އިހުގެ ނޫސް: ސްޓޭމްޕް އެއްކޮށްގެން ހޯދި އުފާ

އެންމެ ފަހުގެ ސެމްސަންގް ނޫނީ އައި-ފޯނު ނެރޭ ދުވަހު، އޭގެ ދެ ދުވަސް ތިން ދުވަސް ކުރިން ފިހާރަތައް ދޮށުގައި ކިޔުދަމާލަ އެވެ. އެއްބަޔަކު ނިދުމާއި ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސައިގެން ގޮސް ކިޔުއަށް އަރަ އެވެ. އޭގެ ފޯނެއް އަތުޖެހޭ ފުރަތަމަ މީހުންގެ ތެރޭގައި ހިމެނުމުގެ ޝަރަފު ހޯދުމަށެވެ.

ފޯނު ތަކާއި އެންމެ ފަހުން ނުކުންނަ ކޮންމެވެސް ގެޖެޓެއްގެ ފޯރި ހިފުމުގެ ކުރިން، ފޫހިފިލުވާލަން މީހުންގެ "ހޮބީތައް" ވަރަށް ތަފާތު ޒަމާނެއް މާޒީވެއްޖެ އެވެ. އެގޮތުން އެ ޒަމާނުގައި މީހުން އެންމެ ފޯރި ނެގި އެއްކަމަކީ ސްޓޭމްޕް އެއްކުރުމެވެ. މިހާރުގެ ކުއްޖަކަށް އެކަމުގައި ހުރި މަޖަލާއި ވާދަވެރިކަން ހިތަށް ގެންނަންވެސް ނޭނގުނަސް، ސްޓޭމްޕް އެއްކޮށްގެން ހިތްހަމަޖެހުމާއި އުފާ ހޯދި އެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ސިޓީ ފޮނުވައިގެން، ސްޓޭމްޕް ކޮޅެއް ހޯދަން އާދޭސްކުރި އެވެ. ބޭރު ގައުމަކަށް އާއިލާގެ މީހަކުދާނަމަ ވެސް ހަދިޔާ ލިސްޓުގެ އެންމެ ކުރީގައި އޮންނާނީ އެ ގައުމެއްގެ ސްޓޭމްޕެވެ.

ރާއްޖޭގެ ޕޯސްޓް ހިދުމަތަށް އެ ގަރުނުވެފައިވާއިރު، އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ނެރުނު ސްޓޭމްޕްތަކަށް ވެސް ދިވެހިން ފޯރި ނެގި އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ސްޓޭމްޕް ނެރެފައިވަނީ 1906 ވަނަ އަހަރެވެ. އެއީ ސިލޯނުގައި ނެރުނު އިނގިރޭސި ރަސްގެފާނު އެޑްވަޑްގެ ސްޓޭމްޕްގައި ރާއްޖޭގެ ނަން ޕްރިންޓުކޮށްގެން ނެރުނު ފުރަތަމަ ސްޓޭމްޕެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަމިއްލަ "މުންނާރު" ސްޓޭމްޕް ނެރެފައިވަނީ އޭގެ ތިން އަހަރު ފަހުންނެވެ. އެއަށްފަހު ރާއްޖެއާއި ދުނިޔޭގެ މުހިންމު މުނާސަބަތުތަކާއި ގުޅުވައިގެން ސްޓޭމްޕްތައް ވަނީ ނެރެފަ އެވެ.

މިގޮތުން، "މޫންލައިޓް" ނޫހުގައި 1971 ކޮށްފައިވާ އިއުލާނެއްގައި ވަނީ އދ. ކުޑަކުދިންނާ ގުޅޭ ޖަމިއްޔާ "ޔުނިސެފް" އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ އާ ސްޓޭމްޕެއްގެ ވާހަކަ އެވެ.

އެ އިއުލާނު އިބާރާތްކޮށްފައިވާ ގޮތުން، ސްޓޭމްޕް "ފޭނުންނަށް" އެ ކަން މުހިންމުވާނެ މިންވަރު ސިފަވެ އެވެ. ސްޓޭމްޕް ވިއްކުމަށް ހަމަޖެހިފައިވާ ގަޑިތަކުގެ އިތުރުން، ޕޯސްޓް އޮފީހުން ކުރި އިއުލާނުގައި ބުނެފައިވަނީ ސެޓްހަމަކޮށް އެ ސްޓޭމްޕްތައް ވިއްކާނީ ނެރޭ ދުވަހު އެކަނި ކަމަށެވެ.

މިޒަމާނުގެ ޖީލަށް މާބޮޑު ކަމަކަށް ނުވިއަސް، އޭރު އެތަކެއް ބަޔަކު ޕޯސްޓް އޮފީސް ދޮށަށް ގޮސް ކިއު ޖެހިގެން ތިބޭނެކަން ޔަގީނާގާތަށް ބުނަން އެނގެ އެވެ.