ރާއްޖޭގެ ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމަަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު މިއަދު އެރަށުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިބައްދަލުވުމުގައި ދަނޑުވެރިން ވަނީ ލޯނު ނަގައިގެން ދަނޑުވެރިކަން ކުރަމުންދާއިރު ގުދުރަތީ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫނުބެއްދޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ ދަނޑުވެރިން އެދުނީ އެ މީހުންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށެވެ.
ދަނޑުވެރިންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސަރުކާރުން އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިގޮތުން މިއަހަރުގެ ދަނޑުވެރިންގެ މައުރަޒުގައި އެލައިޑް އިންޝުއަރެންސުން ބައިވެރިވެސް އެބަވޭ. އެކަމާ ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސާ އެކު ވާހަކަތައް ދެކެވެމުންވެސް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ކާށިދޫގެ ބިމާ ގުޅޭގޮތުން މިބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކާށިދޫގެ ގުދުރަތީ ބިން، ކާށިދޫ ދަނޑުވެރިކަމަށް ބޭއްވުން ކަމަށާއި، ރަށުގެ ހުޅަނގު ފަރާތުން ފަތުރުވެރި ކަމަށް ބޭނުންވާ ބިން ހިއްކާނީ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގެ ދަނޑުވެރިންނާއި ރައްޔިތުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ދަނޑުވެރިން ފާހަގަކުރި އެހެން ކަންކަމުގެ ތެރޭގައި ކާށިދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލެއަށް އުފުލުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބޭ މައްސަލަ ހިމެނެ އެވެ. މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓަށް ތަކެތި ވިއްކުމުގައި ހުރި ދަތިތަކާއި، މާކެޓްގައި ހުރި އަގަށްވުރެ ކުޑައަގެއްގައި ތަކެތި ވިއްކަންޖެހޭކަމާއި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކާށިދޫގެ ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ނުލިބޭ މައްސަލަވެސް ފާހަގަކޮށްފައިވެ އެވެ. މިސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން އުފެއްދި އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް ބައެއް ދަނޑުވެރިން ބުނެފައިވެ އެވެ. އަދި އެކުންފުންޏާއި އެކު ކުރިއަށް ދިޔުމުގައި އުއްމީދު އެބައޮތް ކަމުގައިވެސް ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ، ކާށިދޫގެ ދަނޑުވެރިންނާއި އެކު ބޭއްވެވި މިބައްދަކުރެއްވުމުގައި ސަރުކާރުގެ އިސްބޭފުޅުންނާއި، ކާށިދޫ ދަނޑުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ދަނޑުވެރިން ބައިވެރިވި އެވެ.