ނޫޅެ، މިއީ އިންޑިއާ އެއްޗެއް،" ގޮޅީ ސޭޓް ބުންޏެވެ.

ފޮނި ފެޝަން ފުރުޓަކީ ވެލެއްގައި އަަޅާ އެއްޗެއް ނޫނެވެ. މިއީ ގަހެއްގައި އަޅާ މޭވާ އެކެވެ. އަގު ވެސް ކުޑައެއް ނޫނެވެ. އަގު ވަރަށް ތަފާތެވެ. އާއްމު ފެޝަން ފުރުޓު ކިލޯއެއް 40ރ. އާއި 60ރ. އަށް ލިބުނަސް އާ ބާވަތުގެ ކިލޯއެއް 80ރ. އިން ތިރީގެ އަގެއްގައި އަތެއް ނުޖެހެ އެވެ.