ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން އެގްރޯނެޓްގެ ނެޓްވޯކަށް ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ދަނޑުވެރިޔާ ކުރި މަސައްކަތް އާމްދަނީ އަށް ބަދަލު ކުރުމަކީ މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ހައްލުހޯދުމަށް ސަރުކާރުން ކޮށި މަގެއް. ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވޯކާ ގުޅިފަ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންގައި 485 ދަނޑުވެރިން ހަރަކާތްތެރިވަމުންދާ ކަމަށާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ފޯރުކޮށްދެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެ މަސައްކަތް ފެށުމެވެ.
ސަރުކާރުން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ ދަނޑުވެރިންގެ މަސައްކަތްތަކަށް ފަސޭހަކޮށްދީ ދަނޑުވެރިން ކުރާ މަސައްކަތާއި އެއްވަރުގެ އާމްދަނީއެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ބޯޓުތަކެއް ބަނުމަށް ވަނީ އެ ކުންފުނިން ވަނީ ނިންމާފަ އެވެ. މި ބޯޓުތަކުގެ ޑިޒައިން ދައްކާލާފައިވާއިރު މިއީ ދިގުމިނުގައި 65 ފޫޓު ހުންނަ ފައިބަގްލާސް ދެ އުޅަނދެވެ.
މި ބޯޓުތައް ފަރުމާކުރަނީ ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާއިއެކު ރައްކާކުރެވޭނެ ގޮތަށް ފިނިކުރާ ނިޒާމްތަކާއެކުގަ އެވެ. ބޯޓުތަކުގައި ކާގޯ ކޮންޕާޓްމެންޓްތަކެއް ހުންނާނެ އެވެ. މިއީ އޭސީކޮށް ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭ ގޮތަސް ފަރުމާކޮށްފައި ހުންނަ ތަންތަން ކަމަށް އެގްރޯ ނެޓުން ވަނީ ބުނެފަ އެވެ.