ނިމިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިފްކޯއިން މަސްވެރިން އަތުން ގަތް މަހަށް ޖުމުލަ 965 މިލިއަން ރުފިޔާ ދީފާވާނެ ކަމަށް ރައީސުލްޖުމްހޫރިއަޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ފަރެސްމާތޮޑާގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދެވިގެން ދާނެ ކަމަށެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް މިފްކޯއިން 59،000 މެކްޓްރިކްޓަނުގެ މަސް ގަނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ 2006 ވަނަ އަހަރުން ފެށިގެން މިފްކޯއިން މަސް ގަތް އެންމެ ގިނަ އަހަރުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
"މިއަހަރަކީވެސް ދިވެހި މަސްވެރިކަމުގެ ތާރިހުގައި ވަރަށް ފާހަގަކޮށްލެވޭ އަހަރަކަށް ވެގެން ދާނެ. މިއަހަރަކީ މިފްކޯއިން ދިވެހި މަސްވެރިންގެ އަތުން ގަތް މަހަށް އެންމެ ގިނަ ފައިސާ ދޭނެ އަހަރު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ދޭ ވާހަކަ ދެއްކި ނަމަވެސް މަސްވެރިންނަށް ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އަދި މިއީ އެތައް ދުވަހެއް ވަންދެން ތަކުރާރުވަމުން އަންނަ ކަންބޮޑުވުންތަކެއް ކަންވެސް ފާހަގަކުރެއްވި އެވެ.
މަސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވަނީ ބާނާ ހުރިހާ މަހެއް ބައެއް ފަހަރު ނުކިރުވޭ މައްސަލައާއި މަސް ކިރުން ލަސްވެ މަސްކިރުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުމާއި ބޭނުންވާ ވަރަށް އައިސް އަދި ތެޔޮ ނުލިބުން ކަމަށެވެ.
މީގެ އިތުރުން ބޭންކް ޓްރާންސްފާގައި މަސްވެރިންނަށް ދަތިތަކެއް ކުރިމަތިވާ ކަމުގައިވެސް ރައީސް ވިދާލުވި އެވެ. އެގޮތުން އެންމެ ގިނައިން ޓްރާންސްފާ ކުރެވޭ އަދަދަކީ 200،000 ރުފިޔާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހުރިހާ ވިޔާފާރިތަކަށް ހަމަހަމަ އުސޫލެއް އޮންނަން ޖެހޭ ކަމަށެވެ.
"އެހެން ވިޔަފާރިތަކަށް މިއަށް ވުރެ ގިނައިން ޓްރާންސްފާ ހެދެންޏާ މަސްވެރިންނަށް ވެސް އެކަން އެގޮތަށް ކުރެވޭނެ އުސޫލެއް އެމްއެމްއޭއިން ކަށަވަރުކޮށްދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ޑިސްކައުންޓް ރޭޓުގައި ތެޔޮ ގަންނަން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންވެ ސަރުކާރުގެ ވިސްނުމަކީ މަސްވެރިން ބޭނުންވާ ގޮތަށް ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓުގައި އަދި ކްރެޑިޓަށް ވެސް ތެޔޮ ލިބޭނެ ގޮތް އެސްޓީއޯ އިން ފިއުލް ސަޕްލައި މެދުވެރިކޮށް ހަމަޖައްސައިދިނުން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ދަނީ ދުވަހުން ދުވަހަށް ކުރިއަށް ކަމަށެވެ. މިއީ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން މަސްވެރިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި މަސްވެރި އާއިލާތަކުގެ ގަދަފަދަ ހިތްވަރުގެ ނަތީޖާ ކަމުގައިވެސް ވިދާޅުވި އެވެ. މަސްވެރިން ކުރާ މަސައްކަތާއި މި ސަނާއަތައް އަންނަ ކުރިއެރުމާއި އެއްވަރަށް ސަރުކާރުން ފައިހަމަ ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިފްކޯއިން މިހާރު މަސް ކިލޯއެއް ގަންނަނީ 17 ރުފިޔާ އަށް ކަމަށާއި އެ އަގު ބޮޑުކުރުމަށް މިފްކޯ އަށް މިވަގުތު ދަތިތަކެއް ހުރި ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެންމެ ގިނައިން ރާއްޖޭގެ މަސް އެކްސްޕޯޓު ކުރާ ޔޫރަޕުގެ ގައުމުތަކާއި އިނގިރޭސި ވިލާތުން ރާއްޖޭގެ މަހަށް 24 އިންސައްތަ ޑިއުޓީއެއް ނެގުމަކީ މަސް ގަންނަ އަގު ބޮޑުކުރަން އޮތް ގޮންޖެހުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެއީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އަތުން ނަގާ އެއްޗެއް ނޫން. ސަރުކާރުން ދަނީ އެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން. ދުރުނޫން މުސްތަގުބަލެއްގައި މިކަމަށް ހައްލެއް ގެނެސްދެވި މިއަށްވުރެ ރަނގަޅު އަގެއް ލިބިގެން ދާނެ. އޭރުން ގަންނަ މަހަށް ބޮޑު އަގު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށް ޕްރޮސެސްކޮށް ބޭރަށް އެކްސްޕޯޓް ކުރެވޭ ވަރަށް މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ކޫއްޑޫގެ ކެޕޭސިޓީ 4000 މެކްޓްރިކްޓަނަށް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ޓެންޑަ ޕްރޮސެސްގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރުން ކޫއްޑޫގެ ކެޕޭސިޓީ 4000 މެކްޓްރިކްޓަނަށް ބޮޑުކުރުމުގެ މަސައްކަތް ޓެންޑާ ޕްރޮސެސްގައިވާ ކަމާއި، ތިނަދޫގައި ގާއިމުކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމުރުމުގެ މަސައްކަތާ ގުޅޭ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ. އަދި ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.