މިފްކޯ

މަސްވެރިންނަށް "މޯސާ" އެޕްލިކޭޝަން ތައާރަފްކޮށްފި

މަސްވެރިންނަށް ހާއްސަކޮށްގެން މިފްކޯއިން "މޯސާ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަންއެއް ތައާރަފްކޮށްފި އެވެ.

މޯސާ އެޕްލިކޭޝަން މިއަދު ތައާރަފް ކޮށްދެއްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ހަސަނެވެ.

މި އެޕްލިކޭޝަން ތައާރަފްކޮށްފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަރެސްމާތޮޑާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ޖަލްސާއެއްގަ އެވެ.

މަސްވެރިންނަށް ހާއްސަކޮށްގެން ތައާރަފް ކުރި މޯސާ އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް މިފްކޯއިން ލިބޭ ހިދުމަތްތައް ފަސޭހަ ކަމާއެކު ލިބިގެން ދާނެ އެވެ. އެގޮތުން މަސް ކިރުމަށްޓަކައި އެޕްލިކޭޝަން މެދުވެރިކޮށް ކިއުގައި ޖެހުމުގެ ފުރުސަތު މަސްދޯނިތަކަށް ލިބިގެންދެ އެވެ.

މީގެ އިތުރުން މިފްކޯގެ މަސްކިރާ ޕޮއިންޓްތައް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އެޕްލިކޭޝަންގެ ތެރެއިން ވަރަށް ފަސޭހަ ވެގެންދާނެ އެވެ. ފައިސާގެ ރަޝީދުތައް ބެލެހެއްޓުމުގައިވެސް އެޕްލިކޭޝަންއިން ފަސޭހަ ގޮތްތަކެއް ތައާރަފްކޮށްފައިވެ އެވެ.

"މެނުއަލީ (ކަރުދާހުގައި) ދެން ނުޖެހޭނެ ބިލުތަކެއް ގެންގުޅޭކަށް. ހުރިހާ ބިލެއްވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަމުން ދާނެ،" މިފްކޯއިން އެޕްލިކޭޝަން ތައާރަފްކޮށް އާންމުކުރި ވީޑިއޯގައި ފާހަގަކޮށްފައިވެ އެވެ.

މަސްދޯނީގެ ސެޓްފިކެޓްތަކާއި ހުއްދަތައް އެޕްލިކޭޝަންއަށް އަޕްލޯޑް ކުރުމުގެ އިތުރުން މަސްވެރިންނާއި ފަޅުވެރިންގެ މައުލޫމާތުތައްވެސް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ އެވެ.

މި އެޕްލިކޭޝަން އަކީ މަސްވެރިކަމުގެ ސިނާއަތައް އިންގިލާބީ ބަދަލެއް ގެނުވާނެ އެޕްލިކޭޝަނަކަށް ހެދިފައިވަނީ މަސްވެރިކަމުގެ އުޅަނދުތަކާއި ކުންފުނިތަކުން ބޭނުންވާ ކަންކަން އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެން ދާތީ ކަމަށް މިފްކޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މަސްވެރިކަމުގެ އުޅަނދުތަކާއި ކުންފުނިތަކުގެ އިތުރުން ސަރުކާރަށްވެސް އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން މައުލޫމާތުތައް ލިބި މަސްވެރިންނަށް މަންފާ ކުރާނެ ޕޮލިސީތައް ހެދުމުގައި ފަސޭހަ ވެގެން ދާނެ ކަމަށެވެ.