މަސްވެރިކަން ކުރާ އުޅަނދުތަކުގައި ބިދޭސީން ގެންގުޅޭ އަދަދު އިތުރުކޮށްފި އެވެ.
ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހާއެކު އުޅަނދުގެ ކުޑަބޮޑުމިނަށް ބަލައި ބިދޭސީން ގެންގުޅެވޭނެ އަދަދު ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދުގައި ކުރިން އޮތް ގޮތުން ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެއްވެސް މަސްވެރި އުޅަނދެއްގައި ސީދާ ގޮތެއްގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާ ކަމެކެވެ. ނަމަވެސް ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ތެރެއިން ގަވާއިދުގައި ހިމެނޭ އުޅަނދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި އުޅަނދެއްގައި ގިނަވެގެން ދެ ބިދޭސީންނަށް ވަޒީފާގައި ހަރަކާތްތެރިވެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ގަވާއިދަށް ގެނައި އިސްލާހާއެކު
- 15 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ގިނަވެގެން ހަތަރު ބިދޭސީން
- 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން
- 24 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން
މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ބިދޭސީއަކީ މުއްދަތު ހަމަނުވާ ވާކްޕާމިޓެއް އޮތް މީހަކަށް ވާންޖެހެ އެވެ.
ކޯޓާ ދޫކުރާނެ ގޮތްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ނުވަތަ ހަމައެކަނި ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުުރާ އުޅަނދުތަކުގައި ބިދޭސީނަށް ހަރަކާތެރިވުމަށް ލައިސަންސް ދެނީ 12 މަސް ދުވަހަށެވެ. އެއީ 15 މީޓަރަށްވުރެ ކުދި އުޅަނދުތަކަށް 500ރ. 15 މީޓަރުން ފެށިގެން 20 މީޓަރާ ހަމައަށް 1،000 ރުފިޔާ އަދި 20 މީޓަރުން ފެށިގެން ބޮޑެތި އުޅަނދުތަކަށް 1،500 ރުފިޔާ އެވެ.
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަތުނަނު މަސްވެރިކަން ކުރާ އުޅަނދުތަކަށްވެސް ލައިސަންސް ދެނީ 12 މަސް ދުވަހަށެވެ. 20 މީޓަރުން ބޮޑެތި ނަމަ ފީއަކީ 1،800 ރުފިޔާ އެވެ.
އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަން ކުރާ އުޅަނދުތަކާއި ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުތަކަށް ލައިސަންސް ދެނީ 24 މަހަށެވެ. 20 މީޓަރަށްވުރެ ކުދި އުޅަނދުތަކުގެ ލައިސަންސް ފީއަކީ 250 ރުފިޔާ އެވެ. 20 މީޓަރަށްވުރެ ބޮޑެތި އުޅަނދުތަކުގެ ފީއަކީ 500 ރުފިޔާ އެވެ.