ލޯކަލް މާރުކޭޓް

ރޯމަސް ކިލޯއެއް 65ރ. އަށް، ވަޅޯ މަހެއް 100ރ. އަށް

Apr 13, 2021

ރޯމަސް ކިލޯއެއްގެ އަގު 65ރ. އަށް އަދި ވަޅޯ މަހެއްގެ އަގު 100ރ. އަށް މައްޗަށް ޖެހިލައިފި އެވެ.

ބާޒާރުގައި އެންމެ އަވަހަށް އަގު ބަދަލުވާ އެއް ބާވަތް ކަމަށްވާ މަހުގެ އަގު މިހާރު ހުރީ މީގެ ދެ ދުވަހާ އަޅާ ބަލާނަމަ ގާތްގަނޑަކަށް 15ރ. ގެ އުފުލުމެއްގަ އެވެ. މީގެ ދެ ދުވަހެއް ކުރީގައި ރޯމަސް ކިލޯއެއް 45ރ. ވަރަށް ލިބުނެވެ. ނަމަވެސް މިހާރު ލިބެނީ 65ރ. އިން މަތީގެ އަގު ތަކެއްގަ އެވެ.

މާލެ މަސް މާރުކޭޓުގައި މިއަދު ތާޒާ މަސް މަދުކަން ފާހަގަ ވާއިރު ހުރީ މީގެ ދެ ދުވަހެއް ކުރިން ގެނެސް އައިސް އަޅާފައި ހުރި މަހެވެ. ކަޅު ބިލަމަސް ކިލޯއެއް 65ރ. އަށް ހުރިއިރު ކަންނެލީގެ އަގު ހުރީ 50ރ. ވަރަށެވެ.

މަހުގެ އެހެން ބާވަތްތަކަށް ބަލާއިރު އާދައިގެ ކުޑަ މާނިޔަ މަހެއް 100ރ. އަށް ލިބެ އެވެ. އަދި ރަތް މަހެއް ވިއްކަނީ 200ރ. އާއި 500ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ. އަދި ކުޑަ ގިނި މަހެއް 20ރ. އަށް ލިބެ އެވެ. މީގެ އިތުރުން ތިން މުށިމަސް 20ރ. އަށް ލިބެ އެވެ.

މަސްވެރިން ބުނާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު މަހުގެ އަގު މަތިވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ކަނޑު މަހުގެ އަގު މަތިވުން ގާތެވެ.