ރާއްޖެއަށް އިމްޕޯޓްކުރާ ތަރުކާރީއާ މޭވާގެ ތެރެއިން ރާއްޖޭގައި ހެއްދޭނެ ބާވަތްތަަކުން ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
ރައީސް ސޯލިހު ވިިދާޅުވީ ސިންގަޕޫރަށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ 30 ޕަސެންޓް އެ ގައުމުން އުފައްދަން ނިންމާފައިވާ ކަމަށެވެ. އަދި ސިންގަޕޫރަކީ ވެސް ރާއްޖެ ފަދަ ބިން ކުޑަ ގައުމަކަށްވާ އިރު ރިސާޗާ ޕްލޭނާއެކު މަސައްކަތް ކުރެވިއްޖަނަމަ ރާއްޖޭގައި ވެސް ބައެއް ބާވަތްތަކުގެ ތަރުކާރީއާ މޭވާ ހެއްދިދާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ހެއްދިދާނެ 17 ބާވަތްތަކެއް މޭވާއާއި ތަރުކާރީ ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފައިވާ ކަަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ޕްލޭނަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގައި މިގޮތަށް އުފައްދާ މި ސަތާރަ ބާވަތް ރާއްޖޭގައި ބޭނުންވާވަރަށް އުފެއްދޭނެ ޕްލޭނަކާ އެކީގައި އެ މަޝްރޫއު ކުރިއަށް ގެންދިއުން. ހަމަ އެއާއެކީގައި ރާއްޖެއަށް މިފަދަ ބާވަތްތައް އެތެރެކުރާ މިންވަރު މަދުކޮށް އަދި އެފަދަ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް މި އުފައްދާ ތަކެއްޗަށް ރާއްޖެއިން މާކެޓް ހޯދައިދިނުމަށް މަސައްކަތްކުރުން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގައި ދަނޑުވެރިކަން ހިއްސާކުރަނީ ޖީޑީޕީގެ އެންމެ 1.7 ޕަަސެންޓް ކަަމަށާއި ނަަމަވެސް ދަނޑުވެރިކަން މިއަށްވުރެ ބޮޑަށް ފުޅާކުރުން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރެވިދާނެ ވެސް ކަަމަށާއި މިހާރުވެސް ދަނޑުވެރިން ހައްދާ ބާވަތްތަަކަށް ރިސޯޓްތަކުން ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަަމަށެވެެ.
ރިސޯޓްތަކުން ބޭނުންވަނީ މެދުކެނޑުމެއް ނެތި ދަނޑުވެރިން ހައްދާ ބާވަތްތައް ލިބޭނެކަމުގެ ޔަގީންކަން ކަމަށާއި ހަމަ އެފަދައިން އެ ބާވަތްތައް ވިއްކައި ހަަމަ އަގު ލިބޭނެ ކަމުގެ ޔަގީންކަން ދަނޑުވެރިންނަށް ބޭނުންވާކަމަަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަަމަށްޓަކައި ވަކި އިންތިޒާމްތަކެއް ހަމަޖައްސައިދެމުންދާ ކަމަށެވެ.