ރައްޔިތުންގެ މަޖިލިސް

14 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން

ރާއްޖެއިން 14 ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާ އެވެ. އެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށެވެ.

ޝީޝެލްސް، މޮރިޝަސް، ގަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރައްވަން ހުށަހެޅުއްވީ މިހާރު ސްރީލަންކާގެ ސަފީރުކަމުގެ މަގާމުގައި ހުންނެވި މއ. މަނާގެ، އަލީ ފާއިޒު އެވެ.

އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މއ. އަތަމާވިލާ، އަބްދުލްގަފޫރު މުހައްމަދު ކެނެޑާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހުށަހެޅުއްވިއިރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހ. މިސްޓީލޮޖް، އާމިނަތު ޝަބީނާ އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ވަނީ ހުށަހަޅުއްވާފަ އެވެ.

ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގ. ޕެންޒީމާގެ 1، އާއިޝަތު ޝާން ޝާކިރު، ސާބިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހުށަހެޅުއްވިއިރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރ. ރުވާމާގެ، އަހުމަދު ތަސްމީން އަލީ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ އަދި ފިލިޕީންސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރައީސް ސޯލިހް ވަނީ ހުށަހަޅުއްވާފަ އެވެ.

މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ. މާލޭތިލަ، އަލީ ހުސައިންދީދީ ބްރޫނާއީ ނޮން-ރެސިޑެންޓް ސަފީރު އައްޔަން ކުރެއްވުމަށް ހުށަހެޅުއްވިއިރު އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ. ޖެހޭވައި، އިބްރާހީމް ޝަހީބު، ކަޒަކިސްތާންގެ ނޮން ރެސިޑެންޓް ސަފީރު އައްޔަން ކުރެއްވުމަށް ހުށަހެޅުއްވި އެވެ.