އިހުގެ ނޫސް: ހިކިމިރުހުގެ އިނާމް

ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ވިޔަފާރިވެރިންނާމެދު އޮންނަ ޝަކުވާ ބަންޑުންވެ އެވެ. ގެއަށް ކާބޯތަކެތި ގަނޑުކޮށް ވަންދަން އެންމެން ދުއްވައިގަންނަ ދަނޑިވަޅުގެ ފުރިހަމަ ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އެ އިލްޒާމް އެންމެ ބޮޑަށް އަމާޒުވާ އެއް ބަޔަކީ ރާއްޖޭގެ ދަނޑުވެރިންނެވެ. މުލަ ރޯދަ ދުވަހުގެ ކުރިން ރާއްޖޭގައި ހައްދާ މޭވާތަކާއި، ތަރުކާރީ އަދި ހާއްސަކޮށް މިރުހުގެ އަގުތައް އާންމުކޮށް ހުންނަނީ ކިޑްނީއެއް ވިއްކާލަންޖެހޭ ހިސާބުގަ އެވެ. އެ މައްސަލަ ބޮޑުވެގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މިއަހަރު ވިޔަފާރިވެރިންނަށް ހާއްސަ އިލްތިމާސެއް ކުރައްވަން ޖެހިވަޑައިގެންފަ އެވެ.

މިހިނގާ ރޯދަމަހަށް ދިވެހިން މަރުހަބާ ކިޔާފައިވަނީ މިރުހުގެ ބޮޑު އަރައިރުމެއްގެ ތެރެއިންނެވެ. ކަނޑުދޫ މިރުހުގެ އަގު 1،200 ރުފިޔާއެއް ކިލޯއެއް މަގުން އަރައިގެން ދިޔައިރު، ހުރިހާ ފާޑުކިޔުމެއް އަމާޒުވީ އެ ރަށުގެ ދަނޑުވެރިންނަށެވެ. އާންމުކޮށް އެއްޗެއްގެ އަގު މައްޗަށްދަނީ ސަޕްލައިއަށް ވުރެ ޑިމާންޑު ބޮޑުވާތީ ކަމެއް އާންމުން ގަބޫލުކުރާކަށް ބޭނުމެއްނުވި އެވެ.

ރާއްޖޭގެ ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކާއި ގޮންޖެހުންތަކަށް ފިކުރުކޮށްލާނެ މީހަކު ނުވި އެވެ. ކޮންމެ މީހަކު ވެސް ރޯދަ މަހު ފަނި ގިރާލަން ތޮއްޑޫ ކަރާ ނޫންގޮތެއް ބޭނުމެއްނުވެ އެވެ. ކަނޑޫދޫ މިރުސް ނާޅައި ހެދިކާތަކުގައި ރަހައެއްލާކަމަކަށް ނުވެ އެވެ. ބުރަ މަސައްކަތްކޮށްގެން ހައްދާ މިރުސް ކޮޅުގެ އަގު ބޮޑުވީމަ ޝަކުވާކުރަނީ އަހަރުގެ ބާކީ އޮތް 11 މަސް ދަނޑުވެރިން އުޅޭ ހާލަށް ވިސްނާލުމެއްނެތި އެވެ.

ޓޫރިޒަމް ފިޔަވައި، ރާއްޖޭގެ އިގުތިސޯދަށް ހިއްސާކުރާ އެހެން ސިނާއަތްތަކެއް ހުރިކަން ގަބޫލުކުރި ޒަމާނެއް މާޒީވެއްޖެ އެވެ. މަސްވެރިންނާއި ދަނޑުވެރިންނަކީ ވެސް ބައެއް ކަމުގައި ދެކިގެން އެމީހުންގެ އަގު ވަޒަންކުރި ޒަމާނެވެ. ރާއްޖޭގެ އުފެއްދުންތަކަށް ހައްގުވާ ދަރަޖަ ދިން ދުވަސްތަކެވެ.

މީގެ ބައި ގަރުނު ކުރިން ރާއްޖޭގައި ހައްދައި ހިކިމިރުހަށް އިނާމުވެސް ދިނެވެ. އެންމެ ގިނައިން ހިކިމިރުސް ހައްދައި ފަރާތަކަށްދޭ އިނާމު ފަރުމާކޮށްފައިވަނީ ދަނޑުވެރިންގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށެވެ. މަސްވެރިންނަށް ވެސް ކޮންމެ އަހަރަކު ދީ އުޅުނު އެންމެ ގިނައިން މަސް ބާނާ ދޯނީގެ ލަގަބު ފަދަ އަގުވަޒަން ކުރުމެކެވެ.

"މޫންލައިޓް" ނޫހުގައި 1972 ގެ އަދަދެއްގައި އޭގެ ކުރީ އަހަރު އެންމެ ގިނައިން ހިކި މިރުސް ހެއްދި ފަރާތް ވަނީ ކަނޑައަޅައިފަ އެވެ. އޭރު ބޮޑު ސްޓޯރަށް އެންމެ ގިނައިން ހިކި މިރުސް ވިއްކި ފަރާތަށް 5،000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، 18 އޮކްޓޯބަރު 1970 އިން ފެށިގެން 17 އޮކްޓޯބަރު 1971 ގެ ނިޔަލަށް އެންމެ ގިނައިން ހިކި މިރުސް ވިއްކާފައިވަނީ ހދ. ވައިކަރަދޫގެ ދަނޑުވެރިއެކެވެ. އެ އަހަރުގެ 5،000 ރުފިޔާގެ އަގުހުރި އިނާމު ހޯދާފައިވަނީ، "ހަތަރު ހަންދަރު ދެ ފައުލާ 22 ރާތާ" ހިކިމިރުސް ކިރުވައިގެންނެވެ.

އެ އިނާމަކީ އެއް އިރެއްގައި ރާއްޖޭގެ އުފެއްދުންތަކަށް ދެވުނު އަހަންމިއްޔަތުކަމެވެ. ދަނޑުވެރިންގެ ބުރަ މަސައްކަތް އަގު ވަޒަންކޮށް، ވާދަވެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ އިސްނެގުމެވެ. ހިތާމައަކީ އެކަހަލަ މަންޒަރެއް މިހާރު ފެނިގެން ނުދާ ކަމެވެ. އޭރު ދިން އެފަދަ އިނާމުތައް ވެސް ހުއްޓާލާފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެ އިނާމާއެކު، ދިވެހި އުފެއްދުންތަކަށް ދިން ގަދަރާއި ޝަރަފުވެސް ވެސް މާޒީގެ ތެރެއަށް ގެއްލުނީ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ނުފޫޒު ގަދަވެ، ރާއްޖޭގެ އެހެން ދާއިރާތަކަށް މިހާރު ވަނީ ހިޔަނި އެޅިފަ އެވެ. އެ އިހުމާލުގެ ތެރެއިން ކޮންމެ ދުވަހަކު ދިވެހި ދަނޑުވެރިން ތަހައްމަލު ކުރަންޖެހޭ ގޮންޖެހުންތަކާއި، އުފުލަންޖެހޭ ތަކުލީފުތައް ބައިވަރެވެ. އެފަދަ އުނދަގޫތަކާއެކު، ދަނޑުވެރިންގެ އުފެއްދުންތަކުގެ އަގާއި މެދު ޝަކުވާކުރުމުގެ ކުރިން، ތަންކޮޅެއް ފުންކޮށް ވިސްނާލުން މުހިންމެވެ.