އިހުގެ ނޫސް: ދުޅަހެޔޮ ސިއްހަތަށް ބައިސްކަލުގެ ޒަމާން

މިހާރަކަށް އައިސް ބަލައިލި ކޮންމެ ދިމާލަކުން ފެންނާނީ ކޮންމެވެސް ކަސްރަތެއްގެ ވާހަކަ އެވެ. ބަނޑުގެ ލޮކި މަސްތައް ވިރުވާލާނެ މޮޅު އުކުޅެކެވެ. ދެ ތިން ހަފުތާގެ ތެރޭގައި ކައްޓާއަށް އެނގުންވާނެ ކަމަށް ބުނާ ފޮޓޯތަކާއި ވީޑިއޯތަކެވެ. ކޮންމެ ފަޅި ސިކުންތަކުން ކާންވީ އެއްޗެހިގެ ދިގު ލިސްޓުތަކެވެ.

ލޯގަނޑެއް ކުރިމަތިން ފެންނަ ކޮންމެ ފަހަރަކު ތިމާގެ ސިފަ ކަމުނުދާ މީހުން އެ ހުރިހާ ވާހަކަތަކަށް ހެއްލެ އެވެ. އަޖުމަ ބަލައިނުލާ އެންމެ "ފިޓްނަސް ޓިޕް" އެއް ވެސް ދޫކޮށެއް ނުލަ އެވެ. ބުނާ ކޮންމެ އެއްޗެއް ކާން ވެސް ތައްޔާރެވެ. އަރިއަރިއަށް ވިއަސް އެކޮޅުކޮޅުން ވިއަސް ކޮންމެ ކަސްރަތެއްވެސް ކުރަނީ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެންވެސް ކުރަމުންދާ ހަނގުރާމައިގެ ކަންތައްތައް މިހާރަށްވުރެ "އާދައިގެ" ގޮތަކަށް އޮތް ޒަމާނެއް ދިއަ އެވެ. އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހުންގަނޑު ލައްވައިލުމުގެ ކުރިންވެސް ދުޅަހެޔޮ ސިއްހަތު ރޭހުގައި މީހުން ބައިވެރިވެ އުޅުނެވެ. މާ މޮޅު އުކުޅުތަކެއް ބޭނުމެއް ނުކުރެ އެވެ. އެ ޒަމާނުގައި ބަރުދަން ލުއިކުރަން ބޭނުންކުރި މައިގަނޑު އާލަތަކީ ބައިސްކަލެވެ. އެހެންކަމުން އޭރުގެ ނޫސްތަކުގައި ވެސް ގެނެސްދީފައިވާ ހުރި ބައިސްކަލު ދުއްވުމުގެ "ފިޓްނަސް ޓިޕް" ތަކެވެ.

"މޫންލައިޓް" ނޫހުގެ 1971 ވަނަ އަދަދެއްގައި "ކޮންމެ އުމުރެއްގައި ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރެވޭނެ ގޮތް" ކަން ބުނެ ޝާއިއުކޮށްފައިވަނީ ބައިސްކަލު ދުއްވާނެ ގޮތުގެ ޗާޓެކެވެ. އެއް ސަފުހާ އެއްކޮށް ހާއްސަކޮށްދީފައިވާ އެ ޗާޓުގައި ވަރަށް ތަފްސީލުކޮށް ބައިސްކަލު ދުއްވަންވީ ދުރުމިނާއި ވަގުތު ވެސް ވަނީ ހިމިނައިފަ އެވެ. ހަފްތާއެއްގެ ޕްލޭން އެކުލަވާލައިފަނީ ސިއްހީ ފެންވަރު ވެސް ދަރަޖަ ކުރުމަށްފަހު އެވެ. ތިން ކެޓަގަރީއަކަށް ބަހާލައިގެން ސިއްހީ ފެންވަރުގެ 16 ދަރަޖައެއް ކަނޑައަޅާފައިވާއިރު، ކޮންމެ ހަފްތާއަކު ލިބޭ ޕޮއިންޓްގެ އަދަދެއްވެސް އެ ޗާޓުގައި ގެނެސްދީފައިވެ އެވެ.

އެ ޒަމާނުގެ ޓްރެންޑުތަކާއި ސްޓައިލުތައް މިހާރު އަލުން މަގޫބުލުވާން ފަށާފައިވާއިރު އެ ޗާޓު އާންމުންނާ ހަމައަށް ގެނެސްދެވުނުތާ ގާތްގަނޑަކަށް ބައި ގަރުނު ފަހުން، ކަސްރަތު ކުރުމަށް ބައިސްކަލު ދުއްވުން މިވަނީ މިހާރަކަށް އައިސް ވައިގަ ހިފަން ފަށައިފަ އެވެ. ފަހަރުގައި "މޫންލައިޓް" ނޫހުގައި އިން ޗާޓުގެ ބޭނުން އަދިވެސް ހިފިދާނެ އެވެ.