ރިޔާސީ ބަޔާން

ސޯލާތަކާއެކު 320 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ރައީސް

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ގާއިމްކުރާ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކޮށް ނިމުމާއިއެކު، ތެޔޮ ބިލުން އަހަރަކު 320 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ހައްލަކީ އިއާދަ ކުރުވަނިވި ހަކަތަކަމަށެވެ. މިގޮތުން މި ދައުރުގައި ޖުމްލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ. އެއީ 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތްވުން. މި މަސައްކަތް ނިމުމުން އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާ ތެޔޮ ބިލުން ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ހިންގޭ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ ދުވާލު ހަތަރުދަމު އިންޖީނުގެ ނިއްވާލެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުއާއިއެކު މުޅި ރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދިއުމާއެކު ކަރަންޓުގެ އަގު ހެޔޮވާނެކަމަށެވެ.

"މިދެންނެވި މަޝްރޫއު ފުރިހަމަ ވުމުން މުޅި ރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ. ތެލުގެ ހަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއް ރަށްތަކުގެ އިންޖީނުގެތަކަށް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްތަކުގެ އިންޖީނުގެތަކަށް ގެނެވިފައިވާ ބަދަލުތައް

  • 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް އިމާރާތްކުރުން.
  • 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރު ސެޓް އަލަށް ބެހައްޓުން.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ އަޅައިނިމި ލަފާފުރުމުގެ ދަތިކަން ނައްތާލުމުގެ ފުޅާ މަޝްރޫއުތައް ނިމެމުން އަންނަކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކާއިއެކު ރަށްރަށުގެ ރައްޔިތުންނަށް އެ ރަށްރަށުގައި އިގްތިސާދީ ހަރަކާތްތައް ހިންގަން ފަސޭހަވެ، ކުރާ މަންފާ އިތުރުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ބަނދަރާ ، ފެނާ ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ. ފުޅަދޫގަ 2،000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7،000 ރުފިޔާ. ބަނދަރު ނިމި، ފެނާ ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު، މިއަދު ހަމަ އެބިމުގެ އަގަކީ 15،000 ރުފިޔާ. މިހާރު އެކި ރަށްރަށުގާ ކުރިއަށް މިގެންދާ ތަފާތު އެކި ތަރައްގީގެ މަޝްރޫއުތައް ނިމެމުން ދިޔަވަރަކަށް އެރަށްތަކުގެ ބިމުގެ އަގުއަރައި އެރަށުގާ އިގްތިސާދީ ހަރަކާތްތައް ހިނގަން ފަށައި، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ،" މިސާލެއްގެ ގޮތުން ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކާ އެކު ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ސަބަބާއިހުރެ ނާޒުކު ހާލަތަށް ހުށައެޅިފައިވާ ސަރަހައްދުތަށް ހިމާޔަތް ކުރުން މުހިންމުވާ މިންވަރު ހަނދާންކޮށްދެއްވާފަ އެވެ. އަދި މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ 130 ސަރަހައްދެއް ހިމާޔަތް ކުރެވޭނެ ކަމަށާއި އޭގެ ތެރެއިން 82 ސަރަހައްދު ހިމާޔަތް ކުރެވޭނީ އެމަނިކުފާނުގެ ވެރިކަމުގައި ކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ކުނި އެންދުމުން އަރާ ދުމުން ސަލާމަތްވެ ކުނި މެނޭޖުކުރަމަށްޓަކައި ވަސީލަތެއް ހޯދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގުދުރަތީ މާހާއުލަށް ރައްކާތެރި ނޫން ޕްލާސްޓިކްގެ ބާވަތްތަށް މަދުކޮށް، މަނާކުރުމުގެ މަރުހަލާތަށް ތަންފީޒުކުރަމުން އަންނަ ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ ނޮވެމްބަރު މަހު އޮތް ކޮޕް 27 ގެ ޑެކްލެރޭޝަންގައި އަލަށް އުފައްދަން ނިންމި ތިމާވެއްޓާއިބެހޭ ލޮސް އެންޑް ޑެމޭޖް ފަންޑު ގާއިމްކުރުމުގައި ރާއްޖޭން ވަރަށް އިސް ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.