ހަބަރު

ޕެސްޓިސައިޑްސް ބިލް މަޖިލީހަށް ހުށަހަޅަން ފޮނުވައިފި

ޕެސްޓިސައިޑްސް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި އެ ބިލް ހުށަހަޅާފައިވަނީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، އުފެއްދުމާއި، އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި ވިއްކުމާއި، ބޭނުންކުރުމާއި، ނައްތާލުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެންނާތީ ކަމަށެވެ.

އެ ބިލު ގާނޫނަކަށް ވުމުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، ފިޝަރީސް މިނިސްޓްރީގައި ގާއިމްކުރެވި، އެ ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެ ކަމަށެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ގާއިމްކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ސަރުކާރުން ބުނީ، ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެ ކަމަށާއި، އެ ބިލު ގާނޫނަކަށް ވުމުން، އެ ބިލުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5،000 ރ. އާއި 100،000ރ. އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށެވެ.