އިހުގެ ނޫސް: "އައު ޑޮކްޓަރެއް"ގެ މުހިންމުކަން

މިއީ ވަރަށް މައުލޫމާތު ގިނަ ޒަމަނާކެވެ. ކޮންމެ ދުވަހަކު ސިކުނޑި ފޯވަނީ ލޮލަށް ފެންނަ މަންޒަރުތަކާއި ހަބަރުތަކުންނެވެ. ގިނައީ ހަމަ ހުސް ބޭކާރު މައުލޫމާތެވެ. އެނގެން ބޭނުން ނުވާ އެތައް ކަމެކެވެ. ނުފެނުނުނަމައޭ ހިތަށްއަރާ ބައިވަރު ފޮޓޯތަކާއި ވީޑިއޯތަކެވެ.

ކޮންމެވެސް ސިޔާސީ ދެ މީހެއް އަރައިރުން ވާނެ އެވެ. އެއް ދުވަސް ވެސް ނުވަނީސް އަލުން ގުޅޭނެ އެވެ. އެހެން ގައުމެއްގެ ރަނގަޅަށް ނަންވެސް ކިއަން ނޭނގޭ ތަރިއެއް ކައިވެނިކުރި ވާހަކަ އެވެ. ނޫނީ ދަރިއެއް ލިބިގެން މޮޔަވާނީ އެވެ.

އޮޓޮމެޓިކުން މައުލޫމާތުތައް އައިސް މޫނުގައި ނުޖެހޭ ޒަމާނެއް ވެސް މާޒީވެއްޖެ އެވެ. އޭރު ސިޔާސީ މާ ބޮޑު ކޯޅުންތަކެއް ނޯވެ އެވެ. މިހާރުގެ މީހުން ހީވެސް ނުކުރާނެ ކަންކަން އެ ޒަމާނުގެ ފަލަ ސުރުހީތަކުން ފެނުނެވެ. އޭރު އޮތް މުޖުތަމައުގެ ހާލަތެވެ. ދިރިއުޅުމުގެ އަސާސީ ސިފަތަކެވެ. މިހާރު ރަކި ހިނި އަޔަސް، އޭރު މިއީ ހަމަ "ބޮޑު ހަބަރެކެވެ."

"މޫންލައިޓް" ނޫހުގައި 1972 ވަނަ އަހަރުގެ ތެރޭގައި ޝާއިއުކޮށްފައިވާ މި ހަބަރު ފެނިފައި، މިހާރު ހިނި އަޔަސް، އޭރު މިއީ ހަމަ "ބޮޑު ހަބަރެކެވެ." "އައުޑޮކްޓަރެއް" ސުރުހީގެ ދަށުން އެ ނޫހުގައި ލިޔެފައިވަނީ އޭރުގެ މާލޭގެ ގަވަމަންޓް ހޮސްޕިޓަލަށް އާ ޑޮކްޓަރެއް "ދުރުވި" ހަބަރެވެ.

"އިއްޔެ ހުޅުލެއަށް އައި މަތިންދާބޯޓުން އައު ޑޮކްޓަރެއް މާލެ ދުރުވެއްޖެ އެވެ. އެއީ ޑޮކްޓަރު އެސް. ޖޭ ޖެބަސުންދަރަމް އެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ގަވަމަންޓް ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރުގެ މަގާމަށް ދުރުވި ޑޮކްޓަރެވެ،" އެ ހަބަރުގައި ލިޔެފައިވެ އެވެ.

އެ ދެ ފޮޅުވަތުގެ ހަބަރު ނިންމާލައިފާވަނީ، ޑރ. ޖެބަސުންދަރަމް މާލެ "ދުރުވީ" އޭނާގެ ދަރިފުޅު ވެސް ގޮވައިގެންކަމަށް ބުނަމުންނެވެ. އޭރު ރާއްޖޭގައިއޮތް ސިއްހީ ހާލަތަށް ބަލާއިރު، ބޭރުގެ ޑޮކްޓަރެއް އައުމަކީ ހަމަ ހަގީގަތުގައި ވެސް ބޮޑު ހަބަރެކެވެ. އާންމުކޮށް ލިބެންހުރި ތަފާސް ހިސާބުތައް ބަލާއިރު، އޭރުގެ ސިއްހީ ދާއިރާގެ މައުލޫމާތު ފެންނާކަށްނެތެވެ.

އެންމެ ގާތުންވެސް 1986 ވަނަ އަހަރު މުޅި ރާއްޖޭގައި ވެސް ތިބީ ޖުމްލަ 21 ޑޮކްޓަރުންނެވެ. އެ ތަފާސް ހިސާބަކީ "މޫންލައިޓް" ނޫހުގައި އެ ހަބަރު ޝާއިއުކުރިތާ ގާތްގަނޑަކަށް 14 އަހަރު ފަހެވެ. އެ ހަބަރު ރިޕޯޓުކުރި ދުވަސްވަރުގައި ރާއްޖޭގެ ސިއްހީ ދާއިރާ އޮންނާނެގޮތް ކޮންމެވެސް ވަރަކަށް އަންދާޒާކޮށްލެވެ އެވެ. އަދި "އައު ޑޮކްޓަރެއް" ރާއްޖެއައުމަކީ އާންމުންނަށް ކޮންމެހެން އެނގެންޖެހޭ މުހިންމު މައުލޫމާތެއްކަން ވިސްނާލެވެ އެވެ.