މަސްވެރިކަމާއި ދަނޑުވެރިކަމަށް ހާއްސަ ޓްރަސްޓް ފަންޑުގައި 17 މިލިއަން ރުފިޔާ ހުރި ކަމަށް ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް އެގްރިކަލްޗަރު ޓްރަސްޓް ފަންޑުގެ މާލީ ރިޕޯޓްގެ ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ރިޕޯޓުން ދައްކާގޮތުގައި މިހާރު މަސްވެރިކަމުގެ ފަންޑުގައި ހުރީ 6.5 މިލިއަން ރުފިޔާއެވެ. އަދި ދަނޑުވެރިކަމުގެ ފަންޑުގައި ހުރީ 10.5 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ފެށުނު އިރު މަސްވެރިކަމުގައި ފަންޑުގައި ހުރީ 6.2 މިލިއަން ރުފިޔާއެވެ. ފަންޑަށް ރުފިޔާ އިތުރުވެފައިވަނީ ރަށްރަށުގެ ސީއެސްއާރުގެ ދަށުން ލިބުނު ރުފިޔާއިންނެވެ. މިގޮތުން ސީއެސްއާރުގެ ގޮތުގައި 300،000 ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ފެށުނު އިރު ދަނޑުވެރިކަމުގެ ފަންޑުގައި ހުރީ 9.8 މިލިއަން ރުފިޔާއެވެ. މި ފަންޑަށް ރުފިޔާ އިތުރުވެފައި ވަނީ ސީއެސްއާރުގެ ދަށުން ލިބުނު 600،000 ރުފިޔާގެ އިތުރުން ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުން ލިބުނު 135،849 ރުފިޔާއިން ކަމަށް ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް އެގްރިކަލްޗަރު ޓްރަސްޓް ފަންޑުގެ މާލީ ރިޕޯޓުން ދައްކައެވެ.
މި ދެފަނޑުން ބައެއް ހަރަދުތައް ކުރުމަށް ނިންމާފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި މި ދެ ފަންޑުން ވެސް އެއްވެސް ހަރަދެއް ކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރު މަސްވެރި-ދަނޑުވެރި ފަންޑުން ކުރަން ނިންމި ހަރަދުތައް:
- ވެޓް ކްލިނިކް ހިންގަން ބޭނުންވާ ހަރަދުތަކާއި ލޯނު ދޫކުރުން
- ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ޓެކްނޮލޮޖީ ގާއިމު ކުރުމާއި އިމާރާތްތައް ބިނާ ކުރުން
މި ދެ ފަންޑާއި ގުޅޭ ދާއިރާތައް ތަރައްގީ ކުރުމަށްޓަކައި މަސްވެރި-ދަނޑުވެރި ޓްރަސްޓް ފަންޑް އުފެއްދީ 2014 ވަނަ އަހަރުގައެވެ.