ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންނަ އަހަރު މަސްވެރިންގެ ބޮޑެތި މައްސަލަތައް ހައްލުވާނެ: ރައީސް

Dec 11, 2022
1

މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ފެށޭ އަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު، ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގަ އެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް

  • މަސްވެރިން ބާނާ މަސް ކިރުވުމުގައި ހުރި ދަތިތައް
  • މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުން ލަސްވުން
  • އައިސްލިބުން ދަތިވުން
  • ތެޔޮ ލިބުން ދަތިވުން
  • މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތައް
  • މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވުން

ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް މަސައްކަތް ކުރެވިފައި ނެތުމުން ދިމާވި މައްސަލަތަކެއް ކަމަށެވެ. މިގޮތުން ފާއިތުވި 10 ނުވަތަ 12 އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކަށް އެ މަސައްކަތް ކުރެވިފައި ނެތް ކަމަށް ރައީސް އެއްބަސްވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި މައްސަލަތައް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމާއި، މަސް ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވި އެެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި، ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ މުހިއްމު ސަރަހައްދެއް ކަމަށާއި، އަދި ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއް ކަންވެސް ފާހަގަކުރައްވާފަ އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ފަރެސްމާތޮޑާގައި މަސްވެރިންގެ ފޯރަމަކާއި، ސްކޫލު ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާއަތާއި ގުޅޭ ކެރިއާ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ފިޝަރީޒް އެކްސްޕޯއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިިވެ އެވެ.