ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

Dec 12, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ފުރާވަޑައިގެންނެވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިގޮތުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމާއި އަދި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބޭއްވި މަސްކެނޑުމުގެ މުބާރާތާއި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ރައީސް ސޯލިހް ވަނީ ޝަރަފްވެރިކޮށްދެއްވާފަ އެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ދެކުނުގެ މަސްވެރިންނާއި ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވި އެވެ.

ރައީސް މިއަދު މާލެ ވަޑައިގެންފައިވާއިރު ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަަށް މިރޭ ގަތަރަށް ފުރާވަޑައިގަންނަވާނެ އެވެ.