ރޯދަ މަހާ ރޯއްޖާ

މިއޮތީ ބަނބުކެޔޮ ކެވިފަ، ކޭލެއް 100 ރުފިޔާ

ބާޒާރުމަތީން އެކަކު ބުނި ގޮތުން ހާރު ދަމަށް ބަނބުކެޔޮ ރިހަކޮޅެއް ކައްކާލަން ބަނބުކޭލެއް ހޯދުމުގެ ވިސްނުން ބޮލަށް ލައިގެން އުޅޭތާ ދެ ދުވަހެއް ވެއްޖެ އެވެ؛ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ބަނބުކޭލެއް ލިބޭތޯ ބެލި އެވެ. އެކަމަކު ހަމަ ނުފެނުނެވެ. އެންމެ ފަހުން މިއަދު މާރުކޭޓު "ހާވަމުން" ދަނިކޮށް ވަށިގަނޑެއްގެ ތެރޭގައި އޮއްވާ ދެ ތިން ކެޔޮ ފެނިއްޖެ އެވެ. އެއިން ކޭލެއް ނަގައި ފިތާލިތަނާ އެދިޔައީ އިނގިލި ވަދެގެންނެވެ. އޮތީ އެހާ ވެސް ފާވެފަ އެވެ. ދެން އަހާލެވުނީ އޭގެ އަގެވެ.

"ސޭޓާ މި ކިހާ ވަރަކަށް؟" ސޭޓުގެ ޖަވާބު ކުރެވެ:

"ތިޔައީ އެއްޗެއް 100ރ. އަށް، ނަގަންޏާ ދީފާނަން 90ރ. އަށް."

"ތި އޮތީ ބަނބުކެޔޮ ކެވިފަ" ސޭޓުގެ އއެ ޖަވާބުގެ އަޑު ނުކެނޑެނީސް ފަހަތުން އެހެން މީހަކު ގޮވާލި އަޑު އިވުނެވެ.

ހަމަ ހަގީގަތުގައި ވެސް މި ރޯދަ މަހު މިއޮތީ ރަނގަޅަށް ބަނބުކެޔޮ ކެވިފަ އެވެ. އެކަމަކު އެ މީހާ ބުނި ގޮތުގައި ގޭގައި ތަންކޮޅެއް މީހުން ގިނަވުމުން އެންމެ މަދުވެގެން ވެސް ދެ ބަނބުކެޔޮ ގެއަށް ގެންދަން ޖެހެ އެވެ. އެހެންވެ، ދެ ކެޔޮ ގެންދަން ޖެހެ އެވެ. ދެ ކެޔޮ ގެންގޮސްފިނަމަ ޖީބުން 180ރ. އެބަދެ އެވެ. އެހެންވެ ބަނބުކޭލުން ރިހަ ކެއްކުމުގެ ހިޔާލު ދޫކޮށްލީ އެވެ.

މި ދުވަސްވަރު ބަނބުކޭލަކީ މާރުކޭޓުގައި ވަރަށް ތަދު އެއްޗެކެވެ. ކޮވިޑް-19 ގެ ބަލި ފެށުމާއެކު ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ނަގައި ބަނބުކެޔޮ ގަސް އިންދަން ސަރުކާރުން ހިތްވަރު ދިނަސް މީހަކު އެ ކަމެއް ނުކުރި އެވެ. އެހެންވެކަން ވެސް ނޭނގެ އެވެ. މާރުކޭޓުގައި ބަނބުކެޔޮ އިންތިހާ އަށް މަދެވެ. މިއީ ބަނބުކެޔޮ މޫސުމެއް އަދި މަތިވަރެއް ވެސް ނޫނެވެ.