ރިޔާސީ ބަޔާން

ބަސް ވިކޭ ގައުމަކަށް ރާއްޖެ ބަދަލުކުރެވިއްޖެ

ބައިނަލްއަގްވާމީ މައިދާނުގައި ބަސް ވިކޭ ގައުމަކަށް ރާއްޖެ ހެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގުޅުންތަކުގެ އިސް ސަފުގައި ރާއްޖޭގެ ބަސް މިއަދު ހިނގާ ކަމަށެވެ. ހީނަރުވަމުން ދިޔަ ގުޅުންތައް މިހާރު އިއާދަވެ ވަރުގަދަވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ވޭތުވި ހަތަރު އަހަރަކީ ފަހުގެ ތާރީހުގައި ކުރު މުއްދަތެއްގައި ރާއްޖޭގެ ހާރިޖީ ގުޅުން ބައިނަލްއަގްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހި ކުރެވުނު މުއްދަތު ކަމަށެވެ.

"ދޭދޭގައުމުތަކާ އެކު އޮންނަ ހާރިޖީ ގުޅުން ވަރުގަދަވެއްޖެ. އދ މަޖިލީހުގައި ހިމެނޭ ގައުމުތަކުގެ 94 އިންސައްތަ ގައުމާ އެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމް ކޮށްފި،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 2023 އިން 2025ގެ ދައުރަށް ރާއްޖެ ހޮވިފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ. އަދި 2021 ވަނަ އަހަރު އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިހާބުވީ ދުނިޔޭގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާ އޮނޮރަރީ ކޮންސިއުލާ މެދުވެރިކޮށް ދުނިޔޭގެ 21 ތަނަކުން ދިވެހިންނަށް ބޭނުންވާ ކޮންސިއުލާ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށާއި ދިވެހިންނަށް ވިސާއާ ނުލާ މިހާރު ދުނިޔޭގެ 89 ގައުމަކަށް ދަތުރު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.