ޑިޖިޓަލް އައިޑެންޓިޓީ ކާޑް އަންނަ މަހު ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ހިދުމަތް ހޯދުމަށް އައިޑީކާޑާއި ލިޔުން ތަކުރާރުކޮށް ސަރުކާރަށް ހުށަހަޅަންޖެހުމަކީ ރައްޔިތުންނަށް އޮތް ތަކުލީފެއް ކަމަށެވެ.
"ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާ އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަންޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް. ހިދުމަތް ލަސްވެ އޮޅުންބޮޅުންވެ އެކަމެއްގާ ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމެއް، މިކަން މިދަނީ ބަދަލުކުރަމުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ހިދުމަތެއް ހޯދާއިރު ކިޔުގައި ޖެހުމާއި ފޯނު ނުނެގުމާއި ޖަވާބު ނުލިބުމުގެ މައްސަލައަކީވެސް ރައްޔިތުންނަށް އޮތް ތަކުލީފެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"ވަން-ގަވް ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު. އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ހިދުމަތްވެސް ލޯންޗް ކުރެވޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އޭގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި އެޗްޕީއޭގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް އޮންލައިންވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގައި ގާއިމުކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ހިދުމަތް ހޯދަން ދަތި ރައްޔިތުންނަށް ހިދުމަތްދޭ މަރުކަޒުތަކެއް ކަމަށެވެ.
ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސް ސޯލިހް ވަނީ ނިންމަވާފަ އެވެ.
ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެ އެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރަން ހިމެނެ އެވެ.
ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.