ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ކަނޑޫދޫއަށް ވަޑައިގެންފި

Oct 15, 2021
4

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮޅުމަޑުލު ކަނޑޫދޫއަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށްޓަވައިދެއްވުމާއި ފަޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެ އެވެ. އަދި ކާބޯތަކެތީގެ މައުރަޒު ހުޅުއްވައި ދެއްވާ ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައި ގަންނަވާނެ އެވެ.

މިއީ 2020 ވަނަ އަހަރުގައި ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފަހުން މި ފެންވަރުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރު ކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތް ކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރި ކުރުވުމުގެ މަގުސަދުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.