ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަނޑުވެރިންގެ ދުވަސް ކާށިދޫގައި ފާހަގަކުރަން ނިންމައިފި

Sep 13, 2022

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކ. ކާށިދޫގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިގޮތަށް ހަމަޖެއްސެވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެގްރިކަލްޗާ މިނިސްޓްރީން މިކަމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

މިސަރުކާރުން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ.

ދަނޑުވެރިކަމުގެ ދުވަހާއި ޖެހިގެން އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުގައިވާތީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ވެސް ފާހަގަކުރާ ގޮތަށް ސަރުކާރުން އޭރު ނިންމާފައިވެ އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ދަނޑުވެރިކަމަށް ހާއްސަ އަހައްމިއްޔަތު ކަމެއްދީ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ދަނޑުވެރިކަމަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.