އޭރުކުރީ މަލާމާތް، މިހާރު ދުވަނީ ފަހަތުން!

ރޯދަ މަހު ހަވީރު މަގުތައް އޮންނަނީ ފިނި ބުރު ޖަހަން ސައިކަލްގައި ނިކުންނަ މީހުންނަށް ހިތަކަށް ލިބިފަ އެވެ. ރާޅު ބާނިތަކެއްހެން މިއޮތް މަގުމަތިން ބާރު ސްޕީޑްގައި ދާ ސައިކަލް މަތީގައި އިނދެ ޖަހަމުން ޖެހެމުން މައްޗަށް އަރަމުން ހަށިގަނޑު ކުރުގެޅުވެމުން ދުއްވާ މީހުންނާ ހުރެ މަގުމަތީގައި ހިނގާބިނގާވެ އުޅެންވެސް ދަތި ވެއެވެ. ހީވަނީ މަގުތަކުގައި އޮތީ އެމީހުންގެ އަމިއްލަ ރަސްކަމެއް ހެންނެވެ.

ދެން ހިނގާބިގާވެ އުޅޭ މީހުންނާއި ނުވަތަ ދުވާ މީހުންގެ ހައްގު ކޮބާ ހެއްޔެވެ. ގަވާއިދުން ކަސްރަތު ކުރާ ބައެއް މީހުންވެސް ރޯދަ މަސް އައުމުން، ދުވަން ގެންގުޅުނު ޓެނިސް ބަހައްޓަނީ ހަރުގަނޑުގަ އެވެ. މަދު ބަޔަކު ރޯދަމަހު ރޭގަނޑު ދުވެލަން ނުނިކުންނަ ވާހަކައެއް ނޫނެވެ. ރޯދަ މަސް ނިމުމުން ބޫޓުން ހިރަފުސް ފޮޅާލާފައި އަނެއްކާވެސް ނިކުންނަނީ ދުވާށެވެ. ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް އާއި އޭނާގެ ބައެއް އެކުވެރިން މޭޑް ރަނާސްގެ ނަމުގައި ޑިސްޓެންސް ރަން އަށް ހާއްސަ ކުލަބެއް ހަދައިގެން ގަވާއިދުން ދުވަން ނުކުތީ އެކަހަލަ މާހައުލެއްގެ ތެރެއިންނެވެ.

މޭޑް ރަނާސްގެ ހަރަކާތް ރޯދަ މަހު ދުވާލު ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ އޭގެ ބައިވެރިން ވާހަކަ ދައްކަން ތިބިއިރު، ނަސީރު ނިންމީ ރޯދަ މަހު ދުވާލުވެސް ދުވުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ. އެއީ އޭގެ ދުވަސްތަކެއް ކުރިން އޭނާ އާ ބައްދަލުވި ގަތަރުގެ ފުރަތަމަ އޮލިމިޕިކް މެޑަލިސްޓް މުހައްމަދު އަހްމަދު ސުލައިމާން އާ ބައްދަލުވެގެން، ނަސީރު ގާތު ބުނި ވާހަކަ އަކުން ލިބުނު އިންސްޕަރޭޝަނަކުން އޭނާ ނިންމި ނިންމުމެކެވެ. ބާސެލޯނާގައި 1992 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ 1500 މީޓަރު އިވެންޓުން އަހްމަދު ސުލައިމާން ވަނީ ލޯ މެޑަލް ހޯދާފަ އެވެ.

"އަހްމަދު ސުލައިމާން ކިޔާ ގަތަރުގެ ދުވުންތެރިޔަކާ އަހަންނާ ބައްދަލުވި، އޭނާ އަހަރެން ކައިރީގައި ބުނި ރޯދަ މަހު ދުވާލު ދުވުމަކީ ތިމަންނައަށް އޭގެއިން ވަރަށް ފައިދާ ކުރި ކަމެކޭ، އޭނަ އެހެންބުނީމަ އަހަރެން ނިންމީ ރޯދަ މަހު ދުވާލުވެސް ދުވަން،" ރޯދަ މަހު ދުވާލު ދުވުމުގެ ޕްރޮގްރާމް ފެށުނުގޮތް ނަސީރު ކިޔައިދިނެވެ. "ދެން މޭޑްރަނާސްގެ ކުދިން ގާތުވެސް ބުނެފިން ރޯދަ މަހު ދުވާލު ވެސް ދުވުން އޮންނާނެ، އާދެވެން އޮތް ކުއްޖަކު އަންނާށޭ، ދެން އެކުދިންނާއެކު ދުވަން ނިކުތީ، އޭރު މުޅިންވެސް ދުވާނީ އެކުވެނި ވެލި ޓުރެކްގައި."

ކުރިކެޓް ދަނޑު ވަށައި ދުވަން ވެލި ޓްރެކެއް ހަދާފައިވީ ނަމަވެސް ،ރޯދަ މަހުގެ ހަވީރު ވަގުތަކީ، ކުރިކެޓްގެ އެންމެ ފޯރިގަދަ ހަރަކާތް، 'ރަމްޟާން ކިރިކެޓް ކާނިވަލު' ގެ ކުޅުން އޮންނަ ވަގުތެވެ. ދުވާ މީހުންނާ ހެދި ކުރިކެޓް ކުޅެން އަންނަ މީހުންނަށް ހިތްހަމަޖެހިލައިގެން ކުޅެވެން ނޯވެ އެވެ. ކުރިކެޓް ކުޅޭ މީހުންނާހެދި ދުވާ މީހުންނަށް ހިތްހަމަޖެހިލައިގެން ދުވެލެވެން ނޯވެ އެވެ. މިއީ ކުޅިވަރު އެކުވެނީގެ ކިރިކެޓް ދަނޑު ވަށައިގެންނާއި ދަނޑުގެ ތެރެއިން އަބަދުހެން އިވޭ ޝަކުވާއެކެވެ.

އެކުވެނި ޓްރެކުގައި ދުވަން ޖެހުމުން، ނަސީރު އާއި އޭނާގެ ރަށްޓެހިންވެސް ތިބެނީ، ކްރިކެޓް ކުޅޭ މީހުންނާ މެދު ހިތްހަމަ ނުޖެހިފަ އެވެ. ދިމާލަށް އެއްޗެއް ބުނާން ނުކެރޭ ކަމުން އެތަނުގައި ދެބައި މީހުން ޒުވާބު ދީ، ތަޅާ ނުފޮޅާ ސަލާމަތް ވަނީ އެވެ. ރޯދަ މަހުގެ ހަވީރު ކުރިކެޓް ކުޅޭ މީހުންގެ "އުނދަގޫ ބޮޑުވެގެން"، ނަސީރު ނިކުތީ އެކުވެރިން ގޮވައިގެން މަގު މައްޗަށެވެ. މަގުތަކަށް މިވެރިން ނިކުތުމުން ދެން ޖެހުނީ އާންމުންގެ އަނދުގުލެވެ. އާމުންގެ އަނގައިން ސަލާމަތްވާނެ ގޮތެއް ނުވި އެވެ. ދުވަން ނިކުތް ގުރޫޕާ އާންމުން ދިމާކޮށްލީ އެވެ. ދިމާކޮށްލުން އެކަންޏެއް ނޫނެވެ. ބޮޑެތި ތުހުމަތެއްވެސް ކުރި އެވެ. އެންމެ ބޮޑު ފުރައްސާރައެއް ކުރިމަތިވީ އަންހެން ދުވުންތެރިންނަށެވެ.

"ބުނާނެ ޒާރިފާ ކަލޭ މެން ރޯދައެއްވެސް ނޫނޭ، ތިވަރަށް ތި ދުވަނީ ފެންބޮއެގެން ތިބެޔޭ، އެހެންނަމަ އަހަރެމެންނަށްވެސް ދުވެވޭނެ ނޫންހޭ، ގޮވާނެ ރޯދައަށް ތިބެގެން ތި ވަރަކަށް ނުދުވެވޭނެޔޭ،" އޭރު މޭޑް ރަނާސްގެ ޓީމާއެކު ދުވަން ނިކުތް ކުރީގެ ޕްރެޒެންޓާ ޒާރިފާ ކިޔައި ދިނެވެ. "އޭރު މީހުންނަށް ވިސްނިފައި އޮންނަނީ ދުވަން ޖެހޭނީ ކައިގެންނޭ، އެހެންނަމަވެސް ރޯދައަށް ތިބެ ރޯދަ މަހު ދުވަން ނިކުތުމުގެ ފައިދާއެއް މީހުންކަށް ނޭންގެ."

މީހުން ގޮވާ އެއްޗިސާ ކުރާ މަލާމާތަކަށް މިވެރިން އަޅައެއް ނުލި އެވެ. ދިޔައީ ކުރިއަށެވެ. އޮލިމްޕިކްސްގައި ދެ ފަހަރަށް ރާއްޖެ ތަމްސީލު ކުރި ނަސީރު އާއި އޭނާގެ ޓީމުން އެކަން ނެގީ "ޕޮޒެޓިވް ސައިން" އެއްގެ ގޮތުގަ އެވެ. އެ މީހުން ދުވިވަރަކަށް މީހުންގެ އަޑުތައް ގިނަވި އެވެ.

"ކުޅިވަރުގައި އޮންނާނެ ދެ ވައްތަރެއްގެ ސަޕޯޓް، އެއީ ހިތްވަރު ދިނުމުގެ ސަޕޯޓާއި ދީމާކޮށް މަލާމާތް ކުރުމުގެ ސަޕޯޓް، އެ ދެ ކަންތައްވެސް ބަލަންޖެހޭނީ ސަޕޯޓެއްގެ ގޮތުގައި،" ނަސީރު ވާހަކަ ދެއްކި އެވެ. "އޭރު އެކަމާ ކަންބޮޑުވެގެން ވާހަކަދެއްކި، ދުވާ ކުދިންގެ ގާތުގައިވެސް އަހަރެން ބުނިން ހިނގާށޭ މިކަން ޕޮޒެޓިވްކޮށް ނަގަމާ، މީހުން ކިޔާ އެއްޗިއްސަށް ނުބަލާ."

ދެ ވަނަ އަހަރާ ކުރިމަތިލިއރު ރޯދަ މަހު ދުވާލު ދުވަން ނިކުންނަ މީހުންގެ އަދަދު ގިނަ ވެއްޖެ އެވެ. ބައެއް މީހުން އަމިއްލައަށް އެދިގެން މޭޑް ރަނާސްގެ ޓީމާ ޖޮއިން ކުރި އެވެ. ރޯދައަށް ތިބެ ދުވުމުގެ ފައިދާ އެންމެންނަށް ކަމުދިޔަ އެވެ. އަދި އެކަން އިތުރަށް ފުރިހަމަވީ ޕްރޮގްރާމެއްގެ ދަށުން ދުވަން ބޭނުންވާ މީހުން ގިނަ ވުމުންނެވެ. މި އަހަރު ރޯދަ މަހު ނަސީރު ނިކުތީ އެކަމަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދުވާ ޓްރެކުގައި އޭނާ އާއެކު ދުވަން ބޭނުންވެގެން ނިކުތް މީހުން އިތުރު ވެއްޖެ އެވެ.

"މިހާރު ރޯދަ މަހު ދުވަން ބޭނުންވާ މީހުން ގިނަ ވެއްޖެ، ބައެއް މީހުން ބޭނުންވަނީ ވަކި ޕްރޮގްރާމެއްގެ ދަށުން ދުވަން، އެހެންވެ އަހަންނަށް ބައެއް މީހުން ގުޅާފަ އެދުނު ރޯދަމަހަށް ހާއްސަ [ކޯޗިން] ޕްރޮގްރާމަކާއެކު ދުވަން ނިކުމެދޭ،" ނަސީރު ހިއްސާ ކުރި އެވެ. "މިހާރު އެންމެންނަށްވެސް އެނގޭ ރޯދަ މަހު ރޯދައަށް ތިބެ ދުވުމުން ލިބޭ ފައިދާ، އެންމެ ބޮޑު އަނެއް ހިތްހަމަޖެހުމަކީ ހުޅުމާލޭގައި ރޯދަ މަހު އެންމެ ގިނައިން ދުވަން ނިކުންނަނީވެސް އަންހެނުން، މިހާރު މީހުންގެ ހޭލުންތެރިކަން އުފެއްދިއްޖެ، ދިމާކުރުން ހުއްޓިއްޖެ."

ކޯޗިންގެ ޕްރޮގްރާމަކާ އެކު ރޯދަ މަހު ދުވަން ބޭނުންވެގެން އެކަން ނަސީރު ގާތުން މީހުން އެދެން ފެށި އެވެ. ދުވަން ބޭނުންވެގެން ނިކުތް މީހުންތައް ނަސީރުގެ ފަހަތުގައި ތިބެގެން ރޯދަ މަހު ކޮންމެ ދުވަހެއްގެ ހަވީރު އެތިބަ ދުވެ ނަގަނީ އެވެ.