ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކުރުމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާ ދެއްވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ގަރާރުގެ ފުރަތަމަ ކިޔުމެވެ.
ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދިން ސަބްސިޑީގެ ސަބަބުން ރާއްޖޭގެ އެކިއެކި ހިސާބުތަކުގެ ގޭބިސީތަކުގެ އާންމު ހާލަތު ރަނގަޅުވެ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެގެން ދިޔަކަމަށެވެ.
އއ. ތޮއްޑޫއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް ވަޑައިގެން އެ ސަބްސިޑީ އިޔާދަކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި ކަމަށް ގަރާރުގައިވެ އެވެ.
"މި ވައުދުފުޅާއިއެކު ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަނޑުވެރިން ވަރަށް އުންމީދާއި އެކުވަނީ އެމަނިކުފާނަށް ވޯޓު ދެއްވައި އިންތިހާބު ކޮށްދެއްވާފަ،" ގަރާރުގައި ވަނީ ބުނެފަ އެވެ.
ގަރާރުގައި ބުނެފައިވަނީ 2018 ގައި ވެރިކަމަށް ވަޑައިގެން ހަތަރު އަހަރު ވެގެން ގޮސް ފަސް ވަނަ އަހަރުގެ ފަހު މަސްކޮޅު ގުނަމުންދާއިރުވެސް ދަނޑުވެރިންނަށް ލިބުނު ލުއި ފެންނަން ނެތް ކަމަށެވެ.
ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމަށް އިންޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ އެއްކޮށް މާފު ކުރެވުނު ނަމަވެސް ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއިކަން ދަނޑުވެރިންނަށް ފެންނަން ނެތް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
"ދަނޑުވެރިކަމުގެ އާލާތްތައް ވިއްކާ ފިހާރަތަކުން އަދިވެސް މުދާ ގަންނަން ލިބެންހުރީ ޑިއުޓީ ކަނޑާލުމުގެ ކުރިންވެސް ލިބެން ހުރި އަގަށް ނޫނީ އެއަށްވުރެންވެސް ބޮޑު އަގުގަ،" ގަރާރުގައިވެ އެވެ.